1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިނެއް ވީ ބުރާސްފަތި ދުވަހު އަރައިގެން އައި އިރާއެކު ދިވެހި ރައްޔިތުންނަށް ލިބިގެންދިޔައީ ކުއްލި ސިހުމެކެވެ. ބިރުވެރި ޚަބަރުތަކެކެވެ. އެއީ ދިވެހިންގެ ތެރޭގައި ތިބި ޚާއިނުންތަކެއް މި ދިވެހި ވަޠަނަށް ކުރިމަތިކުރުވި ނާމާން ދުވަހެކެވެ. އެއީ އެއްވެސް ދިވެހި ރައްޔިތެއްގެ ހަނދާނުން ދުވަހަކުވެސް ފިލައިގެންދާނެ ދުވަހެއްނޫނެވެ. ދިވެހި ތާރީޚުގައި އަބަދުގެ އަބަދަށް ކަޅުއަކުރުން ފަވާލެވިފައި އޮންނާނެ ދުވަހެކެވެ. އޭގެކުރިން ފިލްމެއްގެ މަންޒަރަކުން ނޫނީ އާންމުންނަށް އިވިފައިނުވާފަދަ ބިރުވެރި އަޑުތަކާއެކު މާލެތެރެ ގުގުމާލީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމުގެ ސާލެއް އޮޅާލަމުންނެވެ. 19 ދިވެހިންގެ ލެއިން ދިވެހި ބިން ރަތްވެގެންދިޔަ ކަޅު ބުރާސްފައްޗަށް މިއަހަރު 28 އަހަރު ފުރިގެންދާއިރު މިއަދުވެސް އެދުވަހު އިވެމުންދިޔަ ބަޑީގެ އަޑު ދިވެހިންގެ ކަންފަތުގައި ގުގުމަމުންދާ ކަމީ ކަށަވަރުކަމެކެވެ.
ފަހުގެ ތާރީޚެއްގައި ދިވެހި ޤައުމަށް ދެވުނު އެންމެ ނުރައްކާތެރި ހަމަލާކަމުގައިވާ ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލަ ރާވައި ހިންގުމުގެ މުގުލުގައި ހުރީ، މިޤައުމަށް ޣައްދާރުވި ދިވެހި ބިމަށް އުފަން، ދިވެހި ރައްޔިތެކެވެ. ހެންވޭރު ހާޖަރާގޭ ޢަަބްދުﷲ ލުޠުފީ ސްރީލަންކާގެ ކުލީ ސިފައިންގެ ބަޔަކު ގޮވައިގެން އައިސް ހިންގި ބަޣާވާތުގައި ކުލީ ސިފައިންނާއެކު މާލެއައިސް ސަގަރު އަޙްމަދު ނާޞިރު ހަރަކާތްތެރިވަމުން ދިޔައެވެ. މި ޓެރަރިސްޓް ހަމަލާގައި ދިވެހިންގެ ހަތް މީހަކު ޤައުމަށް ޣައްދާރުވެ، ޚިޔާނާތްތެރިވިއެވެ. މި ހަމަލާ ރޭވުމުގައި އިސްކޮށްހުރި ޢަބްދުﷲ ލުޠުފީ، ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާޢަތުގެ އިސްވެރިންނާ ބައްދަލުކޮށް ގުޅުން ބަދަހި ކުރިއެވެ. ޕްލޯޓް ޖަމާޢަތް އިސްވެރިންނަށް ލުޠުފީއާއި ޕްލޯޓް ޖަމާޢަތުގެ ބޭނުންތަކެއްވެސް ފުދިގެންދާގޮތަށް ކަންކަން ރާވައި ރާއްޖޭގެ ވެރިކަން ފޭރިގަތުމަށް އެއްބަސްވިއެވެ. މި މަސައްކަތް ކާމިޔާބުވެއްޖެނަމަ ޕްލޯޓް ޖަމާޢަތުގެ މީހުން ތަމްރީނުކުރުމަށް ރާއްޖޭން ފަޅުރަށެއްދީ، އެމީހުނަށް ހަތިޔާރު ހޯދައިދީ އެތެރެކުރުމުގެ އިތުރަށް ރާއްޖޭގެ ރިސޯޓެއް އެމީހުންނަށް ދިނުމަށް ލުޠުފީ އެއްބަސްވިއެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ލުޠުފީއާއި އޭނާގެ އެހީތެރިން ޤައުމަށް ވި ޚިޔާނާތުގެ ނަތީޖާއަކަށްވީ ރައްޔިތުންނާއި ދައުލަތުގެ އަގުހުރި މުދާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިއުމެވެ.
ނޮވެންބަރު 3ގެ އުދުވާނީ ހަމަލާއަކީ އެތައް ނުރައްކާތެރި ހަތިޔާރާއެކު ވަރަށް ދުރާލާ ރާވައިގެން ހިންގާފައިވާ ޢަމަލެކެވެ. އެގޮތުން މިހަމަލާއަށް ތައްޔާރުވުމުގެގޮތުން ސިފައިންގޭގެ އެތެރެ އޮންނަ ގޮތާއި ފޯރިއަށްތިބޭ ސިފައިންގެ އަދަދާއި ތިބޭ ތަންތަން ވަރަށް ރަނގަޅަށް ހޯދާފައިވެއެވެ. އަދި މާލެއަށް އައުމަށް ހަމަޖެހިފައިވާ ކުލީ ސިފައިންގެ ބަޔަކަށް ސިފައިންގެ އެތެރެ ހުންނަގޮތްތައް 28 އޮކްޓޯބަރު 1988ގައި ޕްލޯޓު ޖަމާޢަތާއެކު އޮތް ބައްދަލުވުމެއްގައި ލުޠުފީ ކިޔައިދީފައިވެއެވެ. މި ބައްދަލުވުމުގައި ހަމަލާގެ އިސް ކޮމާންޑަރެއްގެގޮތުގައި ޕްލޯޓުގެ ކޮމާންޑަރެއް ކަމަށްވާ ވަސަންތީ ހަމަޖެއްސިއެވެ. ހަމައެއާއެކު އޭކޭ 47 ރައިފަލް، ޑީ3ގެ ރައިފަލް، ޓީ 56ގެ ރައިފަލް، އާރ.ޕީ.ޖީ 7 މޯޓާރޒް، ޑައިނަމައިޓް، އެލް.އެމް.ޖީ މެޝިން ބަޑިއާއި ވަޅި ފަދަ ހަތިޔާރުތައް މާލެއަށް ގެނައުމަށް ތައްޔާރު ކުރިއެވެ. ވުމާއެކު، ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ޚާއިނުންނަށް ނާކާމިޔާބީއާ ކުރިމަތިވި ނަމަވެސް އެމީހުންވަނީ މި ހަމަލާއަށް ދުރާލާ ތައްޔާރުވެ ނުރައްކާތެރި ހަތިޔާރުތަކުގެ ބޭނުންކޮށްގެން މިޤައުމުގެ މިނިވަންކަން ފޭރިގަންނަން ވަރަށް ރަނގަޅަށް ތައްޔާރުވެފައިކަން ސާބިތުވެއެވެ.
ބަޑިބުރާސްފަތީގެ ހަމަލާދިނުމަށް ދިވެހި ބިމަށް އައުމަށް ދުޝްމިނުން ކުރި ދަތުރުގައި ގޮންޖެހުންތަކަކާ ކުރިމަތިވިއެވެ. ޢަބްދުﷲ ލުޠުފީއާއި ވަސަންތީ ޕްލޯޓް ޖަމާޢަތުގެ 80 ވަރަކަށް ޓެރަރިސްޓުން ހިމެނޭ ލަޝްކަރަކާއެކު ދިވެހިރާއްޖެއަށް އައުމަށް ދަތުރުފެށީ 1988 އޮކްޓޯބަރު 29ވީ ހޮނިހިރު ދުވަހުގެ ރޭގަނޑު 8:30 ހާއިރެވެ. އެ މީހުން ރާއްޖެއަށް އައުމަށް މިސްރާބު ހިފީ ”ޓީ 52“ އަދި ”ސައުތު ވެސްޓު 37“ ނަމަކަށް ކިޔާ ދެ މަސްބޯޓެއްގައެވެ. ޕްލޯޓް ޖަމާޢަތުގެ ލީޑަރު މަހޭޝްވަރަމް އެކުލަވާލައިފައި އޮތް ޗާޓާ އެއްގޮތަށެވެ. ނަމަވެސް ދަތުރުކުރެވެމުންދިޔައީ ނުބައި ދިމާއަކަށްކަން އެނގުމުން 1988 ނޮވެންބަރު 1 ވަނަ ދުވަހު ދަތުރުގެ މިސްރާބު ރަނގަޅުކޮށް ދަތުރައިގެން ކުރިއަށް ދިޔައެވެ. ރޭވުންތަކާ ޚިލާފަށް ކަންތައްތައް ހިނގައިދިއުމުގެ ސަބަބުން ޖެހިގެންއައި ދުވަހު ބޯޓުން ފެނާއި ކާއެއްޗެހި ގާތްގަނޑަކަށް ހުސްވިއެވެ. ނޮވެންބަރު މަހުގެ ދެވަނަ ދުވަހުގެ އިރު އޮއްސުނުއިރު ހދ.އަތޮޅުގެ އިރުމަތީ ރަށްތައް ފެންނަ ހިސާބަށް ދުޝްމިނުންނަށް އާދެވުނެވެ. އެހެންކަމުން، ހަމަލާދިނުމުގެ ތައްޔާރީތައް ފެށުމަށްޓަކައި މާލެއަށް ފޭބުމަށްފަހު، އަމަލުކުރަންވީ ގޮތްތައް ކިޔައިދިނުމުގެ އިތުރަށް، ކަޅުފެހި ކުލައިގެ ގޮޅިޖެހި ގަމީހާއި ޖިންސު ޔުނިފޯމެއްގެގޮތުގައި ލެއްވިއެވެ. 1988 ނޮވެންބަރު 3 ވީ ބުރާސްފަތި ދުވަހުގެ މެންދަމުގެ ވަގުތެއްގައި ދުޝްމިނުންގެ ލަޝްކަރު މާލެއާ ހަމައަށް ފޯރިއެވެ.
ނޮވެންބަރު ތިން ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާ ނާކާމިޔާބުވުމުގެ ފަހަތުގައި ވަނީ ދިވެހި ސިފައިންގެ ހިތްވަރުކަމީ އަޅުގަނޑުމެން ހުރިހާ ދިވެހިންވެސް ދަންނާނެ ޙަަޤީޤަތެކެވެ. އެރޭ ފަތިހު 4:15 ހާއިރު ދުޝްމިނުން ފޮނުވާލި ފުރަތަމަ ހަމަލައާއެކު ވަޠަނުގެ ދިފާޢުގައި ސިފައިންގެއިން ރައްދު ހަމަލާތައް ދޭން ފެށިއެވެ. ޚާއިނުންގެ މައިގަނޑު އަމާޒަކަށް ވެފައިވަނީ ސިފައިންގޭގެ ކޮންޓްރޯލު އަތުލުމެވެ. އެގޮތުން ސިފައިންގޭގެ ކުރިމަތީ މައިގޭޓަށާއި، ސިފައިންގެ އިރުއުތުރު ކަންމައްޗަށާއި ސިފައިންގެ ހުޅަނގުދެކުނު ކަންމައްޗަށް ކެނޑިނޭޅި ހަމަލާތައް ދެމުންދިޔައެވެ. ދުޝްމިނުންގެ ރޭވުމާ އެއްގޮތަށް ސިފައިންގޭގެ ކޮންޓްރޯލު އަތުނުލެވުނީ ސިފައިންގޭގެ މައިގޭޓުގެ ހިމާޔަތުގައި ހުންނެވި ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ޖެހިލުންކުޑަ ހަމަލާތަކުގެ ސަބަބުންނެވެ. މިއީ ހަތިޔާރާއެކު ސިފައިންނަށް ދިފާޢީ މަގާމުތަކަށް ނިކުތުމެ ރައްދު ހަމަލާދިނުމަށް ހުޅުވިގެންދިޔަ ދޮރެކެވެ. މީގެއިތުރުން ޝަހީދު ކޯޕްރަލް ޙުސައިން އާދަމް އެންމެ ފަހުވަގުތުވެސް ވަޒަން ފޯރުކޮށްދިނުމަށް އެދިލެއްވި އެދިލެއްވުމަކީ ދިވެހި ތާރީޚުގައި ރަންއަކުރުން ފަވާލެވިފައިވާ ވާހަކަތަކެކެވެ. އުމުރުން އެންމެ 20 އަހަރުގައި ޙުސައިން އާދަމް ޝަހީދުވެގެން ދިޔައީ ޢަދުއްވުން މެދުކެނޑުމެއްނެތި ދެމުންދިޔަ ހަމަލާތަކުގެ ސަބަބުންނެވެ. މާބޮޑު ކަވަރެއްނެތި ހުރެގެން ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ދީނާއި ޤައުމުގެ ދިފާޢުގައި ކުރި ވަރުގަދަ ޖިހާދުން ފެނިގެންދިޔައީ އާދަޔާ ޚިލާފު ހިތްވަރަކާއި ޢަޒުމެކެވެ. އެހެންކަމުން މިޤައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަން ދެމެހެއްޓުމަށްޓަކައި ދިވެހި ސިފައިން ނޮވެންބަރު 3ގައި ދެއްކެވި ހިތްވަރާއި ވެދެއްވި ޤުރުބާނީއަކީ ޝުކުރާއި ތަޢުރީފު ޙައްޤު ކަމެއްކަން ކަށަވަރެވެ.
ސިފައިންގެ ތެރޭގައި ވަރުގަދަ ޢަޒުމަކާއެކު ހަރަކާތްތެރި ވަމުން، ރެކީ ޕެޓްރޯލަށް ސިފައިންގެ އެތެރެއިން ބަޔަކު މަގުމައްޗަށް ނިކުތުމަކީ ދުޝްމިނުން ސިއްސުވާލި ކަމެކެވެ. ދުޝްމަނުން ޖަހަމުންދިޔަ ވަޒަންތަކުގެ ކުރިމައްޗަށް މަރުވިޔަސް ހެޔޮކަމަށް އެދުވަހު އެނިކުންނެވި ހިތްވަރުގަދަ ސިފައިންގެ ފަރާތުން އަދުގެ ޒުވާން ޖީލުން މިސާލު ލިބިގަންނަން ޖެހެއެވެ. މި ކަންތައްތަކުންވެސް ދިވެހި ސިފައިން ޤައުމާއި ވަޠަނަށްޓަކައި އެއްވެސް ފަސްޖެހުމެއްނެތި ޤުރުބާންވެލައްވަން ތައްޔާރަށް ތިއްބެވިކަން ސާބިތުވެއެވެ.
ދިވެހި ސަރުކާރުން އެދުވަހު އިންޑިއާ ސަރުކާރުގެ އަސްކަރީ އެހީއަށް އެދިވަޑައިގެންނެވިއެވެ. ދިވެހި ސަރުކާރުގެ އެ އެދިވަޑައިގަތުމަށް އިންޑިޔާގެ އޭރުގެ ޕްރައިމް މިނިސްޓަރު ރަޖީވް ގާނދީ ދާދި މަދު ވަގުތުކޮޅެއްގެތެރޭގައި އިޖާބަދެއްވިއެވެ. އަދި 1600 ސިފައިންގެ މައްޗަށް އެކުލެވޭ ލަޝްކަރެއް ރާއްޖެ ފޮނުއްވުމަށް ހަމަޖެއްސެވިއެވެ. ދުޝްމަނުންގެ ހުރިހާ ރޭވުމެއް ހިތްވަރުފަދަ ދިވެހި ސިފައިން ފޭލްކޮށްލުމުން ބަލި ވެގެން އަވަހަށް ރާއްޖެ ދޫކޮށް ފިލުމަށް ތައްޔާރުވާންފެށިއެވެ. ދުޝްމަނުން ފައުޖު ފައުޖަށް ގޮސް މާލޭގެ ބަނދަރުގައި އޮތް ”އެމް.ވީ ޕްރޮގްރެސް ލައިޓް“ ނަމަކަށް ކިޔާ ކާގޯ ބޯޓަކަށް އަރައިގެން ފިލަން ތައްޔާރުވިއެވެ. ފިލަންދިޔަ މަގުމަތީގައި ދިވެހިންގެ ތެރެއިން އެތައް ބަޔަކު ރަހީނުކޮށްގެން އެމީހުންނާއެކު ގެންދިޔައެވެ. ދުޝްމަނުން ފިލާ ރައްކާވުމަށް ކުރި މަސައްކަތް ހުއްޓުވީ ދިވެހި ސިފައިންނާ ގުޅިގެން އިންޑިއާގެ އަސްކަރިއްޔާއިން ކަނޑާއި ވައިގެމަގުން ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައެވެ.
އިންޑިޔާ ސިފައިންގެ 2 މަތިންދާބޯޓު ނޮވެންބަރު 3ވަނަ ދުވަހުގެރޭ 9:30 ހާއިރު ހުޅުލެއަށް ޖެއްސުމާއެކު އިންޑިޔާ ސިފައިންގެ މަސައްކަތް ފެށިގެންދިޔައެވެ. ”އޮޕަރޭޝަން ކެކްޓަސް“ގެ ނަމުން ނަން ދީގެން އިންޑިއާ ސިފައިން ހިންގި މި އޮޕަރޭޝަންގެ ސަބަބުން ރަހީނުންގެ ގޮތުގައި ޚާއިނުން ގެންދިޔަ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ސަލާމަތްކޮށް، ކުށްވެރިން ހިފާ ހައްޔާރުކޮށް، އެމީހުން އިންސާފުގެ ކުރިމައްޗަށް ޙާޟިރު ކުރުމަށް ފުރުސަތު ލިބިގެން ދިޔައެވެ. ވުމާއެކު އިންޑިޔާ ސަރުކާރުން ބަޑި ބުރާސްފަތީގައި ދިވެހި ޤައުމަށް ވެދެއްވި އެހީތެރިކަމަކީ ފާހަގަކޮށްލަން ޖެހޭ އަގުހުރި ޚިދުމަތެކެވެ.
ނޮވެންބަރު 3ގެ އުދުވާނީ ހަމަލާގެ ސަބަބުން ދިވެހި ރައްޔަތުންނަށް އަގު ނުކުރެވޭހާ ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔައެވެ. އެގޮތުން ޚާއިނުން ފިލަންދިޔަ މަގުމަތީގައި މާލޭގެ އެތައް ފިހާރައަކަށް ގެއްލުންދީ ލޫޓުވުމާއެކު އެތައް ހާސް ރުފިޔާގެ މުދާ ގެއްލިގެންދިޔައެވެ. މީގެއިތުރުން ދިވެހިންގެ އިމާރާތްތަކަށާއި ދުއްވާ ތަކެއްޗަށް ވެސް ޚާއިނުންގެ ފައުޖުން ބޮޑެތި ގެއްލުންތަކެއްދިނެވެ. ހަމައެއާއެކު ދިވެހި ރައްޔިތުންނަށް އެދުވަހު ކުރިމަތިވި ބިރުވެރިކަމާއި ނާމާންކަމުގެ ސަބަބުން ނަފުސާނީގޮތުން ކުރިމަތިވި ބިރުވެރިކަމާއި ލިބިފައިވާ ކުއްލި ސިހުމުން އަރައިގަންނަން އެތައް ދުވަހެއް ބޭނުންވިއެވެ. އެއްވެސް ކުށެއްނެތް 19 ދިވެހިން ޝަހީދުވެ، މުޅި ދިވެހި އުންމަތް ކަރުނުން ފޯކޮށްލި މި ޢުދުވާނީ ހަމަލާއަކީ ހަމަގައިމުވެސް ދިވެހިންނަށް ފޫ ނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ހަމަލާއެއްކަން ކަށަވަރެވެ.
ދުޝްމަނުންގެ ކިބައިން ﷲގެ ވާގިފުޅާއެކު ނަޞްރު ލިބުނުތާ މިއަހަރު 28 އަހަރު ފުރިގެންދާއިރު އެދުވަހު މި ޤައުމުގެ ރައްޔިތުން ދެއްކި އަޚްވަންތަކަމާއި ޤައުމީ ލޯބިން އިބުރަތް ހާސިލު ކުރަންޖެހޭ ވަގުތު މިއަދު މިވަނީ އައިސްފައެވެ. ޤައުމަށާއި ވަޠަނަށް އިޚްލާޞްތެރިވުމުގެ ރޫޙަށް ދިރުން ގެންނަންޖެހޭ ވަގުތު މިވަނީ އައިސްފައެވެ. އެހެނީ، އެދުވަހު ހުރިހާ ދިވެހިން ތިބީ އެކަތިގަނޑެއްގެ ގޮތުގައެވެ. ހުރިހާ ދިވެހިންގެ ވިސްނުމަކަށް ވެފައިއޮތީ އެއް ވިސްނުމެކެވެ. ހުރިހާ ދިވެހިންގެ ފިކުރަކަށްވެފައިއޮތީ އެއް ފިކުރެކެވެ. އެއީ ފެއްސާއި ރަތާއި ހުދުން އެކުލެވިގެންވާ ދިވެހި ދިދަ މިނިވަންކަންމަތީ އަބަދުގެ އަބަދަށް ވައިގެތެރޭގައި ވިހުރެމުން ދިއުމެވެ.
