ޒުވާން އުމުރަކީ ގިނަގުނަ ކަންބޮޑުވުންތަކާއި ގޮންޖެހުންތަކުން ފުރިގެންވާ އުމުރެކެވެ. އެހެންނަމަވެސް، އަދުގެ ޒުވާނުން ކުރިމަތިލާން ޖެހިފައި މި ވަނީ އިހުގެ އެއްވެސް ޖީލަކަށް ދިމާނުވާ ފަދަ ނުރައްކާތަކާ ކަމަށް، ޒުވާނުންގެ ޞިއްޙަތާއި ދުޅަހެޔޮކަމާ ގުޅޭގޮތުން ޝާއިޢުކުރެވުނު ތަފުޞީލީ ދިރާސާ ރިޕޯޓެއްގައި ފާހަގަކޮށްފައި ވެއެވެ. މި ރިޕޯޓުގައި، މި ޒަމާނުގެ ޒުވާނުންނަށް ދިމާވާ ބޮޑެތި ގޮންޖެހުންތަކާއި، އެ ކަންކަމުގެ ސަބަބުން އެ މީހުންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރުތައް ވަނީ ތަފުޞީލުކޮށް ބަޔާންކޮށްފައެވެ.
2030ވަނަ އަހަރާ ހަމައަށް، 10 އަހަރާއި 24 އަހަރާ ދެމެދުގެ އެއް ބިލިއަނަށް ވުރެ ގިނަ މީހުންނަށް ދުޅަހެޔޮ ނޫން ޞިއްޙީ ނަތީޖާތަކެއް ކުރިމަތިވުމުގެ ނުރައްކާ އެބައޮތެވެ. މިއީ ދުނިޔޭގެ ޒުވާނުންގެ އާބާދީގެ މަދުވެގެން ދެބައިކުޅަ އެއްބައެވެ. މިއީ މި އަހަރު މޭ މަހުގެ 21ވަނަ ދުވަހު ޝާއިޢުކުރެވުނު، ޞިއްޙީ ދާއިރާގެ ޖާނަލެއް ކަމުގައިވާ ލޭންސެޓްގައި ޝާއިޢުކުރެވުނު ރިޕޯޓުން ފާހަގަކޮށްފައި ވާ ކަންތައްތަކެވެ. ޒުވާނުންގެ މެދުގައި ފަލަވުމާއި ނަފުސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް އިތުރުވަމުން އަންނަ އިރު، އެ މީހުންނަށް ވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ ނުފޫޒާއި ހަމަޖެހުން ގެއްލިފައިވާ ދުނިޔޭގެ މޫސުމާ ވެސް ކުރިމަތިލާން ޖެހިފައެވެ.
ލޭންސެޓް ކޮމިޝަންތަކަކީ ޞިއްޙީ ދާއިރާގެ ވަކި މައުޟޫތަކެއް ދިރާސާކޮށް، އެ ދާއިރާގެ ސިޔާސަތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅުންތައް ހުށަހެޅުމަށް ޓަކައި އެކުލަވާލާ މުސްތަޤިއްލު ދިރާސާ ޓީމުތަކެކެވެ. މި ރިޕޯޓު އެކުލަވާލާފައި ވަނީ 44 މާހިރުންގެ މައްޗަށް އެކުލެވޭ ޓީމަކުންނެވެ. މީގެ ތެރޭގައި 10 ޒުވާން ކޮމިޝަނަރުން ހިމެނެއެވެ. މި ފަރާތްތަކުން 2021ވަނަ އަހަރު މަސައްކަތް ފެށުމަށް ފަހު، ގާތްގަނޑަކަށް 550 ޕިއަރ ރިވިއުޑް ދިރާސާ މުރާޖަޢާކޮށްފައި ވެއެވެ. މިއީ 2016ވަނަ އަހަރު ޝާއިޢުކުރެވުނު ޒުވާނުންގެ ޞިއްޙަތާއި ދުޅަހެޔޮކަމާ ބެހޭ ފުރަތަމަ ރިޕޯޓަށް ފަހު ނެރެފައިވާ ދެވަނަ ރިޕޯޓެވެ.
ރިޕޯޓުގެ ހޯދުންތަކުގައި ބައެއް ރަނގަޅު ކަންކަން ފާހަގަކޮށްފައި ވެއެވެ. މީގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ މިންވަރު ދަށްވެފައިވުމާއި، ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ފުޅާވެފައިވުން ހިމެނެއެވެ. ޚާއްޞަކޮށް އަންހެން ކުދިންނަށް ލިބިފައިވާ ފުރުޞަތުތައް ފަހިވެ އިތުރުވެފައިވުން ހިމެނެއެވެ. ނަމަވެސް، ރިޕޯޓުން އަންގައިދެނީ ޒުވާނުންގެ ދުޅަހެޔޮ ޞިއްޙަތު ވަނީ ”ނާޒުކު ހާލަތެއްގައި“ ކަމަށެވެ. މިއީ މި ކަމާ މެދު ފުންކޮށް ވިސްނައި، އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައި ވާ ކަމެއްކަން ފާހަގަކޮށްފައި ވެއެވެ. އަދި މިއީ މުޖުތަމަޢުގެ އެންމެހައި ފަރާތްތަކުން އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ބައެއް މުހިންމު ކަންތައްތަކުގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
ޑިޖިޓަލް ޖެރެނޭޝަން:
ރިޕޯޓުގައި ފާހަގަކޮށްފައި ވާ ގޮތުގައި، މިހާރުގެ ޒުވާން ޖީލަކީ ޑިޖިޓަލް ދުނިޔެއަށް އުފަންވި ފުރަތަމަ ޖީލެވެ. ބައިނަލްއަގުވާމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 15 އަހަރާއި 24 އަހަރާ ދެމެދުގެ އުމުރުފުރައިގެ 79 އިންސައްތަ ފަރުދުންނަށް އިންޓަނެޓުގެ ޚިދުމަތް ލިބިފައި ވެއެވެ. މީގެ އިތުރުން، މަތީ ފަންތީގެ އާމްދަނީ އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކުގައި، 95 އިންސައްތަ ޒުވާނުން އޮންލައިން ޕްލެޓްފޯމްތަކުގައި އެކި ގޮތްގޮތަށް ޙަރަކާތްތެރިވަމުން ގެންދެއެވެ.
ޑިޖިޓަލް ޓެކްނޮލޮޖީގެ ކުރިއެރުންތަކުން ގިނަގުނަ ފުރުޞަތުތައް ފަހިކޮށްދިން ނަމަވެސް، އޭގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކަށް ވެސް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. މިގޮތުން މި ޓެކްނޮލޮޖީތަކުގެ ސަބަބުން ޒުވާނުންނަށް ނެދެވޭ ނުވަތަ ދޮގު މަޢުލޫމާތާއި، ސައިބަރ ފުރައްސާރައިގެ އިތުރުން ނޭދެވޭ އެހެނިހެން ކޮންޓެންޓްތަކަށް ހާމަވުމުގެ ފުރުޞަތު ވަނީ އިތުރުވެއެވެ. ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން އިތުރުވުމާ ގުޅިގެން އިޖުތިމާޢީ ގޮތުން އެކަހެރިވުމާއި ޖިސްމާނީ ދުޅަހެޔޮކަމާއި ހަރަކާތްތެރިކަން މަދުވުން ފަދަ ކަންކަން އިތުރުވެ، ޞިއްޙީ އަދި އިޖުތިމާޢީ ގޮންޖެހުންތަކަށް މަގުފަހިވެދާނެއެވެ.
ޑިޖިޓަލް ޓެކްނޮލޮޖީގެ ނުރައްކާތަކާއި ފައިދާތައް، އާޓިފިޝަލް އިންޓެލިޖެންސްގެ ކުރިއެރުމާ އެކު އިތުރަށް ފުޅާވެ، ބޮޑުވެގެންދާނެކަމަށް މި ރިޕޯޓުން ފާހަގަކޮށްފައި ވެއެވެ. މި ގޮންޖެހުމަށް އެންމެހައި ފަރާތްތަކަށް އެއްހަމައަކުން ހައްލެއް ހޯދުމަށް ޤައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ތަފާތު އެކި ގޮތްގޮތުން މަސައްކަތްކުރުން މުހިންމެވެ. މީގެ ތެރޭގައި ޤާނޫނީ، އިޖުތިމާޢީ އަދި ތަޢުލީމީ ދާއިރާތަކުން އެޅިދާނެ ފިޔަވަޅުތައް ހިމެނެއެވެ.
ރެފަރެންސް:
- ބެކީ ފެރައިރާ. (21 މޭ 2025). ދިސް ޖެނެރޭޝަން އީސް ފޭސިން އަ ހޯސްޓް އޮފް ކޮމްޕްލީޓްލީ ޔުނިކް ހެލްތު ތުރެޓްސް. ނެގީ؛ ނޭޝަނަލް ޖިއޮގްރެފިކް: https://www.nationalgeographic.com/health/article/lancet-report-health-wellbeing-adolescents-youth-generation
