”ޤައުމީ ނިޝާނަށް ޙުރުމަތާއެކު ބޯލަނބައި ތިބެގެން
އައުދާނަކަން ލިބިގެންއެވާ ދިދައަށް ކުރީމެ ސަލާމް
ނަޞްރާ ނަސީބާ ކާމިޔާބުގެ ރަމްޒަކަށް ހިމެނޭ
ފެއްސާ ރަތާއި ހުދާއެކީ ފެނުމުން ކުރީމެ ސަލާމް“
އާދޭހެވެ. އަޅުގަނޑުމެންގެ ޤައުމީ ދިދައެވެ. އަޅުގަނޑުމެންގެ ޤައުމީ ދިދައަކީ އަޅުގަނޑުމެންގެ ޤައުމީ ނިޝާނެވެ. ފެއްސާއި ރަތާއި ހުދުން ސިފަކޮށްދޭ މިލޮބުވެތި ޤައުމުގެ ނަޞްރާއި ނަސީބާއި ކާމިޔާބުގެ ރަމްޒެވެ. ޤައުމުގެ އެންމެ މަތީ ވެރިޔާއާއި ޤައުމު ދިފާޢު ކުރާބާރުތަކުގެ އެންމެންނާއި އެންމެހައި ދިވެހިން އެޝަރަފުވެރި އައުދާނަކަން ލިބިގެންވާ ނިޝާނަށް ޙުރުމަތާއެކު ބޯލަނބައި ތިބެގެން ސަލާންކުރާ އަޅުގަނޑުމެންގެ ޤައުމީ ދިދައެވެ.
ޝައްކެއްނެތެވެ. ޤައުމީ ދިދައަކީ އަޅުގަނޑުމެން އެކަނި ގެންގުޅޭ އެއްޗެއްނޫނެވެ. ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް އެޤައުމެއްގެ ޤައުމީ ދިދަ ހުރެއެވެ. އަދި ހުރިހައި ޤައުމެއްގައިވެސް ޤައުމު ރަމްޒުކޮށްދޭ އެއްޗަކީ އެޤައުމެއްގެ ޤައުމީ ދިދައެވެ.
ދިދައިގެ ތާރީޚަށް ދާއިރު ދިދައޭ މިކިޔާއެއްޗެއް އުފެދުނުކަމަށްވަނީ ހަނގުރާމައިގެ މައިދާނުގައެވެ. ތިމާމެން އަނެއްބަޔަކަށް މިއީ ތިމާމެންކަން ހާމަކޮށްދިނުމަށް ދަނޑިއަކަށް ނުވަތަ ލޮންސިއަކަށް ނަގާ ފޮތީގެ ފާހަގައަކުންނެވެ. ފައުޖުތަކާއި ޤަބީލާތައް އޭރު ފާހަގަ ކުރެވުނީ އެމީހުންގެ ފޭލިގޭގެ ކުރިމަތީގައި ނަގާފައިވާ ”ދިދަ“ އިންނެވެ. ނުވަތަ އަސްމަތީގައި އަންނަ އިރު އެ އުފުލާލައިގެން އަންނަ ”ދިދަ“ އިންނެވެ. އެއަށްފަހު ކަނޑުމަތީގެ އުޅަނދުން ދިދަ ފެންނާންފެށިއެވެ. ހަނގުރާމަވެރި ގުރާބުތަކުގެ ރިޔާތަކުގެ މަތީން ދިދަ ފެންނާން ފެށިކަމަށްވަނީ 16 ވަނަ ޤަރުނުގެ ތެރޭގައެވެ. ނަވުގައި ނުވަތަ ގުރާބުގައި ނަގާފައި ހުންނަ ދިދައިން އެއީ ޕޯޗުގީޒުންގެ އުޅަނދެއްކަން ނުވަތަ ހޮޅީންގެ ބައެއްކަން އެހެން މީހުންނަށް އަންގައި ދިނުމަށްޓަކައެވެ.

މީލާދީން 18 ވަނަ ޤަރުނާ ހަމައަށް އައިއިރު ޤަބީލާތަކުން ޤައުމިއްޔަތާ ހަމައަށް ދިދަ ޖެހިލައިފިއެވެ. ދިދައަކީ ކުރިން މިދެންނެވި ގޮތަށް އުފެދިގެންއައި އެއްޗަކަށްވާތީ ދިދަ ވެފައިވަނީ އެންމެ މައްޗަށް އުފުލައިލެވޭ ނިޝާނަށެވެ. އެހެން ކަމުން ދިދަނަގާ މީހުން ދިދައިގައި ޖަހާ ފާހަގައަކީ ނުވަތަ ގެންގުޅޭ ކުލައަކީ ނުވަތަ ކުލަތަކަކީ އެއެއްޗެއް ފެނުމުން އެމީހުން އެންމެ ފަޚުރުވެރިވާ އެއްޗަކަށް ވެއްޖެއެވެ. އެހެން މީހުން އެމީހުން ދެނެގަންނަ، އެފެނުމުން އެހެން މީހުން އެމީހުން ދެކެ ބިރުގަންނަ ނުވަތަ ލޯބިވާ އެއްޗަކަށްވެއްޖެއެވެ. އެހެންކަމުން ގިނަ ކްރިސްޓިއަން ޤައުމުތަކުގެ ދިދައިގެ ފޮތިކޮޅުތަކުން ފެންނަން ހުރީ އެކި ގޮތްގޮތަށް ކުރަހައިލެވިފައިވާ ކްރޮސް އާދެ، ޞަލީބެވެ. ޤައުމުގެ ތަފާތުކަން އެންގުމަށްޓަކައި އެކި ގޮތްގޮތަށް އެކިކުލައާއި އެކުގައެވެ. ޗައިނާއިން ބޭނުންކުރީ އިރެވެ. ޖަޕާނުންވެސް ފުރަތަމަ ބޭނުންކުރި ކަމަށްވަނީ ހުރިހައި ދިމާއަކަށް ދޯދި ފޯރުވާލައިފައިވާ އިރެއްގެ ނިޝާނެވެ. ބައެއް ޤައުމުތަކުން އެއްވެސް ނިޝާނެއް ނެތް ތަފާތު ކުލަތައްވެސް އެމީހުންގެ ފާހަގަ ކަމުގައި ހަދާފައިވެއެވެ. ދުނިޔޭގެ ޤައުމުތަކުގެ ދިދަތައް ޚާއްޞަކޮށް ޔޫރަޕްގެ ޤައުމުތަކުގެ ދިދަތައް ބައްލަވައިލެއްވީމައި މިދެންނެވި ތަޞައްވުރު ހިތްޕުޅަށް ގެންނަވާކަށް ދަތިފުޅެއް ނުވާނެއެވެ.
ދިވެހި ތާރީޚުގައި ދިދައޭކިޔާފައި އޮންނާތީ ފުރަތަމަވެސް ފެންނަނީ ޕޯޗުގީޒު ދިދައިގެ ވާހަކައެވެ. ”17 މެއި 1558 ދުވަހުގެ އިރު ދިވެހިރާއްޖޭގެ މައްޗަށް މޫނު ދައްކައިލީ ބޮޑުކަޅީން ވަދެގެން ރާއްޖޭގެ މައްޗަށް، ވަރަށް ނުރައްކައު ގޮތްތަކަކާއިގެން އަންނަ ދެތިން ގުރާބުގެ ދިދަތަކާއެކުގައެވެ.“ ބޮޑުތަކުރުފާނު ވާހަކައިގައި ޞަލާޙުއްދީން ލިޔުއްވިއެވެ. އާދޭހެވެ. އެއީ މިމަޒްމޫނުގައި އަޅުގަނޑު ބަޔާކުރި ފަދައިން 16 ވަނަ ޤަރުނުގެ މެދުތެރެއެވެ. ދެން ފެންނަނީ މާލޭގެ ކޯއްޓޭއަށް މަލާބާރީންގެ ދިދަ ނެގިކަން އެނގޭ ހާދިސާއެކެވެ. އެއީ ހޮޅިން ރާއްޖެ ހިފައިގެން ތިބި ދުވަސްވަރެވެ. މީލާދީން 18 ވަނަ ޤަރުނުގެތެރޭގައެވެ.
ދިވެހިން އެމީހުންގެ އަމިއްލަ ދިދައެއް ގެންގުޅެން ފެށީ ކޮންދުވަސްވަރަކުން ފެށިގެން ކަމެއް އަޅުގަނޑަކަށް އަދި މިހައިތަނަށް ބެލި އެއްވެސް ލިޔުމަކުން އެނގިފައެއްނުވެއެވެ. އެނުގުނުހައިވެސް އެއްޗަކީ މިހާރު މިގެންގުޅޭ ދިވެހި ޤައުމީ ދިދައިގެ ކުރިން ދިވެހިން ދިދައެއް ގެންގުޅުނުކަމެވެ. އޭރު ޤައުމީ ދިދައެއްގެ ގޮތުގައި ބޭނުންކުރެވުނީ ރަތްކުލައިގައި ހުންނަ ދިދައެއްކަމެވެ. އަދި އެއީ އާންމުކޮށް ނަގައި އުޅުނު ދިދައެއްނޫންކަމެވެ. އެދުވަސްވަރު ދިދަނަގައި އުޅުނު ކަމަށްވަނީ ބޭރުގެ ޢިއްޒަތްތެރިއަކު ވަޑައިގަތުމަށް މާލެ ޒީނަތްތެރި ކުރުމުގެ ތެރޭގައި އާކޯއްޓޭ ދަނޑިއަށާއި ބޮޑު ކޯއްޓޭ ދަނޑިއަށްކަމެވެ. ދެން ދިދަ ނަގައި އުޅުނީ ހިތި ވިލޭރޭ ފަދަ މުނާސަބަތުތަކުގައި ކަމެވެ.
މިޒަމާނުގައި މިބޭނުންކުރާ ދިދަ ފަރުމާކުރެވުނީ 1930 ގެ އަހަރުތަކުގެ ތެރޭގައެވެ. އަޅުގަނޑުމެން މިދެކެނީ ދިވެހި ދިދަ ފުރަތަމަ ފަރުމާ ކުރެވިގެން ބޭނުންކުރަން ފެށުނު ގޮތަކަށް ނޫނެވެ. އާދޭހެވެ. އޭރުވެސް ފެއްސާއި ރަތާއި ހުދެވެ. ނަމަވެސް ހަނދުފަޅި ދަނޑިޔާ ދިމާއަށް ހުރި ދުވަސްވަރަކާއި ދިދައިގެ ދަނޑިމަތި އަނބުރައިފައި ހުރި ދުވަސްވަރަކާއި …. މިވާހަކަތަކުގެ ތެރެއަށް އަޅުގަނޑު ދާކަށްނެތީމެވެ. ސަބަބަކީ އަޅުގަނޑުގެ މަޒުމޫނުގެ އަމާޒު ހިފާހިތްވަނީ ޤައުމީ ދިދައިގެ މުހިންމުކަމާއި ދިމާއަށް ކަމަށްވާތީއެވެ. މަޒުމޫނު ނިންމައިލުމުގެ ކުރިން ޤައުމީ ދިދައަށް ޙުރުމަތްތެރިކޮށް ހިތުމާއެދު އެއްޗެއް ދަންނަވައިލުމަށް ފުރުޞަތެއް ހޯދައިލާންޖެހޭތީއެވެ. މާފުކުރައްވާށެވެ.
އެހެންކަމުން އަނެއްކާވެސް ބައިނަލްއަޤުވާމީ ދުނިޔެއަށް ޖެހިލަނީ އިނގޭތޯއެވެ. އަޅުގަނޑު މިޖެހިލަނީ ޤައުމީދިދައަށް ޙުރުމަތްތެރިކޮށް ހިތުމަށް އަދި ޤައުމީ ދިދައާމެދު ޢަމަލުކުރުމާބެހޭ ގޮތުން ހުންނަ ބައިނަލްއަޤުވާމީ މިންގަނޑުތަކަށެވެ. އޭގެތެރެއިން އެންމެ އާންމު ހަމައަކީ ޝަރަފުވެރި ގޮތުގައި ނޫނީ ޤައުމީ ދިދަ ބޭނުންނުކުރުމެވެ. ޝަރަފުވެރި މަޤާމުތަކުގައި ނޫނީ ނުނެގުމެވެ. އާދޭހެވެ. ޤައުމީ ދިދައަކީ ކޮންމެ ކޮންމެ ދިދައެއްނަގާ ކޮންމެ ކޮންމެތާކު ނަގާ ދިދައެއްނޫނެވެ. މިއީ މައިގަނޑު އުސޫލެއްކަމަށް ބަލައިގެން ޤައުމީ ދިދަ ނެގުމުގައި ޢަމަލުކުރާ ބައިނަލްއަޤުވާމީ ބައެއްހަމަ މިދަންނަވަނީއެވެ.

ޤައުމެއްގެ ދިދައެއްނޫން ދިދައަކާއެކު ތިމާގެ ޤައުމީދިދަ ނަގަންޖެހިއްޖެ ޙާލަތެއްގައި އެންމެ ފުރަތަމަ ނަގާނީ ތިމާގެ ޤައުމީ ދިދައެވެ. ދެން އެނޫން ދިދައެވެ. ނުވަތަ ދިދައެކެވެ. ތިރިކުރާއިރުވެސް ފުރަތަމަ ތިރިކުރާނީ ޤައުމީ ދިދަނޫން ދިދައެވެ. ނުވަތަ ދިދަތަކެވެ. ޤައުމީދިދަ ތިރިކުރާނީ އެންމެ ފަހުންނެވެ.
އެހެން ޤައުމެއްގެ ނުވަތަ ޤައުމުތަކެއްގެ ދިދައާއެކު ނުވަތަ ދިދަތަކާއެކު ތިމާގެ ޤައުމީދިދަ ނަގާނަމަ ހުރިހައި ދިދައެއްވެސް ހުންނަންވާނީ ގާތްގަނޑަކަށް އެއްސައިޒަކަށެވެ. (ގާތްގަނޑަކަށޭ މިދެންނެވީ އެކި ދިދައިގެ ދިގުމިނާއި ފުޅާމިނާއި ދިދަ ހުންނަގޮތް ތަފާތުވާތީއެވެ. މިސާލަކީ ނޭޕާލްގެ ޤައުމީ ދިދައެވެ.) ދެޤައުމެއްގެ ދިދަ ނުވަތަ ގިނަ ޤައުމުތަކުގެ ދިދަ އެއްތަނެއްގައި ނަގާފައި ހުންނަނަމަ ހުރިހައި ދިދައެއްވެސް ހުންނަންވާނީ އެއް އުސްމިނަކަށެވެ. ހަމަ އެފަދައިން ތިމާގެ ޤައުމުގައި ޤައުމުގެ ދިދަ އެހެން ޤައުމުތަކެއްގެ ދިދައާއެކު ނަގާނަމަ އެ ދިދައިގެ ވެރި ޤައުމަށް (ތިމާގެ ޤައުމުގެ ދިދައަށް) އިސްކަން ދޭންވާނެއެވެ. މިދެންނެވި އިސްކަން ދިނުމަކީ ތިމާގެ ޤައުމީ ދިދައަށް އެހެން ދިދަތަކުގެ މެދުން ޖާގަ ދިނުމެވެ.
ޤައުމީ ދިދަ ނޫން ދިދައަކާއެކު ނުވަތަ ދިދަތަކަކާއެކު ޤައުމީ ދިދަ ނަގާއިރު ޤައުމީ ދިދަ އަބަދުވެސް ނަގަންވާނީ ވަކި ދިދަ ދަނޑިއެއްގައެވެ. ޤައުމީ ދިދަ ނަގާ ދަނޑިއަށް ޤައުމީ ދިދައިގެ ތިރިއަށް ވިޔަސް އެހެން ދިދައެއް ނަގައިގެން ނުވާނެއެވެ. އަދި ޤައުމީ ދިދަ ހުންނަންވާނީ ހުރިހައި ދިދަތަކުގެ ތެރެއިން އެންމެ ޝަރަފުވެރި މަޤާމުގައެވެ.
އެހެން ދިދައަކާއެކު ނުވަތަ ދިދަތަކަކާއެކު ޤައުމީ ދިދަ އެއްދަނޑިއަކަށް ނުވަތަ އެއް ވާފަށަކަށް ނަގަން މަޖުބޫރުވެއްޖެ ޙާލަތެއްގައި އެންމެ މައްޗަށް ހުންނާންވާނީ ޤައުމީ ދިދައެވެ.
ޕްރޮސެޝަނެއްގައި ނުވަތަ ހިނގައިލުމެއްފަދަ ކަމެއްގައި އެހެން ދިދަތަކާއެކު ޤައުމީ ދިދަ ބޭނުންކުރާނަމަ އެންމެ ކަނާތްފަރާތަށް ހުންނާންވާނީ ޤައުމީ ދިދައެވެ. ސަފަކަށް ދިޔަޔަސް ޤައުމީ ދިދައަށް ދޭންވާނީ އެންމެ ޝަރަފުވެރި މަޤާމެވެ.
ވަރަށްކުރުކޮށް މިދެންނެވީ ޤައުމީ ދިދައާމެދު ޢަމަލު ކުރުމަށް ގެންގުޅޭ ބައިނަލްއަޤްވާމީ އާންމު މިންގަނޑެވެ. ބައެއް ޤައުމުތަކުން ޤައުމީ ދިދައަށް ޙުރުމަތްތެރިކޮށް ހިތުމަށް ޤާނޫނު ހަދައި އެފަދަ ޤާނޫނަށް ޢަމަލު ކުރަމުންދެއެވެ.
އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް އަޅުގަނޑުމެންގެ ޤައުމީ ދިދައާމެދު ޢަމަލު ކުރަންވީ ގޮތުގެ ޤަވާޢިދެއް ހަމަޖެހިފައިވެއެވެ. އެއީ 19 މާޗް 1989 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުން ނަންބަރު 69/37 އާއެކުގައި އޮތް ”ދިވެހި ޤައުމީ ދިދައާބެހޭ ޤަވާޢިދު“ އެވެ. މިދެންނެވި ޤަވާޢިދުގައި 25 މާއްދާވެއެވެ. އެހެންކަމުން އެހުރިހައި މާއްދާއެއް ނުދެންނެވި ކަމުގައިވިޔަސް ޤައުމީ ދިދައަށް ޙުރުމަތްތެރިކޮށް ހިތުމަށް ބާރުއަޅާ ބައެއް މާއްދާ އަޅުގަނޑު ދަންނަވައިލާނަމެވެ.
ދިވެހި ޤައުމީ ދިދައަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރަމްޒުކޮށްދޭ އެއްޗަކަށްވާތީ، ކޮންމެ ޙާލަތެއްގައިވެސް ދިވެހި ޤައުމީ ދިދައަށް ޙުރުމަތްތެރިކޮށް ހިތަންވާނެއެވެ. އަދި އެއްވެސް ޙާލަތެއްގައި އެއްވެސް މީހަކު ނުވަތަ ބަޔަކު ދިވެހި ޤައުމީ ދިދައިގެ ޤަދަރު ކުޑަވާގޮތަށް ޢަމަލުކޮށްގެންނުވާނެއެވެ.
ޤައުމީ ދިދަ ނަގަންވާނީ ހަލުވިކަންމަތީގައެވެ. ތިރިކުރަންވާނީ މަޑުމައިތިރިކަމާއެކުގައެވެ.
ދިވެހި ޤައުމީ ދިދައާ އެހެން ދިދައެއް އެކުގައި ހުންނަގޮތަށް ދެދިދައެއް ނަގާނަމަ ނުވަތަ ބަހައްޓާނަމަ ދިވެހި ޤައުމީ ދިދަ ހުންނާންވާނީ އެދިދައެއްގެ ކަނާތްފަރާތުގައެވެ. ދިދައިގެ ކަނާތްފަރާތް ކަމުގައި ބަލާނީ އެދިދަ ކުރިމަތިކޮށްފައިވާ ފަރާތަށް ކުރިމަތިލައިގެން ހުންނަ މީހާގެ ކަނާތްފަރާތެވެ.
އެހެން ޤައުމީ ދިދައަކާއި ކައްތިރިކޮށް ދިވެހި ޤައުމީ ދިދަ ނަގާނަމަ، ނަގަންވާނީ، ހަމައެކަނި މިނިވަން ޤައުމެއްގެ ދިދައާއެކުގައެވެ.
ކަނޑުމަތީގެ، ނުވަތަ އެއްގަމުގެ، ނުވަތަ ވައިގެ އުޅަނދެއްގައި ވިޔަސް ވަޔަށް ވިހުރުވައިލެވިފައިވާ ޤައުމީ ނިޝާނެއްގެ ގޮތުގައި ނޫނީ ދިވެހި ޤައުމީ ދިދަ ބޭނުންކޮށްގެންނުވާނެއެވެ.
ދިވެހި ޤައުމީ ދިދަ އެހެން ދިދަތަކާއި ނުވަތަ ދިވެހި ދިދައަކާ އެއްވަލެއްގައި ނުވަތަ އެއް ފަށެއްގައި ނަގާނަމަ ދިވެހި ދިދަ ހިމެނޭ ދިދަފަތި ހުންނަންވާނީ އެންމެ މަތީގައެވެ.
ޤައުމީ ދިދައިގެ ޙުރުމަތްތެރިކަމަށް އުނިކަމެއް އަންނަފަދަ މިންވަރަކަށް ބާވެ ނުވަތަ ހަލާކުވެފައިވާ ދިވެހި ޤައުމީ ދިދައެއް، އެއްވެސް ކަމެއްގައި ބޭނުންކޮށްގެންނުވާނެއެވެ.
ކަންހުރިގޮތަކީ މިއެވެ. އެންމެ ފުރަތަމަ އަޅުގަނޑު ދެންނެވީ ބައިނަލްއަޤްވާމީ މިންގަނޑެވެ. ދެން އަޅުގަނޑު މިދެންނެވީ އަޅުގަނޑުމެންގެ ޤައުމުގައި ހަމަޖެހިފައިވާ އަޅުގަނޑުމެންގެ ޤައުމީ ދިދައާބެހޭ ޤަވާޢިދުގެ ބައެއް މާއްދާއެވެ. މިމިންގަނޑުތަކުން ވަރަށް ސާފުކޮށް ޤައުމީދިދައަކީ ކިހާވަރެއްގެ ލޯތްބަކާއި ޤަދަރެއް ދޭންޖެހޭ އެއްޗެއްކަން އެބަ ސާފުވެއެވެ. އެބަ އޮޅުންފިލައެވެ. ޤައުމުގައި ހުރި އެއްވެސް ބިނާއަކަށް އެއްވެސް އެހެން އެއްޗަކާމެދު މިފަދަ އުސޫލުތަކެއް ހަމަޖެހިފައެއް ނުހުރެއެވެ. ޙަޤީޤަތުގައި ޤައުމީ ދިދައަކީ އެއްޤަވާއިދެއް ހަމަޖެހިފައި ނެތަސް ޤައުމުދެކެ ލޯބިވާ ދަރިންގެ ހިތާ ފުރާނައާގުޅިފައިވާ މުޅި ޤައުމު ރަމްޒުކޮށްދޭ ނިޝާނެވެ. އެންމެ ޙުރުމަތްތެރި، އެންމެ ޝަރަފުވެރި އެންމެ ޤަދަރުވެރި ޤައުމީ ފަޚުރެވެ. މިހެންކަންހުރުމާއެކު ބައިނަލްއަޤްވާމީ ޤައުމީ ދިދައާމެދު ޢަމަލުކުރާނޭ ހަމަތަކެއް ކަނޑައެޅިފައި އެހުރީތާއެވެ. އަދި އަމިއްލަ ޤައުމުގައި އަޅުގަނޑުމެންގެ ޤައުމީ ދިދައާމެދު ޢަމަލުކުރަންޖެހޭ ޤަވާޢިދުތަކެއްވެސް ލިޔެވި ކަނޑައެޅިފައި ހުރީތާއެވެ.
ދެން އޮތީ އަޅުގަނޑުމެން އަދާކުރަންޖެހޭ ވާޖިބެވެ. އެއީ ދެން މިތިބީ އަޅުގަނޑުމެންކަމަށްވާތީއެވެ. އަޅުގަނޑުމެންނަކީ މިޤައުމުގެ ދަރިންކަމަށްވާތީއެވެ. އެހެންކަމުން މިއަދު އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޤައުމީދިދައަށް ޙުރުމަތްތެރިކޮށް ހިތެނީ ކިހާވަރަށްތޯ އަމިއްލަހިތާ ސުވާލުކޮށްލަމާތޯއެވެ؟
……………………………….
ޙަވާލާ: 1. ބޮޑުތަކުރުފާނުވާހަކަ (ޞަލާޙުއްދީން) 2. ކެޕްޓަން ދޮންޙަސަން މަނިކުފާނު (އަޙްމަދު ޙަމީދު ފަހުމީ) 3. ނޭޝަނަލް ފްލެގް (ވިކިޕީޑިއާ) 4. ފަތްތޫރަ 298 302 5. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުން ނަންބަރު 89/37
