2025 ޖޫން 22ވަނަ ދުވަހަކީ އީރާން-އިޒްރޭލް ކޮންފްލިކްޓްގެ މިސްރާބު ބަދަލުކޮށްލި ދުވަހެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އޯޑަރަށް، އެމެރިކާއިން ވަނީ، ފޯޑޯ، ނަތަންޒް އަދި އިސްފަހާންގެ ނިއުކްލިއާ މަރުކަޒުތަކަށް ވައިގެ ހަމަލާތަކެއް ދީ، އިޒްރޭލާއި އީރާނާ ދެމެދު ރޯވެފައިވާ އަލިފާނުގެ ތެރެއަށް އިތުރަށް ދަރުއަޅައި ހޫނުކޮށްފައެވެ. އެމެރިކާގެ ހަމަލާގެ ސަބަބުން މެދުއިރުމަތީގެ މަޝްރަހު ވަނީ އިތުރަށް ގޯސްވެފައެވެ.

މި ލިޔުމުގައި، މަޝްރަހު ދިރާސާކުރައްވާ މާހިރުންގެ އެނަލިސިސްތަކަށް ރިޢާޔަތްކޮށް، އެ ހަމަލާގެ ސަބަބުން ސަރަހައްދީ ހަމަޖެހުމާއި ދުނިޔޭގެ ސިޔާސީ މަޝްރަހަށް އަންނާނެ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލެވޭތޯ ބަލާނަމެވެ.

އީރާނަށް އިޒްރޭލުން އިސްވެ ބޮންއަޅަން ފެށީ 2025 ޖޫން 13ވަނަ ދުވަހުން ފެށިގެންނެވެ. އެ ހަމަލާއަށް ބަދަލު ހިފުމުގެ ގޮތުން އީރާނުން ދަނީ އިޒްރޭލުގެ ސިޓީތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދީ، އުމްރާނީ އަދި އަސްކަރީ ވަސީލަތްތަކަށް ގެއްލުންތައް ދެމުންނެވެ. އިޒްރޭލުން އީރާނަށް ހަމަލާ ދޭން ފެށިއިރު، އީރާނާއި އެމެރިކާއާ ދެމެދު ދިޔައީ މަޝްވަރާތައް ބާއްވަމުންނެވެ. އެ ދަނޑިވަޅުގައި އިޒްރޭލުން އިސްވެ އީރާނަށް ހަމަލާދީފައި ވަނީ އެމެރިކާގެ ސީދާ ރުހުމާ އެކުކަން ފަހުން އެނގިފައިވެއެވެ. އަދި މި ހަމަލާތައް ފެށުމާ އެކު، ޓްރަމްޕުގެ ބަހާއި ޢަމަލުން، ގެންދެވީ އީރާނަށް ހަމަލާދިނުމުގައި އެމެރިކާއިން ބައިވެރިވާނެ ކަމުގެ އިޝާރާތް ކުރައްވަމުންނެވެ. އެކިއެކި މަންސަތަކުގައި އީރާނަށް ބިރު ދައްކައި، އެމެރިކާގެ އަސްކަރީ އުޅަނދުތައް އެ ސަރަހައްދަށް ބަދަލުކުރުމާއި، އީރާނާ ކައިރީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކުގައި ހުރި އެމެރިކާގެ ވަސީލަތްތައް ފެޔަށްޖެއްސުން ފަދަ ޢަމަލުތަކަކީ އެމެރިކާއިން އީރާނަށް ބޮން އެޅުމަށް ދުރާލައި ރޭވިގެން ކޮށްފައިވާ ކަންކަމެވެ.

އާދިއްތަ ދުވަހު، އީރާނުގެ ތިން ނިއުކްލިއާ މަރުކަޒަކަށް އެމެރިކާއިން ބޮން އެޅުމަށް ފަހު، ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރުގައި ޓްރަމްޕު ވިދާޅުވީ، އެމެރިކާގެ ހަމަލާތަކުގައި އީރާނުގެ ނިއުކްލިއާ އެންރިޗްމެންޓް ފެސިލިޓީތައް މުޅިން ނައްތާލެވިފައިވާ ކަމަށެވެ. ނަމަވެސް، ޓްރަމްޕްގެ އެ ވިދާޅުވުމަށް ރައްދު ދެއްވަމުން އީރާނުގެ އޮފިޝަލުން ވަނީ، އެމެރިކާގެ ހަމަލާތަކުގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާކަން ހާމަކުރައްވާފައެވެ.

އެމެރިކާގެ އެ ހަމަލާތަކާ ގުޅިގެން، އީރާނުގެ ރޫޙާނީ ލީޑަރު، އާޔަތުﷲ ޢަލީ ޚާމަނާއީ ވަނީ އެމެރިކާގެ އެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ދޭނެ ކަމުގެ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އީރާނުގެ ޚާރިޖީ ވަޒީރު، އައްބާސް އަރަގްޝީ ވަނީ އެމެރިކާއިން ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވެފައިވާ ކަމަށް ވިދާޅުވެ، ސަލާމަތީ މަޖިލީހުގެ އަވަސް ބައްދަލުވުމަކަށް ގޮވާލައްވާފައެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިރާގާއި ސީރިއާ ނުވަތަ ގަލްފު ސަރަހައްދުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާތައް ދީފާނެ ކަމަށް ވެސް ދަނީ ބެލެވެމުންނެވެ.

އެމެރިކާގެ ހަމަލާތަކަށް ރައްދު ނުދީ، އީރާނުން ހިމޭނުން އޮންނާނެ ކަމަށް މަޝްރަޙު ދިރާސާކުރައްވާ ތަޖުރިބާކާރުން ނުދެކެއެވެ.  ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި އެމެރިކާއާއި އިޒްރޭލުގެ އަމާޒުތަކަށް ހަމަލާ ދިނުމަށް، އީރާނުން އެ ގައުމުގެ ޕްރޮކްސީ ނެޓްވޯކް އެކްޓިވޭޓް ކުރާނެއެވެ. އޭގެ ތެރޭގައި ޔަމަނުގެ ހޫތީންނާއި، އިރާގާއި ސީރިއާގެ ޝިއާ ހަނގުރާމަވެރިން ހިމެނެއެވެ.  މިހާރު ވެސް ހޫތީން ވަނީ ރަތް ކަނޑުން ދަތުރުކުރާ އެމެރިކާއާއި އިޒްރޭލުގެ މަސްލަހަތު އޮންނަ އުޅަނދުތަކަށް ހަމަލާތައް ދޭން ފަށާނެ ކަމުގެ އިންޒާރު ދީފައެވެ. މިއީ، ކުރިމަގުގައި ދުނިޔޭގެ ވިޔަފާރިއަށް ބުރޫ އަރާފާނެ ކަމުގެ ރަތް އިންޒާރެކެވެ. އެއާއެކު، އިޒްރޭލުގެ ވައިގެ ދިފާޢީ ބާރު ކަނޑުވާލުމުގެ ގޮތުން، އިޒްރޭލުގެ ސިޓީތަކަށް އަމާޒުކޮށް ޒަމާނީ ފަހުގެ މިސައިލްތައް އީރާނުން ކުރިމަގުގައި ބޭނުންކުރަން ފަށާނެ ކަމަށް ވެސް ބެލެވެއެވެ.

ކުރިއަށް އޮތް ތަނުގައި، އީރާނުން ހޮރްމޫޒް ކަނޑުއޮޅި ތެރެއަށް މައިން އަޅައި، އެ ކަނޑުއޮޅިން އުޅަނދުތައް ދަތުރުކުރުމަށް ބުރޫ އަރުވާލުން ފަދަ އުކުޅުތައް ބޭނުންކުރާނެ ކަމުގައި ތަޖުރިބާކާރުން ދެކެއެވެ. ޕާޝިއަން ގަލްފާއި ގަލްފް އޮފް އޮމާން ގުޅުވައިދޭ ހަނި ކަނޑުއޮޅިއެއް ކަމަށްވާ ސްޓްރޭޓް އޮފް ހޮރްމޫޒް ނުވަތަ ހޮރްމޫޒް ކަނޑުއޮޅިއަކީ ބައިނަލްއަގުވާމީ ތެލުގެ ވިޔަފާރިއަށް ވަރަށް މުހިންމު ޗޯކްޕޮއިންޓެކެވެ. ބައިނަލްއަގުވާމީ ތެލުގެ ގާތްގަނޑަކަށް 20އާއި 25 އިންސައްތައާ ދެމެދުގެ އަދަދެއްގެ ތެލާއި، އަދި އޭގެ ލިކުއިފައިޑް ގުދުރަތީ ގޭހުގެ ތިންބައިކުޅަ އެއްބައި ކޮންމެ ދުވަހަކު އުފުލަނީ، އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުންނެވެ.

ހޮރްމޫޒް ކަނޑުއޮޅިއަށް މައިން އެޅުމަކީ މީގެކުރިން ވެސް އީރާނުން ބޭނުންކުރި އުކުޅެކެވެ. އެގޮތުން 80ގެ އަހަރުތަކުގައި އީރާންއާއި އިރާގާ ދެމެދު ކުރި ”ޓޭންކަރ“ ހަނގުރާމައިގައި ޕާޝިއަން ގަލްފާއި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އިރާގު، ސައުދީ އަރަބިއްޔާ އަދި ކުވޭތުގެ ތެޔޮ ޓޭންކަރުތަކަށް ދަތިކުރުމަށް އެ ސަރަހައްދަށް މައިން އަޅާފައިވެއެވެ.

އަދި މިހާރު ހިނގަމުންދާ ހަމަނުޖެހުންގަނޑުގެ ތެރޭގައި އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް އެމެރިކާއިން ދިން ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން، އީރާނުގެ ޕާލަމެންޓުން ވަނީ، ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް ވޯޓެއް ނަގާފައެވެ. ނަމަވެސް އެކަމަށް ގޮތެއް ނިންމާނީ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ރުހުން ހޯދައިގެން ކަމުގައި ވާތީ، އެކަން އަދި ވަކިގޮތަކަށް އޮތީ އިޢުލާން ނުކޮށެވެ.

އެ ކަނޑުއޮޅި ބަންދުކޮށްފި ނަމަ، ނުވަތަ މައިންއެޅުން ފަދަ އުކުޅުތައް ބޭނުންކޮށްފި ނަމަ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑުތަން އުފުލި، ދުނިޔޭގެ އިގުތިސާދަށް ހީނަރުކަން އަންނާނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ. 

އިޒްރޭލާ ބައިވެރިވެ އެމެރިކާއިން އީރާނަށް ދިން ހަމަލާ، އިޒްރޭލުން ފާހަގަކުރީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ. އަދި، އިޒްރޭލާއި އެމެރިކާ ބޭނުންވާ ”ހުރިހާ ލަނޑުދަނޑިތަކެއް ހާސިލުވާންދެން“ އީރާނަށް ހަމަލާ ދޭނެ ކަމަށް އިޒްރޭލު ހަރުކަށި ސަރުކާރުން ވަނީ ވައުދުވެފައެވެ. މާނައަކީ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް އެއްކޮށް ”ފުނޑާލެވެންދެން“ އީރާނާ ދެކޮޅަށް ހަމަލާތައް ދޭނެ ކަމެވެ.

ނަމަވެސް ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ ވަރަށް ދުރަށް ވިސްނައިގެން ތަރައްޤީކޮށްފައިވާ ޕްރޮގްރާމަކަށް ވާތީ، އިޒްރޭލާއި އެމެރިކާއަށް އެކަން ކާމިޔާބު ކުރުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ. ފަރުބަދައެއްގެ އަޑީގައި ތަރައްޤީކޮށްފައިވާ ފޯޑޯ ފެސިލިޓީ ފަރުމާކޮށްފައިވަނީ އެމެރިކާގެ 30 ހާސް ޕައުންޑްގެ މެސިވް އޯޑަނަންސް ޕެނެޓްރޭޓާ (އެމްއޯޕީ) ނުވަތަ ”ބަންކާ ބަސްޓާ“ އަށް ވެސް ހަލާކުކޮށް ނުލެވޭ ގޮތަށެވެ. މެދުއިރުމަތީގެ ޚަބަރުތައް ދިރާސާކުރައްވާ ޓްރިޓާ ޕާސީ ފަދަ ތަޖުރިބާކާރުން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާގެ ހަމަލާތަކުގެ ކުރިން އީރާނުން ވަނީ ޔޫރޭނިއަމް ސްޓޮކް އެހެން ސަރަހައްދަކަށް ބަދަލުކޮށްފައެވެ. އަދި، އަލުން ޔުރޭނިއަމް ފައްކާކޮށް، ޕެސިލިޓީ އާރާސްތުކުރުމުގެ ގާބިލުކަން އީރާނުން ދަމަހައްޓާނެކަން ފާހަގަކޮށްފައިވެއެވެ. ހަމައެހެންމެ، އެމެރިކާގެ ހަމަލާގެ ސަބަބުން، އީރާނުގެ ނިއުކްލިއަރ އެމްބިޝަން އިތުރަށް ހަލުވިކޮށް، ނިއުކްލިއަރ ނޮން-ޕްރޮލިފަރޭޝަން ޓްރީޓީ (އެންޕީޓީ)އިން ވަކިވެ، ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ދިމާއަށް ފަށާފައިވާ ދަތުރު އަވަސްކުރާނެ ކަމުގައި ބެލެވެއެވެ.

އިޒްރޭލާއި އީރާނުގެ ހަމަލާތައް ސުލްހަކުރުމަށް ޖެނީވާގައި ޔޫރަޕުން އިސްނަގައިގެން ކުރިއަށް ގެންދާ ޑިޕްލޮމެޓިކް މަޝްވަރާތައް މިހާތަނަށް ވަނީ ނާކާމިޔާބުވެފައެވެ. އީރާނުން ވަނީ، އިޒްރޭލުން ހަމަލާތައް ދެމުންދާހާ ހިނދަކު، މަޝްވަރާގެ މޭޒަށް އީރާނުން ނުދާނެ ކަމަށް ބުނެފައެވެ. އަދި، ”ޝަރުތެއް ނެތި އަމާން ދިނުމަށް“ އެމެރިކާގެ ރައީސް ޓްރަމްޕް، އީރާނަށް އިންޒާރު ދެއްވާފައިވާތީ، މަޝްވަރާގެ މޭޒުން ވަކިގޮތަކަށް އެއްބަސްވެވޭނެ ޖާގަ ކުޑަ ކަމުގައި އީރާނުން ދެކެއެވެ. އެހެންކަމުން، ހަމަލާތައް ބަދަލުކުރުން ހުއްޓައި ނުލާހާ ހިނދަކު، ކައިރި މުސްތަޤުބަލެއްގައި ޑިޕްލޮމަސީގެ ތެރެއިން އެ މައްސަލަ ހައްލު ކުރުމަކީ ދުރުކަމެއްގެ ގޮތުގައި ތަޖުރިބާކާރުން ދެކެއެވެ.

މެދުރާސްތާގެ އަންދާޒާތަކަށް ބަލާއިރު، މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން މެދުއިރުމަތީގައި އައު އިއްތިހާދުތަކެއް އުފެދިގެން ހިނގައިދާނެ ކަމުގައި ބެލެވެއެވެ. ހިޒްބުﷲއާއި ހަމާސް ފަދަ އީރާނުގެ ޕްރޮކްސީތައް ބަލިކަށިވެފައިވާ މި ދަނޑިވަޅުގައި، ސަރަހައްދީ ބާރުތައް ފުޅާކުރުމަށް އިޒްރޭލަށް ވަނީ އިތުރު ހިތްވަރެއް ލިބިފައެވެ. ނަމަވެސް އިޒްރޭލަށް އީރާނުން ދެމުންދާ މިސައިލް ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ އިގުތިސާދާއި، އާބާދީއަށް ބޮޑެތި ގެއްލުންތަކެއް ލިބި، ނުރައްކާތައް އޮތީ ބޮޑުވެފައެވެ. ގަލްފުގެ އެހެން ގައުމުތަކަށް ބަލާއިރު، ސައުދީ އަރަބިއްޔާ، ގަތަރު، ޔޫއޭއީ ފަދަ ގައުމުތަކަކީ އެމެރިކާއާ އެކު ގާތް ގުޅުންތަކެއް ބާއްވާ ގައުމުތަކެކެވެ. އެހެންކަމުން، އެ ގައުމުތަކުން އާންމުންގެ މަސްލަހަތަށް ޓަކައި ފާޅުގައި އެމެރިކާއަށް އޮންނަ ތާއީދު ހާމަނުކުރިޔަސް، އެމެރިކާއާއި އިޒްރޭލަށް އެ ގައުމުތަކުން ”ސިއްރު ތާއީދު“ ބާއްވާނެ ކަމުގައި ތަޖުރިބާކާރުން ދެކެއެވެ.

އީރާނާ އެކު ގާތް ގުޅުންތަކެއް ބާއްވަމުންދާ ރަޝިއާއާއި ޗައިނާގެ ތާއީދު ކުރިމަގުގައި އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވެއެވެ. ރަޝިއާ އޮތީ މިވަގުތު ހަނގުރާމައެއްގެ ތެރޭގައި ކަމުގައި ވިޔަސް، ދިގު މުއްދަތަަކަށް އީރާންގެ މައްސަލަ ދިގުލައިގެންދާ ނަމަ، ރަޝިއާގެ އެޑްވާންސް ވައިގެ ދިފާޢުތައް ރަޝިއާއަށް ފޯރުކޮށްދޭނެ ކަމުގައި ތަޖުރިބާކާރުން ލަފާކުރެއެވެ. އަދި، ހުޅަނގުން އީރާނާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް ފޫބެއްދުމަށް އީރާނުން ތެޔޮ ގަންނަ މިންވަރު ޗައިނާއިން އިތުރުކޮށްފާނެ ކަމުގައި ބެލެވެއެވެ. މިފަދަ އިއްތިހާދުތަކެއްގެ ސަބަބުން ފިނި ހަނގުރާމަ ފަދަ ބައިބައިވުންތަކެއް އުފެދި، އެއްކޮޅުން އެމެރިކާއާއި އިސްރާއީލް، އަދި އަނެއްކޮޅުން ރަޝިއާއާއި ޗައިނާ އަދި އީރާންގެ އެކްސިސްއެއް އުފެދުން އެކަށީގެންވެއެވެ.

ދިގުދެމިގެންދާ ހަމަނުޖެހުންތަކެއްގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ފޫނުބެއްދޭނެ ވަރުގެ ގެއްލުންތަކާއި ބުރޫތައް އަރާނެއެވެ. އީރާނުން ތެޔޮ ދައުރުވުން ހުއްޓުވައިފި ނަމަ، ނުވަތަ ރެސްޓްރިކްޓްކޮށްފި ނަމަ، ތެޔޮ ފީފާއެއްގެ އަގު 100  ޑޮލަރަށް ވުރެ މައްޗަށް ގޮސް، އެމެރިކާއާއި ޔޫރަޕްގެ އިންފްލޭޝަން އިތުރުވެގެން ދާނެ ކަމުގައި ބެލެވެއެވެ. އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއާއި ހުޅަނގުން އިތުރަށް ހަރުކަށިކުރި ނަމަވެސް އީރާނުގެ ތެޔޮ ގަތުމަށް ޗައިނާއިން ޝައުގުވެރިވާތީ އެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު، އީރާނަށް ކުރާނީ ކިހާ މިންވަރަކަށްތޯ އޮތީ ބަހުސްއެއްގެ ތެރޭގައެވެ.

އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި ބައިވެރިވުމަށް ޓްރަމްޕް ނިންމެވިނިންމެވުމާ ގުޅިގެން، ޓްރަމްޕްގެ ގާތް ބޭފުޅުންނާއި ސަޕޯޓަރުންގެ މެދުގައި އޮތީ ޚިޔާލު ދެކަފިވެފައެވެ. އެހެން ގައުމުތަކުގެ ކަންކަމުގެ ތެރެއަށް ނުވަނުމުގެ ޚާރިޖީ ސިޔާސަތަށް ސަޕޯޓްކުރާ އެންޓި-އިންޓަވެންޝަނިސްޓުން ދެކޭ ގޮތުގައި ޓްރަމްޕު ވަނީ ”އެމެރިކާ ފަސްޓް“  ސިޔާސަތާ ޚިލާފުވެފައެވެ. ހަރުކަށި ޚާރިޖީ ސިޔާސަތުތަކަށް ތާއީދުކުރާ، އަދި އަސްކަރިއްޔާ ބޭނުންކޮށްގެން ސިޔާސަތުތައް ނިންމަން ވަކާލާތުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި، އީރާނަށް ހަމަލާ ދިނުމަށް ޓްރަމްޕް ނިންމިނިންމުމަކީ ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެކެވެ.

މި ހަމަނުޖެހުންތަކުގައި، އެމެރިކާގެ ރައީސް ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އެއް އަމާޒަކީ އީރާނުގެ ވެރިކަން ބަދަލުކުރުމެވެ. އަދި އެކަން ހާސިލުކުރުމަކީ އެ ބާރުތަކުން ކުރާ އުންމީދެކެވެ. ނަމަވެސް، އީރާނުގެ ވެރިކަން ބަދަލުކުރެވިދާނެ ކަމަށް ކުރެވޭ އަންދާޒާއަކީ ”ނާދިރު ކަމެއް“ގެ ގޮތުގައި ތަޖުރިބާކާރުން ދެކެއެވެ. އީރާނުގެ އިސްލާމީ ޖުމްހޫރިއްޔަތަކީ ވޭތުވެދިޔަ މާޒީގައި، އެމެރިކާއާއި ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ އެތައް ފިޔަވަޅުތަކާއި، ބައިނަލްއަގުވާމީ މައިދާނުގައި އެތައް އަހަރެއް ވާންދެން އެކަހެރިކޮށްފައި އޮތް ގައުމަކަށް ވާއިރު ވެސް، އެ ގައުމުން ވަނީ ހައިބަތާ އެކު ދުނިޔޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރި ދައުރެއް އަދާކޮށްފައެވެ. އަދި މިހާރު އީރާނަށް ކުރިމަތިވެފައިވާ ޢުދުވާންތަކުގެ ސަބަބުން އީރާންގެ ގައުމީ އެއްބައިވަންތަކަން ކުރިއަށް ވުރެ ވަރުގަދަވަމުން އަންނަތަން ދަނީ ފެންނަމުންނެވެ.

އީރާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހަލުވިވެގެން ދާނެ ކަމަށް ބެލެވެއެވެ. އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ދިމާއަށް ދަތުރު ފަށައިފި ނަމަ، ސައުދީ އަރަބިއްޔާއާއި ތުރުކީން ވެސް އެ މަގުން އަމަލުކުރާނެއެވެ. އަދި، އެމެރިކާއާއި އިޒްރޭލުގެ ހަމަލާތައް ހުއްޓުވޭނެ މަގަކީ، ހަމައެކަނި ނިއުކްލިއާ އުފެއްދުން ކަމަށް ނޮން-ނިއުކްލިއާ ސްޓޭޓްތަކުން ދެކެން ފެށުމަކީ ވެސް އިތުރު ހަލަބޮލިކަމެއް އަންނާނެ ކަމަކަށް ވެގެންދާނެއެވެ.

ދިގު މުއްދަތަކަށް ހަމަނުޖެހުންތައް ދިގުލައިގެން ދާނަމަ، ބައިނަލްއަގުވާމީ މައިދާނުގައި އެމެރިކާގެ މަގާމު ބަލިކަށިވުމުގެ ބިރު އެ ގައުމަށް އެބައޮތެވެ. ޓްރަމްޕްގެ ގޮތް ދޫނުކުރުމާއި ”ބޮސީ“ ތަބީއަތުން ދައްކަނީ ކުރިމަގުގައި އީރާނާ ދެކޮޅަށް އެމެރިކާއިން އިތުރު ހަމަލާތައް ދޭނެ ކަމެވެ. ކުރިއަށް އޮތް ދުވަސްތަކަކީ އެ ކޮންފްލިކްޓަށް އިތުރު ނުތަނަވަސްކަމާއި، ހަމަނުޖެހުންތައް ބޮޑުވާނެ ދުވަސްކޮޅަކަށް ވާނެކަމަށް ލަފާކުރެވެއެވެ. ސަރަހައްދީ ބޮޑު ހަނގުރާމައަކަށް ބަދަލުވެގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ މި ކޮންފްލިކްޓަށް މުޅި ދުނިޔޭގެ ކަޅި މިވަގުތު އޮތީ ހުއްޓިފައެވެ.

މަޢުލޫމާތު:

  • އަލްޖަޒީރާ. (23 ޖޫން 2025). އިޒްރޭލްއީރާން ކޮންފްލިކްޓް ލައިވް އަޕްޑޭޓްސް. ނެގީ؛އަލްޖަޒީރާ: https://www.aljazeera.com/news/liveblog/2025/6/23/live-iran-vows-to-respond-to-us-attacks-trump-hints-at-regime-change
  • ފަތުހުއްރަޙްމާން ޔޫސުފް. (19 ޖޫން 2025). ޔޫއެސް އިންވޯލްވްމަންޓް އިން އީރާންއިޒްރޭލް ކޮންފްލިކްޓް ރެއިޒަސް ފިއާސް އޮފް ސްޓްރައިޓް އޮފް ހޮރްމޫޒް ކްލޯޒަރ. ނެގީ؛އަޝަރްގް އަލްއަވްސަތް: https://english.aawsat.com/business/5155983-us-involvement-iran-israel-conflict-raises-fears-strait-hormuz-closure
  • ދަ ނިއުޔޯކް ޓައިމްސް. (22 ޖޫން 2025). ވަޓް ޓު ނޯވް އޭޒް ދަ ޔޫއެސް އެންޓާސް އިޒްރޭލްސް ވޯރ އެގެއިންސްޓް އީރާން. ނެގީ؛ދަ ނިއުޔޯކް ޓައިމްސް: https://www.nytimes.com/2025/06/12/world/middleeast/israel-iran-strikes.html
  • ޕީބީއެސް ނިއުސް. (21 ޖޫން 2025). އިޒްރޭލް ސޭސް އިޓްސް ޕްރިޕަރޭޓިންގ ފޮރ ޕޮސިބްލީ ލޯންގް ވޯރ އޭޒް އީރާން ކޯލްސް ޔޫއެސް އިންވޯލްމަންޓްޑޭންޖަރަސް’. ނެގީ؛ޕީބީއެސް ނިއުސް: https://www.pbs.org/newshour/world/israel-says-its-preparing-for-possibly-long-war-as-iran-calls-u-s-involvement-dangerous
ޝެއަރކުރެއްވުމަށް