އަވަދިނެތި ބުރަ ތާވަލަކަށް މަސައްކަތް ކުރުމުގައި ކޮންމެ ދުވަހެއް ހޭދަކުރަމުން ދިއުމީ މިއަދުގެ އަޅުގަނޑުމެންގެ މުޖުތަމަޢު އަޅުގަނޑުމެންނަށް ދައްކުވައިދޭ މަންޒަރެވެ. ފަތިހާ ތެދުވެ ކިޔެވުމަށާއި މަސައްކަތަށް ދިއުމަށް އަވަސްވެގަތުމާއި މަސައްކަތުގެ މައިދާނުގައި ގޮނޑިއަށް ފޫހަރައިލައިގެން ކޮމްޕިއުޓަރތަކަށް ލޯހަރައިގެން ތިބޭ އަޅުގަނޑުމެންގެ ޒުވާނުންނަށް ވަގުތު ހިނގާ މިންވަރު ވެސް އިހުސާސްނުވެ، އިރު އެރީއްސުރެ އިރު އޮއްސެންދެން ތިބުމީ އަޅުގަނޑުމެންގެ މުޖުތަމަޢުއިން އަޅުގަނޑުމެންނަށް ފެންނަ ޙަޤީޤަތެވެ. އޮފީސް ވިޔާފާރި ބަންދު ކުރާ ވަގުތު ޖެހުމުން ގެއަށް އައިސް ބަނޑުފުރާނަ މުއްތިކުރުމާއެކު އެނދު ފެންނަ މީހުން އަޅުގަނޑުމެންގެ މުޖުތަމަޢުގައި ގިނައެވެ. ކުރު ގޮތަކަށް ދަންނަވަނީ ނަމަ އަޅުގަނޑުމެންގެ މުޖުތަމަޢުގައި އުޅެނީ އޮޓޯއަށް ލާފަހުންނަ ބުދު ތަކެކެވެ. މިފަދަ ތާވަލަކަށް މީހާގެ ދުވަސް ބައްޓަން ކުރުމަކީ ޞިއްޙީ ގޮތުންނާއި، ނަފުސާނީ ގޮތުން އަދި އިޖުތިމާޢީ ގޮތުން ވެސް ފައިދާ ހުރި ކަމެއް ނޫނެވެ. އުފަލާ މަޖާ ކުރުމަކީ އަޅުގަނޑުމެންގެ ޙަޔާތަށް ވަރަށް މުހިންމު ކަމެކެވެ. ފައިދާ ހުރި ކަމެކެވެ. ރަނގަޅަށް ހުނުމާއި ރަނގަޅަށް ރޮވުމީ ބައެއް ހާލަތްތަކެއްގައި އެންމެ ރަނގަޅު ފަރުވާކަން ދިރާސާތަކުން ދައްކައެވެ. ހުނުމަކީ އޭގައި ވަރަށް ގިނަ ފަރުވާތަކެއް ލިބިގެންދާ ކަމެކެވެ.
ސިއްޙީ ފައިދާތައް:
ހުނުމަކީ ޞިއްޙީ ގޮތުން ވަރަށް ފައިދާހުރި ކަމެކެވެ. އެގޮތުން ހުނުމީ (ރިލޭކްސް) ހަށިހިމޭންކަން ގެނެސްދޭ ކަމެކެވެ. ރަނގަޅަށް ހުނުމުން ހާސްކަމާއި ކަންބޮޑުވުން ލުއިކޮށްދީ، 45 މިނިޓު ވަންދެން ހަށިގަނޑުގެ މަސްތައް ހަށިހިމޭންވެގެން ދެއެވެ. އަޅުގަނޑުމެންގެ ތެރެއިން ބުރަ ތާވަލަކަށް މަސައްކަތްކުރާ ގިނަ މީހުން، ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކާނާ ކެއުމާދުރުވެ ޖަންކް ފުޑަށް މީހާގޮސް ހުސްވާތަން އާދެއެވެ. ފަސޭހައިން އަވަހަށް ކެވޭނެ އެއްޗެއް ހޯދާ، ވަގުތު ސަލާމަތް ކުރުމަގެ ނިޔަތުގައެވެ. އަދި ގިނައިން ފެން ބުއިމާއި ނިދި ހަމަކުރުން ފަދަ ކަންކަމަށް ފަރުވާ ކުޑަކުރެވޭތަން އާދެއެވެ. މިކަމުގެ ސަބަބުން މީހާ ޞިއްޙީ ގޮތުން ބަލިކަށިވެއެވެ. ދިފާޢީ ނިޒާމް ބަލިކަށިވެއެވެ. މިފަދަ މީހުނަށް އެންމެ މުހިންމު އެއް ކަމަކަށް ވާނީ ހުނުންކަން ކަށަވަރެވެ. ސަބަބެއްނެތިއެއް ނޫނެވެ. ހުނުމުން (އިމިއުން ސިސްޓަމް) ދިފާޢީ ނިޒާމް ވަރުގަދަ ކޮށްދޭތީ އެވެ. ހުނުމީ ސްޓްރެސް ހޯމޯންސް މަދުކޮށް ދިފާޢީ ސެލްތައް ނުވަތަ އިމިއުން ސެލްތައް އިތުރުކޮށްދީ، ބަލިތަކުން ދުރުހެލި ކޮށްދޭ ކަމަކަށް ވާތީއެވެ. އަދި އެއާއެކު ހުނުމަކީ ހިތަށް ޖެހޭ ނުރައްކާތެރި ބަލިތަކުން ހިތް ރައްކާތެރިކޮށްދޭ ކަމެއްވެސް މެއެވެ. ހުނުމުން ހިތުގެ ލޭހޮޅިތަކުގައި ލޭ ދައުރުވުން އިތުރުކޮށްދެއެވެ. މިކަމުގެ ސަބަބުން ހިތް ހުއްޓުންފަދަ ހިތުގެ ބަލިތަކާއި މީހާ ދުރުހެލިކޮށް ދެއެވެ.

ނަފްސާނީ ފައިދާތައް:
ދޭދޭ ފަރުދުންގެ މެދުގައި ވާހަކަދައްކާ ހީ ސަމާސާކޮށް އުޅުމީ ނަފްސާނީ ގޮތުން ވެސް ފަރުވާއެކެވެ. އެގޮތުން ވަޒީފާގެ މާހައުލު ފަދަ އަވަދިނެތި ކަންކަމާއި ބޯގާނާ ޚިޔާލު ތަފާތުވެ ދެބަސްވެ އުޅެންޖެހޭ ހާލަތްތައް ވެސް އާދެއެވެ. މިފަދަ ހާލަތެއްގެ ސަބަބުން އެކަމާއި ދެރަވެ ނުވަތަ ރުޅިއައިސް ނުވަތަ ނުތަނަވަސް ވެފައިވާ ހާލަތެއްގައި ވެސް ހީ ސަމާސާކޮށް އުޅެން ފެއްޓުމުން އެމީހެއްގެ މޫޑު ރަނގަޅުވެއެވެ. ހުނުމުގެ ސަބަބުން ނުތަނަވަސްކަން ފިލާ ނަފުސު ހަމަޖެހުމަށް އެހީތެރިވެއެވެ. އަދި އެފަދަ ހާލަތެއްގައި ތިމާއަށް ކުރެވުނު ކަމަކާ ނުވަތަ ބުނެވުނު ބަހަކާމެދު ބިރުގަނެ ހާސްވުމުން ވެސް ދުރުކޮށްދެއެވެ. އެހެންކަމުން ހުނުމުން ޙަޔާތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެއެވެ.
އިޖްތިމާޢީ ފައިދާތައް:
ހުނުމުން ޖިސްމާނީ އަދި ނަފުސާނީ ފައިދާތައް ލިބުމުގެ އިތުރުން މި ކަމަކީ އިޖުތިމާޢީ ފައިދާތަކެއް ވެސް ހުރި ކަމެކެވެ. އެގޮތުން ވަޒީފާގެ މާހައުލު ފަދަ މީހުން އެއްވެ އެކުގައި މަސައްކަތްކުރާ މާހައުލުތަކުގައި ހީ ސަމާސާކޮށް އުޅުމުން މަސައްކަތުގެ ބައިގަނޑެއްގެ ގުޅުން ބަދަހިވެ އެކުވެރިކަން އާލާވާނެއެވެ. މިކަމުގެ ސަބަބުން ކުރާ މަސައްކަތްތަކުގައި ރޫޙު އާލާވެ، ޖޯޝާ ފޯރީއާއެކު މަސައްކަތް ކުރެވޭނެއެވެ. އެހެންކަމުން މަސައްކަތުގެ މާޙައުލުގައި އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން އާލާވެއެވެ. ޓީމް ވޯކް ވަރުގަދަ ވެއެވެ. އަދި ހީ ސަމާސާކޮށް އުޅުމަކީ ހަލަބޮލި މަސައްކަތުގެ މާހައުލުގައި ދޭދޭ ފަރުދުންގެ ދެމެދުގައި ޖެހޭ ކުނިތަކާއި ޚިޔާލު ތަފާތުވުންތައް ނައްތައިލުމަށް ވެސް އެހީވެދޭ ކަމެކެވެ. އެހެންކަމުން އިޖުތިމާޢީ ގުޅުން ބަދަހިވެގެން ދެއެވެ.
ހުނުމަށް ފުރުސަތު ހުޅުވާނެ ގޮތްތައް:
ހާސްވެ ކަންބޮޑުވެ ރުޅިގަދަވެފައިވާ ހާލަތެއްގައި ހުނުމަކީ ފަސޭހަ ކަމެއް ނޫނެވެ. މިފަދަ ހާލަތްތަކުގައި ހުނުމަށް ފުރުސަތު ހުޅުވާނެ ގޮތްތަކެއް އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. އަމިއްލަ ނަފުސަށް ކުރެވޭކަމަކުން ވެސް ހީލުމަށް ފުރުސަތު ހުޅުވިދާނެއެވެ. އަދި ރައްޓެހިންތަކަކާއެކު ކުރެވޭ ކަމަކުން ވެސް ހީލުމަށް ފުރުސަތު ހޯދިދާނެއެވެ. ހުނުމަށް ފުރުސަތު ހުޅުވާނެ ގޮތްތަކެއް ތިރީގައި އެވަނީއެވެ.
ހުނުމަށް ފުރުސަތު ހުޅުވާނެ ގޮތްތައް:
މަޖާ ފިލްމެއް ނުވަތަ ޓީވީ ޝޯއެއް ބެލުން
ކޮމެޑީ ކްލަބަކަށް ދިއުން
މަޖާ ޕޭޖެސް ކިޔުން
މަޖާކޮށް އުޅޭ މީހުން ހޯދުން
ރައްޓެހިންނާއެކު ހީ ސަކަރާތް ޖެހުން
މަޖާ ވާހަކައެއް ނުވަތަ ރަނގަޅު ޖޯކެއް ހިއްސާކުރުން
ރައްޓެހިންނާއެކު ކުޅިވަރުކުޅޭ ދުވަހެއް ފާހަގަކުރުން
އޮޅުކޮށްގެން ގެންގުޅޭ ބުޅާ ދޫނި ފަދަ އެއްޗިއްސާއެކު ކުޅެއުޅުން
”ޔޯގާ“ ކްލާހެއްގައި ބައިވެރިވުން
ކުޑަކުދިންނާއި ތޮޅެލުން
މޮޔަ ކަމެއް ކޮށްލުން
މަޖާ ކަންތައް ކުރުމަށް ވަގުތު ހޯދުން
