2025 ޖޫން 13 ވަނަ ދުވަހު އިޒްރޭލުން އީރާނަށް ދިން ވައިގެ ހަމަލާތަކަށް ފަހު، އެ ދެ ބާރުގެ މެދުގައި ވަނީ އަސްކަރީ ވަރުގަދަ ކުރިމަތިލުންތަކެއް ފެށިފައެވެ. މެދުއިރުމަތީގެ އެންމެ ބާރުގަދަ ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ކުރިމަތިލުންތަކުގެ ސަބަބުން އެ ސަރަހައްދުގެ މަޝްރަހް އޮތީ ނުރައްކަލުގެ ތެރޭގައެވެ. ”އޮޕަރޭޝަން ރެއިސިންގް ލަޔަން“ ނަމުގައި އިޒްރޭލުން ފެށި އަސްކަރީ އޮޕަރޭޝަނަކީ، މިހާތަނަށް އީރާނާ ދެކޮޅަށް އިޒްރޭލުން ފެށި އެންމެ ފުޅާ އަސްކަރީ އޮޕަރޭޝަން ކަމުގައި އިޒްރޭލުން ސިފަކުރެއެވެ. މި ހަމަލާތައް އީރާން އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި، ނިއުކްލިޔަރ ސައިންޓިސްޓުންގެ އިތުރުން އަސްކަރީ އަދި ދިފާޢީ މަރުކަޒުތަކަށް އިޒްރޭލުން ވަނީ އަމާޒުކޮށްފައެވެ.
ހަމައެއާ އެކު، އިޒްރޭލުގެ ހަމަލާތަކާ ދެކޮޅަށް އީރާނުން ވެސް ދަނީ، ބަދަލުހިފުމުގެ ގޮތުން ތެލްއަވީވްއާއި ޖެރޫސަލަމް ހިމެނޭހެން އިޒްރޭލުގެ ސިޓީތަކަށް އަމާޒުކޮށް މިސައިލްތަކާއި ޑްރޯންތައް ބޭނުންކޮށްގެން ވަރުގަދަ ރައްދު ހަމަލާތައް ދެމުންނެވެ. ”އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3“ ގެ ނަމުގައި އީރާނުން ދޭން ފެށި ހަމަލާތަކަކީ ފަހުގެ ތާރީޚެއްގައި އިޒްރޭލަށް އީރާނުން ދެމުންދާ އެންމެ ވަރުގަދަ ހަމަލާތަކެވެ.
އިޒްރޭލާއި އީރާންއާ ދެމެދު ހިނގަމުންދާ ހަމަލާތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތެރި ޙާލަތްތަކާއި، އެކަމުގެ ސަބަބުން ދުނިޔޭގެ ސިޔާސީ މަޝްރަހަށް އަތުވެދާނެ ބަދަލުތަކާ ބެހޭގޮތުން މި ލިޔުމުގައި ކޮންމެވެސް ވަރަކަށް އަލިއަޅުވާލެވޭތޯ މަސައްކަތްކުރާނަމެވެ.
އިޒްރޭލާއި އީރާނުގެ ހަތުރުވެރިކަމުގެ ރޭހަކީ، ދެ ގައުމުގެ ދެމެދުގައި އޮތް ފިކުރީ އަދި ޖިއޮޕޮލިޓިކަލް އޮއިވަރުގެ ތެރޭގައި އެނބުރެމުންދާ ޒަމާންވީ މައްސަލައެކެވެ. މި ދެކޮޅުވެރި ކަމުގައި، އިޒްރޭލުން ފަހަކަށް އައިސް ދެކެމުންދަނީ، އީރާނުން ތަރައްޤީކުރާ ނިއުކްލިއާ ޕްރޮގްރާމާ އެކު، އީރާނުން ވާގިވެރިވާ ހިޒްބުﷲއާއި ހަމާސް ފަދަ ޕްރޮކްސީ ޖަމާއަތްތަކަށް ބާރުތައް ލިބި، އޭގެ ސަބަބުން އިޒްރޭލަށް އޭގެ ނުރައްކަލާ ކުރިމަތިލާން ޖެހޭނެ ކަމުގައެވެ. އަނެއްކޮޅުން، އީރާނުން ދެކެނީ، އެމެރިކާގެ ފުރިހަމަ ތާއީދާ އެކު، ހައްދެއް ނެތް މިންވަރަށް އިޒްރޭލުގެ އަސްކަރީ ބާރު އެ ސަރަހައްދުގައި ގަދަވުމާއި، އިޒްރޭލުން އަސްކަރީ ބާރު އިމެއްނެތި ބޭނުންކުރަމުން ދިޔުމަކީ އޭގެ ނުރައްކާތައް، ސަރަހައްދީ ހުރިހާ ގައުމަކަށް އަދި ޚާއްޞަކޮށް އީރާނަށް ވަކިން ބޮޑަށް ކުރިމަތިވާނެ ކަމެއް ކަމުގައެވެ. އޭގެ އިތުރުން، ފަލަސްތީނުގެ މައްސަލަ އިތުރަށް ގޯސްވުމާއި، އީރާނުގެ ނުފޫޒަށް ސީދާގޮތުން ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތައް ފާހަގަކޮށްލެވެއެވެ. މި ދެކޮޅުވެރިކަމުގައި، ސައިބާ ހަމަލާތަކާއި، ސިޔާސީ މީހުންނަށް މަރުގެ ހަމަލާތައް ދިނުމާއި، ޕްރޮކްސީ ކޯޅުންތައް ކުރިއަށްދާތާ ޒަމާންތަކެއް ވެފައިވާ އިރު، އަލުން ދެ ގައުމުން ބަދަލުކުރަމުންދާ މި ހަމަލާތަކަކީ، ދެ ފަރާތުގެ ވާދަވެރި ރޭހަށް އިތުރުވެގެންދާ އައު ބާބެކެވެ.
މިހާރު ހިނގަމުންދާ ޓިޓް-ފޯ-ޓެޓް ހަމަލާތަކުގެ ސަބަބުން ހީވެސްނުކުރާ ފަދަ ބަދަލުތަކެއް ކުރިމަގުގައި މަޝްރަހަށް އައުމަކީ ވެދާނެ ކަމެކެވެ. މި ހަމަލާތައް ފުޅާވެ، ސަރަހައްދީ، އިން ފަހަނައަޅައި، ބޮޑުހަނގުރާމައަކަށް ބަދަލުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
މި ހަމަލާތައް ނުހުއްޓި ދިގުލައިގެންދާ ނަމަ، ކުރިމަތިވާނެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ސަރަހައްދީ އެހެން ބާރުތަކާއި، ނޮން-ސްޓޭޓް އެކްޓަރުން (އެންޖީއޯތަކާއި، މަލްޓިނޭޝަނަލް ކޯޕަރޭޝަންތަކާއި، ނިރުބަވެރި ޖަމާއަތްތަކާއި، އަދި ސިޔާސީގޮތުން ބާރުގަދަ ފަރުދުން ނުވަތަ ޖަމާއަތްތައް) މި ހަމަނުޖެހުންތަކުގެ ތެރެއަށް ވަދެ، ހަމަލާތައް އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުމެވެ.
އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި އެމެރިކާގެ ”ސީދާ ބައިވެރިވުމެއް ނެތް“ ކަމުގައި އެމެރިކާއިން ވަނީ ބުނެފައެވެ. ނަމަވެސް، އީރާނާ ދެކޮޅަށް އިޒްރޭލުން ހަމަލާ ދޭން ފެށީ އެމެރިކާގެ ރުހުމާއި ބައިވެރިވުމާ އެކު ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޓްރަމްޕްގެ ސަރުކާރުން އެ ތުހުމަތުތައް ދޮގު ކުރި ނަމަވެސް އެމެރިކާގެ ޓެކްޓިކަލް ސަޕޯޓް އިޒްރޭލަށް ލިބެމުންދާކަމީ ސިއްރެއް ނޫނެވެ.
އެމެރިކާއިން އިޒްރޭލާ އެކު ސީދާ ހަމަލާތަކުގައި ބައިވެރިވެއްޖެ ނަމަ، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ އެސެޓްތަކަށާއި، އިރާގާއި ގަތަރު ނުވަތަ ބަހްރެއިންގައި ހުރި އަސްކަރީ މަރުކަޒުތަކަށް ނުވަތަ ސަރަހައްދީ ޑިޕްލޮމެޓިކް މިޝަންތަކަށް އީރާނުން ހަމަލާ ދޭނެކަމުގެ އިންޒާރު ވަނީ ދީފައެވެ. އެމަގުން އެކަން ގެންދެވޭތޯ އިޒްރޭލުން ދަނީ އީރާނަށް ޕްރެޝަރުކުރަމުންނެވެ. ސަބަބަކީ، އެ ހަމަލާތަކުގެ ތެރެއަށް ސީދާގޮތުން އެމެރިކާ ވެއްދުމަށް އިޒްރޭލުން ކުރަމުންދާ ލޮބީއަށް، އިތުރު ފަސޭހަތަކެއް ލިބިގެންދާނެތީއެވެ. އަދި، އީރާނުން އެމެރިކާގެ ބޭސްތަކަށް ދީފާނެ ހަމަލާތަކެއްގެ ނަތީޖާއިން އެންމެ ބޮޑު ފައިދާއެއް ވާނީ އިޒްރޭލަށް ކަމުގައި ވާތީއެވެ. އެހެންކަމުން، އެމެރިކާގެ މަސްލަހަތު ހުރި އެއްވެސް ތަނަކަށް އީރާނުން ހަމަލާދީފި ނަމަ، އީރާނާ ދެކޮޅަށް އެމެރިކާއިން ސީދާ ކުރިމަތިލުމަކަށް ނުކުމެ، މިހާރު އޮތް ހާލަތު، މަލްޓިނޭޝަނަލް ނުވަތަ ގިނަ ގައުމުތަކެއް ބައިވެރިވާ، ފުޅާ ހަނގުރާމައަކަށް ބަދަލުކުރުމަކީ އިޒްރޭލުން ބޭނުންވާނެ ގޮތެވެ.
އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައި ކުރިއަށްގެންދާ ނަމަ، އީރާނުގެ ޕްރޮކްސީތަކުގެ ތެރޭގައި ހިމެނޭ ލުބުނާނުގެ ހިޒްބުﷲއާއި، ޔަމަނުގެ ހޫތީންނާއި، އިރާގާއި ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތައް ބޭނުންކޮށްގެން ކުރިއަށް އޮތް ތަނުގައި އިޒްރޭލާއި، ހުޅަނގުގެ އަމާޒުތަކަށް ހަމަލާދިނުން އީރާނުން އިތުރުކޮށްފާނެ ކަމަށް ބެލެވެއެވެ. އެއްލައްކަ ފަންސާސް ހާހަށް ވުރެ ގިނަ ރޮކެޓް، ތައްޔާރީ ހާލަތުގައި މިހާރު ވެސް ހުރި، ހިޒްބުﷲއިން އިސްރާއީލުގެ އުތުރުގެ ސަރަޙައްދުތަކަށް ހަމަލާ ދީ، އިޒްރޭލުގެ އެއަރ ޑިފެންސް ފޫއަޅުވާލައިފި ނަމަ އިޒްރޭލަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެއެވެ. އަނެއްކޮޅުން، ހޫތީން އިސްވެ، ރަތްކަނޑުން ދަތުރުކުރާ ދުނިޔޭގެ ޝިޕިން ލޭންތައް ހުއްޓުވައި، ނުވަތަ ހަމަލާތައް ދޭން ފަށައިފި ނަމަ، އޭގެ ސަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ބުރޫ އަރާނެއެވެ.
އެފަދަ ހާލަތަކަށް ގޮސްފި ނަމަ، އޭގެ ރައްދުގައި އިޒްރޭލުން އެ ގައުމުގެ އޮޕަރޭޝަންތައް އިތުރަށް ވަރުގަދަކުރާނެ ކަމީ ޔަޤީން ކަމެކެވެ. އަދި، އީރާނުގެ އެސެޓްތަކުގެ އިތުރުން ސީރިއާއާއި ލުބްނާނުގައި ހަރަކާތްތެރިވާ އީރާނަށް ވާގިވެރިވާ ޖަމާއަތްތަކަށް އަމާޒުކޮށް ވަރުގަދަ ރައްދު ހަމަލާތައް ދޭނެ ކަމުގައި ބެލެވެއެވެ. މިގޮތަށް ދެފަރާތުން ހަމަލާތައް ވަރުގަދަކުރަމުންދާ ވަރަކަށް، ރެފިއުޖީންގެ ޢަދަދު އިތުރުވެ، އިންސާނީ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެއެވެ. ހަމައެހެންމެ، އެ ސަރަހައްދުގައި ސްޓްރެޓެޖިކް މަސްލަހަތު އޮންނަ ތުރުކީ، ރަޝިއާ، ނުވަތަ ޗައިނާއިން މަޝްރަޙު ތެރެއަށް ސީދާގޮތުން ވަދެ، އެ ގައުމުތަކުގެ ބައިވެރިވުން އިތުރުކުރުމަކީ ވެސް، ހަމަނުޖެހުންތައް އިތުރަށް ގޯސްވެ، އިއްތިހާދުތައް އުފެދި، މަޝްރަހު ހަލަބޮލިވެގެންދާނެ ކަމެއް ކަމުގައި ބެލެވެއެވެ.
މަޝްރަހަށް އަންނަމުންދާ ބަދަލާ އެކު ކުރިމަތިވާނެ އަނެއް ނުރައްކާތެރި ކަމަކަށް ވެގެންދާނީ، މެދުއިރުމަތީގައި ނިއުކްލިއާ އުފެއްދުމުގެ އާ ރޭހެއް އުފެދިގެން ދިޔުމެވެ. މިހާރު ސަރަހައްދީ ހާލަތަށް ބަލާ އިރު، އިޒްރޭލާއި ހުޅަނގުގެ ހަމަލާތަކާ ދެކޮޅަށް އީރާނުން ދިފާއުވުމަށް އޮތް ހަމައެކަނި ހަރުދަނާ ފިޔަވަޅަކީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުންކަން އީރާނަށް އޮތީ ޤަބޫލުކުރެވިފައެވެ. އީރާނުގެ އާ އަސްކަރީ ލީޑަޝިޕުން، ހަލުވި ނިއުކްލިއާ ބްރޭކްއައުޓަކަށް އިސްކަން ދީފި ނަމަ، އެ ސަރަހައްދަށް ނިއުކްލިއާ ހަތިޔާރުގެ ރޭހަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބެލެވެއެވެ.
މެދުއިރުމަތީގައި ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ރޭހެއް ފެށިއްޖެ ނަމަ، އެކަން ވެގެންދާނީ އިޒްރޭލުގެ ”އަތް ބަނދެލުން“ ފަދަ ކަމަކަށެވެ. އީރާނުގެ ނިއުކްލިއާ ގާބިލުކަން ދަށްކުރުމަށް ދޭ ކޮންމެ ހަމަލާއަކާ ދެކޮޅަށް އީރާނުން ދަތުރުކުރާނީ ބަދަލު ހިފުމުގެ ރޫހާ އެކު ނިއުކްލިއާ އުފެއްދުމާ ދިމާއަށެވެ. އެގޮތުން، އީރާނަށް ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން ލިބިއްޖެ ނަމަ، އެ ގައުމުގެ ޕްރޮކްސީތަކަށް ވެސް އެއީ ލިބޭނެ އިތުރު ބާރެކެވެ. އަދި، ސަރަހައްދީ ޕަވަރ ބެލެންސް ބަދަލުވެ، ސައޫދީ އަރަބިއްޔާ ނުވަތަ ގަލްފުގެ އެހެން ގައުމުތަކުން އަމިއްލަ ނިއުކްލިއާ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރާނެއެވެ. އޭގެ ސަބަބުން މެދުއިރުމަތީގެ ހަމަނުޖެހުމަށް އިތުރު ލޮޅުންތަކެއް އަތުވެދާނެ ކަމުގައި ލަފާކުރެވެއެވެ.
ބަދަލުކުރެވެމުންދާ ހަމަލާތަކުގެ ސަބަބުން އިގުތިސާދީ ހީނަރުކަމަށް ވެސް ދަނީ ބަދަލުތައް އަންނަމުންނެވެ. އެގޮތުން، ތެލުގެ އަގު ދަނީ އުފުލެމުންނެވެ. ދިގު މުއްދަތަކަށް މި ހަމަލާތައް ކުރިއަށްދާ ނަމަ، ގަލްފުގެ ތެލުގެ އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށް، ނުވަތަ ދުނިޔޭގެ ތެލުގެ 20 އިންސައްތަ އުފުލާ ހޮރްމޫޒް ކަނޑުއޮޅިއަށް އީރާނުން ހުރަސް އަޅާނެ ކަމަށް ބެލެވެއެވެ. މިފަދަ ފިޔަވަޅުތަކެއްގެ ސަބަބުން ތެލުގެ އަގު، އިންތިހާއަށް އުފުލި، އިންފްލޭޝަނާއި އިގުތިސާދީ ހީނަރުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފެދިގެންދާނެ ކަމަށް ބެލެވެއެވެ.
މާލީ ބާޒާރުތަކުން ދަނީ މިހާރު ވެސް ހާލަތު ގޯސްވަމުންދާ ކަމުގެ އިންޒާރު ދެމުންނެވެ. ދިގު މުއްދަތަކަށް ހަކަތައިގެ ސަޕްލައިއަށް ހުރަސް އެޅެމުންދާ ނަމަ، އޭގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އެކި ސިނާއަތްތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ. ޚާއްޞަކޮށް ހަކަތައަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ތަރައްގީވަމުން އަންނަ ގައުމުތަކަށް އިގުތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެއެވެ.
އިޒްރޭލުން ދޭ ހަމަލާތަކުގެ އެއް އަމާޒަކީ، އީރާނުގެ ވެރިކަން ބަލިކަށިކޮށްލައި، ދާޚިލީ ހަމަނުޖެހުންތަކެއް އުފައްދައި، އިސްލާމިކް ރިޕަބްލިކްގެ ފޫވައްޓާލުންކަން އިޒްރޭލުގެ ބޮޑުވަޒީރު، ނަތަންޔާހޫގެ ވާހަކަތަކުން އެނގެއެވެ. ނަމަވެސް އެކަން އެގޮތަށް ހިނގުމަކީ ދުރުކަމެއް ކަމުގައި ލަފާކުރެވެއެވެ. އެހެނީ، އީރާނާ ދެކޮޅަށް އަޅާފައިވާ އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއި، އަސްކަރީ ޕްރެޝަރު އޮތް ނަމަވެސް، އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން އީރާނުގެ އެތެރޭގެ ތާއީދު ސަރުކާރަށް އިތުރުވެގެންދާނެ ކަމަށް ބެލެވޭތީއެވެ. އީރާނުގެ ދުޝްމަނުން ދެމުންދާ ހަމަލާތަކާ ދެކޮޅަށް އީރާންގެ ރައްޔިތުންގެ އެއްބައިވަންތަކަން ކުރިއަށްވުރެ ބޮޑަށް ދަނީ ފެންނަމުންނެވެ. އޭގެ ހެއްކަކީ އިޒްރޭލުގެ ހަމަލާތަކަށް ބަދަލު ހިފުމަށް އީރާނުން ހަމަލާދޭން ފެށުމާ އެކު އީރާންގެ ރައްޔިތުން މަގުތަކަށް ނުކުމެ އުފާފާޅުކޮށް އަޑުއުފުލާފައި ވުމެވެ.
އޭގެ ބަދަލުގައި، އީރާނުން އިޒްރޭލަށް ދިގު މުއްދަތަކަށް ހަމަލާދެމުންދާ ނަމަ، ނަތަންޔާހޫގެ ހަރުކަށި ސަރުކާރަށް އިތުރު ޕްރެޝަރާ ކުރިމަތިވެ، އިޒްރޭލުގައި ސަރުކާރަަށް އޮތް އިތުބާރު ގެއްލިގެންދާނެ ކަމަށް ބެލެވެއެވެ. އަދި، އެތެރޭގެ ސިޔާސީ ހަމަނުޖެހުން ބޮޑުވެ، ނަތައްޔާހޫއަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމުގައި ބެލެވެއެވެ.
ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ، އިޒްރޭލުން އީރާނަށް ހަމަލާތައް ދޭން ފަށާފައި ވަނީ އީރާނާއި އެމެރިކާއާ ދެމެދު މުހިންމު މަޝްވަރާތަކެއް ކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ. އެމެރިކާއިން އިސްވެ އީރާނާ އެކު މަޝްވަރާތައް ފެށީ، އީރާންގެ ނިއުކްލިއާ ޕްރޮގްރާމަށް ބާރާއި ނުފޫޒު ފޯރުވައި، އެ ޕްރޮގްރާމް ހުއްޓައިލުމަށް ބާރު އެޅުމުގެ ބޭނުމުގައެވެ. ނަމަވެސް، އިޒްރޭލުގެ ޙަމަލާތަކާ ގުޅިގެން އީރާނުން ވަނީ އެމެރިކާއާ އެކު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ދެކޮޅު ހަދާފައެވެ. ޑިޕްލޮމެސީގެ ރީތި އުސޫލުން ސުލްހަވެރިކަމާ އެކު ނިންމެން އޮތް ކަމެއްގައި އިޒްރޭލުން އެޅުވި ފަނީގެ ސަބަބުން އެ މަޝްވަރާތައް ވަނީ ރޫޅިފައެވެ. އެ މަޝްވަރާތަކާ މެދު އޮތް އިތުބާރު އީރާންގެ ކުރިމަތީގައި ގެއްލުމަކީ، އީރާނުން ވެސް އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމެއް ކަމުގައި ބެލެވެއެވެ. އެގޮތުން، ނިއުކްލިއާ ހަތިޔާރާއި ހަތިޔާރުގެ ޓެކްނޮލޮޖީ އުފެއްދުން ހުއްޓުވުމާއި، ނިއުކްލިއާ ހަކަތަ ސުލްހަވެރިކަމާ އެކު ބޭނުންކުރުމުގައި އެއްބާރުލުން ދިނުމާއި، ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ބައިނަލްއަގުވާމީ މުއާހަދާ ކަމުގައިވާ ”ނިއުކްލިއާ ނޮން ޕްރޮލިފަރޭޝަން ޓްރީޓީ (އެންޕީޓީ)“ އިން ވަކިވުމަށް އީރާނުން ދަނީ ވިސްނަމުންނެވެ.
ދެން އުފެދޭ ސުވާލަކީ، މެދުއިރުމަތީގެ ދެ ބާރުގެ މެދުގައި ބަދަލުކުރަމުންދާ ހަމަލާތައް އިތުރަށް ފުޅާވުން، ހުއްޓުވިދާނެ ހެއްޔެވެ؟ ތަޖުރިބާކާރުން ދެކޭގޮތުން، އެ ހަމަލާތައް ހުއްޓުވުމަށް ގަތަރު ނުވަތަ އޮމާން ފަދަ ސަރަހައްދީ ބާރުތަކުން މެދުވެރިވެގެން ބެކްޗެނަލް ޑިޕްލޮމަސީގެ އުސޫލުން މަޝްވަރާކޮށް ދެ ފަރާތުގެ މަސްލަހަތަށް ފައިދާވާ ގޮތަށް އެއްބަސްވުމަކަށް ގެނައުމަކީ އަދިވެސް ކުރެވިދާނެ ކަމެކެވެ.
މަޢުލޫމާތު:
ރޮއިޓާސް: އިޒްރޭލް-އީރާން ސްޓްރައިކްސް: އެނަލިސްޓް ރިއެކްޝަންސް ޓު ސްޓޮކް ސެލްއޮފް، އޮއިލް ސާޖް
ބީބީސީ: އިޒްރޭލް-އީރާން ސްޓްރައިކްސް: ވަޓް އަރ ދަ ވޯސްޓް-ކޭސް ސިނާރިއޯސް؟
އަލްޖަޒީރާ: އައިއޭއީއޭ ވާންސް އިޒްރޭލް-އީރާން ކޮންފްލިކްޓް ތުރެޓެންސް ނިއުކްލިއާ ފެސިލިޓީސް، ޑިޕްލޮމެސީ
އެކްސްގެ ބައެއް މަސްދަރުތައް
