ދެކެމުން އަންނަ ހުވަފެނެއް ޙަޤީޤަތަކަށް ހަދަން ޢަޒުމް ކަނޑައަޅާށެވެ. މި ދަނޑިވަޅަކީ މިކަމަށް އެންމެ އެކަށިގެންވާ ވަގުތެވެ. ކަނޑައަޅާފައިވާ ހިސާބަށް ވާސިލުވުމަށް މަސައްކަތް ފަށާށެވެ. ރޭވުންތެރިކަމާއެކު ކުރިޔަށްދާނެ މަގު ކޮށަން ފަށާށެވެ. ފަށައިގަންނައިރު އެންމެ ފަސޭހަވާނީ އެންމެ ފުރަތަމަ އެކަމަކަށް އެޅެންހުރި ފިޔަވަޅުތައްބޭބީ ސްޓެޕްސްއިން ފަށައިގަތުމުންނެވެ. އޭރުން އިސާހިތަކު ކާމިޔާބުވާނެ ކަމުގެ ކުލަވަރު ފެންނަން ފަށާނެއެވެ.

މި ގޮތުގެމަތިން ކަންކަން ކުރި ކަމުގައި ވީ ނަމަވެސް އުނދަގޫތަކާއި އަޑިގުޑަންތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އާދޭހެވެ. ކަމަކާ ކުރިމަތިލާއިރު ކުރިމަތިވާނީ ވަކިކަހަލަ ކަންކަމެއް ނޫނެވެ. ބައެއް ފަހަރު ފަސޭހައިން ކަންކަން ވާނެއެވެ. އަނެއްބައިފަހަރު އެހާމެ އުނދަގޫތަކާ ކުރިމަތިލާން ވެސް ޖެހިދެއެވެ. ދަސްކުރަންވީ ކަމަކީ ދިމާވާ އަޑިގުޑަންތައް ހުރަސްކުރާށެވެ. ހިތްވަރު އެލުވާ ނުލުމަށެވެ. ގޮތްހުސްވެގެން އަތް އުރާލައިގެން ފަހަތަށް އެނބުރި ނުދިޔުމަށެވެ. މިހެން ހިތްވަރާއެކު މަސައްކަތްކޮށްފި ކަމުގައިވާނަމަ، ﷲގެ އިރާދަފުޅާއެކު އެ މަސައްކަތެއްގެ ފޮނިރަހަ އެމީހާގެ ކަރުތެރޭގައި ތާ އަބަދަށްމެ ހަރުލެވިގެން ދާނެއެވެ.

ހުވަފެނެއް ޙަޤީޤަތަކަށް ހަދާނެގޮތް އެނގެން ބޭނުން ހެއްޔެވެ؟ އެންމެ ފުރަތަމަ ފިޔަވަޅަށް ޖެހިލަމާ ހެއްޔެވެ.

ކުރިޔަށް ދާނެގޮތް ރާވާލާށެވެ. ދެކެމުން އަންނަ ހުވަފެނަކީ ކޮބައިކަން ވަރަށް ސާފުކޮށް ދެނެގަންނާށެވެ. އޭރުން އެ ހުވަފެނަކާއި ހަމައަށް ވާސިލުވުމަށް ފަސޭހަވެގެން ދާނެއެވެ. މިގޮތަށް މިކަން ކުރުމަށް އެންމެ ފަސޭހަވާނީ ފޮތެއްގައި ނުވަތަ އަބަދުމެ ފެންނަން ހުންނަ ހިސާބެއްގައި، އެހުވަފެނަކީ ކޮބައިކަން ލިޔެފައި ބެހެއްޓުމުންނެވެ. ބޭނުންވާ ހިސާބު ކަނޑައަޅަން ނޭނގޭނަމަ، އެ ހުވަފެނެއް ޙަޤީޤަތަކަށް ހެދުމަކީ ވާނެ ކަމެއް ކަމަށް ޤަބޫލުކުރަން ހެއްޔެވެ؟ ނޫނެކެވެ. ކޮންމެ މީހަކުވެސް އެމީހަކު ދާންބޭނުންވާ ހިސާބު ކަނޑަ އެޅުމުން، ކިތަންމެ ދުރު ހިސާބެއްވެސް ހުވަފެނާ ކައިރި ކުރެވި ދާނެއެވެ. މިސާލަކަށް ބުނާނަމަ، ތިބާ އަބަދުވެސް ލިޔުންތެރިކަމަށް ލޯބިކޮށް، ތިބާ ބޭނުންވަނީ ލިޔުންތެރިޔަކަށް ވާށެވެ. ތިބާއަށް ތިބާވާނީ ވާހަކަ ލިޔުންތެރިޔަކަށް ނުވަތަ ނޫސްވެރިޔަކަށް ކަން ކަނޑައަޅާ އެ ދާއިރާއަށް އަމާޒު ހިފައި، ސީދާ އެދިމާއަށް ދަތުރު ފެށުމަކީ އޭގެ އެންމެ ރަނގަޅު ގޮތެވެ.

ބައެއް ހާލަތުގައި ސީދާ ބޭނުންވާ ހިސާބު ނޭނގޭނަމަ އޭގެ މާނައަކީ، ތިބާ ބޭނުންވަނީ އަދާކުރާނެ ރަނގަޅު ވަޒީފާއެއް ހޯދުމެވެ. އެހާލަތުގައި އެއީ ކޮންމެ ދާއިރާއަކުން ކަމުގައި ވީނަމަވެސް ވަޒީފާ އަކާއި ހަމައަށް ފޯރުން އެއީ ތިބާގެ ހުވަފެން ކަމުގައި ނިންމި ދާނެއެވެ. އެހެންކަމަށްވާނަމަ، އެހިސާބަށް ދާން މަސައްކަތް ކުރުމުން ކާމިޔާބަށް ވާސިލުވުމަށް ފަސޭހަވާނެއެވެ.

ދެކެމުން އަންނަ ހުވަފެނަކީ ހިތުތެރޭގައި އަބަދުމެ ހިނގަހިނގާ ހުންނަ އެދުމެއް ކަމުގައި ހަދާށެވެ. މުޅި ހިތާއި ހަށިގަނޑުން އެކަމަށް ބޭނުން ވާފަދަ ކަމަކަށް އެ ހުވަފެން ހަދާށެވެ. ވަރުގަދަ އަޒުމެއް، ހިތްވަރެއް އަމިއްލަ ނަފުސުގައި ބިނާކުރާށެވެ. އަމިއްލަ ނަފުސަށް އިތުބާރުކޮށް ހާސިލު ކުރާން ބޭނުންވާ ހިސާބަށް ވާސިލު ވުމަށް ހިތުގެ އެންމެ އަޑިން ޢަޒުމް ކަނޑައަޅާށެވެ. ދިމާވާ ދަތި އުނދަގޫތައް ފަހަނަޅައި ދިޔުމަށް ހިތްވަރު ލިބޭނީ އޭރުންނެވެ. ހިތުތެރޭގައި މިކަން ބިންވަޅުނެގުމަށް ހެދޭނެ ގޮތަކީ އެކަމަކީ ކުރެވޭނެ ކަމެއްކަން އަދި ތިބާއަށް އެކަން ހާސިލު ކުރެވޭނެކަން ޤަބޫލުކުރުމެވެ. އާންމު ދިރިއުޅުމުގައި ކަންކަން ކުރަން ވިސްނާ ފަދައިން އެހާ ސީރިއަސް ނުވެ އެކަމަކާމެދު ވިސްނައިގެން އެކަމެއް ހާސިލު ކުރުމަށް އުނދަގޫ ވާނެއެވެ. އެހެންކަމުން ހިތުގެ އަޑިން ބޭނުންވާ ބޭނުންވުމަކަށް އެކަން ހެދުމުން، އެ ހުވަފެން ބަދަލުވެގެންދަނީ ޙަޤީޤަތުގައި ބޭނުންވާ ކަމަކަށެވެ. ހުވަފެނަކީ އެހާ ޙަޤީޤީ އެއްޗެއް ކަމުގައި ނުބެލެވެއެވެ. އެހެންކަމުން މިހާހިސާބުން ހުވަފެން ވެގެން މިދަނީ ހުވަފެނަކަށްވުރެ ބޮޑަށް ބޭނުންވާ ބޭނުން ވުމަކަށެވެ.

ހިތުތެރޭގައި ކަނޑައަޅާފައިވާ ހުވަފެން، މިހާހިސާބުން ލަނޑުދަނޑިއަކަށް ބަދަލުކޮށްލާށެވެ. ކުރިން މި ބަދަލުކުރީ ދެކެމުން އައި ހުވަފެނެއް ހިތުތެރޭގައި ބިންވަޅުނެގިފައިވާ ކަމަކަށެވެ.  ސަބަބަކީ އެކަމަކީ ތިބާއަށް ކުރެވޭނެ ކަމެއް ކަމަށް ޤަބޫލުކުރުމެވެ. އަދި އެކަން ތިބާއަށް ކުރެވޭނެ ކަމުގެ ޔަގީންކަން އަމިއްލަ ނަފުސަށް އޮތުމެވެ. މިހާހިސާބަށް އާދެވުމުން މި ނިންމަނީ ނިންމުމެކެވެ. އެކަމަކީ ކުރެވޭ ވަރުގެ ކަމެއް ކަމުގައި ވާނަމަ، މިހާރު އެކަން ވާނެކަން ޔަޤީނެވެ. ދެކެމުން އައި ހުވަފެން ލަނޑުދަނޑިއަކަށް ބަދަލުކުރުމަށްފަހު އެ ލަނޑުދަނޑިއާ ހަމައަށް ވާސިލުވެވޭނެ ވަގުތެއް ކަނޑައެޅުން މުހިންމެވެ. އޭރުން އެކަން ފުރިހަމަކުރަން ކުރެވޭ މަސައްކަތްތަކަށް ބާރު ލިބޭނެއެވެ.

އެއަށްފަހު ވާސިލުވާން ބޭނުންވާ ހިސާބަށް ވާސިލުވުމަށް ”އިސްތިރާޖީ ޕްލޭން“ އެއް، ކުރިޔަށްދާނޭ މަގެއް ތަރުތީބުން ރާވާލާށެވެ. މިއަށް މި ކިޔަނީ ”އެކްޝަން ޕްލޭން“ އެވެ. މިހާހިސާބުން ރަސްމީކޮށް މިއަށް ޢަމަލު ކުރެވެން ފަށާނެއެވެ. ވަކިގޮތަކަށް ވަކި ކަންތައްތަކެއް ހިމަނައިގެން މި ޕްލޭން ހަދާކަށް ނުޖެހެއެވެ. ބޭނުންވަނީ ތިބާ ކުރިމަތިލާ ކަމަކާއި ގުޅޭގޮތުން ކުރިޔަށް ދެވޭނެ ގޮތްތައް ހޯދައި، އެންމެ ފުރަތަމަ ކުރާނެ ކަންތަކުން ފެށިގެން، ދެން ކުރާނެ ކަންކަން ރާވާލާށެވެ. މި ހުރިހާ ކަމެއްގެ ތަރުތީބަކީ ތިބާގެ އަތްމަތީގައިވާ އެއްޗެކެވެ. އެހެންކަމުން ވަކިވަކިން ކުރާނެ ކަންކަން ތަރުތީބުން ލިޔާށެވެ. ހަނދާން ބަހައްޓަންވީ ކަމަކީ ފާހަގަކުރާ ކޮންމެ ކަމަކީ ލިޔެފައިވާ ގޮތަށް ނުވެދާނެ ކަންކަން ކަމެވެ. އަދި އެތުރިފައިވާ ތަރުތީބަށް ބަދަލު އައިސް އިސްފަސްވެގެން ހިނގައިދާނެކަމެވެ. މިފަދަ ގޮތަކަށް ކަންތައް ދިމާވެއްޖެނަމަ، އަލުން ޕްލޭނަށް ބަދަލުގެނެސް އަތުރާލެވިދާނެއެވެ. ތަރުތީބަށް ބަދަލު ގެނައި ނަމަވެސް ވާސިލުވާން ބޭނުންވާ ކަމަކީ ހަމަ އެއްކަމެކެވެ.

ތައްޔާރުކުރެވިފައިވާ ޕްލޭނަށް ޢަމަލު ކުރަން ފަށާށެވެ. ލަނޑުދަނޑިއަށް ވާސިލުވުމަށް ތައްޔާރުކުރެވިފައިވާ އެކްޝަން ޕްލޭނުގައިވާ ކަންކަން ހާސިލުކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާށެވެ. އޭރުން އިތުރު ފުރުސަތު ތަކާއި ފަސޭހަ މަގުތައްވެސް ތަނަވަސްވެގެން އަންނާނެއެވެ. މިހާހިސާބުން އެއްވެސް ކަމަކަށް އުޒުރު ނުދައްކާށެވެ. ކަމަކީ ތިބާގެ ކަމެކެވެ. ވާސިލުވާން ބޭނުންވަނީ ތިމާގެ ހުވަފެންތަކަށެވެ. ހާސިލުކުރަން ބޭނުންވަނީ ހަޔާތުގައި ތިމާ އެންމެ ބޭނުންވާ ކަންކަމެވެ. ކާމިޔާބީ އަކީ ތިމާއަށް ލިބޭނެ ކާމިޔާބީއެވެ. އެހެންކަމުން މާދަމާ އަށް ކުރަން އެއްވެސް ކަމެއް ނުބަހައްޓާށެވެ.

ތައްޔާރު ކުރެވިފައިވާ އެކްޝަން ޕްލޭނުގެ ތެރެއިން ބަހާލައިގެން ވަކި ދުވަސްތަކަކަށް ވަކި ކަންތައްތަކެއް ހާސިލު ކުރުމަށް މަސައްކަތް ފަށާށެވެ. މިސާލަކަށް ތިބާ ވާން ބޭނުންވަނީ ވާހަކަ ލިޔުންތެރިޔަކަށް ކަމުގައި ވާނަމަ، އެންމެ ފުރަތަމަ އެކަމާ ގުޅޭ މަޢުލޫމާތުތައް ހޯދިދާނެއެވެ. ވާހަކަ ލިޔަން ދަސްކޮށްދޭ ކުލާހެއްގައި ބައިވެރި ވެވިދާނެއެވެ. ނުވަތަ ކުރުވާހަކަތައް ލިޔަން ފެށިދާނެއެވެ. ތިބާ ފުރަތަމަވެސް އަރާ ބޮންތީގައި ހިފައި ދިގުވާހަކަތައް ލިޔަންފަށައިފި ކަމުގައިވާނަމަ، ވާސިލުވާން ބޭނުންވާ ހިސާބަށް ވާސިލުވުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. އެހެންކަމުން ފުރަތަމަ ދާންބޭނުންވާ ހިސާބަށް ވާސިލުވުމަށްޓަކައި ހަރުދަނާ ބިންގަލެއްގެ މަތީގައި ޢިމާރާތް ކުރަން ފަށާށެވެ.

ހާސިލުވާ މިންވަރު ކޮންމެ ދުވަހަކު ވެސް ބަލާށެވެ. ހުވަފެނެއް ޙަޤީޤަތަކަށް ހަދަން މަސައްކަތް ކުރަމުން ދާއިރު އެ ހުވަފެނާއި ހަމައަށް ވާސިލުވާން ކުރެވުނު މަސައްކަތްތައް އަބަދުވެސް ބަލައި ހަނދާނުގައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ. އަދި ކުރެވެން ހުރި ކަންކަން ވެސް އަބަދުވެ ސިކުނޑީގައި ހަރުލައްވާފައި ބެހެއްޓުން މުހިންމެވެ. އިމާރާތެއްގެ ބިންގާ އެޅުމަށް ވެސް ނުވަތަ އެ އިމާރާތް އެއްކޮށް ނިންމާލުމަށް ވެސް މަދު ދުވަސްތަކެއް ނޫނެވެ. އެހެންކަމުން ތިމާ ދާން ބެނުންވާ ބާރުމިނުގައި ކަންކަން ހާސިލުނުވެ ހިނގައިދާނެއެވެ. އެހެން ނަމަވެސް އެކަމައިގެން ކުރިޔަށް ދިޔުމުގައި ހިތްވަރާއިއެކު ދެމިހުންނާށެވެ. ކުރެވިފައިވާ ކަންކަމާއި ހާސިލުވެފައިވާ މިންވަރު ދެނެގަންނާށެވެ. އަދި ހާސިލުކުރެވެންހުރި ކަންކަންވެސް ބަލަމުން ދާށެވެ.

ތިބާއަށް ހިތްހަމަ ޖެހުން ލިބޭނީ ތިބާ ވާސިލުވާން ބޭނުންވާ ހިސާބަށް ވާސިލު ވުމުން ކަމުގައި ދެކޭށެވެ. އެހެން ނަމަވެސް އޭގެ މާނައަކީ ހުރިހާ އުފާތަކުން މަހުރޫމު ވެގެން ލަނޑުދަނޑި ހާސިލު ކުރުމަށް މަސައްކަތް ކުރާވާހަކަ އެއް ނޫނެވެ. ތިބާ ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިއާއި ހަމައަށް ވާސިލު ވުމުން ތިބާގެ ދިރިއުޅުން ހަމައަކަށް އެޅި އާދައިގެ ދިރިއުޅުމަކަށް ވެއްޓޭނެއެވެ. މިހާހިސާބުން އަނެއްކާ އެހެން އުންމީދުތަކަކާއި ހުވަފެންތަކެއް ހިތުތެރޭގައި ހިނގަން ފަށާނެއެވެ. އެހެންކަމުން އަނެއްކާވެސް މި ބަޔާންކުރެވުނު ހުރިހާކަމެއް ދިރިއުޅުމުގައި ތަޖުރިބާ ކުރަމުން ގެންދާށެވެ.

ހުވަފެނެއް ޙަޤީޤަތަކަށް ހަދަން މަސައްކަތް ކުރަމުންދާއިރު، އަންނަ ކޮންމެ ކަމެއް ވެސް އުފަލާއިއެކު ބަލައިގަންނާށެވެ. ހިތްވަރު އެލުވާ ނުލައި ކުރިޔަށްދާށެވެ. އަދި އަމިއްލަ ނަފުސަށް ލިބެންޖެހޭ ހުސްވަގުތު ދީގެން މަސައްކަތްކުރާށެވެ. އަރާމުކުރަން ޖެހޭ ވަގުތުތަކުގައި އަރާމުކުރާށެވެ. އެވަގުތު ތަކުގައި މަސައްކަތް ނުކުރާށެވެ. ދިމާވާ ކޮންމެ ދަތި އުނދަގޫތައް ކަޑައްތު ކުރުމަށްފަހު އެއިން އިބުރަތް ލިބިގަނެ އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް މަސައްކަތް ކުރާށެވެ. ކުރިޔަށް ކޮށަމުންދާ މަގުގައި ތަފާތު ގަސްތައް ހުންނާނެކަން ހަނދާން ބަހައްޓާށެވެ. ތިމާގެ ހުވަފެނަކީ ކޮބައިކަން އެނގޭ މީހަކު ހުރިކަމުގައި ވީނަމަވެސް އެމީހަކީ އަބަދުމެ އެކަމަށް ހިތްވަރުދީ ކައިރީގައި ހުންނާނެ މީހެއް ކަމުގައި ނުދެކޭށެވެ. ހާސިލުކުރަން ބޭނުން ލަނޑުދަނޑިއާ ހަމައަށް ވާސިލުވުމަށް ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވާށެވެ. ކުރިމަތިވާ ހުރިހާ ހުރަސްތަކަކާއި ހިތްވަރާއިއެކު ކުރިމަތިލާށެވެ.  ހުވަފެނާ ހަމައަށް ވާސިލުވުމަށް ކުރެވޭ މަސައްކަތުގައި އުޒުރުވެރި ނުވާށެވެ. ލަނޑުދަނޑިއާ ހަމައަށް ވާސިލުވުމަށް ކުރެވުނު މަސައްކަތްތައް އަބަދުމެ ބަލަމުން ގެންދާށެވެ. ހުވަފެން ޙަޤީޤަތަކަށް ހެދޭނީ އޭރުންނެވެ. ”ޙަޤީޤަތުގައި ހުވަފެނާއި ހަމައަށް ވާސިލުވުމަށް ހިތްވަރާއިއެކު މަސައްކަތް ކުރެވިއްޖެނަމަ ﷲގެ އިރާދަފުޅާއެކު، އެ ހުވަފެނެއް ޙަޤީޤަތަކަށް ހެދޭނެއެވެ.“

ޝެއަރކުރެއްވުމަށް