ތުއްތު ކުއްޖާ ވިހޭތާވީ ތިން ދުވަހެވެ. ނޭވާލާން އުނދަގޫވެ އެކަމަށް ދެވޭނެ ފަރުވާއެއް ނެތުމުން އެތުއްތު ކުއްޖާއަށް ފަރުވާ ދެވެމުންދާ ހޮސްޕިޓަލުން ލަފާދިނީ އިތުރު ފަރުވާއަށްް މާލެއަށް ގެންދިއުމަށެވެ. އާދަޔާ ޚިލާފަށް ކަނޑުގަނދަވެ ވައިގަދަވުމުގެ ސަބަބުން އުތުރުގެ އެރަށުން ފުރާނެ އެއްވެސް އުޅަނދެއްނުވިއެވެ. އެކުޑަ ދަރިފުޅުގެ ފުރާނައާއި ގުޅިފައިވާ މިދަތުރު ކުރެވޭނެ އެހެންގޮތެއް ނެތުމުން ޢާއިލާއިން ނިންމީ އެމް.އެން.ޑީ.އެފް ނޮދަން އޭރިޔާ އާއި ގުޅިގެން ކޯސްޓްގާޑުގެ އެހީތެރިކަން ހޯދުމަށެވެ.
އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގައި އޭރު މަސައްކަތް ކުރަމުންދިޔަ ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ މޫސުމް ކިތަންމެ ގޯސް ނަމަވެސް މައުސޫމް ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމުގެ މަތިވެރި މަސައްކަތުގައި ބައިވެރިވީ އުފަލާއެކުއެވެ. ތުއްތު ކުއްޖާ އާއިއެކު ޑޮކްޓަރަކާއި ނަރުހެއްގެ އިތުރުން ތުއްތު ކުއްޖާގެ މަންމަ އާއި ބައްޕަވެސް ގޮވައިގެން ދަތުރުފެށިތާ މާގިނައިރެއްނުވެ ކުއްޖާގެ ބައްޕަ ބޯއަނބުރާތީ އޮށޯތެވެ. އަދި ހުރިހާކަމެއް ނުތަނަވަސް ކަމެއްގެ ތެރެއަށް ދިޔައީ ޑޮކްޓަރާއި ނަރުސްވެސް ހޮޑުލާން ފެށުމުންނެވެ. ދެން ތުއްތު ކުއްޖާގެ ހުރިހާ ކަމެއްގެ އިތުރުން ޑޮކްޓަރާއި ނަރުސް ބެލެހެއްޓުމުގެ ޒިންމާވެސް ނެގީ ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީގެ ކްރޫއިންނެވެ.
މިއީ ކޯސްޓްގާޑުން މެދުނުކެނޑި ހިންގަމުންދާ މެޑް-ވެކް އޮޕަރޭޝަންތަކުގެ ތެރެއިން ޙާދިޡާއެކެވެ. މިފަދަ އެތައް ތަޖުރިބާތަކެއް ދިވެހި ސިފައިން ވަނީ ކޮށްފައެވެ. މާބަނޑު މީހުން ކަނޑުމަތީގައި ކޯސްޓްގާޑު އުޅަނދުފަހަރުގައި ވިހާފައިވެއެވެ. ހާލުބޮޑުވެ ދުނިޔެ ދޫކޮށްފައިވެއެވެ. މިނޫނަސް ހިތާމަވެރި ކިތަންމެ މަންޒަރުތަކެއް ތަޖުރިބާ ކުރެވިފައިވާ އަދި ތަޖުރިބާ ކުރަމުންދާ އެއްބަޔަކީ އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ހީވާގި ސިފައިންނެވެ.

މެޑް-ވެކް އޮޕަރޭޝަންތައް ހިންގުމަކީ ދިވެހި ސިފައިން ވަރަށް ޢާންމުކޮށް ހިންގަންޖެހޭ އޮޕަރޭޝަނެކެވެ. ރާއްޖެއަކީ ނުވަދިހަ ނުވަ ޕަސެންޓް ކަނޑުގެ ސަރަހައްދުގެ މައްޗަށް ބިނާވެފައިވާ ޤައުމެއްކަމަށްވެފައި ރާއްޖޭގެ އަތޮޅުތަކުގައި ޞިއްޙީ ޚިދުމަތުގެ ފެންވަރު ހުރި ގޮތުން މިމަސައްކަތްކުރުމަކީ އަވަސް މުސްތަޤުބަލެއްގައިވެސް ނުކޮށް ފަރުޖެއްސޭނެ ކަމެއްނޫނެވެ. ޚާއްޞަކޮށް ކުދި ރަށްރަށުގެ ރައްޔިތުންނަށް ދިމާވާ މިފަދަ ދަނޑިވަޅުތަކުގައި ދިވެހި ސފައިންގެ މިމަތިވެރި ޚިދުމަތުގެ އަތެއް ފޯރުކޮށް ދެވޭނެ ގޮތް ނުވެއްޖެނަމަ އެކަންވެގެންދާނީ އެރަށްރަށުގެ ރައްޔިތުންނަށް ފުން އަސަރެއް ކުރުވާނެ ހިތްދަތި ކަމަކަށެވެ. އެކަށީގެންވާ ޞިއްޙީ ޚިދުމަތެއް ލިބޭނެ ހޮސްޕިޓަލަކަށް ނުގެންދެވި ބަލިމީހާ ދުނިޔެ ދޫކޮށްދާތަން ބަލަން ތިބުމަކީ އެއްވެސް އިންސާނަކަށް ކުރެވޭނެ ކަމެއްނޫނެވެ.
އެމް.އެން.ޑީ.އެފް އިން މެޑް-ވެކްގެ ޚިދުމަތް ދިނުމުގައި އަބަދުވެސް ގެންގުޅޭ އުސޫލުތަކެއް ހުރެއެވެ. މިއުސޫލުތަކަކީ އެއިރެއްގެ ސަރުކާރުގެ ހިންގުމުގެ އޮނިގަނޑު ބައްޓަން ވެފައިވާ ގޮތަށް ބިނާވެފައިވާ އުސޫލުތަކެކެވެ. ހޮސްޕިޓަލް ނުވަތަ ޞިއްޙީ މަރުކަޒަކުން ސަރުކާރުގެ ކަމާބެހޭ އިދާރާ މެދުވެރިކޮށް، މިހާރު ނަމަ އެމް.އެން.ޑީ.އެފް އޭރިޔާ ކޮމާންޑަރަށް އެކަން ހުށައެޅުމުން އެކަންކޮށް ދިނުމަކީ ޢާންމު އުސޫލެވެ. ނަމަވެސް ބަދަލުނުވާ ހަމައެކަނި އުސޫލަކީ މިޚިދުމަތް އެމް.އެންޑީ.އެފް ކޯސްޓްގާޑުން ފޯރުކޮށްދިން ނަމަވެސް ނުވަތަ އެމް.އެން.ޑީ.އެފް ރެހެންދި ހެލިކޮޕްޓަރުގައި ދިން ނަމަވެސް މިޚިދުމަތްދެވެނީ ސިޔާސީ ކުލައެއް ނުޖެހި އިންސާނީ ޚިދުމަތެއްގެ ގޮތުގައި މިޚިދުމަތް ފޯރުކޮށްދޭ ކޮށްދިނުމެވެ. ދެހާސް ނުވަވަނަ އަހަރުން ފެށިގެން ދެހާސް އެގާރަ ވަނައަހަރުގެ ނިޔަލަށް ހަމައެކަނި ކޯސްޓްގާޑުން އެކަނިވެސް ވަނީ 79 މީހަކު ކޯސްޓްގާޑު އުޅަނދުފަހަރުގައި އުފުލައި ދީފައެވެ. މިމަސައްކަތީ ޢާންމުކޮށް ކަނޑުގަދަވެ ޢާންމު ދަތުރު ފަތުރުކޮށް އުުޅުމަށް ދަތި ދުވަސްތަކުގައި ކުރަންޖެހޭ ދަތުރެވެ. މޫސުމް ގޯސްވުމުގެ ސަބަބުން ރަށްރަށުން ދަތުރުކޮށްދޭނެ ގޮތެއް ނުވެ ގޮތްހުސްވެފައިވާ ދަނޑިވަޅުތަކުގައި އެމް.އެން.ޑީ.އެފް އިން ފޯރުކޮށްދޭ އެހީއަކީ ޢާންމު ރައްޔިތުންނާއި ދިވެހި ސިފައިންނާއި ދެމެދު ބަދަހިކޮށްދޭ ޚާއްޞަގުޅުމެކެވެ.
ދިވެހި ސިފައިން ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތަކީ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ވަރަށް ޚާއްސަ ޚިދުމަތެކެވެ. ކޮންމެ މޫސުމެއްގައިވެސް ރާއްޖޭގެ ކޮންމެ ހިސާބަކުންވިއަސް އެޚިދުމަތް ފޯރުކޮށް ދިނުމަށް ދިވެހި ސިފައިން ތިބީ ތައްޔާރަށެވެ. ދިވެހި އަސްކަރިއްޔާ ހިއްވަރު ލިބިގަންނަނީ ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ފޯރުންތެރިކަން ދަށް ޢާންމު ފަރުދުންގެ ފަރާތުންނެވެ. އެފަރާތްތަކުން ދިވެހި ސިފައިންނަށް ދެމުންދާ ހިއްވަރެވެ. ދިވެހި ސިފައިންގެ މަސައްކަތް ބަލައިގަނެ، ރާއްޖޭގެ ކަންކޮޅުތަކުން ލިބެމުންދާ ތަޢުރީފްގެ ބަސްތަކަކީ ދިވެހި ސިފައިން ޤައުމަށް ޚިދުމަތް ކުރުމުގައި ނަމޫނާ ބައެއްގެ ގޮތުގައި ދެމިއޮތުމުގެ އެއްސިއްރެވެ.
