ދުނިޔޭގެ މާލީ ނިޒާމަށް އައި ތަފާތު އެކިއެކި ކުރިއެރުންތަކާއި ބަދަލުތަކާ އެކު، އާމްދަނީ ހޯދުމުގެ މަގުތަކާއި ވަޞީލަތްތަކާއި، މާލީ އެކިއެކި މުޢާމަލާތުތައް ކުރުމުގެ ވައްޓަފާޅިއަށް ވެސް މިވަނީ އިންޤިލާބީ ބަދަލުތަކަކާ ކުރިއެރުންތަކެއް އައިސްފައެވެ. ބޭންކުތައް ވެސް މިއަދު މިވަނީ މާލީ މުޢާމަލާތުތަކުގެ ތަފާތު ބާވަތްތައް ތަޢާރަފްކޮށްފައެވެ. އިސްލާމީ ޝަރީޢާ ހުއްދަކުރާ ބާވަތްތަކާއި، ޝަރީޢާ ހުއްދަނޫން ބާވަތްތަކުގެ މުޢާމަލާތުތައް ވެސް އަޅުގަނޑުމެންގެ މުޖުތަމަޢުން މިއަދު ފެންނަމުން ދެއެވެ. ހުރިހައި އެންމެން ވެސް އިއްތިފާޤުވާ ޙަޤީޤަތަކީ، ޝަރީޢާ ހުއްދަނޫން ކޮންމެ މުޢާމަލާތަކީ ޙަރާމް މުޢާމަލާތެއްކަމެވެ.
އަޅުގަނޑުމެންގެ މުޖުތަމަޢުގެ ވަރަށް ގިނަ ފަރުދުން ޤަބޫލުކުރާގޮތުގައި، ހަމައެކަނި ޝަރީޢާ ހުއްދަކުރާ ބާވަތްތަކުގެ މުޢާމަލާތުތައް ކޮށްގެން މިއަދަކު އުޅެވޭކަށެއް ނެތެވެ. އަދި ޝަރީޢާ ހުއްދަނޫން ބާވަތްތަކުގައި ނުޖެހި ވިޔަފާރިއެއް ވެސް ކުރެވޭކަށެއް ނެތެވެ. އެއަށް ވުރެ ބޮޑަށް މިފަދަ މުޢާމަލާތުތަކަށް ބަރޯސާވާންޖެހޭ މިންވަރު މިވަނީ އިތުރުވެފައެވެ. މީގެ އިތުރުން، ބައެއް މީހުން ދެކޭގޮތުގައި، މިއަދު ހުރިހައި އެންމެން ވެސް މާލީ ކަންކަމުގައި ރިބަވީ މުޢާމަލާތްތަކުގައި ބައިވެރިވެއެވެ. އަހަރެމެން ވެސް ހަމަ އެ ބީދައިން ދުނިޔަވީ ބޭނުމަށް ޓަކައި އެކަން އެގޮތަށް ކޮށްލަނީއެވެ. ސަބަބެއްކަމުގައި ބުނަނީ، މި ޤައުމުގައި ރަނގަޅު ލޯނެއް ވެސް ނެގެން އޮތީ ރިބަވީ މުޢާމަލާތު ހިމެނޭ ގޮތަށްކަމަށް ވާތީއެވެ. އެހެންކަމުން، މިކަމުގައި އެއްވެސް މައްސަލައެއް އޮތްކަމަކަށް އެފަދަމީހުން ނުދެކެއެވެ.
ކުރުމުއްދަތެއްގައި މާލީ ބޮޑު މަންފާއެއް ހޯދައިދޭނެކަމަށް ބުނެ ހިންގާ އެކިއެކި ޕޮންޒީ އަދި ޕިރަމިޑް ސްކީމްތަކާއި، މަކަރާއި ހީލަތުން ފައިސާ ހޯދައިގެން އަނެކުންގެ ޙައްޤުތަކަށް އަރައިގަތުމާއި، ތަފާތު ރީތި ނަންތައް ކިޔައިގެން ހިންގާ ޖުވާކުޅުމުގެ އޮންލައިން މަންސަތަކުގައި މިއަދުގެ ޒުވާން ޖީލު ހަލުވިކަމާ އެކު ހަލާކުވެދާތަން މިދަނީ ފެންނަމުންނެވެ. މިހެން ބުނާމީހާ ވެސް މިއަދު ވާނީ، ބަޔަކު މުއްސަނދިވާތީ ޙަސަދަވެރިވާ މީހަކަށެވެ. ނަމަވެސް، ސަބަބުވެރި އިންސާނެއްގެ ސިކުނޑިން ވިސްނާ ނަމަ، ކޮންމެ މީހަކަށްމެ ފެންނާނީ މިއީ މި ޤައުމުގައި މުހިންމު ބޮޑު މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމެއް ކަމަށެވެ. ޕޮންޒީ ސްކީމެއްގައި ބައިވެރިވެގެން އެ އިޝްތިހާރުކުރާ މީހާ ކައިރީ ވެސް ތިޔައީ ބޮޑު ރިސްކެއް އެކުލެވޭ ހުއްދަނޫން މުޢާމަލާތެއްކަމުގައި ބުނެފި ނަމަ، ޙުއްޖަތެއްގެ ގޮތުގައި، ވިޔަފާރީގައި ވެސް ރިސްކު އެކުލެވޭކަމަށް ބުނެ އެ މުޢާމަލާތަކީ ހުއްދަ މުޢާމަލާތެއްކަމަށް ދައްކަން ޖަދަލުކުރެއެވެ. އަދި، ތިމާގެ ރައްޓެހީންނާއި، ކޮންމެވެސް ޒަމާނެއްގައި ފެނިދެނިވެ އުޅުނު މީހެއް ނަމަވެސް ދިމާވެއްޖެއްޔާ، އެފަދަ ސްކީމްތަކުގައި ބައިވެރިވުމަށް ބާރުއަޅައިގެން އެމީހުން ވެސް އެފަދަ ސްކީމްތަކަށް ވައްދައެވެ. މިއީ ވެސް ހުއްދަ ވިޔަފާރިކަމުގައި ވަކާލާތުކުރަމުންނެވެ. ވިޔަފާރީގައި ރިސްކު ނުވަތަ ހިރާސް އެކުލެވޭނޭކަމަށް ބުނަމުންނެވެ.
ރިބަވީ މުޢާމަލާތްތަކުގައި އުޅޭ މީހުން ވެސް އިސްލާމީ ޝަރީޢާގެ މާލީ އުޞޫލުތަކާއި އެނޫން އުޞޫލުތަކާ އަޅުވައިކިޔާ ބުނެއެވެ. މިއީ ހަމަ އެކައްޗެކެވެ. ދެބައިމީހުން ވެސް ނަގަނީ ފައިދާއެވެ. ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 275 ވަނަ އާޔަތުގައި މިފަދައިން ބުނާ މީހުންގެ ވާހަކަ ބަޔާންވެގެން ވެއެވެ. މި އާޔަތުގެ އިޖުމާލީ މާނާގައި ވެއެވެ. ”ރިބާ ކައި ރިބާގެ މުޢާމަލާތްކުރާ މީހުން ދަންނައެވެ! ޤިޔާމަތްދުވަހުން ކައްވަޅުތަކުން ނުކުމެގެން ޝައިޠާނާ އެމީހުންގައި ބީހުމުގެ ސަބަބުން ބޯ ސަކަރާތްވެ މޮޔަވެގެންވާ މީހަކު ތެދުވާ ފަދައިން މެނުވީ އެމީހުންނަށް ނުތެދުވެވޭނެއެވެ. އެމީހުން މަޙްޝަރުގެ މައިދާނަށް ދާނީ ވެއްޓެމުންޖެހެމުން މޮޔަޔަކު ދާ ފަދައިންނެވެ. އެމީހުންނަށް އެހެން އެ ވާންދިމާވީ ހަމަކަށަވަރުން ވިޔަފާރިއެކޭ ރިބާއެކޭ ހަމައެއްގޮތޭ އެއްފަދައޭ އެމީހުން ބުނުމުގެ ސަބަބުންނެވެ. އަދި އެކަމަކު اللَّه تعالى ވަނީ ވިޔަފާރިއާއި ވިޔަފާރީގެ ފައިދާ ޙަލާލް ކުރައްވާފައެވެ. އަދި ރިބާ ޙަރާމް ކުރައްވާފައެވެ. ފަހެ އެމީހެއްގެ ގާތަށް އެމީހެއްގެ ރައްބުގެ ޙަޟްރަތުން ނަޞޭޙަތާއި ވަޢުޡު އަތުވެއްޖެ މީހާ ރިބާގެ ޙުކުމް އިވިއްޖެ މީހާ ދެން އެއަށްފަހު އޭނާ ރިބާ ކެއުމާއި ރިބާގެ މުޢާމަލާތް ހުއްޓާލައިފިއްޔާ ދެން އޭގެ ކުރީގައި އޭނާގެ ކިބައިން އިސްވެދިޔަ ކަންތައް ދެން އިސްވެދިޔައީއެވެ. އޭނާގެ ކަންތައް ﷲ އިރާދަކުރެއްވި ގޮތަކަށް ނިންމަވައިފާނެއެވެ. އެކަމަކު އޭގެ ޙުކުމް އެނގުމަށް ފަހު އަލުން ވެސް ރިބާގެ މުޢާމަލާތަށް ވަދެގެންފި މީހުންނަކީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ އެތާނގައެވެ.“ (އިބްރާހީމް، 2013).
ޝަރުޢީ ކަންކަމުގައި، އަޅުގަނޑުމެން އިންސާނުންގެ އުނި ސިކުނޑިއަށް ވިސްނޭގޮތް އެއީ އަދި އެކަން އޮންނަ ގޮތް ކަމުގައި ނުވެދާނެއެވެ. ނުވަތަ ބުއްދީގެ ނަޒަރުން ބަލާ އިރު، ކަމެއް އޮންނަން ޖެހޭނީ މިވެނިއެވެނި ގޮތަކަށޭ ހީވާގޮތާއި އިސްލާމީ ޝަރީޢަތުގައި ނުވަތަ ފިޤުޙީ މައްސަލަތަކުގައި އެކަމެއް އޮންނަގޮތާ ވެސް ތަފާތުވެދާނެކަން އަޅުގަނޑުމެން ޤަބޫލުކުރަން ޖެހެއެވެ. ތިމާމެންގެ އަމިއްލަ މަޞްލަޙަތަށް ފައިދާވާ ގޮތާއި ޝަރުޢީ ހަމައާ އެއްގޮތްވާ ޙާލަތުގައި އެކަން ބަލައިގަނެ، އެއްގޮތްނުވާ ޙާލަތުގައި ހުރިހައި ޢުޒުރުތަކެއް ދައްކައި، އެގޮތަށް ބާރުލިބޭ ފަދަ ފަތުވާތައް އިންޓަނެޓާއި އެނޫން މަންސަތަކުން ހޯދައި، އެ ކަންކަން ހުއްދަނޫނަސް އެކަމުގައި ހިފަހައްޓަން ގަދަފައި ވިއްދާ މީހުން ވެސް އެހައިމެ ގިނައެވެ. މީގެ ބަދަލުގައި، ޝަރީޢާ ހުއްދަކުރާ މާލީ އުޞޫލުތައް ރަނގަޅަށް ދަންނަ ޢިލްމުވެރީންގެ ކިބައިން މިފަދަ މާލީ މުޢާމަލާތުތަކުގެ ތަފާތު ދެނެގަނެ ދަސްކުރުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނޭ ކަމެކެވެ.
އަޅުގަނޑަށް ފެނިފައިވާގޮތުގައި، ޕޮންޒީ ސްކީމްތައް ޕްރޮމޯޓްކުރާ މީހުން ގިނަފަހަރު މީގެ ވާހަކަ ފަށަނީވެސް، ”ކްރޭޝް“ ވަންދެން ނުވަތަ ސްކީމް ބަނގުރޫޓްވެ ހުއްޓެންދެން މިވެނި އެވެނި ވަރެއްގެ މަންފާއެއް ލިބޭނޭކަމުގެ ގެރެންޓީ ދެމުންނެވެ. މާނައަކީ، މިއީ ޕޮންޒީ ސްކީމެއްކަމަށް އެމީހުން އިޢުތިރާފް ވެއެވެ. ޕޮންޒީ ސްކީމަކީ، އަލަށް ގުޅޭ އިންވެސްޓަރުންގެ ފައިސާއިން، ކުރިން ގުޅިފައިވާ އިންވެސްޓަރުންނަށް ރަނގަޅު މަންފާއެއް ޔަޤީންކޮށްދޭ ސްކީމްތަކަކަށް ވެފައި، މި އިންވެސްޓްކުރާ ފައިސާއިން ޙަޤީޤީ ވިޔަފާރިއެއް ކުރާކަމުގެ އެއްވެސް ހެތްކެއް ފެންނަން ނެތް ސްކީމްތަކެވެ. ނުވަތަ އެފަދަ ޙަޤީޤީ ވިޔަފާރިއެއް ނުކޮށް، ކުރިން ފާހަގަކުރިގޮތަށް، މިބަހަނީ ވިޔަފާރީގެ ފައިދާކަމަށްބުނެ އަލަށް ގުޅޭ އިންވެސްޓަރުންގެ ފައިސާއިން ކުރިން ގުޅުނު އިންވެސްޓަރުންނަށް ފައިސާ ދިނުމެވެ. ޙަޤީޤީ ވިޔަފާރިއެއްގައި މިފަދަ އަވަސްގޮތަކަށް، އެހައި ގިނަ ބަޔަކަށް އެހައި ބޮޑު ފައިދާއެއް ބެހުމަކީ ވެސް މުސްތަހީލު ކަމެކެވެ. މިކަން ބުއްދީގެ ނަޒަރުން ބެލިޔަސް، ހަމަ ކޮންމެ މީހަކަށްމެ ފަހުމްވާނެއެވެ. ޝަރުޢީ މާލީ އުޞޫލުތަކާ ޚިލާފަށް، މަކަރާއި ހީލަތުން ހިންގާ މި ފަދަ ސްކީމްތަކުން މަންފާ ހޯދައި، އެ ބޭނުންކުރުމަކީ ޙަރާމްގޮތުގައި ހޯދޭ ޢާމުދަނީއަކަށް ނޫނީ ނުވާނެކަން ޔަޤީނެވެ.
ވިސްނައިލަންޖެހޭ މުހިންމު އެހެން ކަމެކެވެ. އަނެކުންގެ މުދާ ކައި، އަނެކުންގެ ޙައްޤަކަށް އަރައިގަނެވޭ ފަދަ އެންމެހައި ކަންކަމުން އަޅުގަނޑުމެން ދުރުހެލިވާންޖެހެއެވެ. ސަބަބަކީ، މާތް اللهُގެ އަޅުތަކުންގެ ޙައްޤަކަށް އަރައިގަނެވިފައިވާ ނަމަ، ޙައްޤަށް އަރައިގަނެވުނު މީހާ، ޙައްޤަށް އަރައިގަތް މީހާއަށް މަޢާފްނުކުރާހައި ހިނދަކު، މާތް اللهُ އޭނާގެ ކިބައިން އެ ފާފަ ނުފުއްސަވާނެއެވެ. މާތް ﷲގެ ޙައްޤެއް ނަމަ، ތައުބާވުމުން އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެކަމެއް ފުއްސަވައިދެއްވައެވެ. އަދި އެކަކުއަނެކެއްގެ މުދާ ކައިހެދުން މާތް ﷲ ޙަރާމްކުރެއްވިއެވެ. އަދި ޙަރާމް ގޮތުގައި ހޯދައި ތަކެތި އަޅުގަނޑުމެންގެ އަނބިދަރީންނަށް ކާންދިނުމަކީ ވެސް ވިސްނާލަންޖެހޭ ނުރައްކާތެރި ކަމެކެވެ. އެއީ، ކަނޑައެޅިގެން އެންމެ ލޯބިވާ މީހުންނަށް ދެވޭ ބޮޑުވެގެންވާ އަނިޔާއެއްކަން ޔަޤީނެވެ. މާތް ﷲ ބަޤަރާ ސޫރަތުގެ 188 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ އިޖްމާލީ މާނާގައިވެއެވެ. ”އޭ މުއުމިނުންނޭވެ. ކަލޭމެން އެއް ބަޔަކުގެ މުދާ ބާޠިލުގޮތުގައި އަނެއް ބަޔަކު ކައި ނުހަދާށެވެ! އެއީ ޙައްޤުނޫން ހުރިހައި ރޮނގަކުންނެވެ. އަދި މީސްތަކުންގެ މުދަލުގެ ތެރެއިން ބައެއް ތަކެތި ފާފަވެރިވެވޭނޭގޮތުން ކެއުމަށް ޓަކައި، ބޭނުންކުރުމަށް ޓަކައި ރިޝްވަތުގެ ގޮތުގައި ޤާޟީންނަށް ނުވަތަ އެ މަޤާމުގައިވާ އެއްވެސް މީހަކަށް ދީ ނުހަދާށެވެ! އެއީ ކަނޑައެޅިގެން ނުބައިކަމެއްކަން ކަލޭމެންނަށް އެނގޭ ޙާލު އެފަދަ ކަންތައް ނުކުރާށެވެ!“ (އިބްރާހީމް، 2013).
މިއަދު ދުނިޔެއަށް އައިސްފައިވާ ތަރައްޤީއާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާ އެކު، މާލީ ގިނަގުނަ މުޢާމަލާތުތައް މިވަނީ އިންޓަނެޓްގެ މަންސަތަކުގައި ޤާއިމްކުރެވި، ވަރަށް ބޮޑަށް ލުއިފަސޭހަވެގެން ގޮސްފައެވެ. ޢާމުދަނީ ހޯދޭނެ ގޮތްތަކުގެ ގޮތުގައި މީހުން ޝައުޤުވެރިވާ ފަދަ ގޮތްގޮތަށް މިފަދަ މަންސަތަކުގައި އިޝްތިހާރުކުރާ ގިނަ ކަންކަމަކީ އެކަމުގެ ތެރެއަށް ވަދެ ބައިވެރިވުމުގެ ކުރިން ވަރަށްބޮޑަށް ސަމާލުވާންޖެހޭ ކަންކަމެވެ. އިންސާނާގެ ޠަބީޢަތުގައިވާ މުދަލަށް ދަހިވެތިވުމުގެ ސިފައަކީ ހުޝިޔާރުވާންޖެހޭ ސިފައެކެވެ. ކީރިތި ޤުރުއާނުގެ ސޫރަތުލް ފަޖުރުގެ 20 ވަނަ އާޔަތުގެ އިޖުމާލީ މާނާގައިވެއެވެ. ”އަދި ތިޔަބައިމީހުން މުދަލަށް ލޯބިކުރަނީ މާބޮޑަށެވެ.“ (އިބްރާހީމް، 2013).
މުދަލަށް ދަހިވެތިވުމުގެ ޠަބީޢީ ސިފައަށް ސަމާލުނުވެއްޖެ ނަމަ، މުޅި ޢުމުރުގައި އެއްކުރި ފައިސާކޮޅު ހިނދުކޮޅެއްގެ ތެރޭގައި އަވާމެންދުރަކަށްވެ ގެއްލިދިއުމުގެ ފުރުޞަތު ވެސް ވަރަށް ބޮޑެވެ. ވިސްނާނުލައި ކޮށްލެވޭ ކަމަކުން، އެތައްދުވަހަކު ދާއޮހޮރުވައިގެން ހޯދި ޢާމުދަނީވެސް ވަގުންގެ އަތްމައްޗަށްގޮސް ދިރިއުޅުން މުޅިން ދަތިވެގެން ހިނގައިދާނެއެވެ. ތަފާތު ނަންނަމުގައި ހިންގާ ވެބްސައިޓްތަކުގެ އަވާގައިޖެހި ޖުވާފަދަ ބޮޑެތިވެގެންވާ ފާފަތަކުގެ ތެރެއަށްވަދެ އެއިން މަންފާ ހޯދައި، ތިމާގެ އަނބިދަރީންނަށް ކާންބޯންދިނުމުގެ ކުރިން އަމިއްލަ ނަފްސާއި ތިމާގެ އަހުލުވެރިންނާއިމެދު ވިސްނާލާށެވެ!
މަސްދަރު:
- އިބްރާހީމް، އަބޫބަކުރު. (2013). އަލްޤުރުއާނުލް ކަރީމްގެ މާނަތަކުގެ ތަރުޖަމާ. ޞ. 146
- އިބްރާހީމް، އަބޫބަކުރު. (2013). އަލްޤުރުއާނުލް ކަރީމްގެ މާނަތަކުގެ ތަރުޖަމާ. ޞ. 92
- އިބްރާހީމް، އަބޫބަކުރު. (2013). އަލްޤުރުއާނުލް ކަރީމްގެ މާނަތަކުގެ ތަރުޖަމާ. ޞ. 2276
