ޤައުމު ދިފާޢުކުރުމުގައާއި ރައްޔިތުންނަށް އެންމެ ބޭނުންވާ ހިނދު އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ސިފައިން އަދާކުރާ މުހިންމު ދައުރު އެންމެންނަށް ވެސް އެނގެއެވެ. އެހެން ނަމަވެސް ސިފައިންގެ މީހުންގެ ޚިދުމަތުގެ ފަހަތުގައި ތިބޭ ސިފައިންގެ ޚިދުމަތަށް އެންމެ ބޮޑަށް ހިތްވަރުދޭ އަދި އެންމެ ބޮޑު ޤުރުބާނީއެއްވާ ސިފައިންގެ މީހުންގެ ޢާއިލާގެ ވާހަކަ އަޅުގަނޑުމެންނަށް ދެއްކެނީ ވަރަށް މަދުންނެވެ. ވަކިން ޚާއްޞަކޮށް ސިފައިންގެ މީހުންގެ މައިންބަފައިން ވަމުންދާ ޤުރުބާނީ ގިނަ ބަޔަކު ހަނދާނެއް ނުހުރެއެވެ.

ސިފައިންގެ މީހުންގެ މައިންބަފައިން އެ މީހުންގެ ލޮބުވެތި ދަރީން ޤައުމީ ޚިދުމަތަށް ދިއުމަށް ރުހިގެން ތިބޭ ތިބުމަކީ ކުޑަކުޑަ ކަމެއް ނޫނެވެ. އަދި އެކެއްގެ ގިނަ ދަރީންތަކެއް އަސްކަރީ ޚިދުމަތުގައި އުޅުމަކީ އެއީ ވަރަށް ބޮޑު ޤުރުބާނީއެކެވެ. މީގެ އެއް މިސާލަކީ ދ.ރިނބުދޫ ދިލްކަޝްގޭ އަޙްމަދު ޒަކަރިއްޔާއާއި ޖަމީލާ ސަޢުދުއާ ދެ ކަނބަލުންނެވެ.

ދ.ރިނބުދޫ ދިލްކަޝްގޭ އަޙްމަދު ޒަކަރިއްޔާއާއި ޖަމީލާ ސަޢުދުއާ ދެ ކަނބަލުންގެ  ތިން ދަރިން މިވަގުތު ސިފައިންގެ ޚިދުމަތުގައި އެބަތިބިކަން ގިނަ ބަޔަކަށް އެނގިގެން ދިޔައީ 2025 މޭ 21ވަނަ ދުވަހުއެވެ. އެއީ ސިފައިންގެ ޢާއިލާގެ މެންބަރަކު ނިޔާވުމުން އާންމުކޮށް ސިފައިންގެ ”އައްޑަނަ ނިއުސް“ ޓެލެގްރާމްގައި ގްރޫޕްގައި ޝާއިޢުކުރާ ތަޢުޒިޔާގެ މެސެޖް ޝާއިޢުކުރުމުންނެވެ. އެ ދުވަހު ނިޔާވީ ބޭސްފަރުވާއަށް އިންޑިއާއަށް ދުރުވެ ހުންނެވި  ދ.ރިނބުދޫ ދިލްކަޝްގޭ އަޙްމަދު ޒަކަރިއްޔާއެވެ. ރިނބުދޫ އަޙްމަދު ޒަކަރިއްޔާގެ ތިން ދަރިންގެ އިތުރުން މި ވަގުތު ސިފައިންގެ ޚިދުމަތުގައި ދެ ކާފަދަރިން ވެސް އެބަ ތިއްބެވިއެވެ.

އަޙްމަދު ޒަކަރިއްޔާ ނިޔާވި އިރު 11 ދަރިން ދުނިޔޭގައި ތިބި އިރު އޭގެތެރެއިން 9 ދަރިންނަކީ އަޙްމަދު ޒަކަރިއްޔާ ނިޔާވި އިރު ދުނިޔޭގައި އިންނެވި އަނބިކަނބަލުން، ދ.ރިނބިދޫ ދިލްކަޝްގޭ ޖަމީލާ ސަޢުދަށް ލިބިލައްވާފައިވާ ދަރިންނެވެ. މީގެތެރެއިން ސިފައިންގެ ޚިދުމަތުގައި ތިއްބެވި ތިން ދަރިންނަކީ ވެސް އެ ބަނޑުގެ ކުދީންނެވެ. އެ ބޭކަލުންނަކީ އެޖުޓަންޓް ޖެނެރަލްސް ކޯރ އެޗްކިޔުގައި މަސައްކަތްކުރައްވާ ކެޕްޓަން ޙުސައިން ޝިފާޢު (ސނ: 6897)އާއި، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގައި މަސައްކަތް ކުރައްވާ ސްޓާފް ސާޖަންޓް މޫސާ ޝަނީޒް (ސނ: 5041)އާއި، ސަޕްލައި އެންޑް ޓްރާންސްޕޯޓް ސަރވިސްގައި މަސައްކަތް ކުރައްވާ ސާޖަންޓް ޢަލީ ޝިފާޒް (ސނ: 6931)އެވެ. މިއިން ކޮންމެ ބޭކަލަކީ ވެސް އެ ބޭކަލެއްގެ ދާއިރާގައި ނުވަތަ ފަންނުގައި ފާހަގަކޮށްލެވޭ އިޚުލާޞްތެރި އަދި އަޚުލާޤާއި ސުލޫކު ވަރަށް ރަނގަޅު ބޭކަލުންނެވެ.

ދ.ރިނބުދޫ ދިލްކަޝްގޭ އަޙްމަދު ޒަކަރިއްޔާއާއި ޖަމީލާ ސަޢުދުއާ ދެ ކަނބަލުންގެ ތިން ދަރިންނާއި ދެ ކާފަދަރިން

ސިފައިންގެ ޚިދުމަތުގައި ތިއްބެވި އަޙްމަދު ޒަކަރިއްޔާގެ ދެ ކާފަ ދަރިންނަކީ މިލިޓަރީ އިންޖިނިއަރސްގައި މަސައްކަތްކުރައްވާ ކެޕްޓަން މުޙައްމަދު ނަދީމް (ސނ: 6830)އާއި، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގައި މަސައްކަތް ކުރައްވާ ޕްރައިވެޓް މުޙައްމަދު ޝާރިފް ބިން ޝަފީޤް (ސނ: 8733)އެވެ. ކެޕްޓަން މުޙައްމަދު ނަދީމަކީ އަޙްމަދު ޒަކަރިއްޔާއާއި ވިލިމާލެ ހުވަފެނީ މަންޒިލް ޖަމީލާ އިސްމާޢީލަށް ލިބިލައްވާފައިވާ ޢަބްދުލް ހާދީ އަޙްމަދުގެ ދަރިއެކެވެ. ޕްރައިވެޓް މުޙައްމަދު ޝާރިފަކީ އަޙްމަދު ޒަކަރިއްޔާއާއި ޖަމީލާ ސަޢުދަށް ލިބިލައްވާފައިވާ ސަލީމާ އަޙްމަދުގެ ދަރިއެކެވެ.

ސިފައިންގެ މީހުންގެ މައިންބަފައިން އެ މީހުންގެ ދަރިން ޤައުމީ ޚިދުމަތުގައި ހުންނަ ކޮންމެ ދުވަހަކު އަދި ވަކިން ޚާއްޞަކޮށް ޤައުމަށް ނުރައްކަލެއް ކުރިމަތިވާ ކޮންމެ ދަނޑިވަޅެއްގައި ބިރުވެރިކަމާއި ކަންބޮޑުވުން ތަހަންމަލުކުރެއެވެ. ދަރިންގެ އެހީތެރިކަމާއި އޯގާތެރިކަން އެންމެ ބޭނުންވާ ހިނދު އެ މައިންބަފައިންނާ ދުރުގައި އެ ދަރިން ތިބެންޖެހޭ ޖެހުމަކީ ވެސް ސިފައިންގެ މީހުންގެ މައިންބަފައިން ފިކުރު ބޮޑުވެ ކަންބޮޑުވާ ކަމެކެވެ. އެހެންކަމުން ކޮންމެކޮންމެ މީހަކަށް އެ މީހުންގެ ދަރިން ސިފައިންގެ ޚިދުމަތަށް ދިއުމަށް ރުހިގެން ހުރުމަކީ ފަސޭހަކަމަކަށް ނުވެއެވެ. އެހެން ނަމަވެސް ދިވެހި ސިފައިންގެ ޤައުމީ ޚިދުމަތަށް ގިނަ ދަރީންތަކެއް ފޮނުވައިގެން ދިރިއުޅެމުންދާ ހިތްވަރުގަދަ މައިންބަފައިން އަޅުގަނޑުމެންގެ ތެރޭގައި ތިބިކަމީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ. އެ ފަދަ ހިތްވަރުގަދަ މައިންބަފައިންގެ އެ ހެޔޮ ޢަމަލުގައި ބަރަކާތްލައްވާށިއެވެ. އޭގެތެރެއިން އަލްމަރުޙޫމް އަޙްމަދު ޒަކަރިއްޔާއާއި ޖަމީލާ ސަޢުދުއަކީ ފާހަގަކުރެވޭ ނަމޫނާ ދެމަފިރިންނެވެ. އެއީ އަބަދުވެސް ދަރިންނަށް ހެޔޮ ނަސޭހަތް ދެއްވައި، ސިފައިންގެ ޚިދުމަތުގައި ކުރިއަށް ދިއުމަށް ހިތްވަރުދެއްވާ ދެމަފިރިންނެވެ. ޤައުމަށް ޓަކައި އެ ދެމަފިރިން ވެފައިވާ މަތިވެރި ޤުރުބާނީގެ ހެޔޮ ޖަޒާ ދެއްވާށިއެވެ. ސިފައިންގެ ތިން ބޭކަލެއްގެ ބައްޕަ އަދި ދެ ބޭކަލެއްގެ ކާފަކަމުގައިވާ އަލްމަރުޙޫމް އަޙްމަދު ޒަކަރިއްޔާ ނިޔާވުމަކީ މި ސިފައިންގެ ބޭކަލުންގެ އިތުރުން މި ބޭކަލުންނާ އެކުގައި މަސައްކަތްކުރައްވާ އެހެނިހެން ސިފައިންނަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު ފުން ހިތާމައެކެވެ.  އަލްމަރުޙޫމް އަޙްމަދު ޒަކަރިއްޔާގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙުމަތް މިންވަރުކުރައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަދި މަރުޙޫމުގެ ލޮބުވެތި ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވާށިއެވެ.

ޝެއަރކުރެއްވުމަށް