ހިތްހަމަޖެހުން ލިބިފައިވާ، އަމާންކަން ޝާމިލު، ބާއްޖަވެރި މުޖްތަމަޢެއް ޤާއިމު ކުރެއްވުމުގައި ކީރިތި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ރޭވުންތެރިކަމާއި، ޢަބްޤަރިއްޔަތަކީ ލިޔުންތެރީންނާއި، މުފައްކިރުންގެ ޚިޔާލުގައި މެނުވީ ތަޞައްވުރު ކުރެވޭނެ ކަމެއް ނޫނެވެ.
رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވަނީ އެތައް ހަނގުރާމަތަކެއް ދެކެވަޑައިގެންފަ އެވެ. އެކަލޭގެފާނުގެ ޤައުމުގެ މީހުންނާއި ޤަބީލާގެ މީހުންނާއެކުގަ އެވެ. އެއަށް ފަހު މަދީނާއާއި މަދީނާގެ ވަށައިގެންވާ ސަރަޙައްދުތަކުގައި އުޅޭ މީހުންނާއި، އަވަށްޓެރި ޔަހޫދީންނާ އެކުގައި ވެސް މެއެވެ. އެއަށްފަހު ބީޒެންޓައިން އެމްޕަޔަރާއެކުގައެވެ. އެކަލޭގެފާނުގެ ވަށައިގެން ތިބީ ދުޝްމަނުންނެވެ. އެއްކައުވަންތަ ރިސާލަތަކާއިގެން ވަޑައިގެން ރަސޫލަކަށް ވާތީ އެވެ. އެ ވަގުތު މުޅި ދުނިޔެއަށް ވެރިވެފައިވާ ފަސާދައާއި އަނިޔާއާ ދެކޮޅު ހައްދަވައި، އިންސާނުންނަށް އެމީހުންގެ ކަރާމަތާއި ޙައްޤުތައް ހޯއްދަވާ ދެއްވަން ގޮވައިލައްވާތީ އެވެ. އެބައިމީހުން ވެފައިވަނީ މައްސަލަތައް އުފައްދާ ބަޔަކަށެވެ. ނަމަވެސް އެކަލޭގެފާނު އެބައިމީހުންގެ ނުބައި ރޭވުންތަކުގެ ތެރެއިން ބޭރަށް ނުކުމެވަޑައިގެންފައިވަނީ އިލާހީ ޢިނާޔަތާއި ރިޢާޔަތާއެކު އެކަލޭގެފާނުގެ ދުރު ވިސްނުންފުޅުގެ ތެރެއިންނެވެ.

މި ލިޔުމުގައި ބަލައިލާނީ އުޙުދު ހަނގުރާމައިގައި އެކަލޭގެފާނުގެ ޤިޔާދަތާއި ސިޔާސީ ޢަބްޤަރިއްޔަތާ ބެހޭ ގޮތުންނެވެ.މިތާނގައި ބަދްރު ހަނގުރާމައިގައި ލިބިވަޑައިގެން ނަޞްރަކަށް، ޚަންދަޤު ހަނގުރާމައިގައި ގެންގުޅުއްވި ހުނަރުތަކަކަށް، އަދި މުއުތާ ހަނގުރާމައިގައި މުސްލިމު ފަހުލަވާނުން ދެއްކެވި ހުޝިޔާރުކަމުގެ ލާމަސީލު ނަމޫނާތަކަކަށް އަދި ޔަރްމޫކު ހަނގުރާމައިގައި، މުސްލިމު މުޖާހިދުންގެ ނާދިރު ބުޠޫލަތްތަކަކަށް ބަލައެއް ނުލާނަމެވެ. ހަމައެކަނި ބަލައިލާނީ އުޙުދު ހަނގުރާމައަށެވެ. މި ހަނގުރާމައިގެ ބައެއްގައި މުސްލިމުންނަށް ވަނީ ނާކަމިޔާބާ ކުރިމަތިވެފަ އެވެ. މި ނާކާމިޔާބު، ކާމިޔާބަކަށް ބަދަލުވެގެން ދިޔައެވެ.
އުޙުދު ހަނގުރާމައަކީ އެ ހަނގުރާމައިގެ ކުރީ ކޮޅުގައި މުސްލިމުންގެ ސަފުތަކަށް ނާކާމިޔާބުގެ ރަހަ ފެނުނު ހަނގުރާމައެކެވެ.އެއީ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޤިޔާދަތުގެ ދަށުގައި ހިނގި ބޮޑު ދެވަނަ ހަނގުރާމައެވެ. މި ހަނގުރާމައިގައި މުސްލިމުންނާ އިދިކޮޅު ސަފުތަކުގެ ކުރީގައި ތިއްބެވި ފަހުލަވާނުންގެ ތެރޭގައި ޚާލިދު ބުނުލް ވަލީދާއި ޢަމްރު ބުނުލް ޢާޞު ފަދަ ޢަސްކަރީ ސިޔާސީ ބޮޑެތި ޒަޢީމުންތަކެއް ވިއެވެ. އެބޭކަލުންގެ ނަޞީބުފުޅު ދެރަކަމުން އެ ވަގުތު ތިއްބެވީ މުޝްރިކުންގެ ލަޝްކަރުގަ އެވެ. ނަމަވެސް އެބޭކަލުން ވެ ވަޑައިގެންފައިވަނީ ކުރިމަގުގެ ޞަޙާބީންނަށެވެ. މުސްލިމުންގެ ލަޝްކަރުތަކުގައި ޖިހާދު ކުރެއްވި ފަޚްރުވެރި ބަޠަލުންނަށެވެ.
އާދެ! ކުރިމަގުގެ ޞަޙާބީން ވަނީ މިއަދުގެ ޞަޙާބީންގެ މައްޗަށް ކާމިޔާބު ހޯއްދަވައިފަ އެވެ. ނަމަވެސް އެއީ ހަނގުރާމައިގެ ކުރީކޮޅުގަ އެވެ.

ދެވަނަ މައްސަލައަކީ ދުނިދަނޑީގެ ވެރިން ޢަމަލު ކުރެއްވި ގޮތެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެބޭކަލުންނަށް ތިއްބެވުމަށް ވަކި ތަނެއް ޢައްޔަންކޮށް ދެއްވި އެވެ. އެބޭކަލުންނަށް ޚާއްޞަ އިރްޝާދުތަކެއް ދެއްވި އެވެ. އެބޭކަލުންނަށް މި އިރްޝާދުތަކާ އެއްގޮތަށް ޢަމަލު ނުކުރެއްވުނީ އެވެ. ޣަނީމާތައް އެއްކުރެއްވުމަށް އަވަސްވެ ވަޑައިގެންނެވުނީއެވެ. ނަމަވެސް އެބޭކަލުންނަށް އުއްމީދާ ހަމަޔަށް ވާޞިލުވެ ވަޑައެއް ނުގެންނެވުނެވެ. އެބޭކަލުންގެ މި ޢަމަލުފުޅުތަކާ ދެކޮޅަށް ފާޑުކިޔުމުގެ ޙައްޤު އަޅުގަނޑުމެންނަށް ލިބިގެނެއް ނުވެ އެވެ. އެބޭކަލުންނަށް ވަނީ ﷲގެ ދަރުބާރުގައި ކުއްތަން ކުރެއްވިގެންވާ މީހުންގެ ޝަރަފު ލިބިވަޑައިގެންފަ އެވެ. ކުއްތަންކުރައްވާފައިވާ މީހުންނާމެދު މުޢާމަލާތު ކުރައްވާގޮތް ތަފާތުވާނެ އެވެ. އެއީ މަލާއިކަތުން ފަދަ ބަޔެކެވެ.
އިޖްތިހާދު ކުރުމުގެ ދޮރަކީ ހުރިހާ ޒަމާނެއްގައި ވެސް ހުޅުވިފައިވާ ދޮރެކެވެ. އިޖްތިހާދު ކުރުމުން ސަވާބު ލިބޭނެކަން އިސްލާމީ އުޞޫލުތަކުން އެނގެ އެވެ. އެބޭކަލުންނަށް ބަލާއިރު އެއީ އިޚްލާޞްތެރި ބޭކަލުންތަކެކެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަތްޕުޅުގައި އެބޭކަލުންގެ އަތްޕުޅުތައް ބީއްސަވާ ސަލާމްކުރައްވާފައިވާ ބޭކަލުންތަކެކެވެ. އާޚިރަތް ދުވަހަށް ދުނިޔޭގެ އަރާމާއި އުފާތައް ދޫކޮށްލެއްވި ވަފާތެރި ޞަޙާބީންތަކެކެވެ. ﷲގެ ޙަޟްރަތާ ކުއްތަން ވެގެންވާ މަލާއިކަތުންނަށް ވުރެ ކުރި ހޯއްދަވާފައިވާ ބޭކަލުންތަކެކެވެ. އެބޭކަލުން ދުނިޔެ މަތީގައި ފެނިފައި ވަނީ “ ބަލިވެފައިވާ“ ބައެއް ކަމުގައެވެ. ކަންތައް ހިނގާފައިވާ ގޮތުން ފެންނަނީ 70 ބޭކަލަކު ޝަހީދުވިތަނެވެ. އެފަދަ ޢަދަދެއްގެ ބޭކަލުންތަކެއް ޒަޚަމުވެ ވަޑއިގެން ތަނެވެ. މުސްލިމުންނަށް ﷲގެ ރަޙްމަތާއި އުޙުދު ފަރުބަދައިގެ ރައްކައުތެރިކަން ނުލިބުނުނަމަ މުޝްރިކުންނަށް އެއަށް ވުރެ ބޮޑު ބޮނޑިއެއް މުސްލިމުންގެ ގައިގައި އަޅައި ވިހެލެވުނީހެވެ. މާތް ﷲ މުޝްރިކުންނަށް، މުސްލިމުން ދެއްކެވީ އަދިވެސް ވަރުގަދަ ހިތްވަރުހުރި، ކެރޭ ބައެއްގެ ގޮތުގައެވެ. މިހެންވެ، މުޝްރިކުންނަށް އިތުރު ހިރާސެއްގެ ތެރެއަށް ވަންނާކަށް ނުކެރުނެވެ. ލިބުނު ކުޑަ ކާމިޔާބީއާ މެދު އުފާކޮށް ބިރުން ތިބެ މައިދާން ދޫކޮށް ދުރަށް ދިޔައެވެ. އެކަމަކު ޝައިޠާނާ މުޝްރިކުންނަށް މަދީނާއަށް އެރުމަށް ހިތްވަރުދިނެވެ. ބޭނުމަކީ މުޅި މަދީނާ ނައްތައިލުމެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް މި އަޑު އިވިވަޑައިގަތުމުން ދުޝްމަނުންނާ ކުރިމަތިލެއްވުމަށް އެކަލޭގެފާނު ނުކުމެ ވަޑައިގަންނަވާނެ ކަމަށާއި، އުޙުދުގެ ދުވަހުގައި އެކަލޭގެފާނުގެ އަރިހުގައި ތިބި އެންމެން ބަލިމީހުން ވެސް ހިމެނޭ ގޮތަށް ވަކި ތަނަކަށް އެއްވުމަށް އަމުރު ކުރެއްވިއެވެ. އުޙުދު ހަނގުރާމައިގެ ދުވަހުގައި ޒަޚަމުވެ ވަޑައިގަނެ ޢުޙުދު ފަރުބަދައިގެ ރައްކައުތެރިކަން ހޯއްދެވި ބޭކަލުން އިތުރު ހަމަލާއަކަށް ތައްޔާރުވެ ވަޑައިގަތީ އެވެ. އެއީ މުސްލިމުންނާ ކުރިމަތިވި ނާއުއްމީދުގެ އަސަރުތައް ފުހެލައި އެމީހުންގެ ޖޯޝާއި ހިތްވަރު މޯޅިވެގެން އަދިވެސް ނުދާކަން ދެއްކުމަށް ޓަކައެވެ.
މުސްލިމުންނާ ކުރިމަތިވި ނާއުއްމީދުގެ ރިވެލިތަކުން ފެނުނު ކަންތައްތަކުގެ ތެރޭގައި މުސްލިމުންގެ މާނަވީ ބާރު ބަލިކަށިވެގެންދިޔުމާއި، ކާފިރުން މުސްލިމުންނަށް އިތުރު ހަމަލާތައް ދިނުމަށް ހިތްކިޔުމާއި، މުނާފިޤުން މުސްލިމުން ހިތުގައި ޖެއްސުމަށް ޓަކައި އެރުވި އަޑުތައް ހިމެނެ އެވެ. މި ސަބަބުތަކާ ހުރެ މުޝްރިކަކު މަދިނާއަށް ހަމަލާ ދިނުމަށް ގޮވި ގޮވުން ވަރަށް ބާރަށް މަދީނާގެ ތެރެއަށް ފެތުރިގެން ދިޔަ އެވެ. ކީރިތި ރަސޫލާގެ ދުރު ވިސްނުންފުޅާއި ޙިކްމަތުޢަމަލީގެ އަވަސް ފިޔަވަޅުތަކުގެ ސަބަބުން މުޝްރިކުންގެ މި ރޭވުން ނާކާމިޔާބުވެގެން ދިޔަ އެވެ.

ކީރިތި ރަސޫލާ މުސްލިމުންނަށް ތައްޔާރުވެ އެއްވުމަށް ގޮވައިލެއްވުމުން މުސްލިމުން ތައްޔާރުވެ ހަނގުރާމައަށް އަލުން ތައްޔާރުވި އެވެ. އޭރު މުސްލިމުންގެ ބައެއް މީހުންގެ އަތް ވަނީ ޒަޚަމުވެފަ އެވެ. އަނެއްބައެއްގެ ފައި ވަނީ ޒަޚަމުވެފަ އެވެ. ބައެއް މީހުންނަށް ހިނގެނީ ކޮރުޖަހަމުންނެވެ. ނުވަތަ އެހެން މީހެއްގެ އެހީގައެވެ. މި ޙާލަތުގައި ވެސް އެބައިމީހުންނަށް ރަސޫލާގެ އަޑުފުޅު އިވުމުން އެމީހުންގެ ޢަޒުމު އައުވެ މާނަވީ ބާރު ކެކި އުތުރިއެރި އެވެ. އެބައިމީހުން ރަސޫލާއަށް އިޖާބަ ދިނުމަށް ދުއްވައިގަތެވެ. މައިދާނުގައި ވާދަ ޖެއްސެވެ. ބޫޞީރީ ވިދާޅުވެފައިވާ ފަދައިން އެކަލޭގެފާނުގެ ގޮވައިލެއްވުމަށް އުޙުދުގެ އެންމެތަކުން އިޖާބަ ދިނެވެ.
ޞަޙާބީއަކު ވިދާޅުވި އެވެ. ”އަހުރެންގެ އެކުވެރިޔާއަށް ނުހިނގޭ އިރުގައި ވެސް އަހުރެމެންގެ ކޮނޑުތައް މަތީގައި ގެންގޮސް ދިނުމަށް އެދުނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މަށަށް ދުންޏެއް އެއްލޭވަރު ނުވިޔަސް ލޮންސިއެއް އެއްލިދާނެ އެވެ. އަހުރެމެން ކޮންމެ މީހަކު ރަސޫލާ އެންގެވި ތަނަށް ދިޔައީ އެކަކު އަނެކަކު އުފުލަމުންނެވެ. ބައެއް މީހުން އަނބުރައިގަނެގެން ވެއްޓުނެވެ. އަނެއް ބަޔަކު ލޫދިފައި ދިޔަ އެވެ. ބަލި ޙާލުގައި ވިޔަސް ހަމަ އެކަކުވެސް ގޭގައި އޮންނާކަށް ބޭނުމެއް ނުވިއެވެ. އެންމެން ޖަމާވީ ޙަމްރާއުލް އަސަދި ނަމަކަށް ކިޔާ ވާދީއަށެވެ. އެއީ މުސްލިމުންގެ ގޭގޭގެ އުނދުންތަކުން އަރާ ދުން މުޝްރިކުންނަށް ފެންނާނެ ހިސާބެކެވެ. މުސްލިމުން އެ ހިސާބަށް ހަމަ ޖަމާވުމާއެކު މުޝްރިކުންނަށް ވަރުގަދަ ސިހުމެއް ލިބި އެމީހުންގެ ހިތްތަކަށް ބިރުވެރިކަން ވަނެވެ. އެހިނދު އަބޫ ސުފްޔާނު ގަދަ އަޑުން «الرحيل! الرحيل! އަވަހަށް ފުރާ! އަވަހަށް ފުރާ!“ މިހެން ވިދާޅުވަން ފަށްޓަވައިފި އެވެ. މުޝްރިކުންގެ ހަމައެކަނި ވިސްނުމަކަށް ވީ އަވަހަށް ޖެހުނު ގޮތަކަށް މައްކާއަށް އެނބުރި ދިޔުމެވެ. މަދީނާއަށް ހަމަލަ ދޭން އުޅެފިނަމަ އެމީހުންގެ މައްޗަށް ބަދްރުގެ ނާކާމިޔާބު އަލުން ވެރިވެގެންފާނެ ކަމުގެ ބިރުގައެވެ. “
ރަސޫލާ صلى الله عليه وسلم އިސްލާމީ އުއްމަތާ ކުރިމަތިވި ހަނގުރާމައިގެ މައްސަލަތައް އެންމެ ބަސްފުޅަކުން ޙައްލުކުރެއްވި ގޮތާމެދު ނިކަން ވިސްނަވާލައްވަ ބައްލަވާށެވެ! ކީރިތި ޤުރްއާނުގައި މާތް ﷲ މި ނާޒުކު ޙާލަތު ބަޔާންކޮށް ދެއްވަމުން ވަޙީ ކުރައްވަނީ “ الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُوا لَكُم فَاخْشَوْهُمْ فَزَادَهُمْ إِيمَانًا وَقَالُواْ حَسْبُنَا اللهُ وَنِعْمَ الْوَكِيلُ – މާނައީ : އެއީ، އެއުރެންނަށް މީސްތަކުން ބުނި މީހުންނެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާ ދެކޮޅަށް މީސްތަކުން ލަޝްކަރު އެއްކޮށްފިއެވެ. ފަހެ، ތިޔަބައިމީހުން، އެއުރެންދެކެ ބިރުގަންނާށެވެ! ފަހެ، އެ ބަސް އެއުރެންނަށް إيمان ކަން އިތުރުކުރިއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެންނަށް، اللَّه ފުދެއެވެ. އަދި، وكيل ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ! ”
އާދެ ! رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ މި އެޅުއްވި ޢަސްކަރީ އަވަސް ފިޔަވަޅުފުޅުގެ ސަބަބުން ޤުރައިޝުން އެމީހުން ގެނައި އެންމެހާ ތަކެތި ދޫކޮށްލާފައި ދިޔައީ ފިލައިގެންނެވެ. މުސްލިމުންނަށް ލިބުނު ސިހުމުން ހަށި ފޮޅާލައި ތެދުވެ ވަގުތީ ނާކާމިޔާބު ކާމިޔާބަކަށް ބަދަލުކޮށްލައިފައި އެނބުރި ދިޔައީ އެމީހުންގެ ސަހަރަށް މަދީނާއަށެވެ.
ބައެއް ތާރީޚީ ފޮތްފޮތުގައި އުޙުދު ހަނގުރާމައަކީ މުސްލިމުންނަށް ނާކާމިޔާބު ލިބުނު ހަނގުރާމައެއް ކަމަށް ސިފަކޮށްފައިވެއެވެ. މި ހަނގުރާމައިގެ ބައެއްގައި ނާކާމިޔާބާ ކުރިމަތިލާން ޖެހުނެވެ. އެއީ ލަޝްކަރުގެ ވެރިޔާގެ އަމުރުފުޅާ ޚިލާފުވުމުގެ ސަބަބުންނެވެ. އެބޭކަލުން މި ހަނގުރާމައިގައި ޝަހީދުވެގެން މި ދުނިޔެ ދޫކުރައްވާފައިވަނީ ޠާހިރު ޙާލުކޮޅުގައެވެ. ﷲﷲގެ ޙަޟްރަތުގައި ދިރިތިއްބަވާ ޙާލުކޮޅުގަ އެވެ. އެކަމަކު ހަނގުރާމައިގެ އާޚިރު ނަތީޖާއަކީ ކާމިޔާބެވެ. މުޝްރިކުން ބިރުން މައިދާނުން ފިލުމެވެ.
-2 ބުޚާރީގެ ، المغازي، 25، އިބްނު ހިޝާމުގެ السيرة النبوية، 111-99/3, އިބްނު ސަޢުދުގެ الطبقات الكبرى، 49-42/2 ބައްލަވާ!
-3 آل عمران: 173
