އެޕްރީލް 1775 ގައި އެމެރިކާގެ އެތެރޭގެ ހަމަ ނުޖެހުންތައް ފެށުމަށްފަހު ބޭއްވުނު ދެވަނަ ކޮންޓިނެންޓަލް ކޮންގްރެސް އަށް ޖޯޖް ވޮޝިންގޓަން ކުރިމަތިލީ އަސްކަރީ ޔުނީފޯމްގައެވެ. މިއިން ދައްކައިދިނީ ޖޯޖް ވޮޝިންގޓަން ހުރީ ހަގުރާމައަށް ކުރިމަތިލުމަށް ތައްޔާރު ވެގެން ކަމެވެ. ޖޯޖް ވޮޝިންގޓަން އަށް އިހްތިރާމާއި، އަސްކަރީ ތަޖުރިބާއާއި، އަސްކަރީ ތަޙައްމަލު ކުރުން އަދި ވަރުގަދަ މުވާޠިނަކަށް ވުމުގެ ޝަރަފް ލިބިފައިވުމުގެ ނަތީޖާއަކީ އެމެރިކާގެ ދެކުނުން ޚާއްޞަކޮށް ވާޖީނިއާ އިން ޖޯޖް ވޮޝިންގޓަން އަށް ފުރިހަމަ ތާއީދު ލިބިފައި ވުމެވެ.

14 ޖޫން 1775ގައި ކޮންޓިނެންޓަލް ކޮންގްރެސް އިން ކޮންޓިނެންޓަލް އާރމީ ނުވަތަ ސިފައިންގެ ފޯރސް އެކުލަވާލެވުނެވެ. އަދި ޖެހިގެން އައި ދުވަހު ޖޯން އެޑަމްސް އާއި ޖޯޖް ވޮޝިންގޓަން ވާދަކޮށް ކޮމާންޑަރ އިންޗީފަކަށް ޖޯޖް ވޮޝިންގޓަން އިންތިޚާބު ކުރެވުނެވެ. އަދި ޖުލައި 1775ގައި މަސަކޫސެޓްސްގައި އޮތް އެމެރިކަން ފޯރސްގެ ކޮމާންޑަރު ކަމާއި ހަވާލުވެ ވަޑައިގަތެވެ.

ޖޯޖް ވޮޝިންގޓަން އާއި އޭނާގެ އަސްކަރީ ފޯރސް ގެ މަސައްކަތުން ބޮސްޓަނުން އިގިރޭސިން ފައްސަވައި ލެއްވި އެވެ. އަދި ނިއުޔޯކް ސިޓީ އާއި ދިމާލަށް ފޯރސް އާއިގެން ދަތުރު ކުރިއެވެ. އޮގަސްޓް 1776 ގައި އިގިރޭސި ވިލާތުގެ ވިލިއަމް ހޯވް ކަނޑާއި، އެއްގަމު މަގުން ގޮސް ނިއުޔޯކް ސިޓީ ހިފުމަށްޓަކައި ޚާއްޞަ ކެމްޕޭނެއްގެ ފެއްޓިއެވެ.

ޖޯޖް ވޮޝިންގޓަން ގެ ބެލުމުގެ ދަށުން އޮތް ކޮންޓިނެންޓަލް އާރމީ ފޯރސް ވިލިއަމް ހޯވްގެ ލަޝްކަރާއި ދެކޮޅަށް ހިންގި ފުރަތަމަ ކުރިމަތިލުން ނުވަތަ ދިގު ރަށުގެ ހަގުރާމަ އާއި، އަދި އެހެނިހެން ބައެއް ކުދިކުދި ކުރިމަތިލުން ތަކުގައި ޖޯޖް ވޮޝިންގޓަން ގެ ކޮންޓިނެންޓަލް އާރމީ ބަލިވުމުން އެލަޝްކަރުގެ މުސްތަގުބަލާމެދު ޝައްކު އުފެދިގެން ދިޔައެވެ. އަދި މިހަގުރާމައިގައި ޖޯޖް ވޮޝިންގޓަން ގެ ލަޝްކަރު ނިއުޔޯކުން ބޭރުކޮށްލިއެވެ.

11 ސެޕްޓެމްބަރު 1777 ގައި ބްރޭންޑީވައިން ހަގުރާމަ އިން ވެސް ޖޯޖް ވޮޝިންގޓަން ގެ ލަޝްކަރު ބަލިވިއެވެ. އެއަށްފަހު ވިލިއަމް ހޯވްގެ ލަޝްކަރު ފިލަޑެލްފިއާ އަށް ގޮސް އެތަން ވެސް ހިފިއެވެ. އަދި އެމީހުންގެ މިކާމިޔާބީ އާއެކު ކޮންޓިނެންޓަލް އާރމީގެ ކޮމާންޑަރު ކަމަށް ޖޯޖް ވޮޝިންގޓަން ދުރުކުރުމަށް ވެސް ވާހަކަ ދެކެވުނެވެ. ނަމަވެސް ޖޯޖް ވޮޝިންގޓަން ތާއީދުކުރާ އެތައް ބަޔެއްގެ ސަބަބުން އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.

ޑިސެމްބަރު 1777ގައި ޖޯޖް ވޮޝިންގޓަން ގެ ލަޝްކަރު ފޯޖް ވާދީ ގައި ކޭމްޕް ކުރިއެވެ. 6 މަސް ދުވަހު އެތާ ހޭދަކުރި ކުރުމުގެ ތެރޭގައި ފިނިމޫސުމުގައި 2500 ވަރަކަށް މީހުން ތަފާތު އެއްޗިއްސަށް ހުށަހެޅިގެންނާއި، ބަލިބަލީގައި ނެތިގޮސްފައި ވެއެވެ. ހަތް އަހަރުގެ ހަގުރާމައިގެ ގޮތުގައި މަޝްހޫރުވި މި ކުރިމަތިލުންތައް ނިމިފައިވަނީ 17 އޮކްޓޯބަރު 1781 ގައި ޔޯކް ޓައުންގައެވެ. ބުނެވޭގޮތުގައި ހަތް އަހަރުގެ ހަގުރާމައިގައި ކުރެވުނު 9 ހަގުރާމައިގެ ތެރެއިން ޖޯޖް ވޮޝިންގޓަން ގެ ލަޝްކަރަށް ކާމިޔާބު ކުރެވުނީ އެންމެ 3 ހަގުރާމަ އެވެ.

1783ގައި ޕެރިސް އެއްބަސްވުން ގައި ސޮއި ކުރިއެވެ. އެއަހަރު ނޮވެންބަރު 25 ގައި އިގިރޭސިން ނިއުޔޯކް ސިޓީ އިން ފޭބި އެވެ. އަދި 23 ޑިސެމްބަރު 1783 ގައި ކޮންގްރެސް އޮފް ކޮންފެޑެރޭޝަންގެ ކޮމާންޑަރ އިންޗީފްގެ މަގާމުން އިސްތިއުފާ ދެއްވި އެވެ. އެއަށްފަހު އެބުރި މައުންޓް ވާނޮން އަށް ވަޑައިގަތެވެ. އަދި 1787 ގެ ހޫނު މޫސުމްގައި ފިލަޑެލްފިއާގައި އޮތް ކޮންސްޓިޓިއުޝަނަލް ކޮންވެންޝަން އަށް ވަޑައިގަތެވެ. އަދި އެކޮންވެންޝަންގެ ރައީސްކަމަށް އިސްކުރެވުނެވެ.

އެމެރިކާގެ ރިޔާސަތުގައި ( 1789ން 1797އަށް ) ގައި އިންތިޚާބީ ކޮލެޖުގެ ފަރާތުން ބޭއްވި އިންތިޚާބުގައި އެމެރިކާގެ ފުރަތަމަ ރައީސް ކަމަށް ޖޯޖް ވޮޝިންގޓަން އިންތިޚާބު ކުރެވުނެވެ. ނާއިބު ރައީސްކަމަށް އިސްކުރެވުނީ ޖޯން އެޑަމްސް އެވެ. ޖޯޖް ވޮޝިންގޓަން އެމެރިކާގެ ރައީސް ކަމުގެ ހުވާކުރެއްވީ 30 އޭޕްރީލް 1789 ގައި ނިއުޔޯކް ސިޓީގެ ފެޑެރަލް މާލަމް ގައެވެ. އެމެރިކާގެ ފުރަތަމަ ކޮންގްރެސްގެ ބައްދަލުވުމުގައި ރައީސް ޖޯޖް ވޮޝިންގޓަން ގެ މުސާރައިގެ ގޮތުގައި އަހަރަކު 25 ހާސް އެމެރިކާ ޑޮލަރު ދިނުމަށް ވޯޓް ދެވުނެވެ. އަދި މިހުށަހެޅުން ޖޯޖް ވޮޝިންގޓަން ގަބޫލު ފުޅު ކުރެއްވި އެވެ.

އެތެރޭގެ ކަންތައްތައް

ޖޯޖް ވޮޝިންގޓަން އަކީ އެއްވެސް ޕާޓީ އަކަށް ނިސްބަތްވާ ބޭފުޅެއް ނޫނެވެ. އެހެން ކަމުން ޖޯޖް ވޮޝިންގޓަން އުއްމީދު ކޮށްގެންހުރީ ޕާޓީތައް އުފެދޭނެ ކަމަކަށް ނޫނެވެ. ނަމަވެސް ޖޯޖް ވޮޝިންގޓަން ގެ އެންމެ ގާތް މުރުޝިދުން ސިޔާސީ ޕާޓީތައް ހެދުމުގެ ފްރޭމް ވޯކް ތައްޔާރު ކުރުމުގައި ދެބަޔަކަށް ބެހިގެން ދިޔައެވެ. ސެކްޓެރީ އޮފް ޓްރެޜަރީގެ މަގާމްގައި ހުންނެވި އެލްގްޒެންޑަރ ހެމިލްޓަން ފެޑެރަލިސްޓް ޕާޓީ އުފެއްދެވި އިރު، ސެކްޓްރީ އޮފް ސްޓޭޓް ތޯމަސް ޖެފަރސަން ޖެފަރސަނިއަން ރިޕަބްލިކަން ޕާޓީ އުފެއްދެވިއެވެ. 1791 ގައި ރަލުގެ ބުއިންތަކުން ޓެކްސް ނެގުމަށް ކޮންގްރެސްގައި ވާހަކަ ދެއްކުމާއި ގުޅިގެން ޕެންސިލްވީނިޔާގައި މުޒާހަރާތައް ބާއްވައިފައި ވެއެވެ.

ބޭރުގެ ގުޅުން

1793ގައި ފަރަންސޭސި އިންގިލާބީ ސަރުކާރުގެ ފަރާތުން ޑިޕްލޮމެޓް އެޑްމަންޑް ޗާރލްސް ޖެނެޓް އެމެރިކާއަށް ސިޓީ އަކާ އެކު ފޮނުވުނެވެ. މިއީ އެމެރިކާއާއި ފަރަންސީސީންގެ ގުޅިގެން އިގިރޭސީންނާއި ދެކޮޅަށް ހަރަކާތްތެރި ވުމަށް އެކި އެކި ސިޓީތަކުގައި ޑިމޮކްރެޓިކް ރިޕަބްލިކަން ސޮސައިޓީތަކެއް އުފެއްދުމަށް ފޮނުވުނު ސިޓީ އެކެވެ. އަދި އޭގެ ދަށުން އިގިރޭސި ވިޔަފާރި ވެރިންގެ މުދާ އުފުލާ ބޯޓްތައް އަތުލައި ގަތުމުގައި ދެގައުމަށް ފަސޭހަތައް ލިބިގެންދެއެވެ.

އިގިރޭސީންނާއި އެމެރިކާ އާއި ދެމެދު އޮތް ގުޅުން ރަގަޅުކޮށް އިންގިލާބުގެ ދުވަސްވަރު ވެގެންދިޔަ ދަރަނި ފޫބައްދައި އެކަމުން ސަލާމަތްވުމަށްޓަކައި ޖޯޖް ވޮޝިންގޓަން އާއި އެލެގްޒެންޑަރ ހެމިލްޓަން ގުޅިގެން ޖޭ އެއްބަސްވުން ފަރުމާ ކުރެއްވި އެވެ. ޖޯން ޖޭ މެދުވެރިއެއްގެ ދައުރު އަދާކުރެއްވި މި އެއްބަސްވުމުގައި އިގިރޭސި ވިލާތާއި އެމެރިކާ އިން ސޮއިކުރީ 17 ނޮވެންބަރު 1794 ގައެވެ.

ވަދާޢީ ޚިތާބު

ޖޯޖް ވޮޝިންގޓަން ގެ ވަދާޢީ ޚިޠާބަކީ އެމެރިކާގެ ސިޔާސީ ތާރީޚްގައި ނެރެވުނު އެންމެ އަގުހުރި އެއް ޚިތާބެވެ. ޖޯޖް ވޮޝިންގޓަން އަމިއްލަ އަށް ތައްޔާރު ކުރެއްވި މިޚިތާބު ހެދުމަށް ސެކްޓްރީ އޮފް ޓްރެޜަރީ އެލެގްޒެންޑަރ ހެމިލްޓަން ގެ އެހީތެރިކަން ހޯދާފައި ވެއެވެ. އެޚިތާބުގައި ގައުމީ އެއްބައި ވަންތަ ކަމުގެ ބޭނުންތެރިކަމާއި މުހިއްމު ކަމަށް އަލިއަޅުވާލައްވައި ނަޞޭހަތްތެރި ވެފައި ވެއެވެ.

ޖޯޖް ވޮޝިންގޓަން ގެ މިޚިތާބުގައި އެމެރިކާގެ ދާޚިލީ ކަންތައް ތަކުގެ ތެރެއަށް ބޭރުގެ ފަރާތްތައް ވެއްދުމުގެ ނުރައްކާތެރިކަމާމެދު އަލިއަޅުވާލައްވައި އެކަމަށް އިންޒާރު ދެއްވައިފައި ވެއެވެ. އަދި މިޚިތާބުގައި އެމެރިކާ މީހުންނަށް އެމީހުންގެ ބޭނުންތަކަށް އެމީހުންގެ ވިސްނުމާއި ފިކުރު އަމާޒު ކުރުމަށް ގޮވާލެއްވި އެވެ. ތަފާތު ގައުމުތަކާއި އެކު ރަހުމަތްތެރިކަން އުފައްދައި ވިޔަފާރީގެ ގުޅުން ގާއިމު ކުރުމަށް ގޮވާލެއްވި އެވެ.

 – ނުނިމޭ –

ޝެއަރކުރެއްވުމަށް