މިއީ ފަހަރެއްގައި ދެނެގަތުމަށް އުނދަގޫ ވާހަކައަކަށް ވެދާނެއެވެ. ނޫންނަމަ ވިސްނާލަން ދަތިކަމަކަށް ވެދާނެއެވެ. ސަބަބަކަށްވަނީ މިއީ ފުޅަފުގެ ޒަމާނަށް ނުވުމެވެ. އިންފާރުގެ ޒަމާނަށް ވުމެވެ. އެކަން ބާއްވަމާ ހިގާށެވެ. ކޮންމެ މީހަކުވެސް ނިވާވުމަށް އެދޭނެއެވެ. ތިމާގެ ގޭގެފުޅައްސަލާމަތުން ބެހެއްޓުމަށް އަބަދުވެސް އެދޭނެއެވެ. ހައިއަޅާނެ އެންމެ ތަންކޮޅެއް ވެސް ބޭއްވުމަކަށް ބޭނުމެއް ނުވާނެއެވެއަންނައުނު ލުމުގެ ބޭނުމަކީ ވެސް މިއީއެވެ. ނިވައިކަން ހޯދުމެވެ.

މިއީ އިންސާނީ ޠަބީއަތެވެ. ފިޠުރީގޮތުން އިންސާނާ ޤަބޫލުކުރާ ހަމައެވެ. ދުނިޔޭގެ އެންމެންގެ ހަމަޔާއި އުސޫލު ވެސް މެއެވެ. އެއީ ޤައުމެއްކަމަށް ވީނަމަވެސް ކަންއޮތީ މިގޮތަށެވެ. އެހެންނަމަވެސް ތަފާތަކީ އިންސާނުންނަށް ވީތީ، އެކަމުގައި އިސްކަންދޭ މިންވަރާ ދަރަޖަ އެވެ.

މިއީ ދޮގެއްތޯ އެވެ. ތިބާ އަޅެ ބުނެބަލާށެވެ. ތިބާގެ ގޭގެ ފާރުތަކުން ފޫގޮސްފައި ހުރުމަށް ތިބާ ރުހޭނަން ހެއްޔެވެ. ގޭތެރޭގައި ހިނގާދާ ކަންކަން އާންމުވެ ބޭޒާރުވާން ތިބާ ބޭނުންވާނެ ހެއްޔެވެ. ކޮޓަރީގެ ފާރުތަކާއި، ފާޚާނާގެ ފާރުތަކުން ބޭރުންދާ މީހުންނަށް އެތެރެ ފެނުމަށް ހިތް އެދޭނެ ތޯ އެވެ. ތިމާގެ ހަށިގަނޑުގެ ނިވައިކަމާއި، ގޭތެރޭގެ ނިވައިކަން ބޭއްވުމަށް މިހާވަރަށް މި އެދެނީ ކީއްވެގެން ތޯއެވެ؟ މިއީ ފަހަރުގައި ”މަޖާ“ ސުވާލަކަށް ވެސް ވެދާނެއެވެ. އެހެންނަމަވެސް އެއަށްވުރެ ފުންކޮށް ވިސްނާލަބަލާށެވެ. ތިމާގެ ގޭތެރޭގެ ސިއްރުތަކާއި، ދިރިއުޅުމުގެ ހުރިހާކަމެއް އާންމުވެ ހާމަވުމަކަށް އެކަކު ވެސް ނުރުހޭނެ އެވެ. އެންމެ ކުޑަމިނުން ތިމާގެ ގޭގެ ކޮޓަރިތަކަށް، ބޭރުން އަންނަ ކޮންމެ މީހަކު، ވަދެއުޅުމަށް ތިމާގެ ހިތެއް ނުރުހޭނެ އެވެ. ގެއަށް އައިސްގޮސްވާ މެހެމާނުންނަށް ވެސް ގޭގެ ހުރިހާތަނެއް ހާމަކުރުމަކަށް ބޭނުމެއް ނުވާނެއެވެ.

މިއީ އިންސާނީ ފިޠުރަތުގެ ޤަބޫލުކުރުމެވެ. ތިމާގެ  ހުރިހާކަމެއް އަނެކުންނަށް ހާމަވާކަށް އެކަކު ވެސް ނޭދޭނެއެވެ. ތިމާގެ ދިރިއުޅުމުގެ ފަތިފުށް އާންމުވާކަށް އެކަކު ވެސް ނުރުހޭނެއެވެ. ކިތަންމެ ރަނގަޅު ޢާއިލާއެއް ނަމަވެސް ކަންއޮތީ މިހެންނެވެ. ކިތަންމެ ފޯރާބައެއް ނަމަވެސް ޙަޤީޤަތަކީ މިއީ އެވެ. އެއީ ކީވެގެންތޯ އެވެ. ތިމާގެ ނަފުސާއި ޢާއިލާއާއި، ގޭތެރޭގެ ސިއްރުތަކާއި، ހާމަކުރަން ބޭނުންނުވާ ގުޅުންތަކެއް ހުރީމަ އެވެ. ހުރިހާކަމަކީ އެންމެނަށް އެނގި ހާމަވާން ބޭނުންވާ ކަންކަމަށް ނުވާތީ އެވެ. ދިރިއުޅުމުގެ އާރޯކަން ހޯދުމުގައި ކޮންމެ މީހަކީ ވެސް ކުރިއަރާ ދާން އެދޭ މީހަކަށް ވާތީ އެވެ.

މިއަދު ތިބާގެ ”ގޭގެ“ ފުޅައް ސަލާމަތުން އެބަހުރިތޯއެވެ؟ ފަރުދީގޮތުންނާއި ޖަމާޢީގޮތުން މިކަމާމެދު ވިސްނާލުން ކިހިނެއްތޯއެވެ. ޙަޤީޤަތުގައި މިއީ ބޮޑު ސުވާލެކެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ނަފުސާ ކޮށްލަންޖެހޭ ސުވާލެކެވެ. ކޮންމެ މީހަކީވެސް ޒިންމާ އުފުލަންޖެހޭ ޒިންމާއެއް އޮތް މީހެކެވެ.

ތިބާ އަޅެ ބުނެބަލާށެވެ. މިއަދު ތިބާގެ ޢާއިލާ ދިރިއުޅެމުންދާ ތިބާގެ ”ގޭގެ ފުޅައް“ ހުރީ ސަލާމަތުންތޯއެވެ. ތިބާ ނިސްބަތްވާ ރަށުގެ މައި ދޮރު ތަޅުލުމުގެ ބޭނުމެއް އެބައޮތްތޯ އެވެ. ތިބާ ލޯބިވާ ޤައުމުގެ މައި ދޮރުތައް އެހެންމީހުންނަށް ބަންދުކުރުމުގެ ސަބަބެއް އެބަ އޮތްތޯ އެވެ. ދުރުތިބީން ތިބާ ދިން ފުރުސަތުން ތިބާގެ ގޭގެ ހުރިހާ ތަނެއް ބަލައި ފިއެވެ. ސިއްރު ކޮޓަރިތަކާއި ހާމަނުކުރުމަށް ތިބާ ފޮރުވާފައިވާ ހުރިހާ ތަނެއް ބަލައި ހަދައިފި އެވެ. އެކަންކުރީ ހަމަ ތިބާ ނޫންތޯ އެވެ. ނުވަތަ ތިބާ އިތުބާރާއެކު ބަލައި ބޮޑުކުރި ތިބާގެ ދަރިން ނޫންތޯ އެވެ. ޙަޤީޤަތުގައި މިއަދު ތިބާގެ ފޭރާމަކުން ތިބާގެ ”އައުރަ“ ނިވައެއް ނުވެއެވެ. ތިބާގެ ގޭގެ ފުޅަފަކުން ތިބާގެ ގޯތިތެރެ ނިވައެއް ނުވެއެވެ. ތިބާގެ އަވަށްޓެރިންނާއި، ދުރުތިބީން ތިބީ އެތަން ބެލުމަށް ހިތް އެދިއެދި އެވެ. މިއަދު އެ ބާތަކުން އެމީހުން ވަދެއްޖެ އެވެ. އެމީހުންނަށް އެ ފުރުސަތު ލިބިއްޖެ އެވެ. އެމީހުން ބޭނުންގޮތަކަށް ތިބާގެ ގޭގެ މެދުގެ ތެރެއާއި އެތެރެގޭތެރެ ބަލައިފި އެވެ. ފަހަރުގައި މިއީ ޒަމާނީ މިނިވަންކަމުގެ އޮއިވަރާއެކު އޭގެ ބާނީގައި ވީކަމެއްކަމަށްވެސް ވެދާނެ އެވެ. ނޫންނަމަ ޒަމާނީ ޑިމޮކްރަސީގެ ހިޔަލުން ހޯދި ފިނިކަމަކަށް ވެސް ވެދާނެ އެވެ. 

އެކުވެރި މިތުރުންނެވެ. އަމިއްލަ ޤައުމުގައި މިއަދު އިޖުތިމާޢީ ގޮތުން ފޭރާމެއް ނެތެވެ. އަޚުލާޤީގޮތުން ހެދުމެއް ނެތެވެ. ދިވެހިންނަށް ލިބިފައިވާ މިނިވަންކަމާއި އަމިއްލަވަންތަކަމުގެ ބާރުތައް އަމިއްލައަށް ދޫކޮށްލަން ފަށައިފި އެވެ. އެވެރިންގެ މަދަދާ އެހީތެރިކަމުގެ ބޭނުން ތިބާގެ އަމިއްލަ އެދުމަށްޓަކައި އިސްކޮށްފީމު އެވެ. އިޤުތިޞާދީ ”ޖާދޫ“ ފަޅާއަރައިފި އެވެ. ދިވެހިންނަށް ލިބިފައިވާ ޙަޤީޤީ ”ޚަޒާނާ“ މަތިނަގައި އެވެސް އެވެރިންނަށް ދައްކައި ހާމަކޮށްފިއެވެ. ކާމިޔާބުގެ ސިއްރުކަމުގައި ދެމެކުންއައި ހުރިހާ ކަމެއް  ތިބާގެ މަޤުޞަދު ޙާސިލުކުރުމަށްޓަކައި ހާމަކޮށްފީމު އެވެ.

ނަތީޖާއަކީ ކޮބައިތޯއެވެ. އެފަދަ ފުރުސަތަކަށް އިންތިޒާރުކޮށް، އެދިއެދި ތިބި ހަތުރުން މިތުރުނަށް ވެއްޖެއެވެ. އަމިއްލަ ގޭގެ ހުރިހާކަމެއް ހިއްސާކުރާ ތިބާގެ މަދަދުގާރުންނަށް ވެއްޖެއެވެ. ތިބާއާއެކު ތިބާގެ މަންފާއަށް ”ހެޔޮއެދިގެން“ ފޫގަޅާލައި އެކުވެރިންނަށް ވެއްޖެއެވެ. ތިބާ އަޅެ ބުނެބަލާށެވެ. މިއީ ދޮގެއް ތޯއެވެ. ތިބާގެ ދަރިންނާއި ޢާއިލާގެ މެންބަރުންނާއި އެކުވެރިންނަށް ވުރެ މިއަދު ތިބާއަށް އެވެރިން އިސްވެއްޖެ އެވެ. މިއީ ތިބާގެ ފިރުކުރާ ވިސްނުމުން ޤަބޫލުކުރާ ޙަޤީޤަތް ނޫންތޯ އެވެ. އެހެންނަމަވެސް ތެދެއްބުނަން ތޯއެވެ. މިއަދު ވެސް ތިބާގެ ކަންކަން އިސްލާހުކޮށް ޙައްލުކުރުމަށް އެންމެ ހެޔޮއެދޭނީ ތިބާގެ ޢާއިލާގެ މެންބަރުންނެވެ. ތިބާގެ އަވަށްޓެރިންނާ އެކުވެރިންނެވެ. ތިބާގެ ގޭގެ ރައްކާތެރިކަމަށް އެންމެ ހެޔޮ އެދޭނީ ތިބާގެ ގޭގެ އަހުލުންނެވެ.

ޝެއަރކުރެއްވުމަށް