ބަހަކީ ހަމަ އެކަނި މުވާޞަލާތު ކުރުމުގެ މެދުވެރިއެއް ނޫނެވެ. އެކަމަކު ބަހަކީ އިންސާނާގެ މުޅިޙަޔާތާ ގުޅިފައިވާ ބައިވެރިއެކެވެ. 19 ވަނަ ޤަރުނުގެ ހޯދުންތައް ބުނާގޮތުން ބަހުގައި ވަރަށް ބޮޑު ޢިލްމީ ޙަޤީޤަތްތަކެއް (Scientific factors) ހިމެނެއެވެ. އެ ޙަޤީޤަތްތައް ދެނެގަނެގެން އޭގެ އަލީގައި ބަސް ބޭނުންކުރާ މީހުން އެ މީހުންގެ މަޤުޞަދުތައް ނުހަނު ފަސޭހަކަމާއެކު ޙާޞިލްކުރެއެވެ.  ނަމަވެސް މި ޙަޤީޤަތްތަކަށް ފަރުވާތެރިނުވެ ބަސް ބޭނުން ކުރީމާ، ވަރަށް ގިނަ ފަހަރު ބޮޑެތި ނާކާމިޔާބީތަކާއި ދެރަ ކަންތައްތަކާ ކުރިމަތިލާން ޖެހިފައި އެބަހުއްޓެވެ. އެހެންކަމުން މި ލިޔުމުގައި ބަލައިލާނީ، ތިބާ އެހެން މީހަކާ ވާހަކަދައްކަވާ އިރު، ނުވަތަ އެހެން މީހަކު ތިބާއާ ވާހަކަދައްކާ އިރު، އެ ހިނގާ މުވާޞަލާތުގައި ތިބާއަށް ކާމިޔާބު ލިބިގަނެވިދާނެ ޢިލްމީ ހަތަރު ނުކުތާއެއްގެ މައްޗަށެވެ!

ޢިލްމީ ނަޒަރަކުން ބަސް ދިރާސާ ކުރައްވާ ޢިލްމުވެރިޔާ (Linguist) އަށް ދިވެހި ބަހުގައި [ބަސްވާރު] އޭ ކިޔައި އުޅެއެވެ. އެ ފަދަ މީހާ އަކީ ބަހުގެ ޢިލްމީ ސިއްރުތައް ދެނެގަނެ އާ ނަޒަރިއްޔާތުތައް އީޖާދުކުރާ މީހާއެވެ. އޭނާ ބަހުގެ އާ ޙަޤީޤަތްތައް ހޯދައި އެ ކަންކަން ނިއުޅައި ތަޢާރުފުކުރާނެއެވެ. މި ގޮތުން ނަންހިނގައިފައިވާ ބަސްވާރެއްކަމުގައިވާ ޕޯލްގްރައިސް (1975) ހާމަކުރައްވާ ގޮތުގައި އިންސާނާ ދައްކާ ވާހަކައިގެ މަޤުޞަދު ކާމިޔާބުވުމާއި ނާކާމިޔާބުވުން މައިގަނޑު ހަތަރު ނުކުތާއަކާ ނުވަތަ ހަތަރު ސިފައަކާ ގުޅިފައިވެއެވެ. އެއީ؛

މިންވަރު (The maxim of quantity)

އޮއްޓަރު (The maxim of quality)

ގުޅުން   (The maxim of relation)

އަދަބު  (The maxim of manner)

މި ހަތަރު ނުކުތާއެވެ.

މުވާޞަލާތުގައި މިންވަރުގެ ސިފަ (maxim of quantity)އަށް ތަބާވުމަކީ، ބުނަންޖެހޭ ވާހަކަ އޭގެ އެކަށޭނަ މިންގަނޑުގެ ތެރޭގައި ބުނުމެވެ. މާ ކުރު ވެސް ނުކުރުމެވެ. މާ ދިގު ވެސް ނުކުރުމެވެ. ސަބަބަކީ ތިބާ މީހަކަށް ކަމެއް އޮޅުން ފިލުވައިދެއްވަން ވާހަކަ ދައްކަވާ އިރު، ނުވަތަ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވާ އިރު، ތިބާގެ ވާހަކަ މާ ދިގުވެއްޖެ ނަމަ އަޑުއަހާ މީހާގެ ޝައުޤުވެރިކަން ގެއްލިދާނެއެވެ. އެ ވާހަކަ އަކީ އޭނާ އަޑުއަހާ ވާހަކަ އަކަށް ވުމުގެ ބަދަލުގައި އޭނާއަށް އަޑު އިވޭ ވާހަކައަކަށް ވެދާނެއެވެ. އިންޖީނު ދޯންޏެއްގައި ދިގު ދަތުރެއް ކުރާ މީހަކަށް އިންޖީނުގެ އަޑު އިވޭ ފަދައިންނެވެ. ހަމަ އެހެންމެ ވާހަކަ މާ ދިގުވުމުން މައުޟޫޢުން ބޭރުވާތަން އާދެއެވެ.  ފެށިތަން ހަނދާންނެތި އަމާޒު އޮޅިދެއެވެ. ބޭކާރު ވާހަކަތަކުގެ ބޯ ޖަންގައްޔަކަށް ވަދެވި، ބައެއް ފަހަރަށް ބައިކޮޅަށް ގޯލު ޖެހޭގޮތްވުމުގެ ނުރައްކަލާ ކުރިމަތިލާން ޖެހިދާނެއެވެ.

ބުނަން ބޭނުންވާ ވާހަކަ މިނަށް ވުރެ ކުރުވެއްޖެ ނަމަ، ވާހަކަ މުޅިން ފުރިހަމަ ނުވީތީ، ތިބާ ވިދާޅުވި އެއްޗަކުން އެހެން މާނައެއް ދޭހަވުމުގެ ފުރުޞަތު އޮވެދާނެއެވެ. ނުވަތަ އެ ފަދަ މާނައެއް އުފައްދަން ބޭނުންވާ މީހަކަށް އެ  ފުރުޞަތު ވަރަށް ބޮޑުވާނެއެވެ. އެހެންކަމުން  ދައްކާ ވާހަކައިގައްޔާއި ކުރެވޭ ސުވާލަށް ޖަވާބު ދިނުމުގައި ފުންކޮށް ވިސްނައި ސިކުނޑީގައި ޖުމުލަތައް ރާވައިލުމަށް ފަހު، ބުނަންޖެހޭ ވާހަކަ ބުނަންޖެހޭ މިންވަރަށް، ބުނެ ނިންމުން ބުއްދިވެރިއެވެ.

ދައްކާ ވާހަކައިގައި އޮއްޓަރުގެ ސިފަ (maxim of quality) ހުރުމަކީ ތެދު ބުނުންތަކެއްގެ މައްޗަށް ވާހަކަ ބިނާވެފައި އޮތުމެވެ. ބުނާ ބުނުންތައް ދޮގުވުމަށް ފުރުޞަތު ނެތުމެވެ. ތެދު ބުނުމަކީ މަންޠިޤީ ގޮތުންނާއި ޢިލްމީ ގޮތުން ތެދުކަމުގައި ބެލެވޭ ބުނުމެވެ. ދޮގު ބުނުމަކީ އެ ނޫން ބުނުންތަކެވެ. މި ދެންނެވި އެއްޗެއްގެ މާނަ އިތުރަށް ހާމަކޮށްލުމަށްޓަކައި މިސާލެއް ހުށަހަޅައިލާނަމެވެ. [ ޢާދިލަށް އަންގައި ވެސް ނުލިދޯ! ރަނގަޅު ދެ ރައްޓެހިންތީ. އެއް ދުވަސްވަރެއްގައި ދެ މީހުން ވަކި ނުވެގެން އުޅުނު އިރު ހީވީ ތީ ކައްޓާ މަހޭ. ހައްޓާ ހިޔަންޏޭ. ދޮން ކަމަނަ ހީނގަތެވެ. އާދިލު ހިތަށް ހީވީ ވަޅިއެއް ގޯޅާލިހެންނެވެ. އަނގައިން ވެސް ނުބުނެ އެ ގެއިން އޭނާ ނުކުތް އިރު އޭނާގެ ކަންފަތް ދޮށުގައި ދޮންކަމަނަގެ މަލާމާތުގެ ހުނުންގަނޑު ޤިޔާމަތުގެ ތާޅަފިއްޔަށްވެގެން ގުގުމައެވެ.] (އިބްރާހީމް ޙުސައިން މަނިކު، ޞ: 89) މި ބުނުންތަކަށް ބަލާއިރު ފަށުއިކަމާއި ބަލާޣާތްތެރިކަމުގެ ގޮތުން މި ބުނުންތައް ކިތައްމެހައި ވެސް މޮޅެވެ. އަދަބީގޮތުން އެހައިމެ ރީއްޗެވެ. ނަމަވެސް މިއިން އެއްވެސް ބުނުމަކީ ބުއްދީގެ ހަމައިން ބަލާއިރު، ނުވަތަ މަންޠިޤީ އުސޫލުން ބަލާއިރު ތެދެއްކަމުގައި ބެލެވޭނެ ބުނުންތަކެއް ނޫނެވެ. ޢިލްމީ ގޮތުން ބަލާއިރު ދެކޮޅުޖެހޭ ބުނުންތަކެއް ވެސް ނޫނެވެ. ސަބަބަކީ، ދެ އިންސާނަކު ކިތަންމެ ގާތް ވިޔަސް އެކަކު އެއީ ހުރިގޮތަށް ހުރި މަސްގަނޑެކޭ، އަނެކަކު އެއީ ހުރިގޮތަށް ހުރި ކަށިގަނޑެކޭ ހީއެއް ނުވާނެއެވެ. އަދި މީހަކު ކިތަންމެ ބާރަށް ހަޅޭއްލެވިޔަސް އެ ހަޅޭކެއް ޤިޔާމަތުގެ ތާޅަފިއްޔަކަށް ވެސް ނުވާނެއެވެ. އެހެންވީމާ، ޢިލްމީ ގޮތުންނާއި މަންޠިޤީ ގޮތުންބަލާއިރު، މިއީ ދޮގު ބުނުންތަކެކެވެ. ނުވަތަ ދެކޮޅު ނުޖެހޭ ބުނުންތަކެކެވެ. އެހެންކަމުން މީހަކު ތިބާއާ ވާހަކަ ދައްކާ އިރު މި ފަދަ ފަށުއި ޢިބާރާތްތައް ބޭނުން ކުރާނަމަ އޭގައި ޙަޤީޤަތަކަށްވުރެ ބޮޑަށް އެ ވަނީ ކަންބޮޑުކުރުންތަކެއް ކަމަށް ވިސްނަވާށެވެ. ޢިލްމީ ނަޒަރަކުން ބަލާއިރު ދޮގު ބުނުންތަކެއް ކަމަށް ބައްލަވާށެވެ! އެއީ މީހަކަށް ތާރީފު ކުރުންކަމުގައި ވިޔަސް، ނުވަތަ މީހެއްގެ ހުރި ނުބައި ސިފައެއް ބުނެދިނުން ކަމުގައި ވިޔަސް މެއެވެ.  ނުވަތަ ސުނާމީއެއްގައި ހަލާކުވެފައިވާ ރަށެއްގެ ވާހަކަ އޮޅުންފިލުވައިދިނުން ކަމުގައި ވިޔަސް ވެހެވެ. އޮއްޓަރު ހުރި ބުނުމަކީ މިހާރު އެ ރަށަކީ މަރުގެ ގަބުރުސްތާނެކޭ ބުނުމެއް ނޫނެވެ.  އެކަމަކު އޮއްޓަރު ހުރި ބުނުމަކީ އެ ރަށުން މަރުވި މީހުންގެ ޢަދަދު ބުނުމެވެ. މި ނުކުތާގައި މުހިންމު އަނެއް ވާހަކަ އަކީ، އަދަބީ ބުނުންތައް ނުބުނާކަށް މި އުސޫލުތައް ފަހަރެއްގައި ވެސް ބާރެއް ނާޅައެވެ. ނަމަވެސް އަހަންމިއްޔަތު ދޭކަމަކީ، ބާރު އަޅާކަމަކީ އެ ފަދަ ލޮނުހެޔޮވަރު ބުނުންތަކުން ނެރެދޭ ނަތީޖާ ދެނިގެން، އެނގިގެން މުވާޞަލާތު ކުރިޔަށް ގެންދިޔުމެވެ.

މުވާޞަލާތު ކާމިޔާބު ކުރުމުގައި ދެފަރާތުގެ ދެމެދުގައި ހިނގާ ބަސްމަގުގެ ގުޅުންތެރިކަމުގެ ސިފަ (maxim of relation) ދެނެގަތުމަކީ ވެސް މުހިންމު ކަމެކެވެ. ތިބާގެ މަޤުޞަދު ޙާޞިލްވުމާއި ނުވުން ވަރަށް ގިނަ ފަހަރު މި ގުޅުންތެރިކަމާ ލައިމެހިފައި އޮވެއެވެ. މިސާލަކަށް ތިބާ އޮފީހަށް ވަޑައިގަތީއެވެ. ތިބާގެ ރަޙްމަތްތެރި އަޝްރަފު ފެންނާކަށް ނެތެވެ. ތިބާގެ މަޤުޞަދަކަށްވީ އަޝްރަފު ކޮބައިތޯ ބެއްލެވުމެވެ. ޚާއްޞަކޮށް އަޝްރަފުގެ މޭޒާ ޖެހިގެން ހުރި މޭޒު ދޮށުގައި އެ އިން ޙާމިދާއި އަޝްރަފާ ދިމާވިތޯ އޮޅުން ފިލުއްވުމެވެ.  އަޝްރަފު ދުށީމުތޯ، އޭނާ ކޮބައިތޯ، ތިބާ ޙާމިދާ ސުވާލުކުރައްވައިފީމުއެވެ. [މަ މި އައީ ދެންމެ އަކު] ޙާމިދުގެ ޖަވާބަކަށްވީ މި ޖަވާބެވެ. [އެހެން ދޯ] ތިބާގެ ޖަވާބަކަށް މި ވީ [އެހެންދޯ] އެކެވެ. ޙަޤީޤަތުގައި މިވީ ކިހިނެއްތޯއެވެ؟ ތިބާ ތިޔަ ނިންމެވީ ޙާމިދަށް އަޝްރަފާ ދިމާ ނުވާކަމަށެވެ. އޭނާ އަޝްރަފު ނުވެސް ދެކޭ ކަމަށެވެ. ސަބަބަކީ ޙާމިދު އޮފީހަށް އައި އިރު ވެސް އަޝްރަފު އޮފީހުގައި ނެތްކަމަށް ތިބާއަށް ހީފުޅު ކުރެއްވުމެވެ. ޙާމިދު އައީ ދާދި ދެންމެޔަކު ކަމުގައި އޭނާ ބުނީތީއެވެ. ނަމަވެސް ޙަޤީޤަތަކީ ކޮބައިތޯއެވެ؟ ތެދެކެވެ. ޙާމިދު އޮފީހަށް އައީ ދެންމެއެވެ. އައިމާ އަޝްރަފު ނުކުމެގެން ދިޔައީ ތިބާ ވަޑައިގެންފާނެތީއެވެ. އަޝްރަފު ހޯއްދަވައިފާނެތީއެވެ. ޙާމިދާއި އަޝްރަފު އެއްބަސް ވެފައިވަނީ އަޝްރަފު އޮފީހަށް އައިކަން ތިބާއަށް މިއަދު ނޭނގުމަށެވެ. އެ ކަމަށްޓަކައި ޙާމިދު ކުރި ކަމަކީ، ތިބާއަށް ތިބާގެ ސުވާލާ ގުޅޭހެން ހީފުޅުވާނެ، އެކަމަކު ޙަޤީޤަތުގައި އެއްވެސް ގުޅުމެއް ނެތް ޖަވާބެއް ދިނީއެވެ. [މަ މި އައީ ދެންމެ އަކު] އޭ ބުނުމުން އަދި އެ ދެވުނީ ކުރި ސުވާލުގެ ޖަވާބެއް ނޫނެވެ. ޙާމިދު  އެ ކުރިކަމަކީ ދެކެވޭ ވާހަކައިގައި ހުންނަންޖެހޭ ގުޅުންތެރިކަމުގެ ސިފައާ ޚިލާފުވެގަތީއެވެ. ނަމަވެސް އެކަން ތިބާއަށް ވިސްނިވަޑައިގަތްނަމަ، [އެހެންދޯ!] އޭ ވިދާޅުވެ އެ ހިސާބުން ކުރުކޮށެއް ނުލެއްވީހެވެ.  ވީމާ ދެފަރާތުގެ ދެމެދުގައި ހިނގާ މުވާޞަލާތު ގުޅުންތެރިކަމުގެ ސިފައަށް ފެތޭތޯ ނުވަތަ ނޫންތޯ ބަލައި، ވިސްނައިގެން މުވާޞަލާތު ކުރުން މުހިންމެވެ. އަނެކާ ހަދާ އުކުޅުތަކުން ސަލާމަތްވެވޭނީ ނުވަތަ ތިބާ އެ ފަދަ އުކުޅެއް ހައްދަވަން ބޭނުންފުޅުވާ ވަގުތެއްގައި އެ ފަދަ އުކުޅެއް ހެއްދެވޭނީ ވެސް އޭރުން ނޫންތޯއެވެ!

ބައެއް ފަހަރަށް ކުރެވޭ ސުވާލުގެ މަޤުޞަދު ދޭހަ ނުވާތީ ވެސް ޖަވާބު އޭގެ ދާއިރާ އިން ބޭރުވެއެވެ. ގުޅުންތެރިކަމުގެ ސިފައާ މާ ދުރުގައި ޖަވާބުދީ ނިންމައިލެވެއެވެ. މި ހާލަތުގައި ޖަވާބު ދޭ މީހާ އެކަން ކުރަނީ ގަސްތަކު ނޫނެވެ. ނޭނގިއެވެ. އެހެންކަމުން ސުވާލުގެ މައި ލަފުޒު (key word) ދެނެގަނެގެން، އެ ނުކުތާއާ ޖަވާބު އެއްފަސްކުރުން މުހިންމެވެ. އެހެން ނޫނީ އަޑު އަހަން ތިބި މީހުންނަށް ތިބާގެ ފަރާތުން ލިބުނު އެއްޗެއް ނޯންނާނެއެވެ. ތިބާއަށް ވެސް އެ ހޭދަ ކުރެވުނީ މާނައެއް ނެތް  ބޭކާރު ވަގުތުތަކެކެވެ.

މުވާޞަލާތު ކާމިޔާބުވުމާއި ނުވުން އެ ސިފައަކާ ގުޅިފައިވާ ހަތަރު ވަނަ ސިފައަކީ އަދަބާއި ހަމަ (maxim of manner)އެވެ. މި ތާނގައި އަދަބާއި ހަމައިން ގަސްތުކުރެވޭ މާނަ އަކީ، ވާހަކަ ދެއްކުމުގައި އެބައެއްގެ ތެރޭގައި އޮންނަ  އެބަޔަކު ގަބޫލުކުރާ ހަމަތަކާއި އުސޫލުތަކެވެ. ހަމަ އެހެންމެ ދައްކާ ވާހަކަ ރޭވިފައި އޮންނަ ގޮތާއި، އޭގެ ތަރުތީބު ވެސް ހިމެނިގެން ދަނީ މި މާނައިގެ ތެރޭގައެވެ. ދެ ތިން މިސާލެއް ދަންނަވައިލިޔަ ދެއްވާށެވެ.

ކައު އިތުރު މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދޫފުޅުން ބަސްފުޅެއް [އިއްވެވުމަށް] ދިވެހިބަހުގައި ކިޔައިއުޅެނީ ޙަދީޘް ކުރެއްވުމެވެ. އެހެންކަމުން މީހަކު ދައްކާ ވާހަކައެއްގައި އިތުރު އެކަލޭގެފާނު ވިދާޅުވިޔޭ ބުނާ ނަމަ، ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް އެކަން ބަލައިނުގަނެވިދާނެއެވެ. ސަބަބަކީ އެއީ ދިވެހިން ގަބޫލުކުރަމުން އައި، ދިވެހިންގެ ބަހުގެ ހަމަތަކާ ޚިލާފު ގޮތެއްކަމުގައިވުމެވެ.  ނަތީޖާ އަކަށް ވާނީ އެ މީހަކު ޢިލްމީ ގޮތުން ކިތަންމެ ރަނގަޅު ވާހަކަތަކެއް ދެއްކިޔަސް މީހުންގެ ކުރިމަތީގައި އެމީހަކީ ބަލައިނުގަނެވޭ މީހަކު ކަމުގައިވުމެވެ. ނުވަތަ އެކަމާ ގުޅިގެން އެމީހެއްގެ މައްޗަށް އެތައް ބައެއްގެ ހިތްނުބައިވުމެވެ.

ޖުމުލައިގައި ލަފުޒުތައް އެތުރިފައި ހުންނަ ގޮތަކީ ވެސް ތަރުތީބުގެ ތެރޭގައި ހިމެނޭ ކަމެކެވެ.  ޖުމުލަތަކުގައި ލަފުޒުތައް ތަރުތީބު ކުރެވިފައި ހުންނަ ގޮތުގެ ސަބަބުން ހީނުކުރާ ކަހަލަ އެދެވޭ ނުވަތަ ނޭދެވޭ އަސަރު މުވާޞަލާތަށް ފޯރައެވެ. މިސާލެއް ވިދާޅުވެލައްވާށެވެ! [ދިވެހި ފެންވަރު ރަނގަޅު ވަޑިން ބޭނުމެވެ.] މިއީ ވަޑާންގެއެއްގެ ބޭރު ފާރުގައި ހުރި އިޝްތިހާރެއްގައިވާ އިބާރާތެކެވެ. މި ބުނުމުން ދޭހަ ވާ މާނައަކީ ކޮބައިތޯއެވެ؟ ބޭނުންވަނީ ފެންވަރު ރަނގަޅު ދިވެހި ވަޑިންތޯއެވެ؟ ނުވަތަ ދިވެހިބަހުގެ ޑިގުރީ ކޯހެއް ފުރިހަމަ ކޮށްފައިވާ، ދިވެހި ބަހަށް ކުޅަދާނަ މާވަޑިންތޯއެވެ؟ މި ތާނގައި މައްސަލަ އަކީ ޖުމުލަ ތަރުތީބު ކުރުމުގައި އެހެން ބަހެއްގެ އޮނިގަނޑަށް ޖުމުލަ ތަރުތީބު ކުރެވިފައި އޮތުމެވެ. ދިވެހި ބަހުން ޖުމުލަ ތަރުތީބު ކުރެވޭ އުސޫލާއި ހަމަޔާ ޚިލާފުވެވިފައި ވުމެވެ. ދިވެހި ބަހުގެ އޮނިގަނޑު ނިޔާކުރާ ގޮތުން، ނަންއިތުރު އަންނާނީ ނަމުގެ ކުރިޔަށެވެ. އެހެންކަމުން ތަރުތީބު އޮޅިފައިވާ މި ފަދަ ބުނުމަކުން ދިވެހިންނަކަށް ރަނގަޅު ދޭހައެއް ނާންނަހުއްޓެވެ. އޭގެ ބަދަލުގައި އަންނާނީ ތިބާ އަރިހަށް ތިޔަ އައި ފަދަ ޒާތެއްގެ [ލާނެތް] ހިންޏެކެވެ.

ވާހަކައެއް ދައްކާނަމަ، މުޅިވާހަކައިގައި ތަރުތީބެއް އޮތުމަކީ ވެސް މުހިންމު ކަމެކެވެ. ކިތަންމެ ކުޑަ ހިނދުކޮޅަކަށް އެއްޗެއް ބުނެލަން ބޭނުން ވިޔަސް، ބުނަން ބޭނުންވާ ވާހަކައިގައި ފެށުމެއް އޮންނަން ވާނެއެވެ. މެދުތެރެއަކާއެކު ނިންމުމެއް ގެނެވެން ވާނެއެވެ. މިބައިތަކުގައި ރޭވުންތެރި ގުޅުމެއް އެކުލެވެން ވާނެއެވެ. ކޮޅެއް މެދެއް ބޮލެއް ނަގުލެއް ވަކި ނުވާގޮތަށް އެތަން މި ތަނުން ޖުމުލަތައް ފަށައި، އަނބުރަމުން އޮޅަމުންދެވޭ ނަމަ، އެ ފަދަ މީހަކު އެ ދައްކާ ވާހަކައަކާ އެމީހަކާ ހަވާލެވެ. ދެން ތިބީން އެމީހަކަށް ސަލާމެވެ. އެ މީހުންގެ  ސިކުނޑިތައް އޭނާ ފިޔަވައި، ފިކުރައިވާ  އެހެން ކޮންމެ ވެސް، ދިމާއަކަށް ލަހެއްނުވެ ދީލައިލައިފާނެއެވެ.

ކުރު ގޮތަކަށް ދަންނަވައިލަމެވެ. ދައްކާ ވާހަކައިގެ މަޤުޞަދަށް ވާޞިލުވުމުގައި ފަރުވާތެރިވާންޖެހޭ މުހިންމު ހަތަރު ނުކުތާއެއް ވެއެވެ. އެ ހަތަރު ނުކުތާއަށް ތަބާވުން މުހިންމެވެ. ބުނަންވާ ވާހަކަ ބުނަންވާ މަޤާމުގައި ބުނަންވާ މިންވަރަށް ބުނުމެވެ. ބުއްދީގެ ހަމަތަކާއި ޢިލްމީ ހެކިތަކުގެ އަލީގައި ހަރުދަނާކަމާއެކު ޢިބާރާތްތައް ގަތައިލުމެވެ. ދެ ފަރާތުގެ މުވާޞަލާތުގައި އޮންނަންޖެހޭ ގުޅުންތެރިކަން ޙިކްމަތްތެރިކަމާއެކު ބޭނުންކުރުމެވެ. ތިމާ ވާހަކަ ދައްކާ ވެށީގެ ބަހުގެ ސަގާފަތާއި އަދަބުތަކަށް ރައްކާތެރިވެ ހުރެ، އެކަންކަމަށް އިސްކަންދީގެން ވާހަކަ ދެއްކުމެވެ. ދުލުން ބަސް ބޭރު ކޮށްލުމުގެ ކުރީގައި އަބަދުވެސް ދެން ބުނަންވީ ކީކޭބާވައޭ ހިތަށް އަރުވައި، ބުނަންވީ އެއްޗެއް  ބުންނވީ ގޮތަށް މި ހަތަރު ސިފައިގެ ތަރަހައިގެ މަތީގައި ބުނުމެވެ.

ހަވާލާ:

ޕޯލް ގްރައިސް. (1975). ލޮޖިކް އެންޑް ކޮންވަރޒޭޝަން، ނިއުޔޯކް: އެކަޑެމިކް ޕްރެސް.

އިބްރާހީމް ޙުސައިން މަނިކު. (1998). އިބްރާހީމް ޙުސައިން މަނިކުގެ ކުރުވާހަކަތައް. މާލެ: ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

ޝެއަރކުރެއްވުމަށް