ރާއްޖޭގައި އެންމެ އިހުޒަމާނުން ފެށިގެން ވެސް އެކި ރަށްރަށުގައި ޚާއްޞަކޮށްފައި އޮންނަ މައިދާންތަކުގައި ޢީދުނަމާދު ކުރަމުން އައިސްފައިވެއެވެ. އެއީ ދިވެހީންގެ ދީންވެރިކަމާ ގުޅިފައިވާ ކަމެއްގެ އިތުރުން، ދިވެހީންގެ އާދަކާދައާއި ސަގާފަތުގެ ތެރެއަށް ވެސް ވަދެފައި އޮތް ކަމެކެވެ. ޒަމާންތަކެއް ވާންދެން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ފިތުރު ޢީދާއި އަޟްހާ ޢީދު ނަމާދުކުރުމަށް ޚާއްޞަކޮށްފައިވާ މައިދާންތަކަށް އެ ރަށްރަށުގެ ކުދިބޮޑު އެންމެން ޖަމާވެ، ޢީދު ނަމާދުގައި ބައިވެރިވެ، ރޫހާނީ ގޮތުން މުޖުތަމަޢުގެ އެއްބައިވަންތަކަން އުފައްދަމުން ގޮސްފައި ވެއެވެ. ނަމަވެސް، ޢީދުނަމާދު ކުރަމުންދިޔަ މި އާދަކާދަ ކޮންމެވެސް ސަބަބުތަކަށް ޓަކައި، ހުއްޓުނު ޒަމާނެއް އައެވެ.

އެކަން އެހެން މެދުވެރިވި ސާފު ސަބަބު ނޭނގުނު ނަމަވެސް ގަބޫލުކުރެވޭ ގޮތުގައި މައިދާންތަކަށް ނުކުމެ ޢީދުނަމާދުކުރުން ހުއްޓުނީ ރަށްރަށުގައި ބޮޑެތި މިސްކިތްތައް ބިނާކުރެވި، މިސްކިތްތަކުގައި ޢީދުނަމާދު ކުރެވޭނެ ޖާގަ ތަނަވަސްވެގެން އަންނަން ފެށުމުންނެވެ.

ޢީދު ނަމާދަކީ ޖަމާޢަތުގައި ކުރުން މޮޅު އިތުރު ނަމާދެކެވެ. އެހެނީ، ކީރިތި ރަސޫލާގެ ފަހަތްޕުޅުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް އަޞްޙާބު ބޭކަލުން ޝައުޤުވެރިވެ ލައްވާލެއް ބޮޑުކަމުން، ޚާއްޞަކޮށް މަދީނާގެ އަންހެން، ފިރިހެން، ކުދިބޮޑު އެންމެން ޖަމާވެ ޢީދު ނަމާދު ކުރައްވާފައި ވެއެވެ. އޭގެ އިތުރުން، މަދީނާއާ ކައިރި ހިސާބުގަނޑުގެ ކުދިކުދި އަވަށްތަކުގައި ޢީދުގެ ޖަމާާޢަތްކުރުން ސުންނަތް ނުވާ މީހުން ވެސް ކީރިތި ރަސޫލާގެ ފަހަތްޕުޅުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް މަދީނާއަށް އައިސް، އެއް ޖަމާއަތުގައި ޢީދު ނަމާދުކޮށްފައި ވެއެވެ.

ޚަލީފާވެރި ބެއިކަލުންގެ ދުވަސްވަރުގައި ވެސް ކަންއޮތީ މި ގޮތަށެވެ. އެހެންކަމުން ކީރިތި ރަސޫލާ ވެސް އަދި ހަތަރު ޚަލީފާވެރި ބޭކަލުން ވެސް ޢީދު ނަމާދު އިސްވެ ކޮށްއުޅުއްވީ މަދީނާގެ އާބާދީން ބޭރު ޞަޙަރާގައެވެ. ސަބަބަކީ ކީރިތި ރަސޫލާގެ މިސްކިތްކޮޅު ކުޑަކަމުން މި އެންމެންނަށް އެކީ ނަމާދު ނުކުރެވޭނެތީއެވެ.

ބޮޑެތި މައިދާންތަކުގައި ޢީދު ނަމާދުކުރުމުގެ އިތުރުން މިސްކިތްތަކުގައި ވެސް ޢީދު ނަމާދުކުރުމަކީ ކީރިތި ރަސޫލާގެ ޒަމާނުއްސުރެ ފެށިގެން މައްކާގެ މީސްތަކުންގެ ފަރާތުން ފެނުނު އާދައެކެވެ. މައްކާގެ އަހުލުވެރިން ޢީދު ނަމާދު ކޮށްއުޅުނީ އަލްމަސްޖިދުލް ޙަރާމްގައެވެ.

އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ. ”ރަށުގެ މިސްކިތް ތަނަވަސް ވެގެންވާ ނަމަ ޢީދުނަމާދުކުރުން އައުލާވެގެން ވަނީ މިސްކިތުގައެވެ. މިހެނީ މިސްކިތަކީ އެ ބިމެއްގައި ހުރި އެންމެ މާތް އެންމެ ތާހިރު ތަންކޮޅު ކަމުގައިވާތީއެވެ.“ އިމާމު އަޙްމަދު ވިދާޅުވަނީ، ”ޢީދު ނަމާދުކުުރުމަށް އައުލާވެގެން ވަނީ ޞަހަރާކަމުގައެވެ. އެއީ ކީރިތި ރަސޫލާއާއި ޚަލީފާވެރި ބޭކަލުން ޢީދު ކުރެއްވީ އެ ތާގައި ކަމަށް ވާތީއެވެ.“ – (ޝެއިޚް ޙުސައިން ރަޝީދު އަޙްމަދު)

ކޮންމެއަކަސް، ރާއްޖޭގެ ރަށްރަށުގައި ބޮޑު ޖަމާޢަތް ހަދައިގެން މައިދާންތަކުގައި ޢީދު ނަމާދުކުރުން ހުއްޓިފައި އޮތުމަށް ފަހު އަލުން މައިދާންތަކުގައި ޢީދު ނަމާދުކުރަން ފެށްޓީ 1433ވަނަ އަހަރު (2012)ގެ ކުޑަޢީދު ނަމާދުންނެވެ. މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން އެ ފަހަރު އޮތީ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައެވެ. ސްޓޭޑިއަމް ސަރަހައްދުގައި އެ ފަހަރު ޢީދުނަމާދު ކުރި ނަމަވެސް އިސްލާމީ މަރުކަޒާއި، ސިޓީ ކައުންސިލުން ކަނޑައެޅި ބައެއް މިސްކިތްތަކުގައި ވެސް ޢީދުނަމާދު ކޮށްފައި ވެއެވެ. މާފަންނު ސްޓޭޑިއަމްގައި އެ ފަހަރު ބޭއްވި ޢީދު ނަމާދުގައި ދައުލަތުގެ އިސް ބޭފުޅުންނާއި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި އެތައް ހާސް އާންމުން ބައިވެރިވިއެވެ.

ޒަމާންތަކަކަށް ފަހު، އެއް ޖަމާއަތުގައި ބޮޑު މައިދާނެއްގައި ޢީދު ނަމާދުކުރުން އަލުން ފެށުން ވެގެންދިޔައީ ދިވެހީންނަށް ކުރެވުނު ތަފާތު ތަޖުރިބާއަކަށެވެ. ދީނީ ރޫޙް ދިރުވުމުގެ އިތުރުން، މުޖުތަމަޢުގެ ގުޅުން ބަދަހިކުރެވިގެންދިޔަ އިޖުތިމާޢީ ޙަރަކާތެއްގެ ގޮތުގައެވެ. ރީތި ހެދުން އަޅައި، ޒީނަތްތެރިވެގެން ޢާއިލާތަކާއި، އަވަށްޓެރިންނާއި، ރަޙުމަތްތެރިން އެއްތަނަކުން ބައްދަލުވެ، ޢީދުގެ އުފާވެރިކަން ގެނެސްދިން ކަމެއްގެ ގޮތުގައެވެ. ޢީދު ނަމާދަށް ފަހު، އެކަކުއަނެކަކަށް ސަލާންގަލާންކުރުމާއި ދުޢާކުރުމާއި މުބާރަކުބާދުކިޔުން ކުރިއަށް ދިޔަ މަންޒަރުތަކުން ހިތްތައް އުފާކުރުވި ކަމަކަށެވެ.

ޝެއަރކުރެއްވުމަށް