ޖޯޖް ވޮޝިންގޓަން މަޝްހޫރުވެފައިވަނީ އެމެރިކާގެ ބާނީގެ ގޮތުގައެވެ. އަދި އެމެރިކާގެ ބައްޕަގެ ގޮތުގައެވެ. 22 ފެބުރުވަރީ 1732 ގައި އުފަންވެ ވަޑައިގަތް ޖޯޖް ވޮޝިންގޓަންއަކީ އިނގިރޭސިންނާ ދެކޮޅަށް މީލާދީން 1775އިން 1783އަށް ހިންގި އެމެރިކާގެ އިންޤިލާބީ ހަނގުރާމާގައި އެމެރިކާގެ ކޮންޓިނެންޓަލް އާރމީންނަށް ކާމިޔާބު ހޯއްދަވައި، އެމެރިކާ މިނިވަންކުރެއްވި މޭސްތިރިއެވެ.
އެމެރިކަން އިންޤިލާބުގެ ކާމިޔާބަށް ފަހު އެމެރިކާގެ ފުރަތަމަ ރައީސްގެ ގޮތުގައި ޖޯޖް ވޮޝިންގޓަން އިސްވެ ވަޑައިގެންނެވީ 30 އެޕްރީލު 1789ގައެވެ. ޖެހިޖެހިގެން ދެ ދައުރުގައި ރައީސްކަން ކުރައްވައި ދެވަނަ ދައުރު ނިމުމުން ރައީސްކަމުން ވަކިވެވަޑައިގަތީ 4 މާރިޗު 1797ގައެވެ. ފުރަތަމަ ދައުރަށް ފަހު ދެވަނަ ދައުރަށް ރައީސަކު ހޮވުމަށް 1792ގައި އެމެރިކާގައި ބޭއްވުނު އިންތިޚާބުގައި ޖޯޖް ވޮޝިންގޓަންއަށް ކާމިޔާބު ލިބިވަޑައިގަތީ އެމެރިކާ އުފައްދަވައި ޤައުމެއްގެ ގޮތުގައި ދުނިޔެއަށް ހާމަކުރެއްވުމުގައި ޖޯޖް ވޮޝިންގޓަން އަދާކުރެއްވި ދައުރާއި، ޖުމްހޫރިއްޔަތަށް އޭނާގެ ހިތުގައި އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމަށް ބުނެވެއެވެ. މި ސަބަބުތަކާ ހުރެ ޖޯޖް ވޮޝިންގޓަން ވަނީ އެމެރިކާގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ ފަރާތެއް ކަމަށްވެފައެވެ.
ދިރިއުޅުމުގެ ކުރީކޮޅު
ޖޯޖް ވޮޝިންގޓަން އުފަންވެވަޑައިގަތީ 22 ފެބުރުވަރީ 1732 ގައި އެމެރިކާގެ ވާޖީނިއާގެ ވެސްޓްމޯރލޭންޑް އޭ ކިޔުނު އަވަށަކަށެވެ. ޖޯޖް ވޮޝިންގޓަން އަކީ އުގަސްޓިން ވޮޝިންގޓަންގެ ދޮށީ ފިރިހެން ދަރިފުޅެެވެ. މަންމައަކީ މޭރީ ބޯލް ވޮޝިންގޓަން އެވެ. ޖޯޖް ވޮޝިންގޓަން ބޮޑުވަމުން އައީ ދަނޑުވެރިއެއްގެ ގޮތުގައެވެ. 1747ގައި ބުލޫރިޖްގެ ހުޅަނގަށް އޮންނަ ބާރޯން ފަޔަރފޮކްސް ލޭންޑް ސާރވޭ ކުރުމުގެ ފުރުޞަތު ޖޯޖް ވޮޝިންގޓަން އަށް ލިބިވަޑައިގަތެވެ. 1749 ގައި ’ކަލްޕެޕަރ ކައުންޓީގެ ސާރވޭޔަރ އެއްގެ މަޤާމް ލިބިވަޑައިގަތެވެ. އެއްބަފާ ބޭބެ ލޯރެންސްގެ އެހީގައި އޯހިއޯ ކަމްޕެނީ އެއް ފުރުޞަތު ހޯއްދެވިއެވެ. އެއަށްފަހު ޖޯޖް ވޮޝިންގޓަން ދިރިއުޅުއްވަމުން ގެންދިޔަ އަވަށުގެ މިލިޓަރީ އޮފިސަރެއްގެ މަގާމް ލިބިވަޑައިގަތެވެ. އަދި 1752 ގައި އުމުރުން އެންމެ 20 އަހަރުގައި އެއަވަށުގެ މޭޖަރެއްގެ ވަޒީފާ ލިބިވަޑައިގެންނެވިއެވެ.
ފަރަންސޭސި އަދި ހިންދުސްތާނީ ހަނގުރާމަ
ޖޯޖް ވޮޝިންގޓަންގެ އުމުރުން 22 އަހަރުގައި އެމެރިކާގެ އެތެރޭގައި ހިނގި 7 އަހަރުގެ ހަނގުރާމައިގެ މައްސަލައިގެ ތެރެއަށް ވަންނަވަން ޖެހުނެވެ. މިމައްސަލަ ފެށިގެން އައީ 1753ގައި އޯހިއޯ ކަންޓްރީ ސަރަޙައްދުގައި ފަރަންސޭސިން ފާރެއް ނުވަތަ އަސްކަރީ ބޭސް އެއް (ފޯރޓެއް)ފަދަ ތަނެއް ބިނާކުރަން ފެށުމުންނެވެ. އޭރު އެސަރަޙައްދަކީ ޖޯޖް ވޮޝިންގޓަން އުޅެމުން އައި ވާޖީނިއާގެ ތަނެއްގެ ގޮތުގައި އެމީހުންވެސް ދައުވާ ކުރަމުން އައިތަނެކެވެ. ނަތީޖާއެއްގެ ގޮތުން ވާޖީނިއާގެ ގަވަރުނަރަކަށް ހުންނެވި ޑިންވިޑީ ޖޯޖް ވޮޝިންގޓަން އަށް އޯހިއޯ ކަންޓްރީ އަށް ގޮސް ފަރަންސޭސިންނަށް އެސަރަހައްދު ދޫކޮށް ދިއުމަށް އެންގުމަށް އެދުނެވެ. ޖޯޖް ވޮޝިންގޓަންގެ އެންގެވުމަށް ފަރަންސޭސިން އިދިކޮޅު ހެދުމަށް ޖޯޖް ވޮޝިންގޓަން ތައްޔާރުކުރެއްވި ރިޕޯޓް ވަނީ ވާޖީނިއާ އަދި އިނގިރޭސި ވިލާތުގެ ގިނަ ބަޔަކު ކިޔައިފައެވެ. 1754 ގައި އަލަށް އުފެއްދި ވާޖީނިއާ ރެޖިމެންޓްގެ ލެފްޓިނެންޓް ކާނަލްއެއްގެ މަޤާމުގައި ހުންނަވަނިކޮށް ވާޖީނިއާގެ ގަވަރުނަރު ޑިންވިޑީ ދެވަނަ ފަހަރަށް ޖޯޖް ވޮޝިންގޓަން އޯހިއޯ ކަންޓްރީ އަށް ފޮނުވިއެވެ. އެފަހަރު ހިނގި ކުރިމަތިލުންތަކަށްފަހު ފޯރޓް ނެސެސިޓީ އޭ ކިޔުނު ހަގުރާމަ ހިނގި އެވެ. އަސްކަރީ މިހަނގުރާމާގައި ޖޯޖް ވޮޝިންގޓަން ފަރަންސޭސިންގެ އަތްދަށުވިއެވެ. އެފަހަރު ފަރަންސޭސިން ޖޯޖް ވޮޝިންގޓަން ދޫކޮށްލެއްވީ އަހަރެއްގެ ތެރޭގައި އަނބުރާ އޯހިއޯ ކަންޓްރީ އަށް ނާދެވޭގޮތަށް އެއްބަސްކޮށްފައެވެ. އެފަހަރު އެނބުރި ވާޖީނިއާ އަށް ދިއުމުން ލެފްޓިނެންޓް ކާނަލްއެއްގެ ރޭންކުން ކެޕްޓަނެއްގެ ރޭންކަށް ދަށްކުރަން އުޅުމުން އެކަމާ ޖޯޖް ވޮޝިންގޓަން އެެއްބަސްވެ ވަޑައި ނުގަނެ، އަސްކަރީ ޚިދުމަތުން އިސްތިޢުފާ ދެއްވިއެވެ.
1755 ގައި ޖޯޖް ވޮޝިންގޓަން ވާޖީނިއާގެ އަސްކަރީބާރުގެ ކޮމާންޑަރ އިންޗީފްގެ މަޤާމަށް އިސްކުރެވުނެވެ. އަދި 300 މީހުންގެ އެހީގައި 300 މޭލުގެ ދިގުމިންހުރި ފަރުބަދަމަތީގެ ހިސާބު ބެލެހެއްޓުމަށް ޙަވާލުކުރެއްވިއެވެ. 1758 ގައި ދެވަނަ ފަހަރަށް އަސްކަރީ ޚިދުމަތުން ވަކިވެވަޑައިގަތެވެ. އަދި ޖެހިޖެހިގެން ފާއިތުވި 16 އަހަރުވަންދެން ހޭދަކުރެއްވީ ވާޖީނިއާގެ ދަނޑުވެރި އެއްގެ ގޮތުގައެވެ. އަދި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅެއްގެ ގޮތުގައެވެ.
ހަނގުރާމަތަކުގެ މެދުގައި
6 ޖެނުއަރީ 1759ގައި ޖޯޖް ވޮޝިންގޓަން ވާޖީނިއާގެ ނިއު ކެންޓް ކައުންޓީގައިވާ ޕަަމަންކީ ކޯރުގެ އައްސޭރި ފަށުގައި ހަދާފައިވާ ވައިޓް ހައުސް ޕްލާންޓޭޝަންގައި ދިރިއުޅުނު ހުވަފަތް އަންހެނެއްކަމުގައިވާ މާރތާ ޑެންޑްރިޖް ކަސްޓިސް އާއި ކައިވެނި ބައްލަވައިގަތެވެ. ކާވެންޏަށް ފަހު ދެމަފިރިން މައުންޓް ވާނޮން އަށް ބަދަލުވިއެވެ. އެތާގަައި އެޢާއިލާ އުފާވެރި ދިރިއުޅުމެއް ހޭދަ ކުރެއްވިއެވެ.
މައުންޓް ވާނޮން ގައި މާރތާ އަދި ޖޯޖް ވޮޝިންގޓަން މާރތާ އަށް ލިބިފައިވާ ދެދަރިން ކަމުގައިވާ ޖޯން ޕާރކޭ ކަސްޓިސް އަދި މާރތާ ޕާރކޭ ކަސްޓިސް ބަލައި ބޮޑު ކުރުމުގައި އުޅުއްވިއެވެ. އެއަށްފަހު އެމީހުންގެ ދެކާފަ ދަރިން ބަލައި ބޮޑު ބޮޑުކުރެއްވިއެވެ. އެެއީ އެލީނާ ޕާރކޭ ކަސްޓިސް އަދި ޖޯޖް ވޮޝިންގޓަން ޕާރކޭ ކަސްޓިސް އެވެ.
ޖޯޖް ވޮޝިންގޓަން އާއި މާރތާ ޑެންޑްރިޖް ކަސްޓިސް އަށް ދަރިޔަކު ލިިބިވަޑައިގެންފައެއް ނުވެއެވެ. އެއީ ޖޯޖް ވޮޝިންގޓަން އަށް ކަށިވިދުރި ޖެހުމަށްފަހު އެއާއި ވިދިގެން ކެއްސުންބަލި ވެސް ޖެހިފައިވާތީ ކަމަށް ވެދާނެކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
މާރތާ ޑެންޑްރިޖް ކަސްޓިސް އާއި ޖޯޖް ވޮޝިންގޓަން ކައިވެނި ކުރެއްވުމަށްފަހު އޭނާގެ އަމިއްލަ ދިރިއުޅުމުގެ ޙާލަތު ރަނގަޅުވެ ތަނަވަސްވެގެން ދިޔައެވެ. ކައިވެންޏާއި ގުޅިގެން މާރތާގެ ބިމުން 18000 އޭކަރުގެ ތަން ޖޯޖް ވޮޝިންގޓަންއަށް ލިބިވަޑައިގެންނެވިއެވެ. އެއަށްފަހު ޖޯޖް ވޮޝިންގޓަންގެ އަމިއްލަ ނަމުގައި އިތުރު ބިން ހޯއްދެވިއެވެ. 1775 ގައި ޖޯޖް ވޮޝިންގޓަން އޭނާގެ ބިމުގެ ބޮޑުމިން ދެގުނަ އިތުރަށް ބޮޑު ކުރެއްވިއެވެ. އަދި އޭނާގެ މަސައްކަތްތެރިންގެ ގޮތުގައި 100 ވަރަކަށް މީހުން އޭރު ގެންގުޅުއްވިއެވެ. އެއަށްފަހު ވާޖީނިއާ ޕްރޮވިންސްގެ ލެޖިސްލޭޗަރގެ މަޤާމް ޖޯޖް ވޮޝިންގޓަންއަށް ލިބިވަޑައިގަތެވެ. 1769 ގައި ޖޯޖް ވޮޝިންގޓަންއާއި އޭނާގެ ރަޙުމަތްތެރިޔާ ޖޯޖް މޭސަން ގުޅިގެން ވާޖީނިއާއަށް އިނގިރޭސިވިލާތުން މުދާ އެތެރެކުރުން ބޮއިކަޓް ކުރުމަށް ޕްރޮޕޯސަލްއެއް ހުށަހެޅުއްވިއެވެ. މިޕްރޮޕޯސަލްގައި ވަނީ ޓައުންޝެންޑް އެކްޓްސް ގެ ޤާނޫނު ނުވަތަ އެއްބަސްވުން ކެންސަލްކުރަންދެން އިނގިރޭސި ވިލާތުން މުދާއެތެރެކުރުން ބޮއިކަޓް ކުރުމަށެވެ. 1770 ވަނަ އަހަރު ބަރުލަމާނުން މިއެކްޓް ކެންސަލް ކުރިއެވެ.
21 ސެޕްޓެމްބަރު 1771 ގައި ޖޯޖް ވޮޝިންގޓަން ބަލްޓިމޯރުގެ ވިޔަފާރިވެރިޔާ ޖޭ.އާރު ޖޮނަތަން ޕްލޯމަންގެ ފަރާތުން ނެއިލް ޖޭމްސަން އަށް ސިޓީއެއް ލިޔުއްވިއެވެ. އެވިޔަފާރިވެރިޔާގެ ބޯޓެއް، ހުއްދަ ނޫން މުދާ އެތެރެކުރުމާއި ގުޅިގެން ހިފެއްޓުމުން އެކަމުން މިންޖުކޮށްދިނުމަށް އެހީތެރިވުމަށް ލިޔުއްވި ސިޓީއެކެވެ. އޮގަސްޓް 1774 ގައި ވާޖީނިއާގެ ފުރަތަމަ ބައްދަލުވުމުގައި ޖޯޖް ވޮޝިންގޓަން ބައިވެރިވެވަޑައިގަތެވެ. މިބައްދަލުވުމުގައި ފުރަތަމަ ކޮންޓިނެންޓަލް ކޮންގްރެސްއަށް ވާޖީނިއާ ތަމްސީލު ކުރެއްވުމަށްދިޔަ މަންދޫބަކަށް ޖޯޖް ވޮޝިންގޓަން އައްޔަން ކުރައްވާފައިވެއެވެ.
– ނުނިމޭ –
