އިސްލާމީ އުންމަތުގެ މުހިންމު ޤައުމެއް ކަމުގައިވާ އީރާނުގައި ނަގާ ބަދަލު ހިފުމުގެ ރަތް ދިދަ  ނުވަތަ އިންތިޤާމުގެ ދިދައަކީ އެ ޤައުމުގެ އަޤީދާއާއި ސަގާފަތާއި އާދަކާދަތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. މި ދިދަ އާންމުކޮށް ނަގާ އުޅެނީ މުޙައްރަމް މަހުއެވެ. އެއީ ކަރްބަލާ ހަނގުރާމައިގައި ހިޖުރައިން 61 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 10 ވަނަ ދުވަހު (10 އޮކްޓޫބަރު 680މ.ގައި) ކީރިތި ރަސޫލާގެ ކާފަ ދަރިކަލުން އިމާމް ޙުސައިން ބިން ޢަލީ (ރަޟިޔަﷲ ޢަންހު) ޝަހީދުކޮށްލި ހާދިސާގެ ހަނދާންތައް އާކުރުމަށެވެ. ޙުސައިންގެފާނު ޝަހީދުކުރި ދުވަހަކީ ޝިޔައީ މުސްލިމުން ފާހަގަކުރާ ޚާއްޞަ ދުވަހެކެވެ. އީރާނަކީ ޝިޔައީންގެ މެޖޯރިޓީ އޮންނަ ޤައުމެކެވެ.

މުޙައްރަމް މަހުގެ އިތުރުން ދެން މި ރަތްދިދަ ނަގާއުޅެނީ ހަނގުރާމައިގެ ހާލަތުގައެވެ. ނުވަތަ ޤައުމަށް ބޮޑުކަމެއް ދިމާވުމުންނެވެ. އީރާނާއި އިސްލާމީ އުންމަތުގެ ބައެއް ލީޑަރުން ޝަހީދުކޮށްލުމުން ވެސް މި ދިދަ ނަގާފައިވެއެވެ. މިގޮތުން އިރާނުގެ ޤުދުސް ފޯސްގެ ކުރީގެ ކޮމާންޑަރު ގައްސާމް ސުލައިމާނީއާއި ފަލަސްތީނުގެ ހަމާސް ޖަމާޢަތުގެ ލީޑަރު އިސްމާޢީލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް ޝަހީދުކޮށްލުމުން ވެސް މި ދިދަ އެ ޤައުމުގައި ނަގާފައިވެއެވެ. 13 ޖޫން 2025ގައި އިޒުރޭލުން އީރާނަށް ދިން ކުއްލި ހަމަލާއާ ގުޅިގެން މި ދިދަ ވަނީ ނަގާފައެވެ.

އީރާނުގެ ބައެއް ބޮޑެތި މިސްކިތްތަކުގައި ނަގާ މި ދިދަ ނެގުމުން، އެއީ ޤައުމު ނުރައްކަލުގެ ހާލަތެއްގައިވާކަން އަންގައިދޭ ނިޝާނެކެވެ. މި ދިދަ ނެގުމަކީ ޤައުމުގެ ހުރިހާ ފަރުދުން ވެސް އެއްބައިވަންތަކަމާ އެކު ޤައުމު ދިފާޢުކުރުމަށް ތައްޔާރުވުމަށް ގޮވާލެވޭ ގޮވާލުމެކެވެ. އީރާނުގެ ރަތް ދިދައިން ރަމުޒުކޮށްދެނީ ޝަހީދުންގެ ލެއެވެ. މިއީ އިސްލާމްދީނާއި ޤައުމު ދިފާޢުކުރުމުގައި ޝަހީދުވި ފަރާތްތަކުގެ ޤުރުބާނީގެ ހަނދާނެވެ. އަދި މި ދިދައިން ދޭހަކޮށްދެނީ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެ ކުރިމަތިލުމުގެ ރޫޙެވެ. މީގެ އިތުރުން، ރަތް ކުލައިން ދަލާލަތުކުރަނީ ހިތްވަރާއި ޢަޒުމް ގަދަފަދަކަމަށެވެ.

އީރާނުގެ ބަދަލު ހިފުމުގެ ރަތް ދިދައިގައި އެންމެ ބޮޑުކޮށް ލިޔެފައި އޮންނަ ޢިބާރާތަކީ ޝިޔައިންގެ ވަރަށް ވަރުގަދަ ޝިޔާރެވެ. يا لثأرات الحسين (ޔާ ލަޘާރާތިލް ޙުސައިން) އެވެ. މި ޝިޔާރަކީ އިމާމް ޙުސައިންގެފާނު ކަރްބަލާގައި ޝަހީދުކޮށްލުމުން އެކަލޭގެފާނުގެ ލޭފޮދުގެ ބަދަލު ހިފާނެކަމުގެ ޢަޒުމެކެވެ. މި ދިދައިގައިވާ ޢިބާރާތުން ގޮވާލަނީ ”ޙުސައިނުގެފާނުގެ ލޭފޮދުގެ ބަދަލު ހިފުމަށް ޓަކައި ތެދުވާށެވެ.“

ތާރީޚީ ގޮތުން ބަލާއިރު މި ދިދައަކީ ކަރްބަލާ ހަނގުރާމައިގައި އިމާމް ޙުސައިންގެފާނު ޝަހީދުކޮށްލި އަނިޔާވެރި ހަނދާން އާކޮށް، އެކަލޭގެފާނަށް ޓަކައި ބަދަލު ހިފުމުގެ ގޮތުން ބޭނުންކުރަން ފެށި ދިދައެކެވެ. މިއީ ޝިޔައީ މުސްލިމުންގެ މެދުގައި ވަރަށް މުހިންމު ނިޝާނެކެވެ. އިމާމް ޙުސައިންގެފާނު ކަރްބަލާގައި ޝަހީދު ކުރީ ޔަޒީދު ބިން މުޢާވިޔަތުގެ އުމަވީ ދައުލަތުގެ ލަޝްކަރުންނެވެ. އިމާމް ޙުސައިންގެފާނު ޝަހީދުކޮށްލީ ކޫފާއިން އެކަލޭގެފާނަށް ދިން ދައުވަތަކަށް އިރާގުގެ ކޫފާއަށް ވަޑައިގެންނެވުމުން އެކަލޭގެފާނާއި އާލުބައިތުންނަށް ހިމާޔަތްދީ ދިފާޢުކޮށް ނުދިނުމުގެ ސަބަބުންނެވެ. އުމަވީ ލަޝްކަރުން ޙުސައިންގެފާނާއި އެކަލޭގެފާނުގެ އަރިހުގައި ގެންދެވި އެތައް ބަޔަކު ޝަހީދުކުރިއެވެ. އެއަށްފަހު އުމަވީ ލަޝްކަރުން ޝަހީދުނުވެ ތިއްބެވި އާލުބައިތުންގެ އަންހެން ބޭފުޅުންނާއި ޙުސައިންގެފާނުގެ އިސްތަށިފުޅު ހަށިކޮޅުން ވަކިކޮށްލައިގެން ޔަޒީދުގެ ދަރުބާރަށް ދިމިޝްޤަށް ގެންދިޔައެވެ. ”ޔާ ލަޘާރާތިލް ޙުސައިން“އަކީ މި ހިތްދަތި ވަގުތު ޙުސައިންގެފާނާއި އާލުބައިތުންގެ މާތް ލޭފޮދުގެ ބަދަލު ހިފުމަށް ތެދުވި ލަޝްކަރުގެ ޝިޔާރެކެވެ. 

އީރާނުގެ ބަދަލު ހިފުމުގެ ރަތް ދިދައަކީ ޝިޔައީ މަޒުހަބުގެ ދީނީ ޝިޔާރެއްގެ އިތުރުން ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގައި ވެސް ބޭނުންކުރާ ދިދައެކެވެ. މިގޮތުން ޝިޔައިންގެ ދީނީ މުނާސަބަތުތައް ފާހަގަ ކުރުމުގެ އިތުރުން ބޭރުގެ ނުފޫޒާ ދެކޮޅަށް ނުވަތަ އަނިޔާވެރިކަމާ ދެކޮޅަށް ބާއްވާ މުޒާހަރާތަކުގައި ވެސް މި ދިދަ ބޭނުންކުރެއެވެ. އީރާނުގެ ބަދަލު ހިފުމުގެ ރަތް ދިދައަކީ ހަމައެކަނި ފޮތިކޮޅެއް ނޫނެވެ. އެއީ އެ ޤައުމުގެ ތާރީޚާއި، އަޤީދާއާއި، ސަޤާފަތް ތަމްސީލުކުރާ ވަރަށް މުހިންމު ނިޝާނެކެވެ. މި ދިދައިން ދޭހަވަނީ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމާއި، ޙައްޤަށް ޓަކައި ޤުރުބާންވުމުގެ މުހިންމުކަމެވެ.

ޝެއަރކުރެއްވުމަށް