ދޮގުހެދުމަކީ ވަރަށް ޢާންމު އެހެނަސް ވަރަށް ނުރައްކާތެރި ނުބައި އަމަލެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދުވަހުގެ 4 ދަމުން އެއްދަމުން އެއްދަން ހޭދަވަނީ ދޮގުހެދުމުގައެވެ. ގިނަފަހަރަށް މީހުން ދޮގުހަދަނީ ކޮންމެވެސް ކަމަކުން މިންޖުވުމުގެ ބޭނުމުގައެވެ. ނުވަތަ ތިމާގެ އަގުވެއްޓިދާނެތީއެވެ. ނަމަވެސް، ސަމާސާއަށް ދޮގުހަދާ މީހުންވެސް މަދެކޭ ނުދެންނެވޭނެއެވެ. ދިރާސާތަކުން ދައްކާ ގޮތުން ގިނައިން މީހުން ދޮގުހަދާ އުޅެނީ ފޯނުން ވާހަކަ ދައްކާއިރުއެވެ. ބައެއް ތަޖުރިބާކާރުން ޤަބޫލުކުރާގޮތުގައި މީހުން ފޯނުފަދަ އާލާތްތަކުން ދޮގުހަދަނީ ދޮގުހެދުމުގެ ސަބަބުން ލިބޭ ނުތަނަވަސްކަން ކުޑަކުރުމަށެވެ. އެހެންނަމަވެސް ކޮމިޔުނިކޭޝަންގެ ޕްރޮފެސަރެއްކަމަށްވާ ޖެފް ހެންކޮކް މި ޚިޔާލަށް އިހުތިޖާޖް ކުރެއެވެ. 30 ދަރިވަރުންގެ މެދުގައި އޭނާ ކުރި ރިސާޗަކުން ދައްކާ ގޮތުގައި އީމެއިލް އަދި މެސެޖްގެ ޒަރިއްޔާއިން ހަދާ ދޮގުތަކާއި މޫނާއި މޫނާއި ދެކެވޭ ވާހަކާގައި ނުވަތަ ”ފޭސް ޓު ފޭސް“ ހަދާ ދޮގުތައް ދާދި ހަމަހަމައެވެ.
ފޯނުގެ ޒަރިއްޔާއިން ދޮގުހަދަން އެހާ ފަސޭހައޭ ބުނަނީ ކީއްވެގެންތޯ ބަލައިލަމާތޯއެވެ. މިސާލަކަށް މީހަކު ފުޓްބޯޅަ ކުޅެންދާން ބޫޓަށް އަރައި ރެޑީވެގެން ހުރެ އޮފީހު ބޮޑުމީހާއަށް ގުޅާލައިފައި ބަލިކަމުގައި ބުންޏަސް އޭނާއަކަށް ނޭނގޭނެއެވެ. އެކަމަކު އެގޮތަށް ރެޑީވެގެން ހުރެ ކުރިމައްޗަށް އަރާފައި ބުނުމުން އޭނާ ބަލިނޫންކަން ވަގުތުން އެނގޭނެއެވެ. އަދި ހެންކޮކް ބުނާގޮތުގައި ޕްލޭން ނުކޮށް އެންމެ ގިނައިން ދޮގުހަދާ އުޅެނީ ފޯނުގެ ޒަރީއްޔާއިންނެވެ. އެހެންނަމަވެސް، އީމެއިލް ނުވަތަ މެސެޖްގެ ޒަރިއްޔާއިން ހަދާ ދޮގުތަކަކީ ގިނަފަހަރަށް ޕްލޭން ކޮށްގެން ހަދާ ދޮގުތަކެވެ. އެހެންކަމުން، ފޯނުގެ ޒަރިއްޔާއިން ދޮގު ހެދުމުގެ ފުރުޞަތު ބޮޑުކަމުގައި ހެންކޮކް ޤަބޫލުކުރެއެވެ.
ހެންކޮކް ދެކޭގޮތުގައި، ދެކެވޭ ވާހަކަ ރެކޯޑް ކުރަމުންދާނަމަ ދޮގުހެދުމުގެ ފުރުޞަތު ކުޑަވެއެވެ. ހެންކޮކްގެ ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި، 30 ދަރިވަރުންގެ މެދުގައި 7 ދުވަހު ކުރެވުނު 1198 މުއާމަލާތުގައި 310 ދޮގު ހެދިފައިވެއެވެ. އަދި ދުވާލެއްގެ މައްޗަށް 1.6 ދޮގު ހަދައިފައިވެއެވެ. އެހެންކަމުން ކުރެވިފައިވާ މުއާމަލާތު ތަކުގެ ތެރެއިން 26% އަކީ ދޮގެވެ. ފޯނުގެ މުއާމަލާތްތަކުގެ 37% އަކީ ދޮގުކަމުގައި ވާއިރު މޫނާއި މޫނާ ދެކެވުނު ވާހަކަ ތަކުގައި ހެދިފައިވާ ދޮގުގެ އިންސައްތައަކީ 27 އެވެ. އަދި 21% އަކީ މެސެޖުން ހަދާފައިވާ ދޮގުކަމުގައިވާއިރު 14% އަކީ އީ-މެއިލް އިން ހަދާފައިވާ ދޮގެވެ.
ދޮގު ދެނެގަތުމަށްޓަކައި ބޮޑީ ލެންގުއޭޖް ނުވަތަ މީހާގެ ހަރަކާތްތަކުގެ މާނަ ދެނެގަތުމުގެ ޢިލްމަކީ ވަރަށް މުހިންމު އެއްޗެކެވެ. މި އިލްމުގެ މާހިރެއްކަމުގައި ތިމާވެއްޖެނަމަ އެމީހެއްގެ ކުރިމަތީ ދޮގުހެދުމަކީ ވަރަށް ދަތި ކަމެއްކަމުގައިވެއެވެ. އަދި ތިމާދެކެ އަނެކާ ގަޔާވާކަން ދެނެގަނެވެއެވެ. އަދި ހާސްވެ ނުތަނަވަސް ވެފައިވާ މީހާ ދެނެގަނެވެއެވެ.
ކޮންމެއަކަސް، ދޮގުހަދާމީހުން ގިނަފަހަރަށް ދޮގުހަދަނީ، ތިމާ ތެދު ބުނެފިނަމަ ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށެވެ. އެހެންނަމަވެސް ހެދޭ ދޮގަކީ ތިމާގެ މުޅި ދިރިއުޅުން ރޫޅި ބަރުބާދުވެގެންދާ ކަމަކަށް ގިނަފަހަރު އޮންނަނީ ވެފައެވެ. އެހެންކަމުން ދޮގުހެދުމުގެ ނުބައި އާދައިން އަޅުގަނޑުމެން ދުރުވަމާތޯއެވެ. ވަކިން ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެންގެ ތުއްތު ދަރިންގެ ކުރިމަތީގައި ދޮގުނުހަދަމާތޯއެވެ. ސަބަބަކީ، އެކުދިންނަކީ މައިންބަފައިން ނަމޫނާއަކަށް ބަލަމުން ބޮޑެތިވާ ކުދިންނެވެ. ސަމާސާއަކަށްވެސް އެކުދިންނަށް ދޮގުނުހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންނޫންކަމުގައިވަނީނަމަ އެކުދިންގެ ދިރިއުޅުންވެސް ބަރުބާދުވުމުގެ ސަބަބެއް ކަމުގައި ދޮގުހެދުމުގެ ނުބައި އާދަ ވުމަކީ ގާތްކަމެކެވެ.
