އަޅުގަނޑުމެން ދިވެހިންނަކީ ޒަމާނުއްސުރެ ”ހިންދު އެމާ ކަނޑުތެރޭ، އަލި ރަން މުތް ހެން ދިރޭ، މީ މަގޭ އުފަން ބިމޭ، ދީބު ދިވެހި މީ“ އޭ ބުނެ ފަޚުރުވެރިކަމާއެކު މިނިވަންކަން ފާހަގަ ކުރަމުން އައި ބަޔެކެވެ. ކޮންމެ ކަމެއްގައިވެސް އެކުވެރިކަމާއި އެއްބައިވަންތަކަން އިޚްތިޔާރުކުރާ ބަޔެކެވެ. ނަމަވެސް ދިވެހީންގެ ދިވެހިއްޔަތާއި ޤައުމިއްޔަތާއި މިނިވަންކަން ނިގުޅައިގަތުމަށްޓަކައި ބޭރުގެ ހަނގުރާމަވެރި ޖަމާޢަތަކާ ގުޅިގެން ދިވެހީންގެ ތެރެއިން ބަޔަކު މަސައްކަތްކުރަމުން ދާކަމަށް ހީކުރާނީ ކާކުތޯއެވެ؟ އާދަވެގެންވާ ގޮތާ ޚިލާފަށް އެދުވަހު މާލޭގެ ރައްޔިތުންނަށް ހޭވެރިކަންވީ ފަތިސް ނަމާދުގެ ބަންގީގެ އަޑުގެ ބަދަލުގައި ބަޑީގެ ބިރުވެރި، ނާމާން އަޑުފަށްގަނޑަށެވެ. އިރުގެ އަލިކަން ދުނިޔެ މައްޗަށް ފާޅުވީއިރު މާލޭގެ މަގުތަކުން ފެންނަނީ ސްރީލަންކާގެ ތަމަޅަ ޓައިގަރުންގެ ބަޔަކާއި އެމީހުންނަށް އެހީވި މަދު ދިވެހިންގެ ބަޔަކު ހަރަކާތްތެރިވަމުން ދިޔަ މަންޒަރެވެ. އެދުވަހަކީ ދިވެހި ދަރީންގެ ލޮލުން ހިތާމަވެރިކަމުގެ ކަރުނަ ނީރާލި ހިތާމަވެރި ދުވަހެކެވެ. މިދުވަސް ވެގެންދިޔައީ ދިވެހީންގެ މުޅި ކުރިމަގު ބަދަލުކުރުވި ދުވަހަކަށެވެ. މާޒީގައި ހިނގައިދިޔަ މިހާދިސާއިން ދިވެހިން ދުވަހަކުވެސް ދެކެފައި ނުވާ ފަދަ އެތައް މަންޒަރުތަކެއް ފެނިގެންދިޔައެވެ. އަހާފައި ނުވާ ގިނަ އަޑުތަކެއް އިވި، ކުރެވިގެން ދިޔައީ މުޅިން އައު އިޙުސާސްތަކެކެވެ.

ނޮވެންބަރު 3 ވަނަ ދުވަހު މުޅި ޤައުމު އޮތީ ހާސްކަންމަތީގައެވެ. ދުޝްމަނުންނާ ކުރިމަތިލުމަށްޓަކައި ދިވެހި ސިފައިން ނިކުތީ ހިތްވަރާއި، ޢަޒުމާއި، ޖޯޝާއެކުގައެވެ. ދީނާއި ޤައުމު ދިފާޢު ކުރުމަށްޓަކައެވެ.

އެ ދުވަސްވަރަކީ ދިވެހިރާއްޖެ އަސްކަރީގޮތުން މިހާރުހާ ކުރިއަރާފައިވާ ދުވަސްވަރެއް ނޫނެވެ. މިނިވަން، ސުލުޙަވެރި ދިގު މާޒީއާއެކު ދިވެހިންގެ ތެރޭގައި އޮތީ އަމަންއަމާންކަމެވެ. އެ އަމާންކަން ފޫދުއްވާލި މަންޒަރުތަކާއި އަޑުތަކާއި އެ ދުވަހު ކުރެވުނު އިޙްސާސްތަކުން ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރު ކުރުމަށް ވަގުތުން މަސައްކަތް ފެށިއެވެ.

”ކާންދޭ އަތުގައި ދައި ނުގަންނާށޭ“ ބުނާ އަޑު އަޅުގަނޑުމެން އެންމެންވެސް އަހަމުއެވެ. ނޮވެންބަރު 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވެގެން ދިޔައީ މިބުނުމާ އެއްގޮތް ކަމެކެވެ. ހަށިގަނޑުގައި ދިވެހި ލޭ ހިނގަހިނގައި ހުރި ދިވެހި ދަރީންތަކެއް، މިނިވަންކަމާއި، ހިމާޔަތްތެރިކަމާއެކު އުޅެ ބޮޑުވި ވަޠަން، އަޅުވެތިކަމާއި، ގެއްލުމާއި ހަލާކަށް ވައްޓާލުމުގައި އިސް ދައުރެއް އަދާކުރިކަމީ ވަރަށްވެސް ހިތާމަހުރި ކަމެކެވެ. މީގެތެރޭގައި އިސްކޮށް ހަރަކާތްތެރިވީ ޢަބްދުﷲ ލުޠުފީ އާއި ސަގަރު އަޙްމަދު ނާޞިރެވެ. މި ދެ ޚާއިނުންގެ އިތުރުން ސިއްކަ އަޙްމަދު އިސްމާޢީލް މަނިކާއި، ޢުމަރު ޖަމާލާއި ކަރޯ ޢައްބާސް އިބްރާހީމާއި، ޢަބްދުﷲ ޝާހިދާއި ޕައިލެޓް މުޙައްމަދު ނަޢީމް މި ޙަމަލާގައި ބައިވެރިވެފައިވާކަން ޝަރީޢަތަށް ސާބިތުވެ އަދަބު ލިބުނެވެ.

ރާއްޖޭގައި އޮތް އަމަންއަމާންކަމުގެ ސަބަބުން ބޭރުގެ ބަޔަކު ގޮވައިގެން ދިވެހިންގެ ބަޔަކު ޒަމާނީ ހަތިޔާރާއެކު އައިސް ދިވެހިން މަރައި، ވެރިކަން ހޯދަން އުޅެފާނެ ކަމަކަށް އޭރަކު ދިވެހިން ހީކޮށްފައެއް ނެތެވެ. އެ ޙަޤީޤީ މަންޒަރު ދިވެހިންނަށްވީ އާ މަންޒަރަކަށެވެ. ރަޙުމެއްނެތި ޝަހީދުކޮށްލި ދިވެހި ދަރިން މި ފަސްގަނޑުމަތީގައި ޝަހީދުވެފައި އޮތްވާ ފެނުނެވެ. ޒަޚަމުވި އެތައް ބަޔަކަށް ފަރުވާ ދިނެވެ. އެމީހުން ދިވެހި ރައްޔިތުންގެ ކޮޑުތައް މަތީގައި އުފުލިއެވެ. ދުވަހަކުވެސް އަހާފައިނުވާ ފަދަ ބިރުވެރި އަޑުތަކެއްގެ ތެރޭގައި އުޅެން ޖެހުނެވެ. ކުރެވުނު ހިތްދަތި އިޙްސާސްތަކުން މީހުންގެ ލޮލުން އިޚްތިޔާރެއްނެތި ކަރުނަ އޮހެރެމުން ދިޔައެވެ.  އެ މަންޒަރު ޤަބޫލު ނުކުރެވިގެންނެވެ. އެ އަޑުތަކުގެ ނާމާންކަމާއި ބިރުވެރިކަމުންނެވެ. އެއީ މި ޖީލުގެ ދިވެހިން ކުރި މުޅިން އާ އިޙްސާސެކެވެ.

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއިން ޢިބުރަތް ހޯދައި، އަޅުގަނޑުމެންގެ މުސްތަޤްބަލު ކަމުގައިވާ އަދުގެ ޒުވާނުންނާއި ކުޑަކުދީންގެ ހިތުގައި ޤައުމަށްޓަކައި ލޯބި ޖެއްސުން ވަރަށް މުހިންމެވެ. ތާރީޚީގޮތުން ހިނގާފައިވާ މިފަދަ މުހިންމު ހާދިސާތައް މަންހަޖުގައި ހިމަނައި، ޤައުމަށް ލޯބިކުރާ ބައެއްގެ ގޮތުގައި އެ ކުދިން ބޮޑެތިކުރުމުގެ ބޭނުން މިއަދު މިވަނީ ނިހާޔަތަށް ޖެހިފައެވެ. މިކަން މިގޮތަށް ނުކުރެވޭނަމަ ނޮވެންބަރު ތިނެއްގައި ފެނުނު މަންޒަރު ތަކުރާރު ވުމުގެ ބިރު އޮންނާނެވެ.

1988 ނޮވެންބަރު ތިންވަނަ ދުވަހަކީ ދުޝްމިނުންގެ ބަޔަކު އަޅުގަނޑުމެންގެ ފެއްސާއި، ރަތާއި ހުދުން ޖަރީކުރެވިފައިވާ ދިދައިގެ ކުލަތައް ފަނޑުކޮށްލުމަށް މަސައްކަތްކުރި ދުވަހެކެވެ. އެހެންނަމަވެސް ދުޝްމަނުންނަކަށް ކާމިޔާބެއް ނުލިބުނެވެ. އެއަށްވުރެ ދިވެހި ސިފައިންގެ ޢަޒުމާއި، ހިތްވަރު މާގަދައެވެ. މާތް ﷲގެ އިރާދަފުޅާއެކު ތަމަޅަ ޓައިގަރުންގެ ވަކިތަކުން މިބިން ސަލާމަތްވުރެއްވިއެވެ.

އެދުވަހަކީ ދިވެހިން އަމިއްލަ ބިމުގައި ރަހީނުންގެ ގޮތުގައި އުޅެންޖެހުނު ދުވަހެކެވެ. ތަޖުރިބާ ކުރަންޖެހުނު ކަންތައްތަކާއި ފެނުނު މަންޒަރުތަކާއި އިވޭ އަޑުތަކުން ގިނަ ބަޔަކު ތިބީ ނަފްސާނީގޮތުން ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ދިވެހި ތާރީޚުގައި މިނިވަންކަން ގެއްލިގެންދިޔަ ވާހަކަ ކިތަންމެ ފަހަރަކު އަޑުއަހާފައި ވީ ނަމަވެސް މިހާދިސާ ފެށުނުތާ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އަޅުވެތިކަމުގެ ހިތި އަސަރުތައް ތަޙައްމަލުކުރެވި، ތަޖުރިބާކުރެވިގެން ދިޔައެވެ. ޝައްކެއްނެތެވެ! މިނާމާން ދުވަހަކީ މިނިވަންކަމުގެ މުހިއްމުކަމަށް ދިވެހީންގެ ލޯ ހުޅުވާލި ދުވަހެކެވެ. އެ ބިރުވެރިކަމުން ދިވެހިންނަށް ނަޞްރު ލިބުމާއެކު ދިވެހީންނަށް ލިބިގެންދިޔައީ ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެވެ. އެއީވެސް ބަޔާންކޮށްދޭން ނޭނގޭ ކަހަލަ އިޙްސާސްތަކެކެވެ.

ޣާޒީ ރަދުންނާއި ދޮން ބަންޑާރައިން ބޭރުގެ އެހީ ހޯއްދެވި ވާހަކަ ލިޔެވިފައިހުރީ ދިވެހި ތާރީޚީ ފޮތްތަކުގައެވެ. ނޮވެންބަރު ތިންވަނަ ދުވަހު އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދެއްވި އަސްކަރީ އަވަސް އެހީއަކީވެސް މި ޖީލަށް އާ ކަމެކެވެ. ބޭރުގެ އަސްކަރިއްޔާ އަކުން ދިވެހި ފަސްގަނޑުގައި ހަރަކާތްތެރިވުމެވެ. އެހެންނަމަވެސް އެއްވެސް މައްސަލައެއް ކުރިމަތިނުވެ ކަނޑައެޅިފައިވާ ތާރީޚުގައި އިންޑިއާ ސިފައިން ރާއްޖެއިން ފޭބިއެވެ. ވަރަށް ކާމިޔާބު އޮޕަރޭޝަނެއް ހިންގައި، ދިވެހިރާއްޖޭގެ ސަލާމަތްތެރިކަން ކަށަވަރު ކޮށްދީފައެވެ.

މުއާޞަލާތީ ޚިދުމަތްތައް އޭރު އޮތީ މިއަދުހާ ކުރިއަރައިގެން ގޮސްފައެއްނޫނެވެ.  ކޮންމެ މީހެއްގެ ޖީބަކު ފޯނެއް ނޯވެއެވެ. ޚަބަރާއި މަޢުލޫމާތު ލިބޭނެ ވަސީލަތްތައް މަދެވެ. ރާއްޖޭގެ ގިނަ ބަޔަކު އޭރު ޚަބަރާއި މަޢުލޫމާތު ހޯދަން ބޭނުންކުރަނީ ރޭޑިއޯ އެވެ. އަތޮޅުތަކާއި މާލެއާ ވާހަކަ ދައްކަނީ ރޭޑިއޯ ޓެލެފޯނު ސެޓުންނެވެ. ރަށްރަށުން ވާހަކަ ދައްކަނީ ވޯކީޓޯކީންނެވެ. މި ފެންވަރުގައި އޮތް މުއާސަލާތީ ޚިދުމަތުގެ ތެރޭގައި ދިވެހިން ކުރީ ކުރިން ހީވެސް ކޮށްފައިނުވާ އާ ތަޖުރިބާއެކެވެ. އޭގެ ނަތީޖާއަކަށްވީ ދިވެހިރާއްޖެ މިދެކޭ މުއާސަލާތީ ރަން ޒަމާނެވެ. ނޮވެންބަރު 3 ގައި ހިނގާދިޔަ ހާދިސާތަކުގެ ސަބަބުން އެހެން ޤައުމުތަކާ އޮންނަ ގުޅުން ބަދަހިކޮށް، މުއާސަލާތީގޮތުން ކުރިއަރައި ދިޔުމުގެ މުހިއްމުކަން މިވަނީ އެނގިގެން ގޮސްފައެވެ.    

ނޮވެންބަރު ތިނެއް އައިއިރު، ދިވެހި ސިފައިންގެތެރޭގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު  އޮތީ ހަމައެކަނި ފިރިހެނުންނަށެވެ. މުޖުތަމަޢުގައި ދިރިއުޅެމުން ދިޔަ އަންހެނުންގެ ކިބައިގައި ޤާބިލުކަމާއި، ހުނަރުވެރިކަން އިންތިހާއަށް ހުރިކަމުގައި ވީ ނަމަވެސް، މުޖުތަމަޢުގެ ދެބައިކުޅަ އެއްބައިވަނީ ޤައުމީ މި މުހިންމު ޚިދުމަތުން މަޙްރޫމް ކުރެވިފައެވެ.  ނޮވެންބަރު ތިނެއްގެ ހާދިސާ ވެގެންދިޔައީ ދިވެހިރާއްޖޭގައި ސިފައިން އިތުރުކޮށް، އަންހެނުންނަށް ސިފައިންގެ ސަފުން ޖާގަ ހުޅުވާލަދިން ސަބަބަކަށެވެ. މިއީވެސް ދިވެހިން ކުރި މުޅިން އާ ތަޖުރިބާއެކެވެ.

ދިވެހިރާއްޖެއަކީ އާބާދީގެގޮތުންނާއި ބިމުގެގޮތުން ކުޑަ ޤައުމެކެވެ. އަޅުގަނޑުމެންގެ ހަތުރުންނަށް ޤަބޫލުކުރެވިފައިވާ ގޮތުގައި ދިވެހީންނަކީ ބަލިކަށި، އެއްވެސް އާރެއްބާރެއްނެތް ބައެކެވެ. ނަމަވެސް ނޮވެންބަރ 3 ވެގެންދިޔައީ އެމީހުންގެ މި ވިސްނުން މުގުރާލައި، ފުނޑުފުނޑުކޮށްލި ދުވަހަކަށެވެ. ދެވަނަ ފަހަރަށް ދިވެހި ވަޠަނަށް ދަހިވެތިކަމުގެ ނަޒަރަކުން ބެލުމަށް ޖެހިލުންވެ، ފަސްޖެހުމަށް މެދުވެރިކުރުވި ދުވަހަކަށެވެ. މި ޤައުމުން އެދުވަހު ދައްކުވައި ދިނީ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ލާމަސީލު މިސާލެކެވެ. ސާބިތުވެގެން ދިޔައީ ދިވެހި ދަރީންގެ ތެރޭގައި އިސްލާމްދީނާއި މި ޤައުމަށްޓަކައި ފުރާނައިން ޤުރުބާންވާން ކެރޭ ދަރިން ތިބިކަމެވެ.

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއަކީ ކުއްލި އަކަށް އެއްރެއެއްގެ ފަތިހުދިން ޢުދުވާނީ ހަމަލައެކެވެ. ހީވެސް ނުކުރާފަދަ ގޮތަކަށްދިން އެ ހަމަލާ ނާކާމިޔާބުވީ އާންމު ރައްޔިތުންނާއި، ސިފައިންނާއި، ސަރުކާރާ އަތް ގުޅައިލައިގެން ކުރި މިންނަތް މަސައްކަތުގެ ސަބަބުންނެވެ. ދިވެހީންނަކީ ސުލްޙަ މަސަލަސް ކަމާއި، އަމަން އަމާންކަން ވެއްޔާ މޮޑެވިގެންދާތަން ބަލަން ތިބޭނެ ބައެއް ނޫނެވެ. އަތް އުރާލައިގެން ތިބުމުގެ ބަދަލުގައި، އެ ދުވަހު ފެނިގެން ގޮސްފައިވަނީ މިނިވަންކަމުގެ އައްސޭރިއަކަށް މި ޤައުމު ވާސިލު ކޮށްދިނުމަށް ކުރި މަސައްކަތެވެ.

3 ނޮވެންބަރު 1988 ވެގެންދިޔައީ އެތައް ބައިވަރު ކަންތައްތަކަކަށް ދިވެހީންގެ ލޯ ހުޅުވާލި ހާދިސާއެއް ހިނގާދިޔަ ދުވަހަކަށެވެ. އަޅުގަނޑުމެން ވާންޖެހޭނީ ދިވެހި ދިދަ ހިމާޔަތްކުރަން އަތުގުޅާލައިގެން ތިބޭ ބަޔަކަށެވެ. ހިނގާފާނޭ މިފަދަ ނުރައްކާތެރި ހަމަލާއަކަށް ކުރިއާލައި ތައްޔާރުވެގެން ތިބޭ ބަޔަކަށެވެ. ދިވެހި އުންމަތާއި ދީނަށްޓަކައި ޝަހީދުވެ ދިއުމަށް ތައްޔާރަށް ތިބި ބަޔަކަށެވެ. ނޮވެންބަރު ތިނެއްގައި ފެނުނު މަންޒަރުތަކާއި އިވުނު އަޑުތަކާއި ކުރެވުނު އިޙްސާސްތަކުން ތަޖުރިބާއެއް ހާސިލު ކުރެވުނު ކަމަށްވާނީ އޭރުންނެވެ.

ޝެއަރކުރެއްވުމަށް