ޢައިން ޖާލޫތު ހަނގުރާމައަކީ އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ހަނގުރާމައެކެވެ. މި ހަނގުރާމައަކީ މިޞްރުގައި އޮތް މަމްލޫކުން (މަމާލިކުން)ގެ އިސްލާމީ ލަޝްކަރާއި މޮންގޯލިޔާ މީހުން (ތަތާރުން)ނާ ދެމެދު ހިޖުރައިން 658 ރަމަޟާން 25 ވަނަ ދުވަހު (މީލާދުން 1260 ސެޕްޓެންބަރު މަހުގެ 3 ވަނަ ދުވަހު) ކުރެވުނު ހަނގުރާމައެކެވެ. މި ހަނގުރާމައަކީ މޮންގޯލުން ލަޝްކަރުން، މެދުއިރުމަތީގެ އިސްލާމީ ޤައުމަކަށްފަހު ޤައުމެއް ނުވަތަ ރަށަކަށްފަހު ރަށެއް ހިފަމުން އައި އައުން ނިކުމަކަށް ގެނައި ހަނގުރާމައެވެ. މި ހަނގުރާމައަށް ޢައިން ޖާލޫތުގެ ނަން ދެވިފައި ވަނީ މި ހަނގުރާމަ ހިނގި ސަރަޙައްދަށް ނިސްބަތްކޮށެވެ. މި ހަނގުރާމައަކީ އާދަޔާ ޚިލާފު ހިތްވަރުގަދަ މުސްލިމު ލީޑަރެއް ކަމުގައިވާ ސުލްޠާން މުޡައްފަރު ސައިފުއްދީން ޤުޠުޒުގެ ހިތްވަރުފުޅު ގަދަކަން ހާމަވެގެން ދިޔަ ހަނގުރާމައެކެވެ.
ބަޣުދާދުގައި އޮތް އިސްލާމީ ދައުލަތް ވައްޓާލުމަށް މޮންގޯލުން ފެށި ދަތުރުގައި ފުރަތަމަ އަރައިގަތީ ޚުރާސާނަށެވެ. ޙުރާސާނުން އެތައް ހާސް މުސްލިމުންނެއް ޝަހީދުކޮށް ސުންނާފަތި ކުރިއިރު ކައިރީގައި އޮތް އިރާގުން ހުރާސާނުގެ މުސްލިމުންނަށް އެހީވުމުގެ ބަދަލުގައި އޮތީ ކުޅިބަލާށެވެ. އެ މީހުން މަސައްކަތްކުރީ މޮންގޯލުންނަށް ހަދިޔާބަދިޔާ ދީގެން ސުލުހަވެރިވެ އަމިއްލަ ގައުމު ނުރައްކަލުން ސަލާމަތްކުރާށެވެ. މާގިނަ ދުވަހެއް ނުވެ މޮންގޯލުން އިރާގަށް އަރައިގަތެވެ. ބަޣުދާދު ސުންނާފަތިކޮށް އަންދާ އަޅިއަށް ހަދައި އެތައް ހާސް މުސްލިމުންނެއް ޝަހީދުކޮށް، ބަޣުދާދުގައި އޮތް ޢައްބާސީ ދައުލަތް ނިމުމަކަށް ގެނައެވެ.
މޮންގޯލުން ބަޣުދާދު ހިފައި އެތައް މުސްލިމުންނެއް ޝަހީދުކުރި މަންޒަރު ބަލަން ކައިރީގައި އޮތް ޝާމުކަރައިގެ މުސްލިމުން ތިއްބެވެ. އިރާގަށް އެހީވުމުގެ ބަދަލުގައި އެ ގައުމުން ވެސް އިސްކުރީ މޮންގޯލުންނާ ސުލުހަވެރިވެ ގައުމު ސަލާމަތްކުރުމަށެވެ. މޮންގޯލުންނަށް ސަނާކިޔާ ޖިޒީދައްކަމުން ދަނިކޮށް މާ ގިނަ ދުވަހެއް ނުވެ މޮންގޯލް ލަޝްކަރު ޝާމްކަރައަށް އަރައި ދިމިޝްޤު ސުންނާފަތިކޮށް ޙަލަބު އަންދާލިއެވެ. އަދި ޙިމްޞުގެ މަގުތައް މަތީގައި ޝަހީދުކުރި މުސްލިމުންގެ ލޭކޯރުތައް ދެމެމުންދިޔައެވެ. ނަމަވެސް މިތަނެއް ކައިރީގައި އޮތް މިޞްރުގެ މުސްލިމުންނަށް ފެންނަކަމަކަށް ނުހެދިއެވެ. މިޞްރުގެ ވެރިކަމުގައި ތިބި މަމްލޫކުންގެ ބޮޑުން ވެސް ބާރުއަޅަމުން ދިޔައީ މޮންގޯލުންނާ ސުލުހަވެރި އެއްބަސްވުމަކަށް ދާށެވެ. މި ނުރައްކާތެރި ހާލަތުގައި މަމްލޫކުންގެ ރަސްކަމުގައި ހުންނެވި 15 އަހަރުގެ ސުލްޠާން އަލް މަންޞޫރު ޢަލީގެ ބާރުތައް ނަންގަވައި ތެދުވެ ވަޑައިގެން ލީޑަރަކީ ސުލްޠާން މުޡައްފަރު ސައިފުއްދީން ޤުޠުޒެވެ. އެމަނިކުފާނު މުސްލިމު އަމީރުންނަށް ޖިހާދަށް ގޮވާލެއްވިއެވެ. އަދި ގިނިކަންޏާ ނަމަވެސް ދުޝްމަނުންނާ ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެ ވަރަށް އަސަރުގަދަ ތަޤުރީރެއް ކުރެއްވިއެވެ. ސުލްޠާން ސައިފުއްދީން ޤުޠުޒު އިސްލާމީ އުންމަތުގެ ދިފާޢުގައި ޖިހާދަށް ގޮވާލައްވައި ދެއްވި މި ތަޤުރީރަށްފަހު މޮންގޯލުން މިޞްރަށް އިންޒާރުކުރުމަށް ފޮނުވި މަންދޫބުން ގަތުލުކޮށް ބޭރު ދޮރޯށިތަކުގައި އެލުވުމަށް އަމުރުކުރެއްވިއެވެ. އެއަށްފަހު ޖިހާދު އިޢުލާންކުރައްވައި ދުޝްމަނުންނާ ވާނެ ސުލުހައެއް ނެތްކަން އިޢުލާންކުރެއްވިއެވެ.
ސުލްޠާން ސައިފުއްދީން ޤުޠުޒް ހަނގުރާމައަށް ދަހަނާ ތުރުކުރައްވައި އަހަށް ސަވާރުވެވަޑައިގަތެވެ. ދުޝްމަނުންގެ ލަޝްކަރަކީ ހުރިހާ ގޮތަކުން ވެސް މާ ބާރުގަދަ ލަޝްކަރެއްކަން އެނގިވަޑައިގެން ހުންނަވައެވެ. ހަނގުރާމައިގެ ފޯރި އެންމެ ގަދަވި ވަގުތު ދުޝްމަނުންގެ މީހަކު ފޮނުވާލި ހަމަލާއެއް ސުލްޠާން ސައިފުއްދީން ޤުޠުޒް ސަވާރުވެވަޑައިގެން އިންނެވި އަހަށް އެރިއެވެ. އެ ހިސާބުން އަސް ދޫކޮށްލައްވައި މައިދާނަށް ފައިބައިވަޑައިގެންނެވިއެވެ. އަދި އިސްތަށިފުޅުގައި އޮތް ދަގަނޑު ކޯރިކޮޅު ނަންގަވައި މުސްލިމުންނަށް ހަރުއަޑުފުޅުން ގޮވާލައްވައި ނަޣަރާ ކުރައްވަމުން ކުރިއަށް ވަޑައިގެންނެވިއެވެ. ޝަހީދުވެވަޑައިގަތުމަށް ކެރިވަޑައިގެން ހުންނެވިކަމާއި އެއީ ޖެހިލުންވެވަޑައިގަންނަވާ ކަމެއް ނޫންކަން އިސްލާމީ ލަޝްކަރަށް ހާމަކޮށްދެއްވިއެވެ. އެ ޖެހިލުންކުޑަ ޢަމަލުފުޅުގެ ސަބަބުން އިސްލާމީ ލަޝްކަރަށް އާ ރޫޙަކާއި ޖޯޝެއް ލިބިގެން ދިޔައެވެ. އަދި މޮންގޯލުންގެ ހިތްވަރު އެލި، މުސްލިމުންނަށް ނަޞްރާއި ކާމިޔާބު ލިބިގެން ދިޔައެވެ.
ހަނގުރާމަތަކުގައި މުސްލިމުންނަށް ނަޞްރު ލިބެނީ، ދުޝްމަނުންގެ އަތުގައި ހުންނަ ހަނގުރާމައިގެ މޮޅު ވަސީލަތްތަކާ އެއް ފެންވަރުގެ ވަސީލަތްތައް މުސްލިމުންގެ އަތުގައި ހުރެގެނެއް ނޫންކަމާއި އެއީ ލާޒިމު ކަމެއް ނޫންކަން މި ހަނގުރާމައިން ވެސް އެނގިގެން ދެއެވެ.
