ދުރުހަނދާނަކަށް އަންނަނީ، 13 މޭ 1979 ގައި، ޤައުމީ މަސައްކަތެއްގައި ބައިވެރިވި ސިފައިންގެ ބަޔަކު މާލެއަށް ވެލި ގެނައުމުގެ މަސައްކަތުގައި އުޅެނިކޮށް އެމީހުން ދަތުރުކުރި ބަނޑު އަޑިއަށްދިޔަ ވާހަކައެވެ. އެދުވަހު، 06 ފުރާނައެއް ގެއްލި އަދި އަޅުގަނޑުމެންނާއި ވަކިވެގެންދިޔައެވެ. ފަހުން ގދ.ތިނަދޫގައި 17 މާރޗް 2004 ގައި ހިނގާދިޔަ ’އެނަމާ‘ ބޯޓުއަޑިއަށްދިޔަ ހާދިސާގައި އަދި 2004 ޑިސެމްބަރ 24 ސުނާމީގެ ހިތާމަވެރި ކާރިސާގައި ގެއްލުނު މީހުންނާއި އެމީހުންގެތެރޭން ސަލާމަތްވި މީހުން ސަލާމަތްކުރުމުގައި ޙަރަކާތްތެރިވި ގޮތެވެ.
ސިފައިން، މެޑިކަލް އިވެކުއޭޝަންގައި ޙަރަކާތްތެރި ވުމުގައި 2 ބައެއް ފާހަގަ ކުރެވެއެވެ. އެއީ މީހުން ޞިއްޙީ ޙާލަތް ބޮޑުވެ، ފުރާނަޔަށް ނުރައްކާވެދާފަދަ ޙާލަތްތަކުގައި ރަނގަޅު ފެންވަރުގެ ޞިއްޙީ މަރުކަޒަކަށް ގެންގޮސްދިނުމުގައި އެހީތެރިވާން ޖެހުމާއި، ފުރާނައަށް ނުރައްކާތެރިވެދާފަދަ ހާދިސާތަކުގައި އަދި ޙާލަތްތަކުގައި އެކަމުން ސަލާމަތް ކުރުމުގައި ޞިއްޙީ އެހީތެރިކަން އަވަހަށް ހޯދައި ދިނުމަށް އެހީތެރިވުމެވެ. މިނޫނަސް ކަނޑުމަތީގެ އަލިފާނުގެ ހާދިސާތަކާއި، ޙާލުދެރަވެގެން ޞިއްޙީ މަރުކަޒުތަކަށް އުފުލަދޭން ޖެހޭ ފަހަރުތަކެއް މަދެއްނޫނެވެ.
ކަނޑުވެގެން ސަލާމަތްކޮށް ދިނުމާއި، ޑައިވިންގއަށް ގޮސް ގެއްލޭ މީހުންގެ ހާދިސާތަކަކީ މިފަހުން އާދަޔާއި ޚިލާފު ގިނައިން ހިގާފައިވާ ހާދިސާތަކެވެ. އަދި 2011 ވަނަ އަހަރު ގެނބިގެން މަރުވި ސްކޫލް ކުދިންތަކުގެ ހާދިސާއަކީވެސް މިފައްޗަށް ގުނާލެވޭނޭ ހާދިސާތަކެވެ. މިކަންކަމަކީ ސިފައިންގެ ޒިންމާތަކުގައި ސީދާ އަދި ނުސީދާގޮތުން އިނގިލިދިއްކުރާނޭ ހާދިސާތަކެއް ކަމާއިމެދު އެއްވެސް ޝައްކެއް ނުކުރަމެވެ.
މިފަދަ އެތަކެއް ތަޖްރިބާތަކެއް ކުރެވިފައިވީނަމަވެސް މިކަންކަން ހިގައިދަނީ ފުރިހަމަ ސަމާލުކަން ދޭންވީގޮތަށް ސަމާލުކަން ނުދެވިގެންބާވައޭ މިއީހިތަށް އަރާސަވަލެކެވެ. އަދި މިކަންކަމަށް ސަމާލުކަމެއްދީގެން ޢަމަލުކުރެވެމުން ދިޔަކަމުގައިވިޔަސް މިޢަމަލުކުރެވެނީ، އެންމެ ފުރިހަމައަށްތޯ ނުވަތަ ކިހާމިންވަރަކަށް ބާވައޭ މިސުވާލު ކޮށްލުމަކީ، މުހިންމު ކަމެއް ކަމުގައި ދެކެމެވެ. މިފަދަކަމެއް އެންމެފަހިކޮށް ޚަރަދަށް ބެލިގެން ޙައްލުކުރެވޭނޭ ގޮތްތަކަކާއި އުޞޫލުތަކަކަށް މިއަދު ބަލަން ޖެހިފައިވާކަމަށް ޤަބޫލުކުރެވެއެވެ. އަދި އެހެންމެ މި ދެންނެވި ބެލުންތަކަށް ސަމާލުކަން ދެވިގެންނޫނީ މިޚިދުމަތް އެންމެ ފައިދާހުރިގޮތަކަށް ދެވޭނޭކަމަކަށް ނުދެކެމެވެ.

ރާއްޖެއަށް މިފަހުން ތަޢާރަފް ކުރެވުނު ދަތުރުފަތުރުގެ ނިޒާމް ހުޅުވުމުން ރައްކާތެރިކަމާއިއެކު ފަސިންޖަރުން އެއްތަނުން އަނެއްތަނަކަށްގޮސް އުޅުމަކީ ކޮންމެހެން ބޭނުންކަމެކެވެ. ރާއްޖެކަހަލަ ވަށާ މާކަނޑުއޮތް ޤައުމެއްގައި ދަތުރުކުރުމަށް އެންމެބޮޑު ކަމެއްކަމަށްދެކެނީ މޫސުމްގެ ސަބަބުން ދިމާވެދާނެކަމަކުން ސަލާމަތްތެރިކަން ހޯދައިދިނުމެވެ. އަދި އެހެންމެ ދަތުރުކުރުމުގައި ނެވިގޭޝަންގެ ރައްކާތެރިކަމަކީވެސް ކޮންމެހެން ބޭނުންވާކަމެކެވެ. ދެން ހަމައެއާއިއެކު ސަލާމަތީކަންކަންހުރީ ރަނގަޅަށްތޯބަލާ އެކަން ތަންފީޒުކުރުމަކީ ހަމައެހާމެ ބޭނުންތެރިކަމެކެވެ. އަދި ދަތުރުކުރުމުގައި ހާދިސާއެއް މެދުވެރިވެއްޖެނަމަ ވީހާވެސް އަވަހަށް ސަލާމަތްކުރުމަކީ މިހާރުވެސް ކުރަމުންއަންނަ އަދި ކުރިމަގުގައި ކުރަންޖެހޭނެކަންކަމެވެ.
ކަނޑުމަތީގެ މެޑިކަލް އިވެކުއޭޝަން ޚިދުމަތްދިނުމަށް އެފަދަ ކާރިސާތަކުން ސަލާމަތާއި ރައްކާތެރިކަން ހޯދާ ދިނުމަށް މިހާރު ޒިންމާކުރުވާފައިވާ އެއްބަޔަކީ ސިފައިންގެ ކަނޑުގެ ލަޝްކަރެވެ. އަދި މިލަޝްކަރުގެ މަސައްކަތް މިހާތަނަށް އެވަގުތަކު ލިބެންހުރި ވަޞީލަތް ބޭނުންކޮށްގެން ވަރަށް ފުރިހަމައަށް އަދާކޮށްފައިވާކަމީ ޝައްކެވެސް އޮތްކަމެއް ނޫނެވެ. މިޚިދުމަތް ދިނުމުގައި އެހެންބަޔަކާއި ހަވާލުކޮށްގެން ގެންދިޔުމަކީ އެންމެ ރަނގަޅުގޮތްތޯ ބެލުމަކީ މިހާރު ކުރަން ޖެހިފައިވާ ކަމެއްކަމަށް ޤަބޫލުކުރެވެއެވެ. އެހެނީ އާދައިގެ މެޑިކަލް އިވެކުއޭޝަން ތަކުގައިވެސް މިވަޞީލަތްތައް ބޭނުން ކުރަން ޖެހުމެވެ. އެކަމަކު މި މިހާރު ބޭނުންކުރަމުންއަންނަ ވަޞީލަތްތަކަކީ މިކަމަށް އެންމެ ރަގަޅުވާނޭހެން ފަރުމާކުރެވިފައިވާ އުޅަނދު ފަހަރެއް ނޫނެވެ. އަދި މިފަދަ އުޅަނދުތަކުގައި މި ޚިދްމަތް ދިނުމުން ޚަރަދުގެގޮތުން ވަރަށްވެސް ބޮޑެވެއެވެ.
2003 އިން ފެށިގެން އަސްކަރީން، ދާޚިލީ ހަމަނުޖެހުންތަކާއި ކުރިމަތިލުންތަކަށް އެކިފަހަރުމަތީން ވަންނަން ޖެހިފައެވެ. އަދި މިފަދަ ކަންތައްތަކަކީ އޭގައި މެޑިކަލް އެހީތެރިކަން ވެވެންއޮތް އެންމެ އަވަހަށް ބޭނުންވާނެ ކަންތައްތަކެވެ. މިފަދަ ޙަރަކާތްތަކުގައި ޢަމަލުކުރާނޭގޮތްތަކެއް މިއަދު ހޯދަން ޖެހިފައި ވެއެވެ. އަދި މިނޫނަސް މިފަދަ އެހެން ހާދިސާތަކަށްވެސް މިދެންނެވި، ލަޝްކަރުތަކުގެ ދައުރުތައް ކުރިމަގުގައި އަދާކުރުމަށްޓަކައި ރައްކާތެރިކަންބޮޑު ފަރުމާއަކަށް ދާންޖެހުމަކީ ޚާއްޞަ ޝަޢުޤުވެރިކަމެއް، ދޭންޖެހިފައިވާ ކަމެކެވެ. އަދި އެ ފަރުމާއަކީ ޚަރަދުގެގޮތުން މިހާރަށްވުރެ ރަނގަޅު، އެ ޚިދުމަތްތަކަށް ލުއި ފަސޭހަ އަދި އެހެންމެ ރަނގަޅު ފަރުމާއަކަށްވާން އެބަޖެހެއެވެ.
ސިފައިންގެތެރޭގައި ފަޔަރ އެންޑް ރެސްކިއު ސާރވިސްއެއް އޮތްކަމުގައިވިޔަސް ’ރެސްކިޔު‘ މިމާނައިގައި މިސްރާބުކުރެވި އެވަސީލަތްތައް އެންމެ ރަނގަޅަށް ބިނާކުރެވިފައެއް އަދިއެއް ނެތެވެ. މިހެން ދެންނެވިޔަސް ފަހަރެއްގައިވެސް އެސާރވިސްގެ މަތިވެރި ޚިދުމަތްތައް ހަނދާންނައްތާލީކީ ނޫނެވެ. ނަމަވެސް މިދަންނަވަނީ އެއް މިސްރާބަކަށް އާދެވިފައިނެތުމެވެ. މިހެންވުމުން ދިމާވާ އެންމެ ބޮޑު އެއްމައްސަލައަކީ ހަރުދަނާ އުޞޫލުތަކެއް އަދި ދައުރެއް ކަނޑައެޅިފައި އޮތްކަމުގައި ވިޔަސް އެއަށް ތަބާވެތިބެ ނުދެވޭތަން އައުމެވެ. ނުވަތަ ބައެއް ކަންކަމުގައި މިދެންނެވި އުޞޫލެއް ހެދިފައި ނެތުމެވެ.
މިއަދު މަރުކަޒުތަކަށް ބަލާލާއިރު ބައެއް މަރުކަޒުތަކުގައި މެޑިކަލް އިވެކުއޭޝަނަށް ތައްޔާރުވެފައި ވާތަނެއް ނުފެނެއެވެ. ނަމަވެސް މީގެ ކުރިން 1988ގައި ދިމާވި އުދުވާނުގައި މިފަދަ މެޑިކަލް އިވެކުއޭޝަންއަކަށް ތައްޔާރުވެތިބެންޖެހޭނެ ކަމުގެ މުހިންމު ރަތް ސިގްނަލްވަނީ ދީފައެވެ. އަދި މިކަމުގައި ޢަމަލުކުރަން ޖެހޭނޭ ގޮތުގެ އުޞޫލީގޮތްތަކެއްވަނީ ލަސްނުކޮށް އަވަހަށް ހޯދަން ޖެހިފައެވެ. އެއް ޙާލަތައްވުރެ ގިނަ ހާލަތައް ތައްޔާރުވާން ޖެހިފައިވެއެވެ.
އިޞްލާޙްއަކީ އަބަދުމެ އަންނަންޖެހޭނެ ކަމަކަށް ވީއިރު، މިއަދު މިވަނީ މިދާއިރާތައް ރަނގަޅަށް ވަކިވާނޭހެން އިންތައް ސާފުކޮށް ޒިންމާތައް ވަކިކުރުވާން ޖެހިފައެވެ. އަދި މިފަދަ އިވެކުއޭޝަން ތަކުގައި ސާމިލުވާ އިދާރާތައް އެއްމޭޒެއްގެދޮށަށްއައިސް މިކަންކަމަށް ގޮތްތަކެއްހޯދާ ވިލަރެސް ކުރަންޖެހިފައެވެ.އަދި ހެދިފައިވާ އުޞޫލްތަކެއް ހުރިނަމަ އެ އުޞޫލުތައް ހިންގުމަށް އިސްކަމެއް ދޭންޖެހިފައެވެ. މިކަންކަންކޮށްގެން އަދި ތައްޔާރުވެގެން އަޅުގަނޑުމެންގެ ސަލާމަތްތެރިކަމާއި ހިސާބަށް މެޑިކަލް އިވެކުއޭޝަން މިއަދު މިވަނީ ބައްޓަންކޮށް ފަރުމާކުރަން ވެފެއެވެ.
