ހުދުކުލައިގެ މުތީތަކަކުން ޒީނަތްތެރި ކުރެވިފައިވާ ފެހިކުލަގަދަ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ ކޮންމެ ދިވެހި ދަރިއަކު ފަޚުރުވެރިވުން ޙައްޤު މާޒީއެއް އެކުލެވިފައިވާ ގައުމެއްކަން ދިވެހި ތާރީޚުގެ ފަތްފުށްތަކުން ހެކިދެއެވެ. ވޭތުވެދިޔަ 800 އަހަރުގެ ތާރީޚަށް ބަލާއިރު ދިވެހިންގެ އަމިއްލަ މިނިވަން ކަމާއި ސިޔާދަތު، ދެފަހަރެއްގެ މަތިން ބީވެގެންދިޔަ ކަމުގައި ވިޔަސް ދިވެހިރާއްޖެއަކީ އަމިއްލަ މިނިވަންކަމެއްގެ މަތީ ފައިތިލަ ސާބިތުކޮށްފައިވާ ބައެކެވެ. އިނގިރޭސިންގެ އަތްދަށުން މިނިވަންކަން ހޯދައި، އދ ގައި ދިވެހިރާއްޖޭގެ މިނިވަން ދިދަ ފޮޅުވާލިތާ 23 އަހަރު ފުރިފައި ވަނިކޮށް، ދިވެހިންނަށް ކުއްލި ސިހުމެއް ލިބިގެން ދިޔައީ 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުއެވެ. ތެދެކެވެ. ނޮވެންބަރު 3 އަކީ ދިވެހިން ހޭލައްވާލި ދުވަހެކެވެ.
1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިނެއް ވީ ބުރާސްފަތި ދުވަހުގެ އިރު ދުނިޔެއަށް އުދަވެގެން އައީ މި ޖީލުގެ ދިވެހިން ދެކެފައިނުވާފަދަ ނާމާން ދުވަހެއްގެ ގޮތުގައެވެ. އެދުވަހުގެ ފަތިހު ހަތަރެއް ޖަހާ، އެހާކަންހާއިރު މާލޭގެ ރައްޔިތުން ނިދިން ހޭލައްވާލީ ބަޑިއާއި ރޮކެޓުގެ ބިރުވެރި އަޑުފަށްގަނޑުންނެވެ. އިވެމުން ދަނީ ކޮންފަދަ އަޑެއްކަން ދެނެގަންނަން ނޭނގުނު އެތައް ބަޔަކު ހައިރާންކަމާއެކު ވާގޮތެއް ބެލުމަށްޓަކައި އުޅެން ފެށިއެވެ. ވާނީވެސް އެހެންތާއެވެ. އެދުވަސްވަރަކީ ދިވެހިންނަށް މިފަދަ ބަޑިއާއި ރޮކެޓުގެ އަޑު އިވިފައިވާ ދުވަސްވަރެއް ނޫނެވެ. ހަމަ އެކަނި ފިލްމަކުން ނޫނީ އެފަދަ އަޑެއް އޭރަކު ނީވެއެވެ. އިވެމުންދާ ބިރުވެރި އަޑުގެ ޙަޤީޤަތް އިރު އަރަމުން ދިޔަ ވަރަކަށް އައީ ހާސްކަމުގައި ތިބި މާލޭގެ ރައްޔިތުންނަށް ސާފު ވަމުންނެވެ. ދިވެހިރާއްޖޭގެ ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހި ޚާއިނުންގެ ބަޔަކު ސްރީލަންކާގެ ޓެރަރިސްޓު ޖަމާޢަތަކާ ގުޅިގެން ދިވެހިރާއްޖެ އައިސް މާލެއަށް ހަމަލާ ދެމުން ގެންދަނީއެވެ. ވެރިކަމުގެ ބޭނުމުގައެވެ. މި ބިރުވެރި އަޑު މާލެއަށް ފެތުރިގެން ދިޔައިރު ކޮންމެ ދިވެހި ދަރިއެއްގެ ލޮލުން ކަރުނަ ހިލިގެން ދިޔައެވެ. މާޒީގައި ދިވެހިންގެ މިނިވަންކަމާއި ކުޅެލި ނުރައްކާތެރި ޢަދުއްވުންތައް ދިވެހިން އަޅުވެތިކޮށްލި ގޮތުގެ ހަނދާންތައް ހިތްތައް ހޭލައްވައިލިއެވެ.
ފަހުގެ ތާރީޚަށް ބަލާއިރު ދިވެހިންނަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާއަކީ މި އުދުވާނީ ހަމަލާއެވެ. ދިވެހި ތާރީޚުން އެނގޭ ގޮތުގައި ދިވެހި ޤައުމުގެ މިނިވަންކަން ނަގާލަން ބޭރުގެ މީހުން މަސައްކަތްކޮށްފައިވާ ކޮންމެ ފަހަރަކު އެކަމުގެ އަޑީގައި ތިބެނީ ދިވެހި ދަރިންނެވެ. އެގޮތުން މި ނުރައްކާތެރި އުދުވާނީ ހަމަލާގެ އިސްވެރިންގެ ގޮތުގައި ތިބީ ދިވެހި ދެ ދަރިން ކަމުގައިވާ ހ. ހާޖަރާގޭ ޢަބުދުﷲ ލުޠުފީއާއި އައްޑު އަތޮޅު ހިތަދޫ ޕެރިސް ހޮލިޑޭ ސަގަރު އަޙުމަދު ނާޞިރެވެ. މި ދެ ޚާއިނުން ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއް ކަމުގައިވާ ”ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް“ (ޕްލޯޓް) ޖަމާޢަތާ ގުޅިގެން އިތުރު ފަސް ދިވެއްސެއްގެ ބައިވުމާއެކު މާލެއަރައި ޕްލޯޓު ހަނގުރާމަވެރިން ލައްވާ މާލެއަށް ހަމަލާދޭން ފެށީއެވެ. ޤައުމީ ލޯބީގެ ޒައްރެއްގެ މިންވަރުވެސް ނެތް މި ދިވެހި ޚާއިނުންގެ ކުރިމަތީ ދިވެހި ދަރިންތަކަށް ހަމަލާދީ ލޭއޮހޮރުވަމުން ދިޔައިރު ކުޑަވެސް އަސަރެއް ނުކުރަނީ ބާވައެވެ؟ ޤައުމީ ލޯބި ހިތުގައި އުފެދިފައިވީނަމަ، އެދުވަހު އެގޮތަށް ކަންތައް ކުރުމަށް ކެރުނީސް ބާވައެވެ. މިކަމުން ދިވެހިން ޢިބްރަތް ލިބިގަންނަން ޖެހެއެވެ. އަމިއްލަ އެދުމުގެ ކުރިމަތީގައި ޤައުމީ ލޯބި އިސްކުރަން ޖެހެއެވެ. ނޫންނަމަ މިފަދަ ޚާއިނުންތައް ދިވެހި ފަސްގަނޑުގައި ދާނީ އިތުރުވަމުންނެވެ. މިއީ ޤައުމީ ލޯތްބާއި ޤައުމުގެ މިނވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ޢަޒުމު ކަނޑައެޅުމަށްޓަކައި ދިވެހިން ހޭލައްވައިލި ބިރުވެރި ދުވަހެކެވެ.
1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ސިފައިން ދެއްކީ ދިވެހިން ފަޚުރުވެރިވުން ޙައްޤު ލާމަސީލު މިސާލެކެވެ. ޓެރަރިސްޓުންގެ ނުރައްކާތެރި ހަމަލާތަކުގެ ކުރިމަތީގައި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހި ސާބިތުކަމާއެކު ކުރި ހިތްވަރަކީ ދިވެހި ތާރީޚުގައި ރަން އަކުރުން ލިޔެވުނު ވާހަކަ ތަކެކެވެ. އެދުވަހަކީ ސިފައިންގެ މައިމަރުކަޒު ފިޔަވައި ސިފައިންގެ އިތުރު މަރުކަޒެއް ނެތް ދުވަހެވެ. މާލެ ފިޔަވައި ރާއްޖޭގެ އެއްވެސް ހިސާބެއްގައި ސިފައިން ”ޑިޕްލޮއި“ ކުރެވިފައެއް ނެތެވެ. އަސްކަރީގޮތުން ތަމްރީނު ލިބިފައި ނެތް، އަދަދުގެގޮތުން މަދުމީސްކޮޅު އެދުވަހު އެބޭފުޅުންގެ ހަށިކޮޅުތައް ޤުރުބާން ކުރަމުން ދިޔައީ ”އަންނާނެ ތީރެއް، އުންޑައެއް ފެނިގެން އަމާޒުވެގެން މެޔަށް، ގަންނާ ކުރެއްވި ބިރުން ފިލަންދާ މީހަކަށް މަ ނުވާނަމޭ“ ބުނަމުންނެވެ. ތެދެކެވެ. މިބިރުވެރި ހާދިސާއިން ރަތް ސިގުނަލް ލިބިގެން ދިޔައީ ޤައުމުގެ ދިފާޢީ ނިޒާމު ވަރުގަދަ ކުރުމަށެވެ. ނަތީޖާއެއްގެގޮތުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިފައިންގެ މަރުކަޒުތައް އުފައްދާ އަސްކަރީގޮތުން ތަމްރީނު ލިބިފައިވާ ސިފައިންތަކެއް މި ޤައުމުގެ ދިފާޢުގައި މަސައްކަތް ކުރަން ފަށައިފިއެވެ. އެދުވަހަށްފަހު މިއަދުގެ ދިވެހި ޖީލު ހޭލައްލައިފިއެވެ.
ނޮވެންބަރު 3ގެ ހާދިސާއަކީ ދިވެހިން ނަފުސާނީ ބިރުވެރި ކަމެއްގެ ތެރެއަށް ވައްޓައިލި ހާދިސާއެކެވެ. މާލޭގައި ހިނގަމުންދާ އުދުވާނީ ހަމަލާގެ އަޑު އެންމެ ކައިރިން އަހަމުން ގެންދިޔަ އެއްބަޔަކީ މާލޭގެ ފަޅުތެރޭގައި އަޅާފައިހުރި ދޯނިފަހަރުގައި ތިބި މީހުންނެވެ. މިވަނީ ކީއްކަން ނޭނގި ހައިރާންކަމެއްގައި ތިއްބާ ފަޅުތެރޭގެ ދޯނިފަހަރަށް އަރާ އެދޯނިތަކުގައި ތިބި މީހުން ދޯނިން ބާލައި އެމީހުންގެ ބުރަކަށީގައި ބަޑިޖައްސައިގެން ޖުމުހޫރީ މައިދާނަށް ގެންގޮސް އެތަނުގައި ބަނޑުވަތަށް ވާގޮތަށް އެމީހުން ބައިތިއްބާފައި އެތިބި ވަގުތަކީ ދެންމެ ދެންމެ ފުރާނަ ދުއްވާލަފާނެކަމަށް ހީކުރެވުނު ބިރުވެރި ވަގުތެކެވެ. ހަދާނެގޮތެއް ނެތިފައި ޓެރަރިސްޓުންގެ އަމުރަށް ބޯލަނބައިގެން އެ ސަރާސަރު މައިދާނުގައި ގަދަ އަވީގައި ތިބި ދިވެހި ދަރިންނަކީ އެއްވެސް ކުށަކާނުލައި މަރުގެ އިންޒާރު ދީފައިވާ އަޚުންނެވެ. އުމުރުން ދުވަސްވެފައިވާ މުސްކުޅިން ބިރުން ތުރުތުރު އަޅާ ހާލު އެމީހުންގެ ވަކިތަކުގެ ދަށުގައި ތިބުމުގެ ނަތީޖާއަކަށްވީ އެދުވަހުގެ ބިރުވެރިކަމުން ސަލާމަތްވެ ނަޞްރު ލިބުނަސް މުޅި އުމުރު ނަފުސާނީ ބިރުވެރިކަމެއްގެ ތެރޭގައި ހޭދަ ކުރަން ޖެހުމެވެ. މިއީ ދިވެހިން ހޭލައްވައިލި ބިރުވެރި ހާދިސާ އެކެވެ.
މެންދަމެއްގެ ހަމަހިމޭންކަމުން ބިރުވެރި ފަތިހަކަށް ބަދަލުވި ނޮވެންބަރު 3ވަނަ ދުވަހު އަތޮޅުތެރޭގެ ރަށްރަށުގެ ހާލަތަކީ ކޮބައިބާވައެވެ؟ އެދުވަސްވަރަކީ ރަށްރަށުގައި ޓީވީއާއި ޓެލެފޯނު ހުރި ދުވަސްވަރެއް ނޫނެވެ. އެއީ ރޭޑިއޯ ޓެލެފޯނާއި ވޯކީޓޯކީގެ ޒަމާނެވެ. ރާއްޖޭގައި ހިނގާ ކަންކަމުގެ ޚަބަރުތައް ގިނަ ބަޔަކު އަހަނީ ދިވެހިރާއްޖޭގެ އަޑުން ފޮނުވަމުންދާ ޕްރޮގްރާމް ތަކުންނެވެ. ވުމާއެކު ރަށްރަށުގައި ފަތިހު ރޭޑިއޯ ހުޅުވުމަކީ ގިނަމީހުންގެ އާދައަކަށް ވެފައިވާ ކަމެކެވެ. އެހެންނަމަވެސް ރޭޑިއޯގެ ޚިދުމަތް އެދުވަހު ނުލިބޭތީ މީހުން ތިބީ ވާނުވާ ނޭނގިފައެވެ. އެދުވަހު މުޅި ރާއްޖެ ގުޅުވައިލަދިން ހަމައެކަނި މުވާސަލާތީ ޚިދުމަތަކީ ރޭޑިއޯ ޓެލެފޯނާއި ވޯކީޓޯކީއެވެ. މިގޮތުން މާލޭގައި ހިނގަމުން ދިޔަ ކަންތައްތަކުގެ ޚަބަރު ރާއްޖޭގެ އެކި ރަށްރަށަށް ފޯރުކޮށް ދިނުމުގައި އެންމެ އިސް ދައުރެއް އެދުވަހު އަދާކުރެއްވީ އޭރު އައިޑެންޓިޓީ ކާޑުހެދުމުގެ މަސައްކަތް ކުރުމަށް ނ. އަތޮޅަށް ވަޑައިގެން އުޅުއްވި ޓީމުގެ އިސްވެރިޔާ އަލްމަރުޙޫމު އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމެވެ. މާތްﷲ އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. ނަޢީމުގެ ޓީމުން އަތޮޅުތަކުގެ އެކި ރަށްރަށަށް ވޯކީޓޯކީންނާއި ރޭޑިއޯ ތެލެފޯނުން ގުޅައި މާލޭގެ ހާލަތު ކިޔައިދެއްވަމުން ގެންދެވިއެވެ. ތެދެކެވެ. މުއާޞަލާތީ ނިޒާމު ވަރުގަދަކުރުމުގެ މުހިންމުކަން އަންގައިދިނީ މި ހާދިސާއިންނެވެ.
ނޮވެންބަރު ތިނަކުން ދިވެހިންނަށް އެނގިގެން ދިޔަ އެންމެ މުހިންމު ކަމަކީ ދިވެހި ސަރުކާރުގެ ސިޔާސަތުގެ ހަރުދަނާ ކަމެވެ. އޭރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަލް އުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމުގެ ޙިކުމަތު ޢަމަލީގެ މަތިވެރި ކަމެވެ. އެމަނިކުފާނުގެ ދުރުވިސްނޭ ވިސްނުންފުޅު ބޭނުންކުރައްވައިގެން ޤައުމުގެ ސަލާމަތަށްޓަކައި ކުރެއްވި ކަންތައްތަކެވެ. ޓެރަރިސްޓުންގެ ހަމަލާތަކުން ރާއްޖެ ސަލާމަތް ކުރެއްވުމަށްޓަކައި ބޭރު ޤައުމުތަކުގެ އެހީއަށް އެދިވަޑައިގަތެވެ. މިގޮތުން އެންމެ އަވަހަށް އެހީ ލިބިގެން ދިޔައީ އިންޑިއާއިންނެވެ. އިންޑިއާ ސިފައިން މާލެ އަންނަންވާއިރަށް ސިފައިންގެއިން އެޅެންހުރި ހުރިހައި ސަލާމަތީ ފިޔަވަޅެއްވެސް ދިޔައީ އަޅުއްވަމުންނެވެ. ނަތީޖާއެއްގެގޮތުން ޓެރަރިސްޓުން ބޭނުންހާ ގޮތަކަށް ކަންތައްތައް ކުރުމުގައި އެމީހުންނަށް ކާމިޔާބު ވާގޮތެއް ނުވިއެވެ. އެންމެފަހުން ދިވެހި އެތައް ދަރިންތަކެއް ގޮވައިގެން ފިލައިގެން ދިއުމަށް ކުރި މަސައްކަތްވެސް ނާކާމިޔާބު ކޮށްލުމުގައި ދިވެހި ސަރުކާރުން ގެންގުޅުއްވި ހަރުދަނާ ސިޔާސަތުގެ މަތިވެރި ކަމަށްޓަކައި އެދުވަސް ވެގެންދިޔައީ ސިޔާސަތުތައް ހަރުދަނާކުރުމުގައި ދިވެހިން ހޭލައްވައިލި ދުވަހަކަށެވެ.
1988 ވަނައަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހަކީ ދުޝްމަނުން ހީވެސް ނުކުރާފަދަ ގޮތަކަށް މާތްﷲ ދިވެހިންނަށް ނަޞްރާއި ފަތަޙަ މިންވަރު ކުރެއްވި ދުވަހެކެވެ. ޓެރަރިސްޓުން އެމީހުންގެ ނުރައްކާތެރި ހަމަލާތައް ދިވެހިންނާ ކުރިމަތި ކުރަމުން ދިޔައީ ސަލާމަތްވާން މަސައްކަތްކުރާނެ އެންމެ ސިކުންތެއްވެސް ނުދީއެވެ. ނަމަވެސް ދިވެހިން އީމާންތެރިކަމާއެކު ﷲގެ ޙަޟްރަތުގައި ދެންނެވި ދުޢާތައް މާތްﷲ އިޖާބަ ކުރެއްވިއެވެ. މަންޒަރު ލޮލަށް ނުފެނުނު ނަމަވެސް އަތޮޅު ތެރޭގެ ރަށްރަށުގައި ތިބި މީހުންނަށް ޚަބަރު ލިބުމާއެކު ރަށުގެ ރައްޔިތުން މިސްކިތްތަކަށް އަރައި އެކުރި ދުޢާތަކުގެ ނަތީޖާއަކީ ކިތަންމެ ނިކަމެތި ޙާލަތަކަށް ދިވެހިން އެދުވަހު ވެއްޓިފައި ވިޔަސް އެމީހުންގެ ހިތްވަރާއި ފަންވަރު އާލާ ވުމެވެ. މިއީ ދިވެހިން އަބަދާއި އަބަދު ﷲއަށް ޝުކުރު ކުރުންމަތީ ދެމި ތިބެން ޖެހޭނެ ކަމެކެވެ.
ނޮވެންބަރު މަހުގެ 3 ވަނަ ދުވަހަކީ ހުރިހާ ގޮތަކުން ބެލިކަމުގައި ވިޔަސް ދިވެހިންނަށް އެކަމުގެ ސަބަބުން ވަރަށް މުހިއްމު ކަންތައްތަކެއް ދަސްވެ ޢިބުރަތްތަކެއް ލިބިގެންދިޔަ ދުވަހެކެވެ. މިގޮތުން ބަލާއިރު ބަޑިއާއި ރޮކެޓުގެ އަޑުން ދިވެހިންގެ ހިތަށް ވަދެގެންދިޔަ ބިރުވެރިކަމާއި، ވެރިކަމުގެ ދަހިވެތިކަމުގައި ޤައުމީ ލޯބި ހަނދާން ނައްތައިލާމީހުން ޤައުމަށް ޚިޔާނަތްތެރިވުމަށް ފަސް ނުޖެހޭނެކަމާއި، އަސްކަރީގޮތުން މާމަތީ ތަމްރީނުތަކެއް ނެތި ދިވެހި ސިފައިން އެދެއްކި ހިތްވަރާއި ޖޯޝަކީ ދިވެހިންގެ ހިތުން ފޮހެވިގެންދާނޭ ކަންތައްތަކެއް ނޫނެވެ. މީގެއިތުރުން މިފަދަ ނުރައްކާތެރި ހާދިސާތަކުގެ ސަބަބުން ދިވެހިންނަށް ލިބިގެންދިޔަ ނަފުސާނީ ބަލިމަޑުކަމާއި، ދިވެހި ސަރުކާރުން އެދުވަހު ގެންގުޅުއްވި ހަރުދަނާ އުސޫލުތަކާއި، އަދުއްވުންގެ ކިބައިން ސަލާމަތްވުމުގައި އީމާންތެރިކަމާއެކު ދުޢާކުރުމަކީ މުހިއްމު ކަމެއްކަން އެނގިގެން ދިޔައެވެ. ތެދެކެވެ. ނޮވެންބަރު 3 އަކީ ދިވެހިން ހޭލައްވައިލި ދުވަހެކެވެ.
