މެދުއިރުމަތީގައި 20ވަނަ ގަރުނުގެ ފަހުކޮޅު ހިނގި އެންމެ ބޮޑު ހަނގުރާމައަކީ މުސްލިމު ދެ ޤައުމުކަމުގައިވާ އީރާނާއި އިރާގާ ދެމެދުގައި ހިނގި ހަނގުރާމަ (1980-1988) އެވެ. އަށް އަހަރު ދުވަހުގެ ދިގު މުއްދަތަކަށް މި ހަނގުރާމަ ދިގުލައިގެން ދިޔައެވެ. މި ހަނގުރާމައިގެ ސަބަބުން އީރާނަށާއި އިރާގަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި މި ހަނގުރާމައިގެ އަސަރު މުޅި ސަރަހައްދަށް ފޯރިއެވެ.
އީރާނާއި އިރާގުގެ ހަނގުރާމަ ފެށުނީ އީރާނުގައި ހުޅަނގަށް ބަރޯސާވެފައި އޮތް ޒަމާންވީ ރަސްކަން 1979ވަނަ އަހަރު އެ ޤައުމުގައި ގެނައި އިސްލާމީ އިންގިލާބަކުން ވައްޓާލުމެވެ. އިސްލާމީ އިންގިލާބަށްފަހު އީރާނުގައި ގާއިމުކުރި އާޔަތުﷲ ހުމޭނީގެ ވެރިކަން ވައްޓާލައި ހުޅަނގުން ބޭނުންވާ ކަހަލަ ވެރިކަމެއް ގާއިމުކުރަން އެމެރިކާއާއި ހުޅަނގުން ބޭނުންވިއެވެ. އެހެންކަމުން އިރާގުގެ ރައީސް ސައްދާމް ޙުސައިނަށާއި އަރަބި ވެރިންނަށް އެމެރިކާއިން ވިސްނައިދިނީ އީރާނުގެ އިންގިލާބުގެ އަސަރު އެ ޤައުމުތަކުގެ ވެރިކަމަށް ވެސް ފޯރަފާނެކަމަށެވެ. އެ ބިރުވެރިކަން އިހުސާސް ކުރިގެން 1980 ސެޕްޓެންބަރު 22ވަނަ ދުވަހު އިރާގުން އިސްވެ އީރާނަށް ހަމަލާދިނުމުން އީރާނާއި އިރާގުގެ ހަނގުރާމަ ފެށުނެވެ. މި ހަނގުރާމަ އިސްވެ ފެށްޓެވި އިރާގުގެ ރައީސް ސައްދާމް ޙުސައިންގެ ބޭނުންފުޅަކީ އީރާނުގެ އިންގިލާބުގެ ބާރު ކުޑަކޮށް، ސަރަހައްދުގައި އެމަނިކުފާނުގެ ބާރުގަދަކުރެއްވުމެވެ. މީގެ އިތުރުން މި ހަނގުރާމަ ކުރިއަށް ދިއުމުގައި އީރާނާއި އިރާގާ ދެމެދުގައި ކުރިން ވެސް އޮތް ސަރަހައްދީ ބޯޑަރުގެ މައްސަލައާއި ނަސްލީ އަދި މަޒުހަބީ ތަފާތުތަކުގެ މައްސަލަ މުހިންމު ދައުރެއް އަދާކުރިއެވެ.
އީރާނާއި އިރާގާ ދެމެދުގައި ކުރެވުނު ހަނގުރާމައިގައި ގިނަ ޢަރަބި ޤައުމުތަކުން ތާއީދުކޮށް އެހީތެރިވީ އިރާގަށެވެ. މި ޤައުމުތަކުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާ، ކުވައިތާއި ޔޫއޭއީ ހިމެނެއެވެ. އަދި އިޒުރޭލާއި އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ސޯވިއެޓް ޔުނިއަނުން ވެސް ތާއީދުކުރީ އިރާގަށެވެ.
އީރާން އޮތީ އިސްލާމީ އިންގިލާބަށްފަހު ބައިނަލްއަޤްވާމީ މައިދާނުގައި އެކަހެރިކުރެވިފައެވެ. އީރާނަށް ތާއީދުކުރީ ސީރިއާއާއި ލީބިޔާއިންނެވެ.
އީރާނާއި އިރާގުގެ ހަނގުރާމަ ދިގުލައިގެން ދިޔައީ ދެ ފަރާތުންކުރެ ފަރާތަކުން އުންމީދުކުރިވަރުގެ ކާމިޔާބެއް ނުލިބުމުންނެވެ. މި ހަނގުރާމައިގައި އީރާނުން ހިފި އިރާގުގެ ސަރަޙައްދުން ފަހަތަށް ޖެހި ހަނގުރާމަ ހުއްޓާލުމަށް 1982ވަނަ އަހަރު އިރާގުން ހުށަހެޅިއެވެ. އީރާނުން އެ ހުށަހެޅުން ގަބޫލުކުރަން ހުށަހެޅީ ހަނގުރާމައިގެ ބަދަލު އިރާގުން ދިނުމާއި، އިރާގުގެ ރައީސް ސައްދާމް ޙުސައިން ވެރިކަމުން ދުރުވެ ވަޑައިގަތުމެވެ. މި ކަންކަމަށް އިރާގުން އެއްބަސް ނުވުމުން ހަނގުރާމަ ދިޔައީ ކުރިއަށެވެ.
އިރާގުން 1984ވަނަ އަހަރު ކެމިކަލް ހަތިޔާރު ބޭނުންކުރިއެވެ. 1987ވަނަ އަހަރުން އަނެއްކާ ވެސް އިރާގުގެ ރައީސް ސައްދާމް ޙުސައިން ހަނގުރާމަ ހުއްޓާލުމަށް ގޮއްވާލެއްވި ގޮވާލުމާ އިރާނުގެ ރޫޙީ ލީޑަރު އާޔަތުﷲ ހުމައިނީ ދެކޮޅު ހެއްދެވިއެވެ. އިރާގާއި އީރާނާ ހަނގުރާމަކުރެވުނު ދުވަސްވަރު އެމެރިކާއާއި ޔޫރަޕްގެ ބައެއް ޤައުމުތަކުން އިރާގަށް ހަތިޔާރު ވިއްކައިގެން ބޮޑު އާމުދަނީއެއް ދިޔައީ ހޯދަމުންނެވެ.
އީރާނާއި އިރާގު ހަނގުރާމަ ނިމުމަކަށް އައީ އ.ދގެ ސަލާމަތީ މަޖިލީހުން މި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ފާސްކުރި ގަރާރު 18 ޖުލައި 1988ގައި އީރާނުން ގަބޫލުކުރުމުންނެވެ. ދެ ފަރާތުން ހަނގުރާމަ ހުއްޓާލީކަން އިޢުލާންކުރީ 20 އޮގަސްޓު 1988ގައެވެ. އީރާނުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ އެ ޤައުމުގެ އިޤްތިޞާދު ވަރަށް ބޮޑަށް ދަށަށް ދިއުމުންނެވެ. މި ގަރާރު ގަބޫލުކުރުމަކީ އީރާނުގެ އޭރުގެ ރޫޙީ ލީޑަރު އާޔަތުﷲ ޚުމައިނީ ސިފަކުރެއްވި ގޮތުގައި ”ޒަޚަރު ތަށްޓެއް ބުއިމަށްވުރެ މާ ވޭންދެނިވި“ ކަމެކެވެ. މި ހަނގުރާމައިގައި ގާތްގަނޑަކަށް އެއް މިލިއަން މީހުންނަށް ވުރެ ގިނަ މީހުން މަރުވެ، ނުވަތަ ޒަޚަމުވިއެވެ.
