ހިންދުކަނޑުގެ މެދުގައި، ހަވާދުމަގުގެ ހިތުގައިވާ އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުނުތާ 50 އަހަރުވީ ރަންޔޫބީލް ފާހަގަކުރީ ދާދި މިދާކަށް ދުވަހުއެވެ. ދިވެހިންގެ މިނިވަންކަމުގެ ރަމްޒެއް ކަމުގައިވާ ރަސްމީ ބޮޑު ދިދަ، ޖުމްހޫރީ މައިދާނުގައި ފަޚުރުވެރިކަމާއި މިނިވަންކަމާއެކު ވިހުރެމުންދާއިރު ދިދައިގެ ފަހަތުން ފެންނަނީ މިނިވަންކަމުގެ އެހެން ރަމްޒެކެވެ.
”ޝަހީދު ޙުސައިން އާދަމް ބިލްޑިންގ“ ފެނުމުން އަޅުގަނޑުމެންނަށް އާވަނީ އެހެން ހަނދާންތަކެކެވެ. ހިތުން ޝުކުރާއި ތަޢުރީފުގެ ބަސްތައް ވެދުން ކުރެވި، އަލުން ޤައުމީ އަސަރު އަޅުގަނޑުމެންގެ ހިތްތަކުގައި އާލާވެގެންދެއެވެ. 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހުގެ ބިރުވެރިކަން ހިތަށް ސިފަވެގެންދެއެވެ. އެދުވަހު ފެނިގެންދިޔަ މިޤައުމުގެ ޣާޒީންނާއި ބާޣީންގެ މަތީން ހަނދާން އާކޮށްދެއެވެ. ނޮވެންބަރު ތިނެއްގެ ފިލާވަޅުތަކާއި ޢިބުރަތްތައް ކިޔައިދެއެވެ.
1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހަކީ އަމިއްލަ ނަފުސުގެ ކުރިމަތީގައި ދިވެހި ޤައުމާއި ދިވެހި ދަރިންގެ ލެޔަކީ އެއްވެސް އަގެއް ނެތް އެއްޗެއްކަން އަންގައިދޭން މި ޤައުމަށް ޚިޔާނާތްތެރިވި ބަޔަކު މަސައްކަތްކުރި ދުވަހެކެވެ. އެދުވަހަކީ ދިވެހި ރައްޔިތުންގެ ތެރެއިން މައުސޫމް އެތައް ކުދިންތަކެއް ޔަތީމްވި ދުވަހެކެވެ. ކުށެއްނެތް އަނބިންތަކެއް ހުވަފަތްވި ދުވަހެކެވެ. ދުޝްމަނުންގެ ނުރައްކާތެރި ހަމަލާތަކުން ދިވެހިންގެ ލެއިން ދިވެހި ފަސްގަނޑު ރަތްވެގެންދިޔަ ނުރައްކާތެރި ބިރުވެރި ދުވަހެކެވެ. މިދުވަހުގެ ވާހަކަދައްކާއިރު ހަނދާންކުރަންވީ އެންމެ މުހިންމު އެއް ކަމަކީ ޤައުމަށް ޣައްދާރުވުމަކީ އެއިން ފައިދާއެއް ކުރާނެ ކަމެއް ނޫންކަމެވެ. ދިވެހިރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ދިވެހިންގެ ބަޔަކު އަޑީގައި ތިބެ ސްރީލަންކާގެ ޕްލޮޓް ޖަމާޢަތާ ގުޅިގެން ކުރި މަސައްކަތުގެ ހިތިރަހަ ދިވެހިންގެ އަރުގައި ރަނގަޅަށްވެސް ލައްވާލިއެވެ. ވާނުވާއެއް ނޭނގި ނާމާންކަމާއި ބިރުވެރިކަމުގައި އަށާރަ ވަރަކަށް ގަޑިއިރު ދިވެހިން ހޭދަކުރިއިރު، އެދުވަހު މިކުޑަކުޑަ ޤައުމަށް ލިބުނު ގެއްލުން ވަރަށްވެސް ބޮޑެވެ. މިދުނިޔެއާ ވަކިވި ފުރާނަތައްވެސް މަދެއް ނޫނެވެ. މިހުރިހާ ކަމެއްގެ ތެރެއަށް ދިވެހި މި ފަސްގަނޑު ދާންޖެހުނީ ދިވެހި ދަރީންތަކެއް، މިބިމަށް ވީ ޚިޔާނާތުގެ ސަބަބުންނެވެ. ދިވެހި ތާރީޚުން ސާފުކޮށް ފެންނަން އޮތް ޙަޤީޤަތަކީ ދިވެހިރާއްޖެ އަޅުވެތިކުރަން އެއްވެސް ފަހަރަކު ބޭރުގެ ފަރާތެއް އަމިއްލައަށް ނާންނަކަމެވެ. ދިވެހި ޤައުމު އަޅުވެތިވެފައިވަނީ ޚިޔާނާތްތެރި ދިވެހިންގެ ސަބަބުންކަމެވެ. ނޮވެންބަރު ތިނެއްގެ ހާދިސާއިންވެސް ފެންނަން އޮތް ހިތި ޙަޤީޤަތަކީ މިއީއެވެ. އަމިއްލަ އެދުން ޤައުމުގެ އެދުމުގެ މައްޗަށް އިސްކޮށްފިނަމަ ކަންތައް ވެގެންދާނެ ގޮތުގެ އާޚިރު ނަތީޖާއެވެ.
ނޮވެންބަރު ތިނެއްގެ ހާދިސާއިން އަޅުގަނޑުމެންނަށް ލިބޭ އަނެއް ފިލާވަޅަކީ ޤައުމީ ވާޖިބު އަދާކުރުމުގައި ސާބިތުވެ ހުރުމުގެ މުހިންމުކަމެވެ. ނަވާރަ ދިވެހިންގެ އަގުހުރި ލެއިން މި ބިންގަނޑު ފޯކޮށްލި ހިތާމަވެރި ހާދިސާގައި ދިވެހި ސިފައިން ދައްކަވާފައިވަނީ ނަމޫނާ ހިތްވަރެކެވެ. ދުޝްމަނުންގެ ފުރަތަމަ ހަމަލާއާއެކު ރައްދު ހަމަލާ ދެމުން ގެންދިޔައީ ކުޅަދާނަކަމާއި ސާބިތުކަމާ އެކުގައެވެ. އެގޮތުން ދުޝްމަނުން އެދުވަހު ރާވައިގެން އައިސް ތިން ދިމާއަކުން ސިފައިންގެއަށް ހަމަލާތައް ދިނެވެ. އެހެންނަމަވެސް ހިތްވަރުގަދަ ދިވެހި ސިފައިން، ދުޝްމަނުން ރާވައިގެން އައިސް ދޭންފެށި ކުއްލި ހަމަލާ ހުއްޓުވައި އެމީހުން ފަހަތަށް ޖައްސަމުން ގެންދިޔައެވެ. އަދި ދީނާއި ޤައުމުގެ ދިފާޢުގައި ފުރާނައިން ޤުރުބާންވުމަށް ކުރި ހުވާގެ މަތީގައި ސާބިތުވެ ދެމިތިއްބެވެ. ފުރާނައިގެ ދިފާޢުގައި ސަލާމަތަށް އެދި ދިވެހިންގެ އަމިއްލަ ވަޠަނުގައި ދިވެހި ދަރީން ރޮއި އާދޭސް ކުރާ އަޑު އަހަން ދެއަތް އުރާލައިގެން ތިބީއެއް ނޫނެވެ. ދިވެހި ދޮންވެލި، ހިމޭން ބިމުގައި ދިވެހި ތާހިރު ލޭގެ ރަތް ކޯރުތައް ދެމެމުންދާ ރަޙުމުކުޑަ މަންޒަރު ބަލަން ދިވެހި ސިފައިން މަޑުން ތިބީއެއްވެސް ނޫނެވެ. ހޮނުގުގުރީގެ އަޑުހެން ”އޭކޭ 47″ގެ ބަޑިތަކުގެ ބިރުވެރިއަޑަށް ރައްދު ހަމަލާދިނެވެ. އެ ދުވަހު ފެނިގެން ދިޔައީ ދިވެހި ސިފައިންގެ ސާބިތުކަމާއި ކެރުމާއި ހިތްވަރެވެ. ސިފައިންގެ ވާޖިބާއި މަސްއޫލިއްޔަތު އުފުލުމަށް ދުވަހަކުވެސް ފަސްނުޖެހޭނެކަމެވެ. އެގޮތުގައި އިސްލާމް ދީނާއި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލުގެ ދިފާޢުގައި، ދިވެހިންގެ ވެރިކަމާއި އޭގެ ކީރިތި ނިޝާނުގެ ޙައްޤުގައި، މިޤައުމުގެ ޝާނާއި ޝައުކަތުގެ ހިމާޔަތުގައި ސިފައިން ވަނީ އެބޭކަލުންގެ އަގުހުރި ލޭ މިޤައުމަށްޓަކައި ގުރުބާންކޮށްދެއްވާފައެވެ. ޤައުމީ ވާޖިބު އޭގެ އެންމެ މަތީ ދަރަޖައަށް އަދާކުރުމުގެ ލާމަސީލު މިސާލު އަންނަން އޮތް އެންމެހާ ޖީލުތަކަށް އަންގައިދެމުންނެވެ.
ނޮވެންބަރު ތިނެއްގެ ހާދިސާއިން އަޅުގަނޑުމެންނަށް ލިބޭ އަނެއް ފިލާވަޅަކީ ޤައުމަށް ޚިދުމަތްކުރުމަކީ ވަކި ގިންތިއެއް، ފަންތިއެއް ނުވަތަ އުމުރެއްގެ މީހަކަށް އޮތް ކަމެއް ނޫންކަމެވެ. 1968 ވަނަ އަހަރު ހދ. ކުޅުދުއްފުށީ މާވާގެއަށް އުފަން ޙުސައިން އާދަމް ދައްކުވައިދިނީ އެ މިސާލެވެ. ކުޅުދުއްފުށީގެ ފަޚުރެއްގެ ގޮތުގައި ޙުސައިން އާދަމް ފާހަގަވެގެން ދިޔައީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ފަތިހުގެ ފިނިވައިރޯޅީގެ އެހީގައި ހާލާއި ކޮވެއްޔާ އަދި މުޅި ދިވެހި އުންމަތް އަރާމުގެ ތަންމަތީގައި ނިދާފައި އޮތަސް، ކަލާނގެ ރަސްކަންފުޅު ގަންދީ ކުރި ހުވާގެ މައްޗަށް ތެދުވެރިވެ އެ ޒުވާނާ ހޭލާ ހުއްޓެވެ. މި ބިރުވެރި ހާދިސާ ހިނގިއިރު އުމުރުން އެންމެ 20 އަހަރެވެ. ވަރަށް އާދައިގެ އާއިލާއަކަށް ނިސްބަތްވާ ސިފައިންގެ ޕްރައިވެޓެކެވެ. ތުނބުޅިމަތިމަސް ވެސް އަދިފުރިހަމައަށް ނުފަޅާ، ޅަ ޒުވާނެކެވެ. ތަފާތަކީ ޤައުމަށްޓަކައި އެހިތްވަރުގަދަ ބަޠަލުގެ ޒުވާންލޭ ކެކިގަތްލެއް އަވަސްކަމެވެ. 1988 ނޮވެންބަރު މަހުގެ ދެ ވަނަ ދުވަހުގެރޭ މެންދަމުން އަލިވިފަހުން އޭނާ ހިފި ޑިއުޓީ ވެގެން ދިޔައީ ވަޒީފާގައި އެޒުވާނާގެ އެންމެ ފަހު ވަގުތުކޮޅަށެވެ. ސިފައިންގެ މައި ގޭޓުގެ ހުޅަނގު ފަރާތުގައި ފޯރިއަށް ހުއްޓާ ދުޝްމަނުންދިން ކުއްލި ހަމަލާއަށް ހުޝިޔާރުކަމާއި ޖެހިލުންކުޑަކަމާއެކު ވަގުތުން ރައްދު ހަމަލާދޭން ފެށިއެވެ. އަތުގައިހުރި ހުރި ވަޒަންތައް ހުސްވަމުން ދިޔައިރުވެސް ހިތްވަރަށް ބަދަލެއް ނާދެއެވެ. އެހެންނަމަވެސް އިރުތަކެއްނުވެ ދުޝްމަނުންގެ ހަމަލާތަކުގެ ވަޒަންތަކުން އެޒުވާނާގެ މެޔާއި ހަށިގަނޑު، އެކިދިމަދިމާއިން ފޫއަޅުވާލިއެވެ. އެއާއެކު ސިފައިންގެ މައިމަރުކަޒުގެ ފާރު ލެއިން ތެންމައި އަބަދުގެ އަބަދަށް ދިވެހި ސިފައިންނަށް ފަޚުރުވެރި ނަމެއް ހޯއްދަވައިދެއްވައި، އުމުރުން އެންމެ ވިހި އަހަރުގައި އެފުރާނަ މިފަނާވަނިވި ދުނިޔެއާއި ވަކިވެގެންދިޔައެވެ. އެހެންނަމަވެސް މަރުވިޔަސް ހިތް އޮތީ ”އެކުވެރިންނޭ ހަވާލޭ ވަޠަން ލޯބިވާ“ އޭ ކިޔާ ގޮވާލަގޮވާލައެވެ. ދިވެހި އެންމެހާ ރައްޔިތުންނަށް ޖިހާދުކުރުމުގެ އެންމެ މަތީ ދަރަޖައިގެ މިސާލު ދައްކައިދެމުންނެވެ.
ނޮވެންބަރު ތިނެއްގެ ހާދިސާއަކީ ދިވެހިންގެ ހުޝިޔާރުކަމުގެ އެންމެ ލާމަސީލު އެއްމިސާލެވެ. އެގޮތުން އެފަދަ ބިރުވެރި ޓެރަރިސްޓު ހަމަލާއަކަށް ދިވެހިން ތިބީ ތައްޔާރުވެގެނެއް ނޫނެވެ. ދިވެހި ތާރީޚު ދުށް އެންމެ ބިރުވެރި ޓެރަރިސްޓު ހަމަލާއަކީ ދިވެހި ސިފައިންގެ ހުޝިޔާރުކަމާއި ކުޅަދާނަކަން ވަރަށް ފުރިހަމައަށް ފެނިގެންދިޔަ ހާދިސާއެކެވެ. އެންމެ ފުރަތަމަ ހަމަލާއާއެކު ރައްދު ހަމަލާދިނުން ވެގެންދިޔައީ ދިވެހި ސިފައިންގެ ސަފުތައް ރުކުރުވާލަން ލިބުނު ވަރަށް ބޮޑު ފުރުސަތަކަށެވެ. ވަގުތުން ހުޝިޔާރުކަންމަތީ ދިފާޢުގެ ކަމަރު ބަނދެލައި، ހަތިޔާރާއެކު ދިވެހި ލަޝްކަރު އެތުރިލައިފިއެވެ. އިސްވެރިންގެ ފުރިހަމަ ރޭވުމާއެކު ހިތްވަރުގަދަ ދިވެހި ސިފައިންގެ ބަދަހި ސަފުތައް އަތުރާލީ ހިނދުކޮޅެއްގެ ތެރޭގައެވެ. ފިސާރި ހިތްވަރާއެކު އެފެށީ ރައްދު ހަމަލާއެވެ. ޖިހާދީ ނަޣަރާއަށެވެ. އެގޮތުން ސިފައިންގެ ތެރެއިން ޤާބިލު ވެރިއަކު އިސްވެ ހުންނަވައިގެން ފުރިހަމަ ހަތިޔާރާއެކު، ސިފައިންގެ ދިހަ ބޭކަލުންނާއިގެން ބޭރަށް ނިކުމެވަޑައިގަތެވެ. ހުއްޓުމެއްނެތި ބަޑީގެ ހަމަލާތައް ދެފަރާތުން ބަދަލުކުރެވެމުން ދިޔައެވެ. އެއްވެސް ޖެހިލުންވުމެއްނެތިއެވެ. ޝަހީދުވިޔަސް، ފޮނި ކާމިޔާބީއަކުން ނަޞްރު ލިބުނަސް އެންމެ ރަނގަޅުކަމުގައި ދެކިގެންނެވެ. އެންމެ ފުރަތަމަ ނުކުތް ދިހަ ބޭކަލުންގެ ތެރެއިން ތިންބޭކަލުން ޝަހީދުވުމުން ދެން ތިއްބެވި ބޭކަލުން ސިފައިންގެ މައިމަރުކަޒުގެ ތެރެއަށް ވެދެވަޑައިގެންނެވީ ދިވެހިންނަކީ އެމީހުން ޖެހިލުންވާންޖެހޭ ވަރުގެ ބައެއްކަން ސާބިތުކޮށްދީފައެވެ. ދުޝްމަނުން ތިބީ ހާސްކަމާއި ނުތަނަވަސްކަމުގެ ތެރޭގައެވެ. އެމީހުންގެ ރޭވުމާ އެއްގޮތަށް އެއްވެސް ކަމެއް ކުރިއަށް ދާގޮތެއްނުވިއެވެ. ދުޝްމަނުންގެ އަސްކަރީ ކޮމާންޑަރު ވަސަންތީވެސް އޭރުވަނީ ސިފައިންގެ ކުޅަދާނަ ހަމަލާތަކުގެ ޝިކާރައަކަށްވެ މަރުވެފައެވެ. ދިވެހިންނާ ތޮޅެން ”އާދައިގެ ގޮތަކަށް“ އައިސް ދިން ހަމަލާ ނާކާމިޔާބުވެގެން ދިޔައީ ދިވެހި ސިފައިންގެ ހުޝިޔާރު ކަމުންނެވެ. ރައްދު ހަމަލާގެ އަވަސްކަމުންނެވެ.
ބަވަނަވަމުންދާ ދުނިޔެ މިއަދު މިވަނީ ކުޑަކުޑަ އަވަށެއްގެ ގޮތުގައި ބެލެވިފައެވެ. އެއް ޤައުމު އަނެއް ޤައުމާ އޮންނަ ގުޅުންތައްވެސް މިވަނީ ވަރަށް ބޮޑަށް ތަރައްޤީވެފައެވެ. ނޮވެންބަރު ތިނެއްގެ ހާދިސާއިން އަޅުގަނޑުމެންނަށް ލިބޭ އެއް އިބުރަތަކީ އަވަށްޓެރި ޤައުމުތަކާ އޮންނަ ގުޅުންތައް ބަދަހިކުރުމުގެ ބޭނުންތެރިކަމެވެ. ދުޝްމަނުން ބޭނުންވި މަޤްޞަދު ހާސިލު ނުވުމުން އެމީހުން މާލޭގެ ބަނދަރުގައި އޮތް އާގުބޯޓެއްގައި ފިލަން މަސައްކަތްކުރިއެވެ. ދިވެހިންގެ ތެރެއިން މައުސޫމް އެތައް ބަޔަކާވެސް އެކުގައެވެ. ”ޕްރޮގްރެސް ލައިޓް“ ނަމަކަށް ކިޔާ ބޯޓެއްގައެވެ. އެހެންނަމަވެސް ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އަވަށްޓެރި އިންޑިއާގެ އަސްކަރީ އެހީ ދިވެހިރާއްޖެއަށް ލިބިގެންދިޔައެވެ. ދިވެހި ސިފައިންނާ ގުޅިގެން ވައިގެ މަގުންނާއި ކަނޑުމަގުން އިންޑިއާގެ ހަނގުރާމަވެރި އުޅަނދުތައް ހަރަކާތްތެރިވަމުން ދިޔައެވެ. އެއާއެކު ސްރީލަންކާއަށް ދަތުރުކުރަމުން ދިޔަ ބޯޓު ހިފެހެއްޓިއެވެ. ދިވެހިންގެ ތެރެއިން ރަހީނުކުރެވިފައިވާ އެތައް ބަޔަކު ސަލާމަތްކުރިއެވެ. މިގޮތަށް ދިވެހިންގެ ކޮންމެ އެދުމަކަށް ބައިނަލްއަޤްވާމީ އެހީތެރިކަން ލިބިގެންދާނީ ދިވެހިންނާ އެހެނިހެން ޤައުމުތަކާ އޮންނަ ގުޅުންތައް ބަދަހިވެގެންނެވެ. ތަރައްޤީއާއި ތަހުޒީބާއި ތަމައްދުނުގެ އުސް އަލިތަކާ ހަމައަށް ދުނިޔެ ދަތުރުކުރަމުންދާއިރު، ޤައުމުތައް އެއް ޤައުމު އަނެއް ޤައުމަށް ބަރޯސާވާން ޖެހެއެވެ. ނޮވެންބަރު ތިނަކުން އަންގައިދިން އެއް ފިލާވަޅަކީ އެއީއެވެ.
1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިން ވަނަދުވަހުގެ ބިރުވެރި ކަމަކަށްފަހު، ދިވެހިން ﷲގެ ވާގިފުޅާއެކު ހޯދީ ކާމިޔާބާއި ނަޞްރެވެ. އެ ނަޞްރަށް އެދި ފުރާނައިން ޤުރުބާންވި ދަރިންނަށް މިއުންމަތް އަބަދުވެސް ޝުކުރުވެރި ވާނެއެވެ. ކޮށްފައިވާ ހުވަޔާ އެއްގޮތަށް މިޤައުމީ ޖިހާދުގައި ބައިވެރިވި އެންމެހާ ސިފައިންނަށް މިޤައުމު އަބަދުވެސް ފަޚުރުވެރިވާނެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިދައިގެ ހިޔަލުގައި މިނިވަން އުޑެއްގެ ދަށުގައި ފަޚުރުވެރި ނަޞްރުގެ ދުވަހެއް މިފާހަގަކުރެވެނީ ކުޅަދާނަ އެތައް އަޖުދާދުންނެއް ކަށީގެ މަދުން ހިތްވަރުނެރެ ޖޯޝާއެކީ ކުރި މަސައްކަތުންނެވެ. މިދުވަސް ދިވެހިންނަށް އަންގައިދޭ ފިލާވަޅުތައް ގިނަގުނައެވެ. ޤައުމުގެ ޣާޒީންނާއި ޤައުމުގެ ބާޣީންގެ ތަފާތެއް ވާކަމެވެ. ޤައުމީ ވާޖިބު، ކަމަށް ކަމޭހިތައިގެން އަދާކުރުމުގެ ބޭނުންތެރިކަމެވެ. ހުޝިޔާރުވެ ރައްކާވެ ތިބިއްޔާ ދަތުރުކަމެވެ. ހަނގުރާމަކުރުމަށް އުމުރެއް ހައިބަތެއްގެ ފަރަގުނެތް ކަމެވެ. ދިވެހިންނަށް ފަޚުރުވެރި ނަޞްރެއް ލިބިގެންދިޔައީ މިހުރިހާ ފިލާވަޅުތައް ދަސްކޮށް ދެމުންނެވެ. އަމާން، ސުލްޙަވެރި، އުޖާލާ މުސްތަޤުބަލަކަށްޓަކައި 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހަކީ ދިވެހިންނަށް އޮތް ޢިބްރަތުގެ ދުވަހެކެވެ. ދަރުސްތަކާއި ފިލާވަޅުތަކުގެ ދުވަހެކެވެ.
