ޢުމަރުގެފާނު ވިދާޅުވެފައި ވެއެވެ. މީހަކު ބަލިކޮށްލެވޭނެ އެންމެ މޮޅު ހަތިޔާރަކީ ރިވެތި އަޚުލާޤެވެ. މިއަދު، މި ލޮބުވެތި ވަޠަނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، މަކާރިމުލް އަޚުލާޤުގެ ސިފަތައް އަދުގެ ޖީލުގެ ގިނަ ބައެއްގެ ކިބައިގައި ނެތުމެވެ. އަޅުގަނޑުގެ ނަޒަރުގައި، މި ދީބުގެ ހަމަ ކޮންމެ މީހަކުމެ މި ޙަޤީޤަތް ޤަބޫލުކުރާނެއެވެ. ފެންނާން އޮތް ޙަޤީޤަތަކީ، މާތްވި އިސްލާމް ދީނުން މި ޤައުމަށް ލިބިދިން އަޚުލާޤީ ހަމަތަކާއި، ޢިޖުތިމާޢީ މިންގަނޑުތަކާއި، ކާބަފައިން ތުރުކުރެއްވި ފަސްބައި ރީތި ޢިޖުތިމާޢީ ފޭރާން މިއަދަކު އަތްފޯރާފަށަކު ނެތްކަމެވެ. ފަރުދުންގެ މެދުގައި އިހު އޮތް ފަދަ އަޚުވަންތަކަމާއި، އެކުވެރިކަން ވީރާނާވެ، ދޭދޭމީހުން ނަފްސީނަފްސީވެ، އިޖްތިމާޢީ ބަދަހިކަން މިއަދު އޮތީ އަތްނުފޯރާ ފަށުގައޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެއްމެދު ޢިމާރާތުގައި ދިރިއުޅޭ އަވަށްޓެރިޔާ އެއީ ބީރައްޓެހީން ކަމުގައި ނުދެކޭ މީހުން މިއަދު އެހާމެ މަދުވެއްޖެއެވެ.

ޤައުމުގެ ޙާލަތު މިއަދު އަޅުގަނޑަށް ސިފަވަނީ، ދިވެހި ކުޅަދާނަ އަދީބު މަރުޙޫމް އިބްރާހިމް ޝިހާބު ވިދާޅުވި ފަދައިންނެވެ. އެއީ،  ”ހަމަ ކޮންމެ މީހަކު ވިސްނަނީ އެ މީހެއްގެ އަމިއްލަ ފައިދާއާއި މަސްލަހަތަށް ކަމަށްވަންޏާ، ދެން އެ ޤައުމަކާ ދޭތެރޭ އަޅުގަނޑު ދަންނަވާނެ އެއްޗެއް ނެތް“ ކަމުގައެވެ. މިއަދު، ޤައުމުގެ ޙާލަތަކީ މިއީ ނޫންތޯއެވެ. ވީދެމުންދާ ޢިޖުތިމާޢީ ފޭރާން އިތުރަށް ސިފަކޮށްދެއްވަމުން، އެ މަނިކުފާނު ވިދާޅުވެފައިވަނީ ”މަގުމައްޗަށް ނުކުމެއްޖެއްޔާ އަޅުގަނޑަށް މި ފެންނަނީ ހަމައެކަނި ފުޅާވެފައި ހުރި އަޅުގަނޑު“ ކަމުގައެވެ. އަދި އެހެންވެއްޖެއްޔާ، އެ މުޖުތަމަޢަކަށް އަންނާނީ ފަސާދަވެރިކަމާއި ދެރަކަން ކަމުގައި ވިދާޅުވެދެއްވިއެވެ. ޙާލަތަކީ މިއީ ނޫންތޯއެވެ. ގިނަ ފަރުދުން، ބޮޑާކަމާ އެކު ބޮޑުކަން ބޭނުންވެއްޖެއެވެ. ބޮޑުކަން ލިބިއްޖެ ނަމަ، ބޮޑާކަން ވަނީ އިތުރެވެ. ހެޔޮބަހެއް ބުނާ ހެޔޮ ނަޞޭޙަތެއްދޭ މީހާއަކީ، ކަޓު މީހަކަށް ވެއްޖެއެވެ. އަނެކުންގެ ޙައްޤުތަކަށް އަރައިގަތުމަކީ، ތަހުޒީބު ފެޝަނަކަށް ވެއްޖެއެވެ. އަޑުގަދަ މީހާއަކީ، ބަސްވިކޭ މީހާއެވެ. ނިކަމެތި މީހާއަށް ދޭނެ ޢިއްޒަތެއް، ޤަދަރެއް ނެތެވެ. މުޢާމަލާތުކުރުމުގައި އަދަބެއްސަދަބެއް ނެތެވެ. ތިމާ ނުރުހިއްޖެ ނަމަ، ވެރިއަކަސް، ޢިލްމުވެރިއަކަސް، ބޮޑުމީހަކަސް، ކުޑަކުއްޖަކަސް ހުތުރު ލަޤަބުތަކުން ގޮވުން ވަރަށް އާދައިގެ ކަމަކަށް ވެއްޖެއެވެ. ދަރީންގެ ކުރިމަތީގައި، މައިންބަފައިންގެ ޢިއްޒަތެއް ނެތެވެ. ކިޔަމަންގަތުން އެއީ ދެރަވުމެއްކަމުގައި ބަލަން ފެށިއްޖެއެވެ. ތަވާޟުޢުވެރިކަން ނުދަންނަ ޒަމާނަކަށް އަލިވިލިއްޖެއެވެ.

ދަންނަވަންތޯއެވެ. ދުރުނޫން މާޒީއެއްގައި، އަޅުގަނޑު ތަރުބިއްޔަތުވެގެން ނުކުތް މުޖުތަމަޢާއި، މިއަދު މިދެކޭ މުޖުތަމަޢުން ހާސް ތަފާތު ފެނެއެވެ. އެއީ، މުދައްރިސް ކުރިމަތީ، ހީ ސަކަރާތްޖަހަން ލަދުވެތިވި ޖީލެކެވެ. ބޮޑެތިމީހުންގެ މައްޗަށް ބަސްކިޔަން ޖެހިލުންވި ޖީލެކެވެ. ނަމާދުގައި ސަކަރާތްޖަހަން ޖެހިލުންވި ޖީލެކެވެ. ހެޔޮކަންކަން ބުނެދިނުމާއި، ނުބައި ކަންކަން ފަރުދީގޮތުން މަނާކުރާތަން ދުށް ޖީލެކެވެ. ހޭލުންތެރިވާންވީ ޙަޤީޤަތަކީ، މުޖުތަމަޢަށް ހަމަޖެހުމާއި އުފާވެރިކަން އަންނާނީ، ބަހުގައި ވެސް ތެދުވެރިވެ، އިޚްލާޞްތެރި ހިތަކާ އެކު، ދިރިހުރި މިސާލުން މަގުދައްކައިގެންކަމެވެ.

ހާމަވާ ޙަޤީޤަތަކީ، މި ޤައުމަށް ދިމާވެފައިމިވާ އަސްލު މައްސަލައަކީ، ރިވެތި އަޚްލާޤުގެ ސިފަތައް ދޫކޮށްލުންކަމެވެ. މަކާރިމުލްއަޚްލާޤަކީ އިންސާނާގެ މުޅި ދިރިއުޅުން ބައްޓަންކުރުމުގައި ބަލާ މިންގަނޑު ކަމުގައި ހަދައިފި ނަމަ މުޖުތަމަޢު އިޞްލާޙުވާނެކަމީ އެއްވެސް ޝައްކެއްހުރި ކަމެއް ނޫނެވެ. މިއަދު މި ޤައުމު މިސްރާބުޖަހަންވީ، ޖިސްމުގައި އަގެއް ހުންނާނީ ރިވެތި އަޚްލާޤުން އެ ޖިސްމުގައި އާލާވާ ސިފަތަކުންކަން ޅަދަރީންނަށް ވިސްނައިދެވޭނޭ އިސްތިރާޖުތަކާއި، މަންހަޖުތަކާއި ގޮތްތައް، އިޚްލާޞްތެރި، ހެޔޮ ނިޔަތެއްގައި ފޯރުކޮށްދެވޭނޭ މަންޒިލަކަށެވެ. ދަރިވަރުން އުނގެނެންވީ، ކަރުދާހުގައި މޮޅަށް ލިޔެ، މަތީ ދަރަޖައިގެ ފާހެއް ހޯދުމަށް އެކަނިނޫންކަން، އެ ދަރިވަރުންނަށް ވިސްނައިދިނުމުގެ ޒިންމާ އުފުލަންވީ އެންމެން އެކުއެކީގައެވެ. މަސްއޫލުވެރީންނާއި ފަރުދުންގެ އަމާޒަކަށް ހަދަންވީ، ތިމާގެ އަމިއްލަ މަސްލަހަތު އެއްކައިރިކޮށް، މުޖުތަމަޢުގެ ހެވާއި ލާބައަށް، ޚާލިޞް ނިޔަތެއްގައި، މުޅި ޤައުމު ދުރޫސުލްއަޚްލާޤުގެ މަގަށް ގެންދިއުމަށް މަސައްކަތްކުރުމެވެ. ތިމާ ވެސް އަރައިހުރި އޮޑި، ތިމާޔާ އެކު ފެތެން ނޭދޭ ނަމަ، އޮޑިއަށް ދިޔަވާ އަސްލު ލޯވަޅު ބައްދައި، އަސްލު މައްސަލަ ހައްލުކުރަން އަތުކުރި އޮޅައިލަންވީ ވަގުތު މި ވަނީ ޖެހިފައެވެ.

ޝެއަރކުރެއްވުމަށް