ދިވެހިބަހުގެ ލިޔެކިޔުމޭ ނަންގަތަސް މި ޒަމާނުގައި، މިއަދުގެ ލިޔުންތަކުގައި ގިނައިން ފެންނާނީ ތާނައަކުރުން ލިޔެފައި ހުންނަ ބޭރު ބަސްބަހުގެ ލަފުޒެވެ. އަދި މިގޮތަށް ބޭރު ލަފުޒު ބޭނުންކުރުމުގައި ދިވެހިބަހުގައި ބޭނުންކުރާ އަކުރު ބޭނުންކޮށްފައި ހުންނަ ހުރުން ގިނަ ފަހަރަށް ރަނގަޅެއް ނޫނެވެ. ލިޔުންތަކުން ފެންނާން ހުންނަނީ ބޭރު ބަހުގެ ލަފުޒެއް ލިޔުމަށް ފަހު ދިވެހިބަހުގައި ގުޅުވުމަށް ބޭނުން މި ކުރާ އަކުރުތައް އޭގެ ފަހަތުގައި ލިޔެފައި އޮންނަ ތަނެވެ. އެ އަކުރު ލިޔުމުގައި އަންނަން ޖެހޭ ބަދަލުތައް އައިސްފައި ހުންނަ ތަނެއް ނުފެނެއެވެ.

ދިވެހިބަހުގައި ބޭނުންކުރާ އަކުރުތަކަކީ ވަކިހަމަތަކެއް ހުންނަ އެއްޗެކެވެ. ލަފުޒެއްގެ ފަހަތަށް އަކުރެއް އައުމުން އެ ލަފުޒުގެ އަސްލަށް ބަދަލު އަންނަ ހަމައެއް އޮވެއެވެ. މި ހަމައިގެ އެންމެ ޚާއްޞަ ސިފައަކީ މި ހަމަ، ހަމައެކަނި ބޭނުންކުރެވެނީ މަށް ދިވެހި ލަފުޒުތަކަށް އެކަންޏެއް ނޫން ކަމެވެ. ދިވެހި ލިޔެކިޔުމުގައި ބޭނުންކުރާ ބޭރު ބަސްބަހުގެ ލަފުޒުތަކަށް ވެސް މި ހަމަ ފައްތާލެވެއެވެ. މި ކަން ދިވެހިބަހުގައި ހެދިފައި ވާ ގަވާއިދު ފޮތްތަކުން ހާމަކޮށްދެއެވެ.

ދިވެހިބަހުގެ ގަވާއިދު ފޮތްތަކުގައި ބޭރު ބަހުގެ ލަފުޒުތައް ލިޔުމުގައި މި ނަންގަތް ހަމަ ބޭނުންކުރާނެ އުސޫލުތައް ވަރަށް ސާފުކޮށް ކިޔައިދީފައި ވެއެވެ. އެހެންކަމުން މި ލިޔުމުގައި ބަލައިލާނީ ދިވެހިބަހުގެ ގަވާއިދު ފޮތްތަކުގައި ބަޔާންކޮށްފައިވާ ގަވާއިދުގެ ނުކުތާތަކުގެ މައްޗަށް ބަލައި، ދިވެހިބަހުގައި ބޭރު ލަފުޒު ބޭނުންކުރާނެ ގަވާއިދުތަކަށެވެ.

މިހާހިސާބުން މި ބަލައިލަނީ ދިވެހިބަހުގެ ގަވާއިދު 1،2،3،4ގައި މި ގަވާއިދުގައި މި ނުކުތާއާ މެދު ދެކެވިފައި ވާ ވާހަކަތަކަކަށެވެ.

ދިވެހިބަހުގައި ބޭނުންކުރެވޭ ބޭރު ލަފުޒު ލިޔުމުގައި ދިވެހިބަހެކޭ އެއްގޮތަށް ބަހުގެ ފަހު އަކުރުގައި ގަވާއިދުން ޖަހަންޖެހޭ ފިއްޔެއް ޖަހަމުން ގެންދާނީއެވެ.

މިސާލު: އޮފީހުން، އޮފީހަށް، އޮފީހާއި، އޮފީހެއް؛

މަގާމުން، މަގާމަށް، މަގާމާއި، މަގާމެއް؛

 އާރިފުން ފެށިގެން، އާރިފަށް، އާރިފާއި، އާރިފެއް؛ މި އެވެ.

ޖެހިގެން އޮތް ސަފުހާގައި މި ވަނީ ބަހުގެ ފަހަތަށް އިން، އަށް، އާ، އެއް، އަކު، އީ، އަކީ، އާއި، އެވެ. މި އަކުރުތައް ގުޅަމުން ގެންދެވޭ ގޮތުގެ ތާވަލެކެވެ.

މި ނަންގަނެވުނީ ދިވެހިބަހުގެ ގަވާއިދު 1،2،3،4ގައި މި ގަވާއިދުގެ ނުކުތާއާ މެދު ދެކެވިފައި ވާ ވާހަކަތަކެވެ. އަދި ތިރީގައި މި ބަޔާންކުރަނީ ފިޔަވަޅު 3ގައި މި ގަވާއިދާ މެދު ދެކެވިފައި ވާ ވާހަކަތަކެވެ.

ދިވެހިބަހުގައި ބޭނުންކުރާ އަކުުރުތައް، ދިވެހިބަހުގެ ތެރޭގައި ބޭނުންކުރާ ބޭރުބަހުގެ ނަންތަކާ ގުޅާން ވާނީ، އެ ނަންތައް ހަލާކުވިނުވެ ސަލާމަތުން ހުންނާނޭ ގޮތުގެ މައްޗަށް ވިސްނުން ބަހައްޓައިގެންނެވެ.

އެހެންކަމުން ލިއުމުގައި އެ ފަދަ ނަންތަކާއި އަކުރުތައް ގުޅޭ އިރު ބަދަލެއްނައިސް ހުރި ގޮތަށް ހުންނާންވާނެއެވެ. ނަމަވެސް ކިއުމުގައި އަމަލުކުރެވޭނީ ދިވެހިބަހާ މެދު އަމަލުކުރާ ހަމަތަކުގެ މަތީންނެވެ.

މިސާލު: ސްޓާފް، ސްޓާފުން، ސްޓާފަށް، ސްޓާފާއި، ސްޓާފެވެ.؛

ކޮމިޝަން، ކޮމިޝަނުން، ކޮމިޝަނަށް، ކޮމިޝަނާއި، ކޮމިޝަނެވެ. މި އެވެ.

ޖުމުލަކޮށް ދެ ގަވާއިދު ފޮތުން ވެސް ފާހަގަކުރެވިފައި މި ވަނީ ބޭރު ބަސްބަހުގެ ލަފުޒު ދިވެހިބަހުގެ ލިޔުމުގައި ބޭނުންކުރާ ހާލަތުގައި ދިވެހިބަހުގެ އަކުރުތައް މެހިގެން ދަނީ ދިވެހިބަހުގެ ލަފުޒުތަކާ އެއްގޮތަށް ކަމެވެ.

ބޭރު ބަސްބަހުގެ ލަފުޒުތަކުގެ އިތުރުން ޚާއްޞަނަމުގެ ކުރު ގޮތަށް (އެބްރިވިއޭޝަން) ބޭނުންކުރާކުރުމުގައި ވެސް އޮތީ ހަމަ މި ހަމައެވެ. ދިވެހިބަހެކޭ އެއް ފަދައިން ލަފުޒުގެ ފަހަތަށް މެހޭ އަކުރު އައުމުން ލަފުޒުގެ އަސްލަށް ބަދަލު އަންނާނެއެވެ. ބައެއް މިސާލުތައް ތިރީގައި މި ވަނީއެވެ.

މިސާލު: އެމްއެންޑީއެފް، އެމްއެންޑީއެފުން، އެމްއެންޑީއެފަށް، އެމްއެންޑީއެފާއި، އެންއެންޑީއެފުގެ، އެމްއެންޑީއެފެވެ.؛

އެންސީޓީސީ، އެންސީޓީސީން، އެންސީޓީސީއަށް، އެންސީޓީސީއާއި، އެންސީޓީސީގެ، އެންސީޓީސީއެވެ.؛

ޕީއެސްއެމް، ޕީއެސްއެމުން، ޕީއެސްއެމަށް، ޕީއެސްއެމާއި، ޕީއެސްއެމުގެ، ޕީއެސްއެމެވެ.؛

އެމްއެންއޭޓީއެސް، އެމްއެންއޭޓީއެސުން، އެމްއެންއޭޓީއެސަށް، އެމްއެންއޭޓީއެސާއި، އެމްއެންއޭޓީއެސުގެ، އެމްއެންއޭޓީއެސެވެ.؛

 އޭއާރްސީސީ، އޭއާރްސީސީން، އޭއާރްސީސީއަށް، އޭއާރްސީސީއާއި، އޭއާރްސީސީގެ، އޭއާރްސީސީއެވެ.؛

އެމްއާރްސީސީ،–އެމްއާރްސީސީން، އެމްއާރްސީސީއަށް، އެމްއާރްސީސީއާއި، އެމްއާރްސީސީގެ، އެމްއާރްސީސީއެވެ.؛

އެސްޓީއޯ، އެސްޓީއޯއިން، އެސްޓީއޯއަށް، އެސްޓީއޯއާއި، އެސްޓީއޯގެ، އެސްޓީއޯއެވެ.

މި މިސާލުތަކުން ހާމަވާ ފަދައިން ބޭރު ބަހުގެ އެބްރިވިއޭޝަން ލިޔުމުގައި ވެސް އޭގެ ފަހަތަށް އަކުރެއް އައުމުން ލަފުޒުގެ އަސްލަށް ބަދަލު އަންނަ ހާލަތުގައި ބަދަލު އާދެއެވެ. އަދި ލަފުޒުގެ އަސްލަށް ބަދަލު އަންނަނީ މަށް ދިވެހިބަހުގައި ވެސް އަކުރު މެހުމުން ބަދަލު އަންނަ އުސޫލުންނެވެ. އެއީ ލަފުޒުގެ އެންމެ ފަހު އަކުރުގައި [ސުކުން] އައުމުންނެވެ. [އާބާފިލި]، [އީބީފިލި]، [އޯބޯފިލި] އަންނަ ހާލަތުގައި ލަފުޒުގެ އަސްލަށް ބަދަލު ނާދެއެވެ.

ހަވާލާދިން ތަކެތި:

  • ފިޔަވަޅު 3
  • ދިވެހިބަހުގެ ގަވާއިދު 1،2،3،4
ޝެއަރކުރެއްވުމަށް