ވިލާތު ޤައުމުތަކުގައި ވެސް އަދި ބޭރުގެ އެހެނިހެން ކަރަތަކުގައި ވެސް ދިވެހިރާއްޖެ މަޝްހޫރުވެފައި ވަނީ ޤުދުރަތީ ގޮތުން ރީތި، އަމާން ސުލްޙަމަސަލަސް އޮތް، ތަނެއްގެ ގޮތުގަ އެވެ. އަދި މިރާއްޖޭގެ އަހުލުވެރިންނަކީ މެހެމާންދާރީ އަދާކުރުމުގައި އެފަދަ ދެވަނައެއްނުވާ ރިވެތި ނަމޫނާތަކެއް ލިބިގެންވާ ހެޔޮލަފާ ބަޔަކު ދިރިއުޅޭ ސުވަރުގެއެއްގެ ގޮތުގަ އެވެ.

ބައެއް ފަހަރު އަޅުގަނޑުމެންގެ ބަސްމަގު ހުންނަގޮތަކުން ޤައުމު ފަޟީހަތް ވެގެންދާއިރު  މާރާމާރީއާއި ބޮޑެތި ޖަރީމާތަށް ހިންގާ ނުރައްކާތެރި ނުބައި ނުލަފާ ބައެއްގެ ތޫނު ޚަންޖަރު ތަކުން މި ޤައުމުގެ އިޖުތިމާއި ފޭރާން މިދަނީ ވީދާ ކޮށާ ކުދި ކުރަމުންނެވެ. މި ދީބުގެ ލޮބުވެތި ފަރުދުންގެ ބުރަ މަސައްކަތުން ބަރުކުރާ ޖީބުތައް ވަގުންގެ ދިގު އަތްތަކުން  ބުރިކޮށް ފޭރެމުން ދަނީ ވެސް މަދެއްކޮށެއް ނޫނެވެ. ނުރައްކާތެރި ބައެއްގެ ރަޙުމެއް ނެތް ހަމަލަތަކުގެ ސަބަބުން ކަފުނުގެ ހުދު ހެދުމުގައި ފަސްލެވި ދިޔައީ މި ޤައުމުގެ ކިތަށް ފުރާނަތޯ އެވެ. މިކަމުގެ ސަބަބުން އެއްވެސް ކުށެއްނެތް ޟަޢީފު އެތަށް ބައެއްގެ ދިރި އުޅުން ދަނީ ބިކަވެ، ބީވެ ބެހެމުންނެވެ.  މީގެ ސަބަބުން މުޅި އިޖުތިމާއީ ފޭރާމުގައި އެޅޭ ބާގަނޑުތައް ފޮތި އަޅައި ފަހައިގެން ވެސް ނިވާނުކުރެވި ޤައުމު މިވާނީ  އެއިގެ އިޖުތިމާޢީ ފޭރާން ނެތި ބަރަހަނާ ވާން ކައިރިވެފަ އެވެ.

ދިވެހިންގެ ދިރިއުޅުން މިހާ ދެރަވަރު ދަށު ދަރަޖައަށް ދޫވެ ވީއްލެމުން ދިޔަ ނުދެމާތޯ އެވެ. އަޅުގަނޑުމެންގެ ތެރެއިން އިޖުތިމާޢީ ސުލްޙަ މަސަލަސްކަން ގެއްލި ދިޔަކަ ނުދެއްވާށެވެ. ޖިންސީ އަދި ޖިސްމާނީ ޖެއްސުންތަކަށް ޖާގަ ލިބިގެން ދިޔަ ނުދެމާ ހިނގާށެވެ. އެއީ އަޅުގަނޑުމެންގެ ކާބަފައިން ގެނެސްދެއްވި ކަންކަމެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ އާދަކާދައިގައި ހިމެނޭ ކަންކަމެއް ނޫނެވެ. އެއީ އަޅުގަނޑުމެން ނުދަންނަ ބީރަށްޓެހި ކަންކަމެވެ.

 މި ރާއްޖޭގެ މުޅި ވެށި ކުށުގެ ވެއްޓަށް ވެގެންދިޔަ ނުދެއްވުމަށް ދިވެހި ކޮންމެ ފަރުދެއްގެ ބައިވެރިވުން މުހިންމެވެ. ނަމަވެސް އަޅުގަނޑުމެންނަށް ފަރުދީގޮތުން މިކަންކަމާއި އިދިކޮޅަށް ތެދުވެ ކުރެވޭނީ ކޮންކަމެއްބާއޭ ހިތައް އަރާފާނެވެ. އަޅުގަނޑު ދަންނަވާނީ މިސުވާލުގެ ޖަވާބު ވަރަށް ސާފު ކަމުގަ އެވެ.

ފުރަތަމަ ކަމަކަށް ތިމާގެ އަތްފަޔާއި ދޫ އަދި ބެލުންތައް މިފަދަ ނޭއްގާނީ ޢަމަލުތަކުން ދުރުހެލިކޮށް  ރައްކާތެރި ކުރާށެވެ. ތިމާއީ ދިވެއްސަކަށް ވީތީ ތިމާ އަށް ލިބިފައިވާ ނިޢުމަތްތަކަށް ވިސްނާ ފިކުރުކޮށްލާށެވެ. އެއަށްފަހުގައި ދިވެއްސަކަށް ވީތީ ފަޚުރުވެރިވާށެވެ. ޤައުމުގައި ސުލްޙަ މަސްލަހަތު ގާއިމު ކުރުމާއި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި  ކަމާބެހޭ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ތިމާއަށްވީ މިންވަރަކުން އެއްބާރުން ދޭށެވެ.

މިރާއްޖޭގެ ތާރިޚުގައި ރާއްޖެއަށް  ދަތުރުކުރި ދަތުރުވެރިއެއްކަމަށްވާ އަދި ދީނީ ޢިލްމު އުނގެނިވަޑައިގެން ހުންނަވައި މިރާއްޖޭގައި މުހިންމު މަގާމެއް ފުރުއްވި އިބުނުބަޠޫތާ ދިވެހިރާއްޖެއާ ބެހޭ ގޮތުން ބުނުއްވާފައިވާ ބަސްކޮޅު ހަނދުމަކޮށްލައްވާށެވެ. އެމަނިކުފާނު ވިދާޅުވަނީ ދިވެހިންގެ ހުރިހާވެސް ހަތިޔާރަކީ ދުޢާ ކަމުގައެވެ. އަދި ދިވެހިންނަކީ ދުޢާ އިޖާބަކުރޭވެ ބައެއްކަމުގައި އޭނައަށް ފާހަގަ ކުރެވޭ ކަމުގައެވެ.

ވީމާ އަންޒަމާނުއްްސުރެ އަޅުގަނޑުމެންނަށް ލިބިފައި މިވާ ބާރުގަދަ ހަތިޔާރުގެ ބޭނުންހިފައި، އެވޭލާ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައިވާ ސުލްޙަ މަސަލަސްކަން ދިފާޢުކޮށް ދަމަހައްްޓައި ނެގެހެއްޓުމަކީ އަޅުގަނޑުމެން ކޮންމެ ދިވެހި ފަރުދެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. އަޅުގަނޑުމެންނަށް ލިބިފައިވާ މި ބާރުގަދަ ހަތިޔާރުގެ ބޭނުންހިފާ މި ލޮބުވެތި ވަޠަން، ސުލްޙަވެރި އަމާން ބަދަރަކަށް ގެންދެވޭތޯ ދެއަތް މައްޗަށްނަގާ ދުޢާ ނުކުރަންވީ ކީއްވެގެންހެއްޔެވެ.  އަޅުގަނޑުމެންނަށް އުފާ ފާގާތިކަމާއި ސުލްޙަ މަސަލަސްކަން ތާއަބަދުމެ ދެއްވުންއެދި މާތްﷲގެ ޙަޟްރަތުން ދުޢާ ދަންނަވަމެވެ.

ޝެއަރކުރެއްވުމަށް