ގައިގެ ތަނެއް ހިރުވައިގަންނަ ހިނދު، ކަހައިލާނެ އަތެއް ނެތް ޙާލަތު ހިތަށް ގެނެސްބަލާށެވެ. ލޯބިވާ މީހުންގެ ގައިގައި ލޯބިން ބައްދާލާނެ އަތެއް، މީރު ކާއެއްޗެއް ފެނުމުން އެ އެއްޗެއް ނަގާނެ އަތެއް، އަދި އަމިއްލައަށް ކަންކަންކޮށް އުޅުމަށް އެންމެ މުހިންމު އެއް ގުނަވަންކަމުގައި ވާ ދެ އަތް ޤުދުރަތުން ލިބިފައިނެތް ޙާލަތު ނިކަން ހިތަށް ތަޞައްވުރުކޮށްބަލާށެވެ. އެހެން ހުރިހައި ހިއްސުތަކެއް ސަލާމަތުންހުރެ، ހިނގާބިނގާވެ އުޅޭނެ ދެ ފައި ނެތް ޙާލަތު ހިތަށް ގެނެސްބަލާށެވެ. އަދިވެސް ނިކަން ހިތަށް ގެނެސްބަލާށެވެ. ތިމާގެ ދެ އަތާއި ދެ ފައި ވެސް ނެތި ދުނިޔެއަށް އުފަންވެއްޖެ ނަމަ، ތިމާ ދިރިއުޅޭނީ ކޮން ފަދަ ދަތި ޙާލެއްގައިތޯއެވެ؟ މި ފަދަ ނާދިރު ހިތްދަތި ޙާލަތެއްގައި، ދިރިއުޅުމާ ކުރިމަތިލުމުގެ ޢަޒުމާއި ހިތްވަރާއި ކެތްތެރިކަމަކީ ވަޔަކުން ހާސިލުކުރެވޭނޭ ކަންކަމެއް ނޫނެވެ. ތަހައްމަލުކުރުމުގެ އިންތިހާއާއި، ކެތްތެރިކަމުގެ އިންތިހާއަށް ގޮސްގެން ނޫނީ، މި ފަދަ ނުކުޅެދުންތެރިކަމެއް ހުރި ނަފުސެއް، ”ކުޅެދުންތެރި“ ޝަޚުޞިއްޔަތަކަށް ބަދަލުނުވެވޭނެއެވެ. އާނއެކެވެ. ނިކް ވޫއިޗިޗްގެ ޙަޔާތަކީ މި ފަދަ ޙަޔާތެކެވެ. ނިކްގެ ޙަޔާތަށް ނަޒަރު ހިންގައިލުމުން، އަހަރެމެންނަށް ގިނަގުނަ ދަރެސްތަކެއް ލިބިގެންދެއެވެ. ނިކްއަކީ ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. މަޝްހޫރު ލިޔުންތެރިއެއް އަދި ފިލްމީ ފަންނާނެއްގެ އިތުރުން ވިޔަފާރިވެރިއެކެވެ. ނިކްގެ ޙަޔާތުން އަހަރެމެންނަށް ޙައިރާންކަން ލިބެނީ، އޭނާއަކީ ކުރިން މި ފާހަގަކުރި ކަންކަމުގައި އަރައިހުރި މީހަކަށް ވާތީކީ ނޫނެވެ. ގޮންޖެހުންތަކާއި، ދަތިއުނދަގޫތަކާ ކެރިގެން ކުރިމަތިލުމުގެ ވިސްނުމުގައި، މި ފަދަ ކާމިޔާބު މީހަކަށް ވުމަށް ކުރި އުނދަގޫ ދަތުރުގެ ސަބަބުންނެވެ.

ނިކްއަކީ އަތްފައި ނެތް ޚާއްޞަ އެހީއަށް ބޭނުންވާ މީހެއްގެ ގޮތުގައި ދުނިޔެއަށް އުފަންވެފައިވާ މީހެކެވެ. ނަމަވެސް، މުޖުތަމަޢުގައި މުހިންމު މީހެއްގެގޮތުގައި ވުމަށް ނިކް ކުރި ކާމިޔާބު ދަތުރުގެ އަސްލަކީ، ގޮންޖެހުންތަކަކީ ފުރުޞަތުތަކެއްގެ ގޮތުގައި ދެކިގެން ދިރިއުޅުމާއި ކުރިމަތިލި ކުރިމަތިލުމެވެ. ތިމާއަށް ލިބިފައިވާ މިންވަރަށް ރުހި، ޝުކުރުވެރި ހިތަކާ އެކު ދިރިއުޅުމުގެ ގޮންޖެހުންތަކާއި ކުރިމަތިލުމުގެ މުހިންމުކަން ވިސްނުނު ހިސާބަކީ، ނިކްގެ ޙަޔާތް ބަދަލުވާން މެދުވެރިވި ސަބަބެވެ. މިއަދު، ނިކްގެ ޙަޔާތަށް ގިނަބަޔަކު ބަލަނީ، އުންމީދު އައުކޮށްދޭ، އަނދިރި ޙަޔާތަށް އަލިކޮށްދޭ ދަންމަރެއްގެ ގޮތުގައެވެ. މާޔޫސްކަމުގެ ވަގުތުގައި، ނުތަނަވަސްކަމުން އަރައިގަތުމަށް ލިބިދޭ ހިތްވަރެއްގެ ގޮތުގައެވެ.
ނިކްގެ ކާމިޔާބީގެ އުނދަގޫ ދަތުރުގައި، ޙާޞިލުވެފައިވާ ހިސާބަށް ދިއުމުގައި ނިކް ކުރީ ކޮން ކަމެއްހެއްޔެވެ؟ މިއީ ހިތުގައި އުފެދޭނޭ ސުވާލެކެވެ. 1982ވަނަ އަހަރު އޮސްޓްރޭލިޔާގެ މެލްބަންއަށް އުފަން ނިކް ވޫއިޗިޗް އުފަންވެފައި ވަނީ، މަދުން ނޫނީ ނުފެންނަ ނުކުޅެދުންތެރި ކަމެއްކަމުގައި ވާ ޓެޓްރާ-އަމެލިއާ ސިންޑްރޫމް ހުރި ބަލިމީހެއްގެ ގޮތުގައެވެ. މި ފަދަ ޚާއްޞަ އެހީތެރިކަން ބޭނުންވާ ބަލިކުއްޖެއްގެ ހާލަތަށް ހޭނުމަށް ޓަކައި، ނިކްގެ ޢާއިލާއަށް ވެސް ވަގުތު ބޭނުންވިއެވެ. ފުރަތަމަކޮޅު، ނިކްގެ ޙާލަތުގެ ސަބަބުން، ޢާއިލާއަށް ނުތަނަވަސްކަން ކުރިމަތިވި ނަމަވެސް، ޙަޤީޤަތާ ކުރިމަތިލައި، ވީއެންމެ ރަނގަޅަކަށް ނިކް ބަލައި ބޮޑުކުރުމަކީ ކުރަންޖެހޭ ކަމެއްކަމުގައި ޢާއިލާއަށް ވިސްނުނެވެ. އެހެންކަމުން، އަބަދުވެސް ފަހިވިސްނުމުގައި، ކަންކަމަށް ނަޒަރުހިންގުމަށް ނިކްއަށް ވިސްނަދެމުން ގެންދިޔައެވެ. އަދި، ޢާއިލާއިން ނުހަނު ބޮޑަށް ތަބަޢަވަމުންދާ ނަޞާރާ ދީނުގެ ޤަބޫލުކުރުންތަކާއި ޢަޤީދާއިން ނިކްއަށް އިތުރަށް ހިތްވަރުދެމުންދިޔައެވެ. ނަތީޖާއެއްގެ ގޮތުން، ނަޞާރާ ދީނުގެ ޢަޤީދާއިން އޭނާއަށް ދަސްވި ކަންތައްތަކުގެ އަލީގައި ވިސްނުން ބައްޓަންކޮށް، ހެއްދެވިފަރާތުގެ ނިޔާއަށް ރުހި، ދިރިއުޅުމައިގެން ކުރިއަށްދިއުމުގެ ހިތްވަރު އާކުރިއެވެ. ނަމަވެސް، އެކުގައި އުޅޭ އެއް ޢުމުރުފުރައިގެ ކުދީންގެ ފަރާތުން، ހިތްދަތިކަން ކުރިމަތިކުރަނިވި ގަނާކުރުމާއި، ފުރައްސާރައާ އެތައް ފަހަރަކު ކުރިމަތިލާން ޖެހުނެވެ. ދިމާކުރުންތަކާއި ގަނާކުރުންތަކާ ހިތްވަރާ އެކު ކުރިމަތިލައި ނަފުސު ވަރުގަދަކުރުމުގެ ހިތްވަރު އައުކުރި ނަމަވެސް، މި ކަންކަން ތަހައްމަލުކުރުމުގައި ނިކްއަށް ނުހަނު ހިތްދަތިކަމާއި މާޔޫސްކަމާއި ޑިޕްރެޝަން ތަހައްމަލްކުރަންޖެހުނެވެ. މި މާޔޫސްކަމުގައި، ފެންބިލިގާ ތެރޭގައި އަމިއްލައަށް ޣަރަޤުވެގެން މަރުވާން ވެސް ނިކް މަސައްކަތްކޮށްފައި ވެއެވެ. ނަމަވެސް، އަމިއްލައަށް ފުރާނަ ދުއްވާލައިފި ނަމަ، އެ ކަމުގެ ސަބަބުން އޭނާގެ މައިންބަފައިންނަށް ލިބޭނެ ހިތްދަތިކަން ތަޞައްވުރުކުރެވުމުން، ނިކްގެ މި ވިސްނުން ދޫކޮށްލިއެވެ. ޙަޔާތުގެ ކުރީކޮޅު، ނިކްއަކީ އޭނާގެ ޙާލަތާ މެދު ހެއްދެވިފަރާތަށް ވެސް ނަފްރަތުކުރާ، ދުނިޔެމަތީން ފޫހިވެފައި ވާ ކުއްޖެކެވެ. އަދި އެތަށް ފަހަރަކު، މުޢުޖިޒާތަކުން ނަމަވެސް، އޭނާގެ ހަތަރެސްފައި ދެއްވާތޯ ދުޢާކޮށްފައި ވާނެ ކަމުގައި ނިކް ބުނެފައި ވެއެވެ. ނަމަވެސް، ޙަޔާތުގެ ވަކި ހިސާބަކުން ނިކްގެ ވިސްނުން ބަދަލުވާން ފެށިއެވެ. އަދި ޙަޔާތުގައި ދިމާވާ ގޮންޖެހުންތަކުގެ ބޭނުމާ ދޭތެރޭ ވިސްނައި، ތިމާގެ ނަފުސުގެ ޤާބިލިއްޔަތުކަން ރަނގަޅަށް ވަޒަންކުރުމުގެ މުހިންމުކަމާއި، އުންމީދާ އެކު ގޮންޖެހުންތައް ގިރާކުރުމުގެ މުހިންމުކަން ނިކްއަށް ވިސްނެން ފެށިއެވެ. މިއާ އެކު، ނިކް ޤަބޫލުކުރީ، ގޮންޖެހުންތަކަކީ ތިމާގެ ނަފުސު ހިސޯރުކުރާ އެއްޗަކަށް ހެދުމުގެ ބަދަލުގައި، އެއީ ތިމާ ކަންކަމާ މެދު ދެކޭގޮތްތައް އިތުރަށް ހަރުދަނާކޮށް ނަފުސުގެ ޤާބިލުކަން އިތުރުކުރުމަށް ލިބިދޭ ފުރުޞަތެއްގެ ގޮތުގައެވެ.

ނިކްގެ މި އުންމީދީ ވިސްނުން އޭނާގެ ސްކޫލްގެ އެކުވެރީންނާ އެކު ޙިއްސާކުރަން ފެށި ހިސާބަކީ، ނިކްގެ ޙަޔާތުގެ އައު ދަތުރުގެ ފެށުމެވެ. މި ހިސާބުން، ސްކޫލްގެ ޙަރަކާތްތަކުގައާއި، އިޖްތިމާޢީ އެކިއެކި ޙަރަކާތްތަކުގައި، އަޑުއަހާމީހުން ޝައުޤުވެރިކުރުވާ ފަދަ އުންމީދީ ހުށަހެޅުންތަކެއް ނިކް ހުށަހަޅަން ފެށިއެވެ. އަދި ވާހަކަދެއްކުމުގެ ހުނަރުގެ ބޭނުންކޮށް، އަޑުއެހުންތެރިންގެ ލޮލުން ކަރުނަ ފާއްދާލާ، އެތައް ބަޔަކު ހެއްވާލުމުގެ ކުޅަދާނަކަން ލިބިފައި ވާ މީހެއްގެ ގޮތުގައި ނިކް މަޝްހޫރުވާން ފެށިއެވެ.
ނިކް ޤަބޫލުކުރާގޮތުގައި، ކޮންމެ އިންސާނަކު ވެސް ދުނިޔެއަށް އަންނަނީ ކޮންމެވެސް މަޤުޞަދެއް އޮވެގެންނެވެ. ކޮންމެ މީހެއްގެ ވެސް ކޮންމެވެސް ދައުރެއް މި ދުނިޔޭގެ ދިރިއުޅުމުގައި އޮންނާނެކަމާއި، އެ ދައުރު ތިމާ އަމިއްލައަށް ދެނެގަނެ، ޙަޤީޤަތާއި ކުރިމަތިލާން ދަސްކޮށް، ފަސްނުޖެހި ކުރިއަށްދާން މަސައްކަތްކުރުމަކީ ކޮންމެ މީހަކު ވެސް ކުރަންޖެހޭނެ ކަމެއްކަމުގައި ނިކް ޤަބޫލުކުރިއެވެ. އަދި މާތް ރަސްކަލާނގެ އިންސާނަކު ވަކިގޮތަކަށް ހައްދަވައި ދުނިޔޭގައި ލައްވާނީ އެ ކަލާނގެ ދެނެވޮޑިގެންވާ، ޚާއްޞަ ސަބަބަކަށް ޓަކައި ކަމުގައި ވީ ހިނދު، ދަތި އުނދަގޫތަކާއި، ވޭނާއި ހިތްދަތިކަމުން ފުރިފައިވާ ގިލަންވެރި ޙަޔާތަކާ ކުރިމަތިލުމުގައި ކެތްތެރިކަމާ އެކު، ރަނގަޅު ވިސްނުމެއްގައި ކުރިއަށްދާ ނަމަ، ގޮންޖެހުންތައް ގިރާކުރުމުގެ މަގު ހަމަ ކޮންމެ މީހަކަށް ވެސް ފަހިވާނެއެވެ.

އޮސްޓްރޭލިއާގެ ގްރިފިތް ޔުނިވާސިޓީން އެކައުންޓިންގ އަދި ފައިނޭންޝަލް ޕްލޭނިންގ ދާއިރާއިން ބެޗެލާސް ޑިގްރީގެ ސަނަދު ޙާޞިލްކޮށް ދަސްވެނިވުމަށް ފަހު، ނިކްގެ ޢުމުރުން 19 އަހަރުގައި، ޢާންމު ތަންތަނުގައި މީހުން ޝައުޤުވެރިކުރުވާ ފަދަ ތަޤްރީރުތައް ދޭންފެށިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ނިކް ދެމުންދާ ތަޤްރީރުތަކުގެ ސަބަބުން، ޙަޔާތް މޮޅިވެ، މާޔޫސްވެފައި ވާ އެތައް ބަޔަކަށް އުންމީދުލިބި، ހިތްވަރާ އެކު އަލުން ދިރިއުޅުމާ ކުރިމަތިލުމުގެ ވިސްނުން ގެނެސްދިނެވެ. ނުކުޅެދުންތެރިކަންހުރި އެތައް ބަޔަކަށް އަދި ދަރިވަރުންނަށާއި، ބެލެނިވެރިންގެ އިތުރުން، ޓީޗަރުންނާއި، ވިޔަފާރިވެރީންނާއި، އެކިއެކި ފަންތީގެ އަންހެނުންނާއި ފިރިހެނުންނަށް ނިކް ދެމުންދިޔަ ތަޤްރީރުތަކުން އެނގިގެންދަނީ، އެއްވެސް އަގަކާއިނުލައި އަހަރުމެންނަށް ލިބިފައި ވާ ގިނަގުނަ ނިޢުމަތްތަކާ މެދުގައި، އަހަރުމެން ޣާފިލުވެފައި ވާ މިންވަރެވެ. ސުވާލުކޮށްލަން ޖެހެނީ، މި ހުރިހައި ނިޢުމަތްތަކެއްގެ ބަދަލުގައި، ނުވަތަ އެ ނިޢުމަތްތަކުގެ ބޭނުންކޮށްގެން އަހަރުމެންނަށް މުޖުތަމަޢަށް ދެވުނީ ކޮން އެއްޗެއްހެއްޔެވެ؟ ޝުކުރުވެރިވުމުގެ ގޮތުން އަހަރުމެންނަށް ކުރެވުނީ ކޮން ކަމެއްހެއްޔެވެ؟

މިއަދު، ނިކް ވޫއިޗިޗްއަކީ، ހިލޭސާބަހަށް މަސައްކަތްކުރާ ”ލައިފް ވިތައުޓް ލިމްބްސް“ (Life Without Limbs) ޖަމްޢިއްޔާގެ ބާނީއެވެ. އަދި ”ސިކްސްޓީ މިނިޓްސް“ (60 Minutes) ފަދަ މަޝްހޫރު އެތައް ޓީވީ ޕްރޮގްރާމްތަކެއް ނިކް ހުށަހަޅައިދީފައި ވެއެވެ. މީގެއިތުރުން، ނިކް އެކްޓަރެއްގެ ގޮތުގައި ޙަރަކާތްތެރިވެ އުފައްދާފައި ވާ ”ދަ ބަޓަފްލައި ސަރކަސް“ (The Butterfly Circus)އަށް 5 އެވޯޑް ލިބިފައި ވެއެވެ. ނިކްގެ މައިންބަފައިން ހިމެނޭގޮތަށް، ގިނަ ބަޔަކު ނިކްގެ ޒަވާޖީ ޙަޔާތާ މެދު ނާއުންމީދީ ގޮތަކަށް ދުށް ނަމަވެސް، 2012ވަނަ އަހަރު ކައިވެނިކޮށްފައި ވާ ނިކްއަކީ, މިއަދު އުފާވެރި ޒަވާޖީ ޙަޔާތެއް ވޭތުކުރަމުންދާ 4 ކުދީންގެ ބައްޕައެކެވެ. ނިކްގެ ޙަޔާތަކީ، ގޮންޖެހުންތަކާ ކުރިމަތިލުމަށް ޓަކައި ހިތްވަރު ލިބިގަތުމަށް އެދޭ ބަޔަކަށް ގިނަގުނަ ފިލާވަޅުތަކެއް ލިބިދޭ ޙަޔާތެކެވެ. ކަންކަމާ މެދު ތިމާ ދެކޭ ގޮތާއި، ދިރިއުޅުމުގެ ޢަމަލުތަކުގައި ތިމާގެ މިޒާޖާއި، އިޖްތިމާޢީ އަޚްލާޤާއި، ކަންކަމާ ކުރިމަތިލުމުގައި ބިރު ފަހަނައަޅައި ގޮސް ހިތްވަރު ލިބިގަތުމާއި، ކެތްތެރިވުމުގައި ސާބިތު ޝަޚްސަކަށް ވުމުގެ މުހިންމުކަމަކީ ނިކްގެ ޙަޔާތުގެ ފަތްފުށްތަކަށް ނަޒަރު ހިންގައިލުމުން ފެންނަން ހުރި ޢިބްރަތްތެރި ޞަފްޙާތަކެކެވެ. ލިބިފައި ވާ ނިޢުމަތްތަކަށް ހެޔޮހިތުން ޝުކުރުވެރިވުމާއި، ތިމާގެ ޖިސްމު ޤުދުރަތުން ލައްވާފައި ވާ ގޮތަށް ރުހި މިންވަރަށް އީމާންވުމާއި، ދިރިއުޅުމުގެ މަޤުޞަދާއި ދޭތެރޭގައި ވިސްނުންހިންގައި، ކުރެވުނު ގޮތަކަށް މުޖުތަމަޢަށް ޚިދުމަތްކުރުމަކީ އޭނާގެ ދިރިއުޅުމުން ލިބިދޭ ދަރެސްތަކެވެ. މާޔޫސްކަމާއި، ހިތްދަތިކަމާއި، ދަތިއުނދަގޫ ތަހައްމަލްކުރަން ޖެހޭ ފަދަ ޙާލަތްތައް މެދުވެރިވެފައި ވާ ކޮންމެ މީހަކަށް، ނިކްގެ ޙަޔާތުގެ ޞަފްޙާތަކުން ވެސް އުންމީދު އާވާނޭކަން ޔަޤީނެވެ.
