މި ގަވާއިދަކީ، ރަސްމީ ލިޔެކިޔުމުގަައި ބޭނުންނުކުރާ، މިހާރުގެ މުޖުތަމައަށް އެންމެ މުހިންމު ގަވާއިދަކަށް ނުވެދާނެއެވެ. އެހެންނަމަވެސް ކޮންމެ ވެސް ވަރަކަށް، އަމިއްލަ ބޭނުންތަކަށް، އޮފީސް މާހައުލުގައި އަމިއްލަ ރަސްމީ ކަންކަމުގައި ފޮނުވާލާ މެސެޖެއްގެ ސިފައިގައި، އަދިވެސް އިނގިރޭސި (ލެޓިން) އަކުރުން ލިޔެއުޅެއެވެ. މިއީ މި ފަދަ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް ބޭނުންވާ ގަވާއިދުގެ ފިލާވަޅުތަކެކެވެ. މި ހަފުތާގައި މި ގަވާއިދުގެ ފިލާވަޅުތައް އަޅުގަނޑަށް އެނގިފައިވާ މިންވަރަކުން ތި އެންމެ ބޭފުޅުންނަށް އޮޅުންފިލުވައި ދެވޭތޯ ބަލާނަމެވެ. މި ފިލާވަޅުތައް ލިބިގަތުމުގައި އަޅުގަނޑު ބަލައިލާފައި ވާނީ އިނގިރޭސި (ލެޓިން) އަކުރުން ލިޔުމުގެ ގަވާއިދު ފޮތުގެ ނަކަލަކަށެވެ. އަޅުގަނޑު އަތުގައި މި ވާ ނަކަލަކީ އެ ފޮތުން ނަގާފައިވާ ފޮޓޯކޮޕީއެއްގެ ޕީޑީއެފެކެވެ.
އިނގިރޭސި (ލެޓިން) އަކުރުން ލިޔުމުގެ ގަވާއިދުގައި އެންމެ ފުރަތަމަ އަންނަނީ ތާނައިގެ އަކުރުތަކަށް އިނގިރޭސި (ލެޓިން) އަކުރުން ލިޔުމުގައި ދެވިފައިވާ އަކުރުތަކެވެ. މި އަކުރުތައް އޮޅުންފިލުވައި ދިނުމަށް ފަސޭހަވޭނެ ގޮތަކަށް ތާވަލެއްގައި ކިޔައިދޭނަމެވެ.
ތާނައިގެ އަކުރުތައް
[އ]އަށް ބޭނުންކުރާނީ a,e,i,o,u މި ފަސް އަކުރުން ކުރެ އެ ފަހަރަކު ޖަހަންޖެހޭ ފިއްޔަކާ ގުޅޭ އަކުރެކެވެ. (މިސާލު: އަލަމާރި alamaari، އަންނާރު annaaru، އެތެރެ ethere، އެދުރު edhuru، އިސްކުރު iskuru، އިރު iru، އޮނު onu، އޮޑާ odaa، އުތުރު uthuru، އުރަ ura).
ފިއްޔެއް ނެތި [އ] ބޭނުންކުރަން ޖެހިއްޖެ ނަމަ ބޭނުންކުރާނީ a އަކުރެވެ.
ޢަރަބި ބައެއް އަކުރުތައް
[ޢ]އަށް ބޭނުންކުރާނީ އެ އަކުރެއްގެ ފަހަތުގައި އެޕޮސްޓްރޮފީ ޖެހުމާ އެކު a,e,i,o,u މި ފަސް އަކުރުން ކުރެ އެ ފަހަރަކު ޖަހަންޖެހޭ ފިއްޔަކާ ގުޅޭ އަކުރެކެވެ. (މިސާލު: ޢަމަލް a’mal، ޢާއިލާ a’aailaa، މުޢީނު mue’enu، ޢިޝްޤް I’shq، މަސްޢޫދު Maso’odh،ޢުންޥާން u’nwaan).
(ނޯޓު: ތިކިޖެހި ތާނަ ލިޔުމުގެ ގަވާއިދު (2024)ގެ އިސްދާރުގައި ޢަރަބި ލަފުޒު ދިވެހިބަހުން ލިޔުމުގައި ތިކި ނުޖަހާ ލިޔެވޭ ލަފުޒުތައް ހުރެއެވެ.)
ފިލިތައް
- އަބަފިލި: އަބަފިއްޔަށް ބޭނުންކުރާނީ a އަކުރެވެ. (މިސާލު: ނަލަ nala, ހަމަ hama)
- އާބާފިލި: އާބާފިއްޔަށް ބޭނުންކުރާނީ aa އެވެ. (މިސާލު: ބާރު baaru, ނާރު naaru)
- އިބިފިލި: އިބިފިއްޔަށް ބޭނުންކުރާނީ i އަކުރެވެ. (މިސާލު: ނިޝާން nishaan, ފިލި fili)
- އީބީފިލި: އީބީފިއްޔަށް ބޭނުންކުރާނީ ee އެވެ. (މިސާލު: ރީތި reethi, ބީރު beeru)
- އުބުފިލި: އުބުފިއްޔަށް ބޭޏުންކުރާނީ u އަކުރެވެ. (މިސާލު: ހުތުރު huthuru, ސުތުލި suthuli)
- އޫބޫފިލި: އޫބޫފިއްޔަށް ބޭނުންކުރާނީ oo އެވެ. (މިސާލު: ކޫރު kooru, ތޫނު thoonu)
- އެބެފިލި: އެބެފިއްޔަށް ބޭނުންކުރާނީ e އަކުރެވެ. (މިސާލު: ބެރެބެދި berebedhi, ފެރިދޫ feridhoo)
- އޭބޭފިލި: އޭބޭފިއްޔަށް ބޭނުންކުރާނީ ey އެވެ. (މިސާލު: ފޭރު feyru, ބޭބެ beybe)
- އޮބޮފިލި: އޮބޮފިއްޔަށް ބޭނުންކުރާނީ o އަކުރެވެ. (މިސާލު: ބޮކަރު bokaru, ފޮނު fonu)
- އޯބޯފިލި: އޯބޯފިއްޔަށް ބޭނުންކުރާނީ oa އެވެ. (މިސާލު: ރޯނު roanu, ސޯނާ noanaa)
- އައިބައިފިލި: އައިބައިފިއްޔަށް ބޭނުންކުރާނީ ai އެވެ. (މިސާލު: ފައި fai, ސައި sai)
- ނޯޓު: ފިއްޔަށް ބޭނުންކުރާ އަކުރުތަކުން އަކުރެއްގައި ފިލިޖެހުމަށް ހަމަ އެ އަކުރު ބޭނުންކުރުމެއް ނޯންނާނެއެވެ. ސަބަބަކީ އެ އަކުރުގައި ފިލި ހިމެނިފައި ވާ ކަމެވެ. މިސާލު:
- އަބަފިލި ޖެހޭ އަލިފު: އަތަރު atharu, މުނިއަވަސް muniavas
- އާބާފިލި ޖެހޭ އަލިފު: އާރު aaru, ކިއާށޭ kiaashey
- އިބިފިލި ޖެހޭ އަލިފު: އިސްތިރި isthiri, ކޮއިމަލާ koimalaa
- އީބީފިލި ޖެހޭ އަލިފު: އީޓު eetu, ރައީސް raees
- އުބުފިލި ޖެހޭ އަކުރު: އުކުނު ukunu, ފައުނު faunu
- އޫބޫފިލި ޖެހޭ އަކުރު: އޫރު ooru, މަސްއޫލް masool
- އެބެފިލި ޖެހޭ އަކުރު: އެކަތަ ekatha, ބައެއް baeh
- އޭބޭފިލި ޖެހޭ އަކުރު: އޭނާ eynaa, އޭދަފުށި Eydhfushi
- އޮބޮފިލި ޖެހޭ އަކުރު: އޮޅު olhu, ކަޅުއޮށް kalhuoh
- އޯބޯފިލި ޖެހޭ އަކުރު: އޯބު oabu, އޯބަތް oabaiy
- އައިބައިފިލި ޖެހޭ އަކުރު: އައިނު ainu, އައިބު aibu
- [ޢ]އަށް ވެސް ބޭނުންކުރާނީ މި އުސޫލެވެ.
ސުކުން
”އ“ ނުވަތަ ”ށ“ ސުކުނަަށް ނިމޭ ކޮންމެ ލަފުޒެއްގައި އެ ސުކުނަށް ބޭނުންކުރާނީ h އަކުރެވެ. (މިސާލު: މީހެއް meeheh،ކުށް kuh،އަށް ah)
”ނ“ ސުކުނަށް ބޭނުންކުރާނީ n އަކުރެވެ. (މިސާލު: ފެން fen،ތުން thun)
”ތ“ ސުކުނަށް ބޭނުންކުރާނީ iy އެވެ. (ބަތް baiy،ގާތް gaaiy،ހިތް hiiy،ކެތް keiy،އޭތް eyiy،ފޮތް foiy،އޯތް oaiy،މުތް muiy)
”ސ“ ސުކުނަށް ބޭނުންކުރާނީ s އަކުރެވެ. (މިސާލު: ގަސް gas،ވިސްނުން visnun)
”އ، ށ،ނ،ތ،ސ“ މި އަކުރުތައް ފިޔަވައި އެހެން އަކުރެއްގައި ސުކުންކުރަން ވެއްޖެ ނަމަ ބޭނުންކުރާނީ ހަމައެކަނި އެ އަކުރެވެ. (މިސާލު: މިލްކު milku،ރަމްޒު ramzu)
ލަފުފެއްގައި ތަޝްދީދަށް ކިއޭ ގޮތަށް ސުކުންކުރާން ވެއްޖެ ނަމަ ސުކުންކުރުމުގެ ބަދަލުގައި ތަޝްދީދަށް ކިޔޭ އަކުރު ޑަބަލް ކުރާނީއެވެ. (މިސާލު: މާފަންނު Maafannu،ބައްޔެއް bayyeh،ބައްޕަ bappa،މަންމަ mamma)
އިތުރު އޮޅުންފިލިވައިދިނުމެއް: މި ގަވާއިދުގެ މި ނުކުތާއިން ފާހަގަކުރެވުނީ ”އ،ށ،ނ“ މިއިން ސުކުނެއް މެދަށް އަންނަ ހާލަތުގައި ލިޔާނީ ޑަބަލް ކޮންސަނެންޓެކެވެ. ”ށ“ ސުކުން މެދަށް އަންނަ ލަފުޒުގައި h ލިޔެފައި ހުންނަ ތަން ވަރަށް ގިނައިން ފެނެއެވެ. އެހެނަސް ”ށ،އ“ މެދަށް އަންނަ ހާލަތުގައި ރަނގަޅު ގޮތަކީ ޑަބަލް ކުރުމެވެ. (މިސާލު: ބައެއްގެ އިހުމާލުން baehge ihumaalun،މި ތަނުގައި މި ވަނީ ނުރަނގަޅު ގޮތަށް،އަދި ރަނގަޅު ގޮތަކީ baegge ihumaalun،މި ގޮތަށެވެ. އެހެނަސް ”ބައެއް“ އެކަނި ލިޔާ އިރު ލިޔާނީ baeh،މިހެންނެވެ. ސަބަބަކީ މި ތަނުގައި [އ] ސުކުން ފަހަތަށް އަންނާތީއެވެ.
ހުސްނޫނު
ހުސްނޫނަށް ބޭނުންކުރާނީ n ގެ ފަހަތުގައި އެޕޮސްޓްރޮފީއެކެވެ. (މިސާލު: އަނބު an’bu، ކަނޑި kan’di)
ކެޕިޓަލް އަކުރާއި ސިމްޕަލް އަކުރު
އާންމު ގޮތެއްގައި ކެޕިޓަލް އަކުރު ބޭނުންކުރާނީ،ޖުމުލައެއްގެ ފެށުމާއި،ޚާއްޞަ ނަމެއްގެ ފެށުމަށާއި،ޅެންބައިތެއް ލިޔާ ނަމަ ކޮންމެ ފޮޅުވަތެއްގެ ފެށުމަށެވެ. މި ނޫން ތަންތަނުގައި ބޭނުންކުރާނީ ސިމްޕަލް އަކުރެވެ. މިސާލު:
މިއީ ޖުމުލައެކެވެ. Mi ee jumula ekeve
ނައިފަރު Naifaru
ވިސްނުމެއް ނެތި ކޮށްފި ކަމަކުން އެންމެ ފަހަރަކު ދޭހުގައި
ގިސްލަމުން ހިތި ކަރުނަ އޮއްސަން ޖެހިދެޔޭ ޢުމުރަށް މުޅީން
Visnumeh nethi koffi kamakun emme faharaku dheyhugai
Gislamun hithi karuna ossan jehi dheyey u’murah mulheen
ލަފުޒު
ލަފުޒުތައް ލިޔާނީ ވަކިވަކީންނެވެ.
މިސާލު: ތިމާގެ ވަޒަންދެކެ ލޯބިވާން ވާނެއެވެ. އެ ލޯބި ވާންވާނީ ތެދުވެރި ލޯތްބަކަށެވެ.
Thimaage vazan dheke loabivaan vane eve. E loabi vaan vaanee thedhuveri loaiybakasheve.
ޚާއްޞަނަންތަކާއި އިނގިރޭސި ލަފުޒުތައް
އޮފީސްއޮފީހާއި،މަގާމުތަކަށް ސަރުކާރުން ހަމަޖައްސަވާފައިވާ އިނގިރޭސި ނަންތައް ލިޔާނީ އިނގިރޭސިބަހުން ލިޔާ ގޮތަށެވެ.
މިސާލު:
- މިނިސްޓްރީ އެފް ޕްރޮވިންޝަލް އެފެއަރޒް Ministry of Provincial Affairs
- ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓް Telecommunication Department
- މިނިސްޓަރ Minister
- ހެލްތު އެސިސްޓެންޓް Health Assistant
- އަދި ޚާއްޞަނަންނަން ލިޔާނީ،މިހާރު ވެސް ލިޔެ އުޅޭ ގޮތަށެވެ. (މިސާލު: މާލެ Male’ ޢަބްދުއްސައްތާރު Abdul Sattar)
ދިވެހިބަހުން ބޭނުންކޮށް އުޅޭ އިނގިރޭސި ލަފުޒުތައް ލިޔާނީ ދިވެހިބަހުން އެ ލަފުޒެއް ކިޔާ ގޮތަށް،ނުވަތަ އެ ލަފުޒެއް އިނގިރޭސިބަހުން ލިޔާ ގޮތަށެވެ. (މިސާލު: ޓިކެޓް tiket ނުވަތަ ticket ފޯނު foanu ނުވަތަ phone)
މި ބައިތަކުގެ އިތުރުން އެ ނަކަލުގައި ވަނީ ތާނައިން ލިޔެފައިވާ ލިޔުމަކާ،އެ ލިޔުން މި ގަވާއިދުން ލިޔާނޭ ގޮތެވެ. މިހާތަނަށް ބަޔާންކުރެވިފައި މި ވަނީ ޖުމުލަ ގޮތެއްގައި އިނގިރޭސި (ލެޓިން) އަކުރުން ލިޔުމުގައި ކަނޑައަޅާފައިވާ ގަވާއިދުގެ ހުރިހާ ނުކުތާތަކެވެ. މި ފިލާވަޅުތަކުން ތިޔަ އެންމެހާ ބޭފުޅުންނަށް އާ މައުލޫމާތުތަކެއް ލިބި،މި މައުލޫމާތު ތިޔަ ބޭފުޅުންގެ ލިޔުއްވުންތަކުން ވެސް ފެންނާނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.
