ބާންއައުޓަކީ މަސައްކަތުގެ މާޙައުލުގައި ތިމާއަށް ދިމާވާ ނަފުސާނީ އަދި ޖިސްމާނީ ވަރުބަލިކަމެކެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން ހަށިގަނޑަށް ނުކަތާވަރަށް ތިމާ އުފުލާ ނަފުސާނީ ބުރައިގެ ސަބަބުން ކުރިމަތިވާ ޙާލަތެކެވެ. މީގެ ސަބަބުން މަސައްކަތުގެ މާހައުލުގައި ތިމާ ކުރާ މަސައްކަތުގެ ފެންވަރު ދަށްވެ، އަމިއްލަ ނަފުސާމެދު ނޭދެވޭ ޝުޢޫރުތައް އުފެދި، އަދި ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް ވަރުބަލިކަން އިހުސާސްކުރެވެއެވެ. މިހެން މިކަން ދިމާވުމުގެ އެއްމެބޮޑު އެއް ސަބަބަކީ މަސައްކަތުގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން މެނޭޖްކުރަން ނޭންގުމެވެ.
ބާންއައުޓް ދެނެގަންނާނީ ކިހިނެއް؟
ބާންއައުޓް ދެނެގަންނާނެ ވަރަށް ގިނަ ގޮތްތަކެއް ހުރެއެވެ. އޭގެ ތެރޭގައި ދާއިމީ ވަރުބަލިކަން ހިމެނެއެވެ. މިސާލަކަށް، ނިދާފައި ތެދުވިޔަސް ތިމާއަށް ވަރުބަލިކަން އިހުސާސް ކުރެވިދާނެއެވެ. އަދި މަސައްކަތަށް ހުންނަ ޝައުޤުވެރިކަން ނެތި، ކުރިން ޝައުޤުވެރިކަމާ އެކު ކުރަމުންދިޔަ މަސައްކަތްތަކަށް ހުންނަ ޝައުޤުވެރިކަން ގެއްލިދާނެއެވެ. މީގެ އިތުރުން، މަސައްކަތުގެ ފެންވަރު ދަށްވެ ކުރިން ފަސޭހައިން ނިންމާލެވޭ މަސައްކަތްތައް ވެސް ނިންމުމަށް ދަތިތަކާ ކުރިމަތިލާން ޖެހިދާނެއެވެ. ހަމައެހެންމެ، ނިދުމުގައި ދަތިތަކެއް ކުރިމަތިވެ ނިދަން އުނދަގޫވުން ނުވަތަ ނިދިން އަވަސް އަވަހަށް ހޭލެވިދާނެއެވެ. އަދި ކެއިންބުއިމަށް ޝައުޤުވެރިކަން ގެއްލި ކެއުމުގެ އާދަތައް ބަދަލުވެދާނެއެވެ. މީގެ އިތުރުން، ފަސޭހައިން ރުޅިއައުން ނުވަތަ ކަންބޮޑުވެ، ހާސްވެ، ކުދިކުދި ކަންކަމާ ވަރަށް އަވަހަށް ރުޅިއައުމަކީ ވެސް ވެދާނެ ކަމެކެވެ. މި ހުރިހާ ކަމެއް އެކުގައި ފެންނަ ނަމަ، އެއީ ބާންއައުޓްގެ ނިޝާންތަކެވެ.
ބާންއައުޓްވުން އިތުރުވާން ދިމާވަނީ ކީއްވެ؟
ބާން އައުޓްވުމަކީ މިހާރު ވަޒީފާގެ މާޙައުލުގައި ވަރަށް އާންމު ކަމަކަށް ވެފައިވާ އިރު، މިކަން އިތުރުވާން ދިމާވަނީ އެކި ސަބަބުތަކާ ހުރެއެވެ. އޭގެ ތެރޭގައި މަސައްކަތުގެ ބުރަ ބޮޑުވެ، ގިނަ ވަގުތު މަސައްކަތްކުރަން ޖެހުމާއި، އެއްފަހަރާ ގިނަ މަސައްކަތް ޙަވާލުކުރެވުން ހިމެނެއެވެ. މީގެ އިތުރުން، އެކަށީގެންވާ މިންވަރަށް އަރާމު ނުލިބި، މަސައްކަތާ ދެމެދު އެކަށީގެންވާ ހުސްވަގުތު ނުލިބުމަކީ ވެސް މުހިންމު ސަބަބެކެވެ. ހަމައެހެންމެ، މަސައްކަތާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން މެނޭޖްނުކުރެވި، މަސައްކަތަށް މާ ގިނަ ވަގުތު ހޭދަކޮށް، އަމިއްލަ ދިރިއުޅުމަށް ވަގުތު ނުދެވުމަކީ ވެސް ބާން އައުޓްވުމަށް މަގުފަހިވާ ކަމެކެވެ. މަސައްކަތުގެ މާޙައުލުގައި އެކަށީގެންވާ އެހީތެރިކަމެއް ނުލިބި، މެނޭޖްމަންޓުން ނުވަތަ އެހެން މުވައްޒަފުންގެ ފަރާތުން ބޭނުންވާ އެހީތެރިކަން ނުލިބުމަކީ ވެސް މިކަމަށް ދިމާވާ އެހެން ސަބަބެކެވެ. އަދި އެންމެ ފަހުން، އަމިއްލަ ނަފުސަށް ބޮޑެތި ލަނޑުދަނޑިތައް ކަނޑައަޅައި، ޙަޤީޤަތާ ނުގުޅޭ ބޮޑެތި ލަނޑުދަނޑިތަކަށް މަސައްކަތްކުރުމަކީ ވެސް ބާން އައުޓްވުމަށް މަގުފަހިވާ ކަމެކެވެ.
ބާންއައުޓްވުމުން ތިމާ ސަލާމަތްވާނެ ގޮތަކީ ކޮބާ؟
މިކަމުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ދީނީ ކަންކަމަށް ފަރުވާތެރިވުމާއި، މަސައްކަތާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން ރަނގަޅަށް މެނޭޖްކުރުން ހިމެނެއެވެ. ވަގުތުންވަގުތަށް ނަމާދުކޮށް، މާތްﷲގެ ހަޟުރަތުގައި ދުޢާކޮށް ޒިކުރުކުރުން ގިނަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މީގެ އިތުރުން، އެކަށީގެންވާ މިންވަރަށް ނިދުމާއި އަރާމުކުރުމަށް ސަމާލުކަން ދިނުމާ އެކު، ދުޅަހެޔޮ ކާނާ ކައި، ގަވާއިދުން ކަސްރަތުކުރުމަކީ ވެސް މުހިންމު ކަމެކެވެ. މަސައްކަތުގެ ލަނޑުދަނޑިތައް ޙަޤީޤަތާ ގުޅޭގޮތަށް ބަހައްޓައި، އެހީތެރިކަން ބޭނުންވާ ހިނދު އެކަން ހާމަކުރުމަކީ ވެސް ބާން އައުޓްވުމުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅެކެވެ. އަދި ހަމަ އެހެންމެ، ކޮންމެ އަހަރަކު ވެސް އަހަރީ ޗުއްޓީ ބަހާލައިގެން ނަގައި، މަސައްކަތުގެ މާހައުލުން ބޭރުގައި އާއިލާއާއި ރަށްޓެހިންނާ އެކު ވަގުތު ހޭދަކޮށް އުފާވެރި މާހައުލެއް ބިނާކުރުމަކީ ވެސް މުހިންމު ކަމެކެވެ. މިގޮތަށް ޢަމަލުކުރުމުން، ބާން އައުޓްވުމުން ސަލާމަތްވެ، ހަށިގަނޑާއި ސިކުނޑި ދުޅަހެޔޮވެ، ނަފުސާނީ ގޮތުން ވެސް ހަމަޖެހުން ލިބި، މަސައްކަތުގެ މާހައުލުގައި އުފާވެރިކަމާ އެކު ދެމިހުރެވޭނެއެވެ.
މިކަމަށް އަވަސް ފަރުވާއެއް ނުދެވިއްޖެނަމަ ދެންވާނީ ކިހިނެއް؟
ބާން އައުޓަށް އެކަށީގެންވާ ފަރުވާއެއް ނުދެވިއްޖެ ނަމަ، އޭގެ ނޭދެވޭ އަސަރުތައް ވަރަށް ފުޅާ ދާއިރާއެއްގައި ކުރިމަތިވެދާނެއެވެ. ނަފުސާނީ ގޮތުން އެންޒައިޓީއާއި ޑިޕްރެޝަން ފަދަ ބަލިތައް ޖެހުމުގެ ފުރުޞަތު އިތުރުވެ، ނިދުމުގެ މައްސަލަތައް އިތުރަށް ގޯސްވެދާނެއެވެ. ހަމައެހެންމެ، ހަށިގަނޑުގެ ދިފާޢީ ނިޒާމް ދަށްވެ، ބޮލުގައި ރިއްސުމާއި މައިގްރޭން އިތުރުވެ، ހިތުގެ ބަލިތަކަށް މަގުފަހިވެދާނެއެވެ. މީގެ އިތުރުން، ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރުމަށް އަރައިގަތުމާއި، އަމިއްލަ ނަފުސަށް ގެއްލުންދޭ ޢަމަލުތައް ހިންގުމުގެ ވިސްނުން އައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މަސައްކަތުގެ ދާއިރާގައި ޕާފޯމަންސް ދަށްވެ، ވަޒީފާ ގެއްލުމުގެ ފުރުޞަތު ބޮޑުވެ، ކުރިއެރުން ހޯދުމުގެ ފުރުޞަތުތައް ގެއްލިދާނެއެވެ. އިޖުތިމާޢީ ގުޅުންތަކަށް ބަލާއިރު، އާއިލާއާއި ރަޙްމަތްތެރިންނާ ދުރުވެ، އިޖުތިމާޢީ ހަރަކާތްތަކުން އެކަހެރިވެ، ގާތްމީހުންނާ މައްސަލަތައް ޖެހުން އިތުރުވެދާނެއެވެ. އަދި އަމިއްލަ ދިރިއުޅުމުގެ ފެންވަރު ދަށްވެ، އަމިއްލަ ސާފުތާހިރުކަމަށް އަހައްމިއްޔަތުކަން ނުދީ، ދުޅަހެޔޮ ކާނާ ކެއުމަށް ސަމާލުކަން ނުދީ، ވަގުތު ބެލެހެއްޓުމުގައި ދަތިތަކާ ކުރިމަތިވެދާނެއެވެ.
މިކަމުގައި މުޖުތަމަޢުގެ ދައުރަކީ ކޮބާ؟
މުޖުތަމަޢުގެ ދައުރަކީ ބާންއައުޓްގެ މައްސަލަ ޙައްލުކުރުމުގައި ވަރަށް މުހިންމު ދައުރެކެވެ. މުޖުތަމަޢުގެ ފަރުދުންނާއި އިދާރާތަކުން މި މައްސަލައަށް ސަމާލުކަން ދީ، މިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި މަސައްކަތުގެ މާޙައުލުގައި މުވައްޒަފުންނަށް އެކަށީގެންވާ މިންވަރަށް ހުސްވަގުތު ލިބޭކަން ކަށަވަރުކުރުމަކީ ވެސް މުހިންމު ކަމެކެވެ.
މިހެންކަމުން، ބާން އައުޓްގެ އަލާމާތްތައް ފެންނަން ފެށުމުން ވީހާވެސް އަވަހަކަށް އެކަމަށް ފަރުވާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. ބައެއް ފަހަރު ޕްރޮފެޝަނަލް އެހީތެރިކަން ހޯދައި ކައުންސިލިންގް ސެޝަންތައް ނެގުމަކީ ވެސް މުހިންމު ކަމަކަށް ވެދާނެއެވެ. އަދި މަސައްކަތުގެ މާޙައުލުގައި ދިމާވާ ދަތިތައް މެނޭޖްމަންޓާ ހިއްސާކޮށް، އެކަށީގެންވާ ހައްލެއް ހޯދުމަށް މަސައްކަތްކުރަންވާނެއެވެ. އަދި އެހެން މީހެއްގެ ކިބައިން އެފަދަ ކަމެއް ފެންނަ ނަމަ ލަސްނުކޮށް އެމީހަކަށް އަޅާލާ އޯގާތެރިވެ އެމީހެއްގެ ހިތުގެ އުދާސްތައް ކެއްތެރިކަމާ އެކު އަޑުއަހައި އެމީހަކަށް ހައްލު ހޯދައިދޭން މަސައްކަތްކުރަން ވާނެއެވެ. މިގޮތުން، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކޮށްގެން، ބާންއައުޓްގެ މައްސަލަ ޙައްލުކުރެވޭނެއެވެ. އަދި މިކަމުގެ ސަބަބުން މުވައްޒަފުންގެ ދުޅަހެޔޮކަމާއި އުފެއްދުންތެރިކަން އިތުރުވެ، މުޅި މުޖުތަމަޢަށް ފައިދާކުރާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
ރެފަރެންސް
- ވޯލްޑް ހެލްތު އޮގަނައިޒޭޝަން. (28 މޭ 2019). ބާން އައުޓް އެން ”އޮކިއުޕޭޝަނަލް ޕެނޯމެނަން“: އިންޓަނޭޝަނަލް ކްލެސިފިކޭޝަން އޮފް ޑިޒީސަސް. ނެގީ؛ ވޯލްޑް ހެލްތު އޮގަނައިޒޭޝަން: https://www.who.int/news/item/28-05-2019-burn–out–an–occupational–phenomenon–international–classification–of–diseases
- ފާތިމަތު އަހުލާމް. (24 މޭ 2025). ”ބާން އައުޓް“އަކީ ކޮބާ؟ މިކަމަށް ސަމާލުވާން ޖެހެނީ ކީއްވެ؟. ނެގީ؛ ހުރިހާ: https://hurihaa.mv/37325
