މާތްﷲ އިންސާނުންނަށް ގުނާ ހުސްނުވާހާވެސް ގިނަގުނަ ނިޢުމަތްތައްވަނީ ދެއްވާފައެވެ. އަދި ކޮންމެ އިންސާނަކަށްވެސް ބުއްދި ދެއްވިއެވެ. ރަނގަޅާއި ނުބައި ދަނެގަތުމަށެވެ. އަދި ރަނގަޅުމަގު ޚިޔާރު ކުރުމަށްޓަކައެވެ. ބުއްދީގެ ބޭނުން ހެޔޮގޮތުގައި ބޭނުންކުރުމަށް ’މެނުއަލް‘ އެއްވެސް މިންވަރުކުރެއްވިއެވެ. އެމެނުއަލްއަކީ ކީރިތި ޤުރުއާނެއެވެ. އަދި އިންސާނުން ދިރިއުޅެންވީ ރިވެތިގޮތް ދެއްކެވުމަށްޓަކައި، ’ރޯލް މޮޑެލް‘ އެއްވެސް ފޮނުއްވިއެވެ. އަޅުގަނޑުމެންގެ މާތް ރަސޫލާ މުޙަންމަދުގެފާނުއެެވެ. އެހެންކަމުން ޙަޤީޤަތުގައި މަގުއޮޅިގެން ދާކަށް ނުޖެހެއެވެ. މަގުއޮޅެނީ، އިސްވެ ދެންނެވުނު، ’މެނުއަލް‘ އަދި އެމެނުއަލްއަށް ބަލައިގެން ދިރިއުޅުމުގެ ރިވެތިގޮތްތައް ދެއްކެވި ’ރޯލް މޮޑެލް‘ ގެ ނަމޫނާއާއި އެގިހުރެ އަދި ނޭގިހުރެވެސް ދުރުވުމުގެ ސަބަބުންނެވެ.
އިސްވެދެންނެވުނު، ފަދައިން އަޅުގަނޑުމެނަށް ލިބިފައިވާ އެންމެ ބޮޑު އަނެއް ނިޢުމަތަކީ، އަޅުގަނޑުމެންގެ ހަށިތަކެވެ. ކޮންމެ އިންސާނަކަށްވެސް ތަފާތު ހަށިގަނޑެއް މިންވަރު ކުރެއްވިއެވެ. ހިކި މީހުންނާއި ފަލަމީހުންނެވެ. ކުރުމީހުންނާއި ދިގު މީހުންނެވެ. ބަލިކަށިމީހުންނާއި ގަދަފަދަ މީހުންނެވެ. ދޮން މީހުންނާއި ކަޅުމީހުންނެވެ. ސިކުޑިތަނަވަސް މީހުންނާއި ސިކުނޑި ބަލިކަށިމީހުންނެވެ. މިގޮތަށް އެތައްއެތައް ވައްތަރެކެވެ.
އިސްވެ ދެންނެވުނު ފަދައިން، ކޮންމެ ކަހަލަގެ އިންސާނެއް ވިއަސް ދުޅަހެޔޮކަމާއި ހަށިހެޔޮކަމުގައި، ދިރިތިބުމަށް ބޭނުންވެއެވެ. ބަލިވުމުން ގަދަވުމަށް ކުރެވެންއޮތް ހުރިހާ ކަމެއް ކުރެއެވެ. މިގޮތުން ދިމާވާ ބޮޑެތި ބަލިތަކުގައި، ނުވަތަ ހާނިއްކަތަކުގައި، އަތުގައިވާ ހުރިހާ ލާރިއެއް ޚަރަދު ކޮށްގެންވެސް ގަދަވުމަށް މަސައްކަތް ކުރެއެވެ. އަތުގައި ލާރިނެތްނަމަ، ގާތްތިމާގެ ނުވަތަ ރައްޓެހިންގެ، ފަރާތުން ލާރިހޯދައިގެންވެސް ބަލިން ފަސޭހަ ވުމަށް މަސައްކަތް ކުރެއެވެ. އެވަރުން ނުވެގެން ގެދޮރު ވިއްކާފައިވެސް ގަދަވުމަށް މަސަކަތް ކުރެއެވެ.
އެހެންކަމުން، އިންސާނާއަށް މިވަރުގެ ބޮޑު ނިޢުމަތެއް ލިބިފައިވާއިރުވެސް، އަދި ބަލިވީމަ ބޭސްކުރާފަދައިން ތިމާގެ ހަށިގަނޑު ރަނގަޅު ޞިއްޙަތެއްގައި ބެލެހެއްޓުމަށާއި ޤައުމަށްޓަކާ ތިމާގެ ޒިންމާއެއްވެސް އޮތްކަންދަނެ އެޒިންމާ އަދާކުރުމަށް ތައްޔާރަށް ތިބީ ކިތައް މީހުންތޯއެވެ. މިނިކަމެތި، އިންސާނާ މާތްﷲ ދެއްވި މި މަތިވެރި ނިޢުމަތަށް އިޙުތިރާމް ނުކޮށް، އޭގެ ބަދަލުގައި ހަށިގަނޑަށް އަނިޔާ ލިބޭގޮތަށް އުޅެނީ ކީއްވެބާއޭ ހިތަށް އަރައެވެ. ނޭގި ހުރެ ނަމަވެސް ގަސްތުގައި ނަމަވެސް އަމިއްލައަށް ހަށިގަނޑަށް ދެވޭ އަނިޔާތަކަށް ބަލާލުމަށްފަހު އޭގެ ފަރުވާއަކަށް ބަލާލަމާތޯއެވެ.
އާދެ ހަށިގަނޑަށް ’ގަސްތުގައި‘ ދެވޭ އަނިޔާތަކަށް ފުރަތަމަ ބަލާލާނަމެވެ.
ސިނގިރޭޓު ބުއިން ލިސްޓުގެ ކުރީސަފުގައި ހިމެނޭނެއެވެ. ދިވެހިރާއްޖެގެ އާބާދީގެ، 15 އަހަރުން މަތީގެ، ގިނަމީހުން ދުންފަތުން އިސްތިޢުމާލު ކުރެވެ. މީގެ ތެރެއިން ދުންފަތުން އިސްތިޢުމާލުކުރާ އަންހެނުންގެ ނިސްބަތް މަދު ނަމަވެސް މިހާރު އެނިސްބަތް މަތިވަމުން އަންނަކަން ފާހަގަ ކުރެވެއެވެ. ސިނގިރޭޓްން ލިބޭ ގެއްލުމަކީ، އޭގެ ބޭނުންކުރާ އެންމެން ދަންނަ ކަމެކެވެ. ގިނަގުނަބަލިތަކަށް މަގުފަހިވާއިރު، ކެންސަރުފަދަ ނުރައްކާތެރި ބަލިތަކަށްވެސް މަގުފަހިވެއެވެ. ކަންމިހެން އޮތްއިރުވެސް ހަށިގަޑަށް އެއްވެސް އިޙުތިރާމެއްނެތި ދުވާލަކު ސިނގިރޭޓް ފޮއްޓެއް ބޯމީހުން އެހާމެ ގިނައެވެ. ކިހާ ހިތާމަހުރި ކަމެއްތޯއެވެ!
ކެއުމުގެ ގޯސް އާދަކާދަ އެހާމެ ބޮޑެވެ. އަނގަޔަށް މީރު ކޮންމެ އެއްޗެއް ކައި ނުވަތަ ބޮއި ހެދުމަކީ ގިނަބޭފުޅުންގެ އާދައެކެވެ. އެފަދަ ބައެއްތަކެތިން، ހަށިގަޑަށް ލިބޭގެއްލުމަކަށް މާކަބޮޑު ފަރުވާލެއް ނުބަހަށްޓައެވެ. ތެޔޮ ފަރާޓާ، ފެޓް ގިނަ ތެލުލި އެއްޗިއްސާއި ފެޓްސް ގިނައަދަދަކަށް ހިމެނޭ ކިރުފަދަތަކެއްޗާއި ޗޮކްލެޓު، އައިސް ކްރީމު، މިހެންގޮތް ކޮޅުންނުލާހާވެސް ގިނަ ގެއްލުން ހުރިތަކެތި ކެއުމަކީ މިޖީލުގެ އާދައަކަށްވަނީ ވެފައެވެ. މިއީ ވިސްނާލަންޖެހޭ ކަމެކެވެ.!

ކޮންމެ އަކަސް އިސްވެ ދެންނެވުނު، ދުންފަތުގެ އިސްތިޢުމާލުކުރުމާއި، ކެއިންބުއިމުގެ ގޯސް އާދަކާދަ ތަކުން ދުރުހެލިވެގެން މެނުވީ، ދުޅަހެޔޮ އަދި ހަށިހެޔޮކޮށް ގިނަދުވަހު ހުރުމަކީ ދަތި އުނދަގޫކަމެކެވެ. އުމުރު ކުރުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީވެސް މިފަދަ ގޯސް އާދަތަށް ހަށިގަނޑުގައި ހުރުމުގެ ނަތީޖާއެވެ.
އިސްވެ ދެންނެވުނު ކަންކަމުން ދުރުހެލިވުމަކީ، ނުކުރެވޭވަރުގެ އުދަގޫ ކަމެއް ކަމުގައި ނުދެކެމެވެ. ޙަޤީޤަތުގައި އެއީ ވަރަށް ފަސޭހަވެސް ކަމެކެވެ. ބޭނުންވަނީ، ހިތްވަރާއި ޢަޒުމެެވެ. އަދި މިކަންކަމުން ދުރުހެލިވުމުގެ މަޢުލޫމާތާއި، ރަނގަޅު މަގުން ދުނިޔޭގައި އުޅުމަށް އާފެށުމެއް ފެށުމެވެ! އާދެ، ކަސްރަތު ކުރުމަކީ، އިސްވެދެންނެވި ކަންކަމަށް ލިބޭނެ އެންމެބޮޑު ހައްލެވެ. ދިރިއުޅުމުގެ ގިނަކަންކަން ނުވެފައި އޮންނަނީ ’ލާރި‘ ނެތިގެނެވެ. ކަސްރަތުކުރުމަކީ މާކަގިނަ ލާރިތަކެއް ބޭނުން ވާކަމެއްނޫނެވެ.
އާދެ، އެންމެ ޤަވާޢިދުން ކަސްރަތުކުރާ މީހުން އުޅޭ ގައުމަކީ ފިންލޭންޑްއެވެ. އެގައުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު އާބާދީގެ 30% ކަސްރަތު ކުރެވެ. މާނައަކީ، ކޮންމެ 10 މީހުންކުރެ 3 މީހުން ކަސްރަތު ކުރެވެ. ޤަވާޢިދުން ކަސްރަތު ކުރުން މާނަކުރަނީ، ހަފްތާއަކު މަދުވެގެން 3-5 ދުވަހު، އަދި ކަސްރަތުކުރާ ކޮންމެ ފަހަރަކު 30-45 މިނެޓު، އާދައިގެ އަދި މެދުމިނެއްގެ ބުރަދަނުގައި ކަސްރަތު ކުރުމަށެވެ. ފިންލޭންޑްގެ ތަފާސް ހިސާބު ބެލެން އޮތަސް މިޤައުމުގެ ތަފާސް ހިސާބު ދިރާސާ ކުރެވިފައި ނެތެވެ. އެހެންނަމަވެސް ކަސްރަތުގެ ދާއިރާގައި އުޅޭމީހެއްގެ ހައިސިއްޔަތުން، ދެންނެވޭނީ މިޤައުމުގައި، ޤަވާޢިދުން ކަސްރަތު ކުރާ މީހުންގެ އިންސައްތަ ވާނީ ގާތްގަޑަކަށް 5% އެވެ. މީ ހާދަ ދެރަކަމެކެވެ! ޅަފަތުގައި ގިނަގުނަ ޞިއްޙީ އަދި ނަފްސާނީ ބަލިތަކާއި ކުރިމަތިލާންޖެއެވެ. ނަތީޖާއަކީ، މުޖުތަމަޢުގައި ނޭދެވޭ އެތަކެއް ޢަމަލުތަކެއް ކުރިމަތިވެއެވެ.
ޤައުމެއްގެ އެންމެ ބޮޑު ރައުސުލްމާލަކީ، އެޤައުމެއްގެ ރައްޔިތުންނެވެ. ދުޅަހޮޔޮ، ހަށިހެޔޮ ރައްޔިތުން ގިނަވި ވަރަަކަށް އެޤައުމެއްގެ އެހެން ކަންކަން ރަނގަޅުވުމުގެ ފުރުސަތު އެތައް ގުނައެއް އިތުރުވެގެން ދެއެވެ. އެހެންކަމުން، ތަރައްޤީވެފައިވާ، އަދި ތަރަށްގީވަމުން އަންނަ ގައުމުތަކުން ވެސް ކަސްރަތު ކުރުމުގެ މުހިންމު ކަން ދަނެގަނެފައި ވެއެވެ. އަދި ހަށިހެޔޮ މުޖުތަމަޢެއް އުފެއްދުމަށް، ގިނަގުނަ ފިޔަވަޅު ތަކެއްވެސް އަޅަމުން ގެންދެއެވެ. އަސްކަރިއްޔާތަކާއި އަދި، ސްކޫލްތަކުގައި ހަށިހެޔޮކަން ކުރިއެރުވުމަށް ޓަކައި ޤަވާޢިދުން ކަސްރަތާއި ކުޅިވަރު ކުޅުވައެވެ. ކުޅިވަރު ކްލަބް ޖަމްޢިއްޔާތަކުގަޔާއި، އެހެނިހެން ޖަމްޢިޔާތަކުގައިވެސް ހަމަމިފަދައެވެ. ޚުލާޞާކޮށް ދަންނަވަނީނަމަ، ޤައުމެއްގެ ހުރިހާ ސެކްޓަރ ތަކެއްގައިވެސް ހަށިހެޔޮކަމުގެ ސަގާފަތެއް އަށަގެންނެވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ވީއިރު އަޅުގަނޑުމެންގެ މިރީތި ކުޑަކުޑަ ޤައުމުގެ ލާބަޔައި މަންފާއަށްޓަކައި ކޮންމެ ދިވެއްސަކީވެސް ހަށިހެޔޮމީހަކަށް ވުމަށް މަސައްކަތް ކުރަމާތޯއެވެ.
