ހިންޏަކީ މިދުނިޔޭގައި ދިރިހުޅޭ އެކިއެކި ތަފާތު ނަސްލުތަކުގެ ތެރެއިން އެންމެ ދުވަސްވީ އެއް ނަސްލެެވެ. މީގެ ސަތޭކަ މިލިއަން އަހަރު ކުރިންވެސް މިބިމުގައި ހިނި އުޅުނެވެ. ބުނެވޭ ގޮތުގައި ހިނީގެ ތަފާތު ވިހިހާސް ވައްތަރު، ދުނިޔޭގެ އެކިކަންކޮޅުގައި މިހާރުވެސް ދިރިއުޅެއެވެ. އެހެންކަމުން ހިނި ހިމެނިގެން ދަނީ މަޙުލޫޤުންގެ ތެރެއިން އެންމެ ނަސްލުގިނަ އަދި އެންމެ ޤަދީމީ އެއް ވައްތަރު ކަމުގައެވެ. ހިންޏަކީ ދިރިއުޅުމަށް ނުހަނު ބުރަ މަސައްކަތްކުރާ އެހާމެ ހީވާގި އެއްޗެކެވެ. ހިންޏަކީ އެކުވެރިކަމުގެ ލާމަސީލު މިސާލެއްވެސްމެއެވެ.

ހިނި ދިރިއުޅުމަަށްޓަކައި މިބިމުގައި ތަފާތު ވައްތަރުތަކުގެ ހޮރު ކޮނެއެވެ. ބައެއްފަހަރު ވަރަށް އާދައިގެ ހޮރެއް ކޮނެލައިފާ ހުންނައިރު، އަނެއްބައި ހޮރުތަކުގެ އެތެރެއިން ދަނޑި ވިއްދައި އިތުރަށް ގަދަފަދަ ކޮށްފައިވެސް ހުރެއެވެ. ވިލާތުކަރައިގެ ފިނި ހިސާބުގަނޑުގައި މި ސޮރުމެން ހޮރު ކޮނެފައި ހުންނަނީ ބިމުން މައްޗަށް ކުޑަތަންކޮޅެއް އުފުލިފައި، ފަނަރަވަރަކަށް ފޫޓް އަޑިއަށް ހުންނަ ގޮތަށެވެ. މިގޮތުން މި ހޮރުތަކުގެ އަޑިއަށް ދިިޔަވަރަކަށް، ވަށައިގެން ހުންނަ ހިސާބުތަކުގެ ހުރަހަށް އިތުރު ކޮޓަރިތައް ހަދާފައި ހުރެއެވެ. މިގޮތުން އެސޮރުމެންގެ ޅަދަރިން ބައިތިއްބާ ކޮޓަރިތަކާއި، ކާބޯތަކެތި ރައްކާކުރާނެ ބަނޑަހަގެއަކާއި، ބުރަމަސައްކަތުގައި އަވަަދިނެތި ދިރިއުޅޭ ހިނިތައް އަރާމު ކޮށްލުމަށް މަޑުކޮށްލަން ތައްޔާރުކުރެވިފައިވާ ކޮޓަރިތަކާއި އަދި އެހެން އިތުރު ކޮޓަރިތައްވެސް މިފުން ހަރުގައި ހެދިފައި ހުންނާނެއެވެ. ދިރާސާކުރާ ފަރާތްތަކުން ފެންނަގޮތުގައި މި ގޮތަށް ބިމު އަޑިއަށް ފުންކޮށް ހެދިފައި ހުންނަ ހޮރާއި ވަށައިގެން ހުރަހަށް ހުންނަ ހޮރުތަކަކީ ފިނި މޫސުމުގެ ފިނިން ރައްކާތެރިވުމަށް ވަރަށް ރަނގަޅު ތަނެކެވެ. އެހެނީ އެތަނުގެ ފިނިހުނޫމިން، ބިންގަނޑުގެ އެހީގައި ހިފެހެއްޓިފައި ހުންނާނީ ވަރަށް ހެޔޮވަރު ވަރަކަށެވެ.

ހިނީގެ ބާވަތްތަކުގެ ތެރެއިން ”ޓަރމައިޓްސް“ އޭ ކިއޭ ބާވަތުގެ ހިނި ދިރިއުޅޭނީ ގަސްގަހުގެ ގޮފިިތަކުގައެވެ. މި ގޮތުން މިސޮރުމެން ގިނައިން އުޅޭނީ ހިކި ގޮފިތަކުގައެވެ. ހިނިތައް ދިރުއުޅުމުގައި އުޅޭނީ ޤަބީލާޤަބީލާތަކަށް ބެހިގެންނެވެ. މިގޮތުން ހިނީގެ ކޮންމެ ޤަބީލާއެއްގައި ވެރިކަން ކުރާނީ ”ރާނީ“ ހިންޏެވެ. ބައެއް ޤަބީލާތަކުގައި އެއްރާނީ އަށްވުރެ ގިނަ ރާނީންވެސް ރަނިކަން ކުރެއެވެ.

ހިނި ވާހަކަ ދައްކާނީ އެސޮރުމެންގެ އެންޓަނާ ބޭނުންކޮށްގެން އެކަތި އަނެކަތީގެ އެންޓަނާގައި ތަޅަމުންނެވެ. އެސޮރުމެން ތަންތަނަށް ދަތުރު ކުރުމުގައި ދާ މަގުމައްޗަށް އެސޮރޮމެންގެ ހަށިގަނޑުން ”ފެރޮމޮން“ ކިޔޭ ކެމިކަލެއް ދޫކުރާނެއެވެ. އޭގެ ފަހުން އެސޮރުމެންނާއި ގުޅެންއަންނަ ހިނިތަކަށް އެސޮރޮމެން ވީތަން ދެނެ ގަތުމަށް ފަސޭހައަކަށެވެ.

ހިނީގެ ”ހަ“ ފައި ހުންނައިރު އެއިން ކޮންމެ ފައެއްގައި ތިން ހުޅު ހުރެއެވެ. މިފައިތަކުގެ އެހީގައި ހިންޏަށް އެސޮރުމެންގެ ހަށިގަނޑުގެ ބަރުދަނުގެ 20 ގުނަ އުފުލުގެ ގާބިލުކަން  ލިބިގެންވެއެވެ. އެސޮރުމެންގެ މި ބާރުގަދަ ފައިތަކުގެ އެހީގައި ހަލުވި ދުވެއްޔެއް ހިންޏަށް ލިބިގެންވެއެވެ. އެއީ އިންސާނަކު އޭނާގެ ސައިޒުން ދުވެވޭ ހަމަ ދުވެއްޔާއި ދާދި ހަމަހަމަ ދުވެއްޔެކެވެ. ހިނީގައި ބޭރަށް ފެންނާނޭ ގޮތަށް  އެންމެ ދެލޯ ހުރިކަމުގައިވިއަސް އެއިން ކޮންމެ ލޮލެއްގައި ކުދި ކުދިިި ބައިވަރު ލޯތަކެއްވެއެވެ.

އުފެއްދުމުގައި ފުރިހަމަ ކަންތައްތަކެއް ލައްވާފައިވިޔަސް ކޮންމެ ދިރުމަކީވެސް މަރެކެވެ. ދުނިޔޭގެ އިރު ދައުރުވުުމުގައި ދުވަސްތައް ފާއިތުވެ ޒަމާންތައް ބަދަލުވެ އެއްހާލުން އަނެއް ހާލަތަށް ވާސިލުވެ، އާތަކެތި ވުޖޫދުވެ އިހުތިބި ތަކެތިނެތި ގޮސްވާ މިފުރިހަމަ ނިޒާމުގެ ތެރެއިން ހިންޏަށް ދިރިއުޅެން ލިބެންވީ މަދު ދުވަސް ކޮޅެކެވެ. ހިނީގެ އެވްރެޖްޢުމުރަކީ 60-45 ދުވަހެއެވެ.

ޝެއަރކުރެއްވުމަށް