މާލެއަތޮޅު ދިއްފުށީ ތަނބުރުމާގޭ ޝަހީދު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙުމާނު (ޢާންމު ނަމުން ނަމަ ދޮންމަނިކުބެ) އަކީ ހެޔޮލަފާ މަޑުމައިތިރި ބޭކަލެކެވެ. ދިއްފުށީ އެ އުމުރުގެ ކޮންމެ މީހަކުވެސް، ޝަހީދު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙުމާނު ފާހަގަ ކުރަނީ، އެންމެންނާ ގުޅޭ، ހިތްހެޔޮ، ރާވެރިއެއް، އަދި މަސްވެރިއެއްގެ ގޮތުގަ އެވެ. އޭނާގެ އެކުވެރިންނާ ގާތްތިމާގެ މީހުން ވެސް އޭނާއާ މުޚާޠަބު ކުރަނީ ”ދޮންމަނިކުބޭ“ގެ ނަމުންނެވެ.
ޝަހީދު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙުމާނަަކީ މޮޅު ރާވެރިއެކެވެ. މޮޅު ރޭނުންތެރިއެކެވެ. އަދި ވަރަށް މޮޅު އެންކެޔޮޅެކެވެ. އެންމެ ޒުވާން އުމުރުގައި ކުރި މަސައްކަތަކީ ރުއްއެރުމެވެ. މާލެއަތޮޅު ހުރާގައި ރުއް އަރަން ހުރި ދުވަސްވަރު، އެރަށުގެ ބޭކަނބަލަކާ ކައިވެނި ކުރައްވައިގެން ދޮށީ ދަރިފުޅު (ޢަލީ ވަޙީދު) ލިބިލެއްވި އެވެ. އޭގެ ފަހުން އެ ކައިވެނި ރޫޅުމުން، ގާފަރުގައި ރޭނުމުގެ މަސައްކަތުގައި އުޅުއްވަމުން އެރަށުގައި އުޅުނު ހދ. ކުމުންދޫ އައިމިނަ ނަމަކަށް ކިޔާ ބޭކަނބަލަކާ ކައިވެނި ކުރައްވައިގެން ދެވަނަ ދަރިފުޅު (އިބްރާހީމް ޙުސައިން) ލިބިލެއްވި އެވެ. އެކައިވެނި ވެސް ރޫޅިގެން ދިއުމުން އުފަން ރަށް ކަމުގައިވާ ދިއްފުށްޓަށް ދުރުވެ ދިއްފުށީ ކާނިގަސްދޮށުގޭ މުއުމިނާ ޢަބްދުﷲ އާ ކައިވެނި ކުރައްވައިގެން ދިރިއުޅުން ކުރިޔަށް ގެންދެވި އެވެ. މި ބަނޑަށް ފުރަތަމަ ލިބިލެއްވީ މުޙައްމަދު ވަޙީދެވެ. މުޙައްމަދު ވަޙީދުގެ އުމުރުން ހަތަރު އަހަރުގައި ދެވަނަ ކުއްޖަކަށް ބަލިވެ އިން އިރު، ޝަހީދު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙުމާނު ވަނީ އަމިއްލަ ގޯއްޗެއް ނަގާ ގޯތީގައި ގެ އެޅުމުގެ މަސައްކަތް ފަށްޓަވާފަ އެވެ. ދިރިއުޅުމުގައި ދިމާވި އެކިއެކި ހުރަސްތައް ކަޑައްތު ކުރައްވައި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ޢަޒުމުގައި ކުރެއްވި މަސައްކަތުން، ދާދި އަވަހަށް ގެއަޅައި، އަންހެނުންނާ ކުދިން ގޮވައިގެން ގެއަށް ބަދަލުވިއިރު ދޮށީ ދެކުދިންގެ ތެރެއިން ޢަލީ ވަޙީދު ހުރީ ޝަހީދު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙުމާނު ކައިރީގަ އެވެ.

ޝަހީދު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙުމާނަކީ ދިރިއުޅުމުގައި ވަކި ހަމަތަކެއް ހިފެހެއްޓެވި ބޭކަލެކެވެ. މާބޮޑު ދީނި ހޭލުންތެރިކަމެއް ނެތް އެޒަމާނުގައި ވެސް، މަހަށް ފުރުމުގެ ކުރިން ފަތިސްނަމާދު ކުރުމަކީ ޚާއްޞަ އިސްކަމެއް ދީގެން ކުރައްވާ ކަމެކެވެ. މަހަށް ނުގޮސް ރަށުގައި ހުންނަވާ ދުވަހެއްނަމަ ފަތިސް ނަމާދުން އައިސް ފަތިހު ކަޅުއޮށް ބާނަން ދިއުން އެއީ ދޮންމަނިކުބެގެ އާދައެވެ. މަސައްކަތެއްގައި އުޅޭނަމަ ކުދިން ކައިރިކޮށްގެން ގެންގުޅުއްވުމަށް އިސްކަން ދެއެވެ. ވަރަށް ގިނައިން، ދަރިންނަށް ބެލުމަށާއި ދަރިންނަށް އޯގާވެރިކަމާއެކު ކަންތައް ކޮށްދިނުމަށް އަންހެނުންނަށް ނަޞޭޙަތް ދެއްވައެވެ.
”އަބަދުވެސް ބުނާނެ ދަރިން ރަނގަޅަށް ބަލާށާ އޯގާތެރިވުމަށް. އަޅުގަނޑު ދެވަނަ ދަރިފުޅަށް ބަލިވެ އިނދެ ހަތް މަހަށް އަޅައިގަތް އިރު ގެ ހުރީ އުޅެވޭ ވަރަށް ހެދިފަ. ދިރިއުޅުން ތަރައްޤީ ކުރުމަށްޓަކައި ގޯތީގެ މަގާވީފަރާތުގައި ފިހާރައެއް ހަދައިގެން ވިޔަފާރި ކުރުމަކީ އޭރު ދޮންމަނިކުގެ ހުވަފެނެއް“ ޝަހީދު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙުމާނު ޝަހީދުވިއިރު އިންނެވި އަނބިކަނބަލުން، މުއުމިނާ ޢަބްދުﷲ ކިޔައިދެއްވިއެވެ.

[1988 ނޮވެންބަރު މަސް އައި އިރު އަޅުގަނޑާއި ކުދިން ތަނބުރުމާގެއަށް ބަދަލު ކޮށްފި. ނޮވެންބަރު މަހުގެ ދޭއްވީ ބުދަ ދުވަހު ފަތިސްނަމާދު ކޮށްގެން އައުމުުން، މަހަށް ދާން ބަތްތަށި އަޅައި ދިނީ އަޅުގަނޑު. ޢާންމުކޮށް ބަތްތަށި ގެންދާގޮތަށް ބަތާ، ހަކުރާ، ދޮންކޭލާ، ވަޅޯ ބަނޑައިދޫ އެދުވަހުވެސް ބަތްތަށީގައި ހުންނާނެ. މަހަށްދާން ނުކުންނަމުން އަޅުގަނޑު ކައިރި ބުނި ވާހަކަ މިހާރުވެސް ހަނދާން އެބަހުރި. މިގެއިންނުގޮސް ކުދިން ގޮވައިގެން އުޅޭށޭ. ރަށަށް އަންނައިރު ބާލީހާ ބެޑްޝީޓާއި ތެލި ތަށި (ގޭގައި ނެތް ތަކެތި) ގެނެސް ދޭނަމޭ. އެންމެ ފަހުން ދެއްކި ވާހަކަ އަކީ މިއީ.“ މުއުމިނާ ކިޔައިދިން ގޮތުގައި މިހެން ބުނުއްވާފައި ދޮށީ ދަރިފުޅު، ޢަލީ ވަޙީދު ގޮވައިގެން ނިކުންނެވީ މަހަށް ދާށެވެ. އޭރު އެރަށު މީހުން މަހަށް ގޮސް މާލޭގައި މަޑުކުރުމަކީ ޢާންމު ކަމެކެވެ. މިގޮތުން ބުދަ ދުވަހު މަހަށް ދިޔަ ގޮތަށް ޖެހިގެން އައިރޭ ރަށަށް ނައިސް މަޑުކުރީ މާލޭގަ އެވެ.
1988 ނޮވެންބަރު ތިނެއްވީ ބުރާސްފަތި ދުވަހު މާލެއަށް ބޭރު ބަޔަކުއަރާ ހަނގުރާމަކޮށް ގިނަ ބަޔަކު ޝަހީދު ކުރަމުންދާ ވާހަކަ ރަށުތެރޭގައި ދައްކާ އަޑު މުއުމިނާއަށް އިވުނެވެ. އެކަމާ ވަރަށް ބޮޑަށް ބިރުގަނެފައި ހުއްޓާ ދެން އިވުނީ އެ ރަށު މީހެއްގެ ގަޔަށް ވަޒަން އެރި ވާހަކަ ރަށުތެރޭގައި ދައްކާ އަޑެވެ. އެކަމަކު އެންމެ ފުރަތަމަ ވަޒަން އަރައިގެން އުޅެނީ ކާކުގެ ގަޔަށްކަމެއް އޭރަކު ނޭނގެއެވެ.
”އެދުވަހުގެ ހެދުނު ނުވައެއް ޖަހާކަންހާއިރު ގޭގައި ހުއްޓާ މީހަކު އައިސް ބުނީ ދޮންމަނިކުބޭ ގަޔަށް ވަޒަން އަރައިގެން ގެންގޮސް އޮތީ ހޮސްޕިޓަލް ގައޭ. އެހެން ބުނި ވަގުތު ވީގޮތެއް ބުނެދޭކަށްވެސް ނޭނގެ. ވަރަށް ދެރަވި. އޭރު އަޅުގަނޑުގެ ދެކުދިން (އެހެން މީހަކާ އިނދެގެން ލިބިފައިވާ އަންހެން ކުއްޖަކާއި މުޙައްމަދު ވަޙީދާ ދެ ކުދިން) ވަރަށް ކުޑަ.ދޮންމަނިކުގެ ދެވަނަ ދަރިފުޅަށް ބަލިވެ އިނދެ ބަނޑަށް ހަތް މަސް. އެޙާލުގައި އަޅުގަނޑު އިންދާ ދޮންމަނިކުގެ ގަޔަށް ވަޒަން އެރި ވާހަކަ އިވުމުން އެ ދުވަހު އެވީދެރަ ބަޔާންކޮށްދިނުމަކީ ދަތި ކަމެއް“ މުއުމިނާ ކިޔައިދިނެވެ.

އެ ހިތްދަތި ވަގުތު ދޮންމަނިކުބޭގެ ގާތް މީހުންގެ ފަރާތުން މުއުމިނާއަށް ވަރަށް ބޮޑު އެހީތެރިކަމަކާއި ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ދިޔައެވެ. މުއުމިނާގެ ޙަޔާތުގެ އެ ހިތްދަތި ދުވަހުގެ ވާހަކަ ވަރަށް އަސަރާއެކު މުއުމިނާ ކިޔައިދެމުން ދިޔައިރު، އޭނާގެ ހުރި ކެތްތެރިކަމާ ނުގުޑާ ގަދަފަދަ ޢަޒުމާ ވަރުގަދަ އީމާންތެރިކަން ހާމަވަމުން ދިޔައެވެ. އެފަދަ ނާޒުކު ފައްތަރެއްގައި އަނތްބެއްގެ ހިތަށް ނުކޮށް ނުދާނޭ ހުރިހާ އިޙްސާސްތަކެއް ކުރެވޭނެ ކަމާމެދަކު ޝައްކެއް ނެތެވެ.
ޝަހީދު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙުމާނު ޝަހީދުވި ޙާދިސާ، ދޯނީގެ ކެޔޮޅު ދިއްފުށީ ޕެންޓްލޭންޑް ޢަބްދުﷲ ރަޝީދުގެ ދުލުން
ޝަހީދު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙުމާނަކީ ދޯނިމަތީގައި މީހުންނާ ވަރަށް ގުޅޭ ބޭކަލެކެވެ. މަހަށް ދުރުވާއިރު ގެންދަވާ ބަތްތަށީގެ ބަތް ސުވަލަކުން ނަމަވެސް ވީހާ ގިނަ ބަޔަކު އެ ކެއުމުގައި ބައިވެރި ކުރައްވައެވެ. ބަނދަރަކުން ދޯނި ނަގިލި ނެގުމާއެކު ވާތައް ކަހާ ދެން ނަގިލިލާ ތަނަކަށް ނަގިލި ލެވޭގޮތަށް ތަރުތީބު ކުރުމަކީ މީހަކު ބުންޏަސް ނުބުންޏަސް އާދަވެގެން ކުރައްވާކަމެވެ. މަސްއޮޑިމަތީގައި ރައިވަރު ކިޔާ ހައްދަވައެވެ.
”ދޮންމަނިކުބޭ އެންމެ ގިނައިން ކިޔުއްވާ އެއް ރައިވަރަކީ ހައްސަ ބެޔަކަސް ތިޔާ، ގަސްކަރަ އޮބާ ބުންހިސާ. ކިހިލިފަތްދޮށަށް ފޯއްކިބައެއް ލައްވައިގެން ނަށާލާފައި، ހޯއްގޮވާލާފައި، އެންއުކާލެއް ވަރަށް ރީތިވާނެ. ދޯނިމަތީގައި އެންމެ މީރުވެގެން ތައްޔާރުކުރާ އެއްޗަކީ އެއްލާ ބޯހުނި. އެއީ ގަބުޅި ހުންޏާ ހަކުރު ކައްކާ ހަކުރުގަނޑު ރަނގަޅަށް ވަރުވީމާ އޭގެ ތެރެއަށް ގޮދަންފުށް އަޅައިގެން ގުޅައަކަށް ދޭފަތަށް އަރަންދެން ހިލައިގެން ހަދާއެއްޗެއް.“ ޝަހީދު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙުމާނު މަހަށްދިޔަ، ދިއްފުށީ މާތިލަ ޢަބްދުރަޙީމް ޙުސައިންގެ [ކޮއި] ދޯނީގެ ކެޔޮޅު، ދިއްފުށީ ޕެންޓްލޭންޑް ޢަބްދުﷲ ރަޝީދު ކިޔައިދިނެވެ. މިވާހަކަތައް އިއްޔެ ވީކަމެއްހެން ވަރަށް ތަފުސީލްކޮށް އެހާމެ އަސަރާއެކު ޢަބްދުﷲ ރަޝީދު ޙިއްސާ ކޮށްދެއްވިއެވެ.
[1988 ނޮވެންބަރު 2 ވީ ބުދަ ވިލޭރޭ ފަތިހު މަހަށްދާން ގޮވީ ވެސް ދޮންމަނިކުބޭ. އެދުވަހު މަހަށް ދިޔައީ އަޅުގަނޑާއި އެންކެޔޮޅު ދޮންމަނިކުބޭގެ އިތުރުން އޭނާގެ ދަރިފުޅު ޢަލީ ވަޙީދު، ސަމީރު ޢަބްދުﷲ، ޢަބްދުލްޙަކީމް، އަޙްމަދު ޝިޔާރު، ރަމީޒު، ސަޢުދުބެ، ކޮއްކޮބެ، ޢީސަބެ، އަދި އިނގުރައިދޫ މުޙައްމަދު ޖަލީލު. ފަތިހު ރަށުން ފުރައިގެން ގޮސް އެންދަމަން އެޅީ ދިއްފުށީ ކައިރީ އޮންނަ ދޮން ހަލުގައި. އެމަކަށް ދެމީ ރެއްސާއި ބޯއްޖާ. ދޯނި ހާސްކޮށް އެންދަމައިގެން ނުކުމެ ދިއްފުށީ މުއްޔާދިމާ 12 މޭލު ބޭރުން އޮއި އަސްދަޑި އަކުން ފޫފަލަ މަސް ކިޔާ ވަރުގެ، ގޮދަޔަށްވުރެ ކުދި 530 މަސް ބައިގެން ފުލް ސްޕީޑުގައި ދުއްވާފައި މާލެ ވަނީ ބުދަ ދުވަހުގެ ހަވީރު ހަތަރެއް ޖެހިއިރު. އެ ދުވަހު މާލެއައި އިރު މަސްބަތް ކައްކަން މަހާ ފިޔަޔާ މިރުސް ފަދަ ހުރިހާ އެއްޗެއް ކޮށައި ދިނީ ދޮންމަނިކުބޭ. ވަތުގައި މަސް ހުރީމާ އަޑީގައި ހުންނަ މަސް ހަލާކުވާތީ އެދުވަސްވަރު ދޮށިތައްމަތީ މަސްޖަހާފައި މަސްތައްމަތީ އެންދާ ފަތުރަނީ. އެދުވަހު މަސްޖަހަން އުޅުނު އިރު އެކަމުގައިވެސް ދޮންމަނިކުބެ ބައިވެރިވި. މާލެ ލެފި އިރު މާރުކޭޓުގައި މަސްވަރަށް މަދު. މަސް ވިއްކީ -/50ރ އަށް، -/40ރ އަށް، -/35ރ އަށް. މަސްވިއްކައިގެން ވަރަށް ގިނަ ލާރި ލިބުނު. މަސްވިއްކާ ނިމުނުއިރު އިރު އޮއްސިއްޖެ. މާލޭގައި އެރޭ މަޑުކުރީ ފަތިހު ފުރައިގެން އެހެން ދޯނި ފަހަރަށްވުރެ ކުރިން ދޮންހަލަށް ގޮސް އެންދަމައިގެން، އެދުވަހު މަސްބޭނި އޮއި އަސްދަނޑިއާ ދިމާވޭތޯ މަހަށް ނުކުތުމަށް މަޝްވަރާ ކޮށްފައި. ދެން ހުރިހާ ކުދިންވެސް ފެންވަރާ ކައި ހަދައިގެން ދިޔައީ ސިނަމާއަށް. ދޮންމަނިކުބޭގެ ދަރިފުޅު ޢަލީ ވަޙީދާއި ޝިޔާރުއާއި ރަމީޒު އާ ތިންމީހުން ގޮވައިގެން އެކުދިން އިނގިރޭސި ފިލްމު ބަލަން ބޭނުންވާތީ ދޮންމަނިކުބޭ ދިޔައީ ބުޚާރީ ސިނަމާއަށް. ސަޢުދުބެއާއި ކޮއްކޮބެ އާއި ޢީސަބެ ފިޔަވާ ދޯނީގެ ދެންތިބި މީހުން ދިޔައީ ސްޓާރ ސިނަމާއަށް. ސްޓާރ ސިނަމާގައި އަޅުފައި އޮތީ ދަރަމްވީރު. ފިލްމުން އައިސް ދެ ބައިމީހުން ފިލްމުގެ މޮޅުވާހަކަ ދައްކަން ތިބެފައި ނިދީ. ދޯނި އަޅާފައި އޮތީ މިހާރުގެ ކަރާ މާރުކޭޓު ކުރިމަތީ ނެރު ކޮނެފައި ކަނޑިންމަ ހުރަހަށް މާލޭ ފަސްގަނޑާ ގުޅިގެން ނެރެފައި އޮތް ފަސްގަނޑުގެ އިރުމަތީގައި“ ޢަބްދުﷲ ރަޝީދު މި ވާހަކަތައް ކިޔައިދެމުން ދިޔައީ އޭނާގެ ހިތުގައި ކުރެހިފައިވާ ތަސްވީރެއް ސިފަ ކޮށްދޭ ފަދައިންނެވެ.

”ފަތިހު ނިދާފައި ތިއްބާ ހޭލެވުނީ ގާތްގަނޑަކަށް ހަތަރުގަޑިބައިހާއިރު ވިޔަފާރި ބަނދަރާ ދިމާއިން ބަޑިޖަހަމުން އައިބަޔެއްގެ ބަޑީގެ އަޑަށް. ދޯނީގެ އެންމެވެސް ހީކުރީ ނޮވެންބަރު 11 އަށް ސިފައިން ފަރިތަ ކުރަނީ ކަމަށް. ހޭލައިގެން ދޯނީގެ ވާތައް ނަގައިގެން ފަސްގަނޑާ ބޭރު ތޮށްޓާ ދޭތެރެއިން ހުޅަނގަށް ގޮސް ކަނޑިންމަ އިން ބޭރަށް ފަނަރަ ނުވަތަ ވިއްސަކަށް ފޫޓަށް ނުކުމެވުނު ތަނާ މިހާރުގެ ދަތުރުވެރިންގެ މާރުކޭޓުގެ ތެރޭގައި އިރަށް ހުރި ހިތިގަސްދޮށުގައި ބަޑިހިފައިގެން ތިބި ތިން މީހުންގެ ތެރެއިން އެކަކު އެފަސްގަނޑުމަތިން ދުވެފައި ފަސްގަނޑުގެ ބޭރުކޮޅަށް ގޮސް ދޯންޏާ ދިމާއަށް ބަޑި ޖަހަށް ފެށީ. އޭރު ދޮންމަނިކުބެ އޮތީ އާދައިގެ މަތިން ކޮޅުފަހަށް ކުރިމަތި ވާގޮތަށް ވާތައް ކަހަން ގުދުވެ. އެވަގުތު ދޯންޏާ ދިމާއަށް ޖެހި ވަޒަން ތަކުން ވަޒަނެއް ދޮންމަނިކުބޭގެ ގަޔަށްއެރީ. ވަޒަން އަރާފައިހުރީ ކަރުގެ ވާތް ފަރާތު އަޑިވަޅުން. އެވަޒަން ނުކުމެފައި ހުރީ ކަނދުރާގެ މައިބަދަ ތަކުގެ ތެރެއިން. އެވަގުތު އޭނަ ކައިރީ ތިބި ކުޑަހުއްތު އާއި ޢަލީ ވަޙީދާ ޝިޔާރުއާ ތިން މީހުންވެގެން ދިރުބާ މަޅުމަތީގައި ދޮންމަނިކުބެ ބޭއްވީ. އޭރު އެތަނުން ބޮކި ޖަހާފައި ލޭ އާދޭ. އެވަގުތު އެންމެން ކަންބޮޑުވެގެން އުޅެން ފެށީމާ ދޯނީ ކުދިންގާތު އަޅުގަނޑު ބުނެފިން ސިފައިން އަތުން ވީކަމެއްގައި ސަރުކާރުން ޒިންމާ ވާނެޔޭ. ކަލޭމެން ކަންބޮޑު ނުވާށޭ. އެހެން ކިޔާފައި އަނބުރާލާފައި ވަދެ ދޯނި އޮތްތަނުގައި ދޯނި އެޅީ. އޭރަކު އަދި މިވަނީ ކީއްކަމެއް ނޭނގެ]
ޢަބްދުﷲ ރަޝީދު ބުނިގޮތުގައި ސަމީރު ޢަބްދުﷲ ގޮވައިގެން އޭނާ ސިފައިންގެއަށް އެ ޚަބަރުދޭން ދޯނިން ފޭބިއިރުހުރީ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ. ސިފައިން އެވަރުގެ ގޯސްކަމެއް ކުރީމައެވެ. އެކަމުގައި ސިފައިން ޒިންމާވާން ޖެހޭނެތީ އެކަން ހުށަހަޅައި، ސިފައިންގެއިން ދުއްވާއެއްޗެއްގައި ދޮންމަނިކުބެ ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް ގެންދަން އޭނާ ބޭނުންވިއެވެ. އެ ދެމީހުންގެ ހަލުވި ފިޔަވަޅުތަކަށް ހުއްޓުމެއް ގެނުވީ ޤައުމީ ހޮޓާ ފުރަގަހުން ދިމާވި ދެ ދިވެއްސެކެވެ.
”އަޅުގަނޑުމެން ވަރަށް ބާރަށް ހިނގާފައި ޤައުމީ ހޮޓަލުގެ ހުޅަނގު އުތުރު ކަނާހަމައަށް ދެވުނު ތަނާ އެތަނުން ދިމާވި ދެ މީހަކު އަޅުގަނޑުމެންނަށް ގޮވާފަ އަހައިފި ކޮންތާކަށްހޭ ތިޔަދަނީ. އަޅުގަނޑު ބުނެފިން ސިފައިންޖެހި ވަޒަނެއް މީހެއްގެ ގަޔަށް އަރައިގެން އެކަން އަަންގަން ސިފައިންގެ ދޮށަށޭ މިދަނީ. އެހެން ބުނުމުން އެމީހުން ބުނެފި ކަލޭމެން ސިފައިންގެއާ ދިމާއަށް ނުދާށޭ. އަވަހަށް އެނބުރި ދާށޭ. ބޭރު ބަޔަކު މާލެއަރާ ސިފައިންގެއާ ހަމަލާ ދެނިއްޔޭޭ. އެވަގުތު ގަތް ބިރުން އެނބުރި ބަނޑާރަ މިސްކިތާ ވީކޮޅަށް ދުއްވައިގަނެވުނީ. ފާމްދޭރިމަގުން ދެކުނަށް އޯކިޑުމަގު ހުރަސްކޮށް ގޮސް ވަދެވުނީ ދަނބުމާ ހޮޓަލަށް. އަޅުގަނޑުމެން ދެމީހުން ދަނބުމާހޮޓަލަށް ދިޔަ އިރު، އޭރަކު ބަންޑާރަ މިސްކިތް ކައިރީ ތަމަޅައިންނެއް ނެތް. ދަނބުމާ ހޮޓަލަށް ވަން އިރު އެ ހޮޓާ ތެރޭގައި މީހުންތައް އޮތީ ފުރިފައި. ހޮޓަލުން ސައިތައްޓެއް ދިނީމާ ބޮއިގެން އަވަހަށް ދޯންޏަށް ދާން ސަމީރުއާ ދެމީހުން ނުކުންނަށް އުޅުމުން އެތެރޭގައި ތިބި މީހުން އަޅުގަނޑުމެންގާތު ބޭރަށް ނުދިއުމަށާއި މަގުމަތި ވަރަށް ނުރައްކާ ކަމަށްބުނެ ނުކުތަ ނުދީ ހުރަސް އެޅި. ނަމަވެސް ދޮންމަނިކުބެއަށް ވެފައި އޮތް ވަރުން އަވަހަށް ނުކުމެގެން ދޯނި ކައިރިއަށް ދިޔައިރު ދޯނި އެތާކު ނެތް“
ޢަބްދުﷲ ރަޝީދު ބުނިގޮތުގައި ދޯނި ނެތުމުން ދެންދާނޭ ތަނެއް ނޭގިފައި ދޯނި އޮތްތާ ކައިރީ އޮތް ކާށިދޫ ކުޑަ ޢަބްދުއްރަހީމުގެ ބައްތެއްޔަށް އަރައި ތިބީއެވެ.
”ބައްތެލީގައި އަޅުގަނޑުމެން ތިއްބާ ވަރަށް ހެނދުނުގެ ވަގުތެއްގައި ތަމަޅައިންނާއެކު ސަގަރު އަޙުމަދު ނާޞިރު އައިސް ފަޅު އޮޑިފަހަރުން މީހުން ބާލައިގެން ޖުމްހުރީ މައިދާނަށް ގެންދިޔަ އިރު އެބައްތެލީ މީހުންނާއެކު އަޅުގަނޑާއި ސަމީރު ޢަބްދުﷲ ވެސް ގެންގޮސް މިހާރުގެ ބޮޑުފާލަމާ ވީފަރާތުގައި ބައިތިއްބީ. އެއަށްފަހު އަޅުގަނޑުމެން އިންސާނީ އައްޑަނައަކަށް ހަދައިގެން އަޅުގަނޑުމެންގެ ފަހަތުގައި ތިބެގެން ތަމަޅައިން ސިފައިންގެ މަރުކަޒަށް ހަމަލާ ދެމުން ދިޔައީ. އަޅުގަނޑުމެން ގެންދިޔައިރު ކަލޭމެން މިގެންދަނީ ވަރަށް ކުޑަ ހިނދުކޮޅަކަށޭ. ވަރަށް އަވަހަށް މިކަން ނިންމާލާފައި، ކަލޭމެން ދޫކޮށްލާނަމޭ ސަގަރު އަޙުމަދު ނާޞިރު ބުނި. އެތަނުގައި ބައި ތިއްބާފައި ތިބިއިރު، އެތާތިބި މީހުންނަށް ކާތަކެތި ބެހުމަށް އަޅުގަނޑުމެންނަށް ސަގަރު އަޙުމަދު ނާޞިރު އަންގަމުން ދިޔަ. އެ ތަކެއްޗަކީ މާރުކޭޓާއި ފިހާރަ ތަކުން ލޫޓުވައިގެން ގެނައި ތަކެތި. ނަމަވެސް މަރާލިޔަސް ނުދާނަމޭ ބުނެ އަޅުގަނޑުމެން ދެ މީހުން އެކަންކުރާކަށް ނުދަން. އެތާ ތިބި އިރު ބޯން ޖެހުނީ ޖުމްހުރީ މައިދާން ހަދަމުންދިޔައިރު އެތަނުގެ އުތުރު ފަރާތުގައި، މަސައްކަތްކުރި މީހުން ފެންއަޅައި ހުރި ފީފާ ބުރިއެއްގައި ހުރި ކުނި ފެން. އިރު އޮއްސުނު ތަނާ އެފީފާ ބުރިކައިރިއަށް ފެންބޯށޭ ކިޔާފައި ސަމީރު ޢަބްދުﷲ ގޮސް މޫދަށް ފައިބައިގެން ކަނޑިންމައިން ބޭރަށް ނުކުމެގެން ފިލަން ދިޔަ ބަޔަކާއެކު އޭނާ ދިޔައީ“
ޢަބްދުﷲ ރަޝީދު ބުނިގޮތުގައި އެދުވަހުގެ އިރު އޮއްސުނު ފަހުން ބަޑީގެ އަޑު މަޑުވިއެވެ. ބަޑީގެ އަޑު ކެނޑި ޖުމްހޫރީ މައިދާނުގައި ތިބި މީހުންތައް މަޑުމަޑުން ފިލައިގެން ދާންފެށިއެވެ. “ އަޅުގަނޑުވެސް ސަލާމަތްވެގެން ދިޔައީ ދޮންމަނިކުބޭގެ ޚަބަރެއް ވޭތޯ ހެންވޭރު ކޮޅަށް. ފަހުން އެނގުނު ގޮތުގައި ދޮންމަނިކުބެގެ ދޯނީގައި އޮއްވައި ޙާލު މާބޮޑަށް ސީރިއަސް ވާންފެށުމުން ދޮންމަނިކުބޭގެ ދަރިފުޅު ޢަލީ ވަޙީދު އިސްވެ ހުރެގެން ދޯނިގައި ދެން ތިބި މީހުންގެ އެހީތެރިކަމާއެކު ދޯނި އެތަނުން ނަގައިގެން ގޮސް ވަނީ ހެންވޭރު ކުއީން އޮފް ދަ ނައިޓް ކައިރިއަށް. ދޯނި ތޮށިގަނޑާ ކައިރިވީ ވަގުތު އެތަނަށް އެއްވި ހެންވޭރު މަސްވެރިންގެ ބަޔަކު ދޮންމަނިކުބެ ނަގާ ފަތްޖެހިއެނދަކަށް ލައިގެން ހޮސްޕިޓަލަށް ގެންގޮސްދިނީ. ދޮންމަނިކުބޭގެ ޙާލު ބަލަން ޢަލީ ވަޙީދު ހޮސްޕިޓަލުގައި ބެހެއްޓީ ފަޅުވެރިޔެކޭ އެއްފަދައިން ދޯނިން ބައިދީފައި“ ޢަބްދުﷲ ރަޝީދު ބުންޏެވެ.
ޝަހީދު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙުމާނަށް ފަރުވާ ދެމުން ދިޔައިރު ލިބިފައިވާ ޒަޚަމްތަކުގެ ސަބަބުން ޑޮކްޓަރަކާ ނަރުހަކާއެކު ބޭރަށް ފޮނުވަން ހަމަޖެހިފައި ވަނިކޮށް ޝަހީދު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙުމާނު ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވީ 22 ޑިސެންބަރު 1988 ގައެވެ. މާތްﷲ އެ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން
