ބައެއް މީހުންނަށް ހީވެފައި އޮންނަނީ، އެމީހުންގެ ކިބާގައި ހުންނަ ސިފަތަކަކީ، އަދި ކުރަށް އާދަވެފައި ހުންނަ ކަންކަމަކީ ބަދަލުކުރެވޭނެ ކަންމެއް ނޫން ކަމަށެވެ. އަމިއްލަ ގައިގެ ކުލައާއި އިސްކޮޅު ބަދަލުކޮށް ނުލެވޭނެ ފަދައިންނެވެ.

އެހެން ނަމަވެސް، ބުއްދިވެރީންނާއި ޙިކުމަތްތެރީން މިކަމާ އެއްބަހެއް ނުވެއެވެ. ޙިކުމަތްތެރީން ޤަބޫލު ކުރާގޮތުގައި އިިިންސާނާގެ ކިބާގައި ހުންނަ އަޚްލާޤީ ސިފަތަކާއި، އާދަވެފައިހުންނަ ކަންކަމަކީ، ހެދުމެއް ބަދަލުކޮށްލެވޭހައި ފަސޭހަކަމާއެކު ބަދަލުކޮށްލެވިދާނެ ސިފަތަކެކެވެ. އަހަރެމެންގެ ގައިގާ ހަރުލާ އަޚްލާޤީ ސިފަތަކަކީ، ބިންމައްޗަށް ބަންޑުވި ކިރުތައްފަދައިން އަލުން އަބުރާ ތައްޓަށް ނޭޅޭނެގޮތަށް ހުންނަ ސިފަތަކެއް ނޫނެވެ.

އިބްނު ޙަޒްމުލް އަންދުލުސީ، އޭނާ ލިޔުއްވި “ ޠައުޤުލް ޙަމާމާ ފިލް އުލްފަތި ވަލްއާލާފު“ގައި ލިޔުއްވާފައިވާ ވާހަކައެއްގައިވެއެވެ. އެ ވާހަކައަކީ، ސްޕެއިންގެ މަޝްހޫރު ސައުދާގަރެއްގެ ވާހަކައެކެވެ. މި ސައުދާގަރާއި އެހެން ހަތަރު ސައުދާގަރަކާ ދެމެދު ވަރަށް ގަދަ ވާދަވެރިކަމެއް އުފެދިފައި އޮތެވެ. މި ވާދަވެރިކަމުގެ ނަތީޖާއިން އެ ހަަތަރު ސައުދާގަރުންގެ ހިތުގައި، އަނެއް ސައުދާގަރާމެދު އިންތިހާއަށް ނަފުރަތާއި ރުޅިވެރިކަން އުފެދިފައިވިއެވެ. އޭގެ ނަތީޖާއަކަށްވީ، ހަތަރު ސައުދާގަރުންގެ ހުރިހާ މަސައްކަތެއް އަމާޒުވެގެން ދިޔައީ، އަނެއް ސައުދާގަރުގެ ދުވަސް ދުއްވާލައިށެވެ.

އެއްދުވަހެއްގެ ހެނދު އާދައިގެ މަތީން މި ސައުދާގަރު، އޭނާގެ ފިހާރައަށް ދިޔުމަށްޓަކައި ގެއިން ނުކުމެއްޖެއެވެ. ބޮލުގައި ފަގުޑިއެއް އޮޅައިގެން ހުދު ޖުއްބާއެއްލައިގެންނެވެ. ދިޔަމަގުމަތީގައި އަނެއް ހަތަރު ސައުދާގަރުންގެ ތެރެއިން އެކަކާ ބައްދަލުވެ، ސަލާންގޮވައިލަމުން ބުނެފިއެވެ. މިއަދު އޮޅައިގެން ތިޔަހުރީ ހާދަހާވާ ރީތި ރީދޫ ފަގުޑިއެކެވެ. ޖަވާބުގައި އެ ސައުދާގަރު ބުނެފިއެވެ. ކަލޭގެ ދެލޯ ކަނުތަ؟ މިއީ ހުދު ކުލައިގެ ފަގުޑިއެއް ނޫންހެއްޔެެވެ؟ ނޫނެކެވެ. ނޫނެކެވެ. ތިޔައީ ރީދޫކުލައިގެ ފަގުޑިއެކެވެ. ރީދޫކުލައެއްކަމަކު، ތިޔައީވާ ރީތި ފަގުޑިއެކެވެ. އަނެއް ސައުދާގަރުބުނެފިއެވެ. ފަގުޑިއޮޅައިގެން ހުރި ސައުދާގަރު ހިގަމުން ހިގަމުން ގޮސް ދެވަނަ ސައުދާގަރާ މަގުމަތިން ދިމާވެއްޖެއެވެ. އަދި ސަލާންގޮވާލަފައި ބުނެފިއެވެ. މިއަދު ހާދަހާވާ ނަލައެވެ. އަދި ބޮލުގައި ތިޔައޮތް ފެހިކުލައިގެ ފަގުޑި މާނަލައެވެ. ފަގުޑިއެޅި ސައުދާގަރު ބުނެފިއެވެ. ކަލެއަށްވެފައިތިޔަހުރީ ކިހިނަކުންހެއްޔެވެ. މިއީ ހުދުކުލައިގެ ފަގުޑިއެކެވެ. ނޫނެކެވެ. ނޫނެވެ. ތިޔައި ފެހިކުލައިގެ ފަގުޑިއަކަށް ނުވާނެ ހަމައެއްގޮތެއްވެސްނެތެވެ. ޖަވާބުގައި އެ ސައުދާގަރު ބުނެފިއެވެ.

ފަގުޑިއޮޅި ސައުދާގަރުގެ ހިގުން ކުރިއަށް ގެންދިޔައެވެ. ހިގާފައި ދިޔަ ވަގުތު އިރު އިރުކޮޅާ، އޭނާގެ ފަގުޑީގެ ކުލައަށްބަލަމުން، ފަގުޑީގެ ކުލައަކީ ހުދުކުލަތޯ ކަށަވަރުކުރަމުން ދިޔައެވެ. ހިގަމުން ގޮސް، އޭނާގެ ފިހާރައާހަމައަށް ދެވުމުން، ފިހާރަހުޅުވަށްވެގެން އުޅެނިކޮށް ތިންވަނަ ސައުދާގަރު އެ ފިހާރައާ އަރާހަމަވެފައި، ސަލާންގޮވައިލުމަށްފަހު ބުނެފިއެވެ. މިއަދު ހާދަހާ ނަލަކޮށްފެންނަދުވަހެކެވެ. އަދި އެންމެ ނަލައީ، ކަލޭ ބޮލުގައި އޮޅާފައި އޮތް ނޫކުލައިގެ ފަގުޑިއެވެ. އެއްކަލަ ސައުދާގަރު، އޭނާގެ ފަގުޑި ބޮލުންނަގައިފިއެވެ. އަދި ފަގުޑީގެ ކުލަ ކަށަވަރުކޮށްލުމުގެ ގޮތުން ދެލޯވެސް ރަގަޅަށްފުހެލުމަށްފަހު ބުނެފިއެވެ. އޭ އަޚާއެވެ! މިއީ ހުދުކުލައިގެ ފަގުޑިއެކެވެ. މި ފަގުޑީގެ ކުލައަކީ ހުދުކުލައެވެ. ނޫނެކެވެ. ނޫނެކެވެ. ތިޔައީ،  ނޫކުލައިގެ ފަގުޑިއެއް ނޫންކަމަކަށް ހަމަހިލާނުވާނެއެވެ. ތިޔައީ ހަމަކަށަވަރުންވެސް، ނޫކުލައިގެ ފަގުޑިއެކެވެ. އެކަމަކު ބުނަންހެއްޔެވެ! ތިޔަފަގުޑީގެ ކުލަ ކޮންމެ ކުލައެއްކަމުގައިވިޔަސް، ތިޔައީ ހާދަހާ ރީތި އަދި ނަލަ ފަގުޑިއެކެވެ. މިހެން ބުނެފައި، ތިންވަނަ ސައުދާގަރު، ފަގުޑިއޮޅި ސައުދާގަރު ފަސްދީ ކުރިއަށް ހިގާފައި ދިޔައިރު، ފަހަތުން ގޮވާއަޑު އިވެއެވެ. މިއީ ހުދުކުލައިގެ ފަގުޑިއެކެވެ. މިއީ ހުދުކުލައިގެ ފަގުޑިއެކެވެ. މިފަދައިން ބުނެ އަޑުގަދަކުރަމުން، އަނެއްކާވެސް އެ ފަގުޑި ބޮލުން ނަގައި އޭގެ ކުލައަށް ބަލާއިލިއެވެ. އަދި ފިހާރައަށްވަދެ ސޭޓުގެ ގޮޑީގައި އިށިއިނުމަށްފަހު އޭނާގެ ފަގުޑިއަށް ބެލުން ނޫންކަމެއް އެދުވަހަކު ނުކުރެއެވެ. އެގޮތުގައި ފަގުޑިއަށްބަލަހައްޓައިގެން އިންދާ އެ ފިހާރައަށް ހަތަރުވަނަ ސައުދާގަރު އަތުވެއްޖެއެވެ. އަދި ސަލާންގޮވައިލުމަށްފަހު، މިއީ ކޮންތާކުން ކަލޭ ގަތް ރަތްކުލައިގެ ފަގުޑިއެއްހޭ؟ އަހައިލައިފިއެވެ. އެއްކަލަ ފަގުޑި އޮޅި ސައުދާގަރުކައިރިއަށް ރުޅިއަރައިގަނެގެންގޮސް ހަޅޭއްލަވައިގެންފައި ބުނެފިއެވެ. ޢަޖާއިބެއްފަހެ ނުވާނެ ހެއްޔެވެ؟ މިއީ ނޫކުލައިގެ ފަގުޑިއެކެވެ. ޖަވާބުގައި ހަތަރުވަނަ ސައުދާގަރު ބުނެފިއެވެ. އެހެންނުވާނެއެވެ. ތިޔައީ ރަތްކުލައިގެ ފަގުޑިއެކެވެ. ފަގުޑި އޮޅި ސައުދާގަރު ބުނެފިއެވެ. ނޫނެކެވެ. މިއީފެހިކުލައިގެ ފަގުޑިއެކެވެ. ނޫނެކެވެ. މިއީ ރަތްކުލައިގެ ފަގުޑިއެކެވެ. ނޫން! ނޫން! މއީ ޙަޤީޤަތުގައި ހުދުކުލައިގެ ފަގުޑިއެކެވެ. ނޫން! ނޫން! މިއީ ނޫކުލައިގެ ނުވަތަ ކަޅުކުލައިގެ ފަގުޑިއެކެވެ. މިހެންކިޔަމުން އެއްކަލަ ފަގުޑި އޮޅި ސައުދާގަރު ހަޅޭއްލަވަމުން،  އަދި އަނެއްބައިފަހަރު ރޮމުން، ފުމެމުން ދާންފަށައިފިއެވެ.

 މިވާހަކަ ބަޔާންކޮށްދެއްވަމުން އިބްނު ހަޒްމު ވިދާޅުވިއެވެ. އޭގެފަހުން ފަގުޑިއޮޅި ސާދާގަރު އަހުރެންނަށް  ފެނުނީ، ސްޕެއިންގެ މަގުމަތީގައި މޮޔަވެގެން ދުވަމުން ދިޔަ މަންޒަރެވެ. އަދި މަގުމަތީގައި އުޅޭ ވިޔާނުދާ ކުދީން، އެ ސައުދާގަރަށް ހަޖޫޖަހާ، އޭނާއާ ދިމާއަށް އޮއްގާއުކަމުން ދުވި މަންޒަރެވެ.

މި ޙަދީޘާގެ މައްޗަށް ވިސްނާލަމާ ހިގާށެވެ. ހަތަރު ސައުދާގަރަކު ވެގެން، އަނެއް ސައުދާގަރުގެ މުޅި ޒިންދަޤީ ބަދަލުކޮށްލީކިހިނަކުންހެއްޔެވެ؟ އިރެއްގައި ބުއްދި ސަލާމަތުން ހުރި މީހަކު، މޮޔައަކަށް ހަދާލީ ކިހިނަކުންހެއްޔެވެ؟ ހަތަރު ސައުދާގަރުންވެގެން ފަގުޑި އެޅި ސައުދާގަރު މޮޔައަކަށް ބަދަލުކޮށްލުމުގެ ހުނަރު ބޭނުންކޮށްލިގޮތް ނިކަން ދެކިބަލާށެވެ!

އަހަރެމެން އެންމެންނަށްވެސް އެކިކަހަލަ ހުނަރުތައް ލިބިފައި އެބަހުއްޓެވެ.  އެއިން ހުނަރެއް ބޭނުންކޮށްގެން، ސަލާމަތުން ހުރި މީހަކު، މޮޔައަކަށް ހަދާލެވޭކަމަށްވާނަމަ، އިންސާނީ ހުނަރުތައް ބޭނުންކޮށްގެން ނުލަފާ މީހުން ލަފާދާރުންނަށް ހަދާނުލެވޭންވީ ކީއްވެހެއްޔެވެ؟

ޒަމާންތަކާއެކުވެފައިވާ، އަދި ތަޖުރިބާތަކުން ކަށަވަރުވެފައިވާ، ހުނަރުތައް ބޭނުންކޮށްގެން، ތިބާ ހެއްދެވިފަރާތަށް ގާތްވުމަކީ އެއްގޮތަކަށްވެސް އުދަގޫކަމެއްނޫނެވެ. ޙަޔާތުގެ އުދާސްތަކާއި މާޔޫސްވުންތަކާ ދުރުވުމަށްޓަކައި އިންސާނުން ތަޖުރިބާކޮށް ކާމިޔާބުކޮށްފައިވާ ހުނަރުތައް ބޭނުންކުރުމުގެ ނަތީޖާ ރަގަޅުވާނެކަންކަށަވަރެވެ. އެހެންވީމާ، ރަނގަޅު ކޮންމެ ހުނަރެއްގެ ބޭނުން ހިފާށެވެ! ތިބާގެ ޙަޔާތަށް އުފާވެރިކަން ވެރިވެގެންދާނެއެވެ. އަހަރެންނަކަށް އެއްވެސް ހުނަރެއް ބޭނުމެއްނުކުރެވޭނެއޭ ބުނެފިނަމަ، ޖަވާބަކީ އެންމެ ފަހަރުވެސް ބޭނުންކުރެވޭތޯ ބަލައިލުން ކީއްހެއްޔެވެ؟ ހުނަރުގެ ބޭނުންކުރާކަށް އަހުރެންނަކަށް ނޭނގޭނެއޭ ބުނާމީހަކަށް އޮތް ޖަވާބަކީ، ކީރިތި ރަސޫލާގެ މަތިވެރި އިރުޝާދެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. ޢިލްމު ލިބޭނީ އުނގެނިގެންނެވެ. އަދި ދަތިތަކަށް ކެތްތެރިވެވޭނީ ހިތްވަރުކޮށްގެންވެވެ.   

ޝެއަރކުރެއްވުމަށް