ނަމަށް ބަދަލު އަންނާނެއެވެ. ނަމަށް ބަދަލު އަންނާނެއޭ މި ނަންގަތީ ނަމުގެ ފަހަތަށް މެހޭ އަކުރެއް ގުޅުވުމުން ނަމަށް ބަދަލު އަންނަ ވާހަކައެވެ. ނަމުގެ ފަހަތަށް މެހޭ އަކުރެއް އައުމުން ދެ ހާލަތެއް އާދެއެވެ. އެއީ ނަމަށް މެހޭ އަކުރެއް އަންނަ ހާލަތުގައި ލަފުޒުގެ އަސްލަށް ބަދަލު އަންނަ ހާލަތާއި ނާންނަ ހާލަތެވެ. އަޅުގަނޑު މި ލިޔުމުގައި އޮޅުން ފިލުވައިދޭން ބޭނުންވާ ބަޔަކީ މި ތަނުން ލަފުޒުގެ އަސްލަށް ބަދަލު އަންނަ ހާލަތެވެ.

ބައެއް ސިޓީބިޓީ ކިޔާ އިރުގައާއި ބައެއް ލިޔުންތައް ކިޔާ އިރު ނަންތައް ލިޔެފައި ހުންނަ ހުރުމުގައި މި ނަންގަތް ބަދަލު އައިސްފައި ނުހުންނަކަން ފާހަގަކުރެވިފައި ވެއެވެ. އެހެންކަމުން އަޅުގަނޑުމެންނާ ގުޅޭ، އާދެ! ސިފައިންގެއާ ގުޅޭ މިސާލުތައް ގެނެސްދީގެން އިތުރަށް އޮޅުންފިލުވައި ދެވޭތޯ އަޅުގަނޑު މަސައްކަތްކުރާނަމެވެ.

އެންމެ ފުރަތަމަ ސިޓީބިޓީގައި އެޑްރެސްކުރުމުގައި ނަމަށް ބަދަލު އަންނަ ގޮތް ކިޔާލަދޭނަމެވެ. އެގޮތުން ސިޓީއެއް އެޑްރެސްކުރުމުގެ ބައެއް މިސާލުތަކެއް ލިޔެދޭނަމެވެ. ސިޓީ އެޑްރެސްކުރުމުގައި ނަމުގެ ފަހަތަށް މި އަންނަނީ ”އަށް“ މި މެހޭ އަކުރެވެ. މި މެހޭ އަކުރު އައުމުން ލަފުޒު ބަދަލުވާ ގޮތް މިސާލު ދައްކައިގެން ކިޔައިދޭނަމެވެ.

މިސާލުތައް:

  • ދިފާއީ ވަޒީރު އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫނަށް، (މި ތަނުގައި މި އަންނަނީ މެހޭ އަކުރު އައުމުން ލަފުޒުގެ އަސްލަށް ބަދަލު އަންނަ ހާލަތެވެ. ވަކިވަކީން ބަލާ އިރު މި އަންނަނީ ”މައުމޫން+އަށް“އެވެ. ”އަށް“ އައުމުން މި ވަނީ ނަމުގެ އަސްލަށް ބަދަލު އައިސްފައެވެ.)
  • ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއަށް، (މި ތަނުގައި މި އަންނަނީ މެހޭ އަކުރު އައުމުން ލަފުޒަށް ބަދަލު ނާންނަ ހާލަތެވެ. ވަކިވަކީން ބަލާ އިރު މި އަންނަނީ ”ޙިލްމީ+އަށް“އެވެ. ”އަށް“ އައުމުން މި ވަނީ ނަމަށް ބަދަލު ނާހެވެ.)
  • ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘަށް، (މި ތަނުގައި މި އަންނަނީ މެހޭ އަކުރު އައުމުން ލަފުޒުގެ އަސްލަށް ބަދަލު އަންނަ ހާލަތެވެ. ވަކިވަކީން ބަލާ އިރު މި އަންނަނީ ”ޣިޔާޘް+އަށް“އެވެ. ”އަށް“ އައުމުން މި ވަނީ ނަމުގެ އަސްލަށް ބަދަލު އައިސްފައެވެ.)
  • ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް އަދްނާން ޢަލީއަށް، (މި ތަނުގައި މި އަންނަނީ މެހޭ އަކުރު އައުމުން ލަފުޒަށް ބަދަލު ނާންނަ ހާލަތެވެ. ވަކިވަކީން ބަލާ އިރު މި އަންނަނީ ”ޢަލީ+އަށް“އެވެ. ”އަށް“ އައުމުން މި ވަނީ ނަމަށް ބަދަލު ނާހެވެ.)

ދެން މި ބަލައިލަނީ ”އާއި“ އަދި ”އެވެ“ އިތުރުކުރުމުން ނަމަށް އަންނަ ބަދަލުތަކެވެ.

މިސާލުތައް:

  • ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމާއި، ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ރިޒްމީ ވަލީދާއި، ކޮމާންޑް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޝަހީރެވެ.
  • ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީއާއި، ކޮމާންޑް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ ނަޞްރުﷲ ވަސީމެވެ.
  • ސާޖަން ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޢަލީ ޝާހިދު މުޙައްމަދާއި، ކޮމާންޑް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ޖުނައިދެވެ.
  • ކޮމަޑާންޓް، ކާނަލް އިސްމާޢީލް ނަޞީރާއި، ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް އަޙްމަދު ޝާރިމާއި، ކޮމާންޑް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ މޫސާ އިބްރާހީމެވެ.
  • އެޖުޓަންޓް ޖެނެރަލް، ކާނަލް ޙުސައިން ޢަލީއާއި، އޭޖީ ކޯރގެ ކޮމާންޑް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދެވެ.
  • ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޢޫފާއި، ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް އިބްރާހީމް ޝާން ޝާކިރެެވެ.
  • ކޮމާންޑިންގ އޮފިސަރ، މޭޖަރ ހަނާ މުޙައްމަދާއި، ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، ކެޕްޓަން ޙަސަން އަކްރަމެވެ.

ޖުމުލަ ގޮތެއްގައި މި މިސާލުތަކަށް ބަލާ އިރު މެހޭ އަކުރު އައުމުން ނަމުގެ އަސްލަށް ބަދަލު އަންނަނީ ”އަބަފިލި“، ”އިބިފިލި“، ”އުބުފިލި“، ”ސުކުން“އަށް ނިމިފައި ހުންނަ ނަންނަމުގައެވެ. އަދި ”އާބާފިލި“، ”އީބީފިލި“އަށް ނިމިފައި ހުންނަ ނަންނަމުގެ އަސްލަށް ބަދަލު އައިސްފައި ނުހުރެއެވެ. އެހެނަސް އެ ނަންތަކާ އެކު މެހޭ އަކުރު ލިޔާ އިރު ލިޔާނީ ކައިރީގައެވެ.

ދިވެހިބަހުން ލިޔުންތައް ލިޔާ އިރު ބަހުގައި ހުންނަ މި ފަދަ ގަވާއިދުތަކަށް އަހުލުވެރިވެ، ލިޔެކިޔުމުގައި ބޭނުންކުރުމަކީ ދިވެހިބަހަށް ލޯބިކުރުމުގެ ތެރެއިން ވާ ކަމެއްކަަމަށް ދެކެމެވެ. ވީމާ، ނަމަށް ބަދަލު އަންނާނެއެވެ. ބަދަލު އަންނަން ވެސް ވާނެއެވެ. އަދި ނަމަށް ބަދަލު ގެންނާން ވެސް ވާނެއެވެ.

ޝެއަރކުރެއްވުމަށް