ތިރީގައި މިވާ ހާދިސާއަކީ އަޅުގަނޑު އިންޑިޔާގެ މަހާރާސްތުރާ ސްޓޭޓްގެ ލޮނަވާލާގައި ކިޔަވަން ހުރިއިރު ދިމާވެފައިވާ ހާދިސާއެކެވެ.
ދުވަހަކީ 2010ވަނަ އަހަރުގެ ފިނިމޫސުމުގެ ދުވަހެކެވެ. ދުންފިނީގެ ސަބަބުން މުޅި ޖައްވު ވަނީ ބަނަވެފައެވެ. އާދީއްތަ ދުވަހަކީ ހަފުތާބަންދު ދުވަހަކަށްވުމާ އެކު ފޫހިފިލުވާލުމަށާއި ބާޒާރުކޮށްލުމަށް ލޮނަވާލާއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ދުރުގައިވާ ޕޫނާއަށް ދިއުމަށް އަޅުގަނޑާއި އަޅުގަނޑުގެ ދެ އެކުވެރިން ނިންމައިފީމެވެ. ހެނދުނު 11 ޖެހިއިރު ޕޫނާއަށް ދިއުމަށް އަޅުގަނޑުމެން ދަތުރުފެށީ ޕޫނާއާއި ލޮނަވާލާ ދެމެދު ދަތުރުކުރުމަށް ޚާއްޞަކުރެވިފައިވާ ރޭލެއްގައެވެ. ބާރުދުވެލީގައި ރޭލު ދުއްވައިލުމާ އެކު ޖައްވުގައިވާ ތެތްފިންޏާ އެކު ގައިގާ ބީހެންފެށި ފިނިފިނި ވައިރޯޅީގެ ސަބަބުން ހަށިގަނޑު ތުރުތުރުއަޅައި ދަތްދޮޅި ތެޅެން ފެށިއެވެ. ދޮޅު ގަޑިއިރުގެ ދަތުރަކަށް ފަހު ޕޫނާއަށް ދެވުނު އިރު އަޅުގަނޑުމެން ތިބީ ހީކަރުވައިގެންގޮސް ހަލާކުވާވަރު ވެފައެވެ. ވުމާއެކު އަޅުގަނޑުމެން އަވަސްވެގަތީ ކޮންމެވެސް ގޮތަކުން ހޫނު ސައިތަށްޓެއް ނުވަތަ ކޮފީއެއް ލިބޭތޯއެވެ. މަޝްހޫރު ކޮފީޝޮޕެއް ކަމުގައިވާ، ކެފޭ ކޮފީޑޭއަށް ގޮސް ހޫނު ކޮފީއަށް އިންސާފުކުރީމެވެ. އެއަށްފަހު ދެން އަޅުގަނޑުމެން ދިޔައީ ބާޒާރުކޮށްލުމަށް ބޮޑު ޝޮޕިންމޯލަކަށެވެ. ބާޒާރުކުރުގައި މަސްއޫލުވެއުޅެމުން ގަޑި ބަލައިލި އިރު ދެގަޑިބައި ވަނީއެވެ. އަޅުގަނޑުމެން ހަވީރުގެ ވަގުތެއްގައި އެނބުރި ލޮނަވާލާއަށް ދިއުމަށް ނިންމާފައިވުމާ އެކު މެންދުރު ނަމާދާއި އަޞުރުނަމާދު ގަސްރުކޮށްކުރުމަށް ނިޔަތް ގަނެގެން މަހާތުމާގާންދީ ރޯޑް (އެމްޖީ ރޯޑް) ގައި ހުންނަ މިސްކިތަކަށް ދިއުމަށް ހިނގައިގެންފީމެވެ. އެ މިސްކިތަކީ އެމްޖީ ރޯޑުން ހަނިގޯޅިގަނޑަކުން ލާފައި ވަދެވޭގޮތަށް ތަންކޮޅެއް އެތެރޭގައި ހުންނަ މިސްކިތެކެވެ.
މެންދުރު ނަމާދާއި އަޞްރުނަމާދު އެކުގައި ކުރުމަށް ފަހު މިސްކިތުން އަޅުގަނޑު ފައިބަންދިޔަ އިރު ވަނީ އަޞުރުނާމާދާ ކައިރިވެފައެވެ. އޭރު އަޞުރުނަމާދަށް މީހުން ވަނީ މިސްކިތަށް އަންނަން ފަށާފައެވެ. މިސްކިތަށް އަންނަމުން ދިޔަ މީހުންތަކުގެ ތެރެއިން ކުއްލިއަކަށް އަޅުގަނޑުގެ ކަޅި ގޮސް ހުއްޓުނީ ވުޟޫކޮށްގެން މިސްކިތަށް އަރަން މަސައްކަތްކުރަމުން ދިޔަ މީހެއްގެ ޙަރަކާތްތަކަށެވެ. މިސްކިތުގެ ބޭރުގައިހުރި ވުޟޫކުރާ އިސްކުރުބަރިން ވުޟޫކޮށްގެން މިސްކިތަށް އެރުމަށް ޓަކައި އަވަސް ހަރަކާތުގައިވާ މީހާ ފެނިފައި އަޅުގަނޑުގެ ލޮލުން އިޚުތިޔާރަކާ ނުލައި، އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ އޮހެން ފެށިއެވެ. އެ ނިކަމެތި މީހާ މިސްކިތަށް ޖެހިފައިވާ ލޯބި ފެނިފައި އަޅުގަނޑު ހުރީ ހަމަ ހައިރާންވެފައެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. މާތްﷲ އޭނާއަށް މި ދުނިޔޭގައި ހުރިހާ ނިއުމަތެއް ދެއްވާފައިވާ ފަދައެވެ. ކޮންމެ މީހަކާ ވެސް އޭނާ ކުރިމަތިލަނީ ހިނިތުންވެ ހުރެއެވެ. ނަމަވެސް އެއީ ދެފައި ނެތް މީހެކެވެ. މާތްﷲގެ ރަހުމަތަށް އެދި އޭނާ މިސްކިތަށް އެ ވަންނަނީ އޭނާގެ ދެ އަތުން ހިނގާފައެވެ.
އަޅުގަނޑުމެން މިތިބީ ކިހާ ބޮޑު ޣާފިލުކަމެއްގައިތޯއެވެ؟ މާތްﷲ އަޅުގަނޑުމެންނަށް ހުރިހާ ނިއުމަތެއް ދެއްވާފައިވާއިރު ވެސް އަޅުގަނޑުމެން ވަނީ އެ ނިޢުމަތްތަކުގެ މަތިން ހަނދާން ނައްތާލާފައެވެ. އަޅުގަނޑުމެން ދެއްވާފައިވާ ނިޢުމަތަށް އަޅުގަނޑުމެން ޝުކުރުވެރިއެއް ނުވެއެވެ. މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ އަގުނުކުރެވޭ ނިޢުމަތްތަކުގެ މަތިން އަޅުގަނޑުމެން ހަނދާން ވަނީ އެ ނިޢުމަތްތަކުން އަޅުގަނޑުމެން މަޙުރޫމުވުމުންނެވެ. އަޅުގަނޑުމެން މިކަމާ މެދު ވިސްނައި ފިކުރުކުރާނީ ކޮން އިރަކުން ހެއްޔެވެ؟
