މީލާދީ ސަނަތުން 1623 އާއި 1640ގެ އަހަރު ތަކުގައި، އުސްމާނީ ޚިލާފަތުގެ ޚަލީފާއަކަށް ހުންނެވީ ސުލްޠާން މުރާދު ރާބިޢު (ހަތަރުވަނަ) އެވެ. އުސްމާނީ ޚިލާފަތުގެ ވެރިކަން ކުރަމުން އޭރު ދިޔައީ ތުރުކީ ވިލާތުގައެވެ.  ސިފަބަދަލު ކުރައްވައިގެެން އާންމުންގެ ތެރެއަށް ނިކުމެވަޑައިގެން އުޅުއްވައި އެމީހުންގެ ހާލު އަހުވާލު ބެއްލެވުމަކީ ސުލްޠާން މުރާދު އާދަވެގެން ކޮށްއުޅުއްވި ކަމެކެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ސުލްޠާން މުރާދަށް އާދަޔާ ޚިލާފު އިޙްސާސްތަކެއް ތަޖުރިބާ ކުރައްވަން ޖެހިވަޑައިގެންނެވިއެވެ.   އެއީ ފޫހިފުޅުވެ، ހިތްޕުޅު ނުތަނަވަސް ވާކަހަލަ އިޙްސާސްތަކެކެވެ. އެހެންކަމުން ބޭރަށް ނިކުމެވަޑައިގެން ރަށުތެރެ ބައްލަވާލައްވާ ހިތްޕުޅު ވިއެވެ. މި އުނދަގޫ ފުޅަކީ އޭގެ ކުރިން ދުވަހަކުވެސް ކުރިމަތިވެ ލެއްވި ކަމަކަށް ނުވާތީ ސުލްޠާން މުރާދު ހުންނެވީ ފިކުރުފުޅު ބޮޑުވެފައެވެ. ދެން ސުލްޠާން މުރާދުގެ ސަލާމަތީ ކަންކަމުގައި އެންމެ އިސްކޮށްއުޅުއްވާ ބޭފުޅާއަށް އެ މަނިކުފާނު ބޭރަށް ވަޑައިގަންނަވާ ވާހަކަ އަންގަވައި، އޭގެ ދެބޭފުޅުން ސިފަ ބަދަލު ކުރައްވައިގެން އެކުގައި ބޭރަށް ނިކުމެވަޑައި ގެންނެވިއެވެ.

އެ ދެ ބޭފުޅުންނަށް މަގުމަތީގައި ކާރޫބާރު ވަރަށް ބޮޑު ހަލަބޮލި ހިސާބަކަށް ވަޑައިގެންނެވުނެވެ. އެ ހިސާބުގެ މަގު މަތީގައި މީހަކު ބިންމައްޗަށް ވެއްޓިފައި އޮތް ތަން ސުލްޠާން މުރާދަށް ފެނިވަޑައިގެންނެވިއެވެ. އެއްވެސް މީހަކު އެމީހާއާއި އަޅައެއް ނުލައެވެ. ސުލްޠާން މުރާދު ބިންމަތީގައި އޮތް މީހާގެ ކައިރިއަށް ވަޑައިގެން އެމީހާގެ ގައިގައި އަތްޕުޅު ލައްވައި ބައްލަވާ ލެއްވިއެވެ. އެ ހިނދު އެމީހާ އޮތީ މަރުވެފައިކަން އެނގިވަޑައިގެންނެވިއެވެ. އެ ހިނދު ސުލްޠާން މުރާދު ވަރަށް ބޮޑަށް ހައިރާންފުޅު ވިއެވެ. މަރުވެފައިއޮތް މީހާއާމެދު އެއްވެސް ފަރުވާލެއް ނުބަހައްޓައި މަގުމަތީގައި އުޅޭ މީހުން އެމީހެއްގެ މަސައްކަތުގައި މަސްއޫލުވެ އުޅެމުން ގެންދާތީއެވެ. ދެން ސުލްޠާން މުރާދު ޒާތެއްގެ އަޑުފުޅަކުން ހަޅޭއްފުޅު ލައްވަން ފެއްޓެވުމުން އެތަނަށް މީހުން ޖަމާވެ ސުވާލު ކުރަން ފެށިއެވެ. ތިބާގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ސިފަ ބަދަލު ކުރައްވާފައިވާތީ އެއީ ކޮންބޭފުޅެއް ކަމެއް އެބައި މީހުންނަކަށް ނޭނގެއެވެ. ސުލްޠާން މުރާދު އެމީހުންނާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ. މި މީހާ މިތާ ބިންމަތީގައި މަރުވެފައި އޮތްއިރު އެއްވެސް މީހަކު އަޅާނުލަނީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ޢާއިލާ ކޮބާ ހެއްޔެވެ؟

ސުލްޠާން މުރާދުގެ ސުވާލުތަކަށް އެމީހުން ޖަވާބު ދެމުން ގެންދިޔައެވެ. މަރުވެފައި އޮތް މީހަކީ ރާބޮއި، ޒިނޭކޮށް އުޅެމުންދިޔަ މީހެއްކަމަށާއި އެކަން ނޭނގޭ މީހަކު މި އަވަށުގައި ނޫޅެނެކަމަށް ބުނަމުން ދިޔައެވެ. ސުލްޠާން މުރާދު ވިދާޅުވިއެވެ. މައްސަލައެއް ނެތެވެ. މިއީވެސް އަހަރެމެންގެ އުންމަތުގެ މީހެއް ނޫން ހެއްޔެވެ؟ މި މީހާގެ ގެއަށް މީނާ ގެންދިއުމުގައި އަހަރެންނަށް އެހީތެރިވެ ދޭށެވެ.

ސުލްޠާން މުރާދު އާދޭހާއެކު އެދުނު އެދުމުގެ މަތިން އެތަނުގައި ތިބި މީހުންގެ ތެރެއިން ބަޔަކު މަރުވެފައި އޮތްމީހާ އޭނާގެ ގެއާ ހަމައަށް ގެންދިޔުމުގައި ސުލްޠާާން މުރާދަށް އެހީތެރިވިއެވެ. މަރުވެފައި އޮތް މީހާ އެގެއަށް ވެއްދުމަށްފަހު އެމީހުން އެނބުރި ހިގައްޖެއެވެ. އެ ގޭތެރެއިން މީހަކު ނިކުންނަންދެން ސުލްޠާން މުރާދާއި އެމަނިކުފާނުގެ އެހީތެރިޔާ މަޑުކުރިއެވެ. އިރުކޮޅަކުން އެގެއިން އަންހެނަކު ނިކުމެއްޖެއެވެ. މަރުވެފައިއޮތް މީހާ ފެނުމުން އަޑުން އަޑުނަގައި ރޯން ފެށިއެވެ. އަދި މަރުވެފައި އޮތް މީހާގެ ކައިރީގައި އިށީންދެ ރޮމުން ދުޢާ ކުރަން ފެށިއެވެ.

މާތް ﷲ މިއަޅާގެ ފިރިމީހާގެ މައްޗަށް ރަޙްމަތް ލައްވާށިއެވެ. މިއަޅާގެ ފިރިމީހާއަކީ ޞާލިޙު ހެޔޮލަފާ އަޅުތަކުންގެ ތެރެއިންވާ މީހެއް ކަމަށް މިއަޅާ ހެކިވަމެވެ.

މި މަންޒަރު ފެނިފައި ސުލްޠާން މުރާދަށް ލިބިވަޑައިގެންނެވި ހައިރާންފުޅު ކަމުގެ ބޮޑުކަމުން އަވަސް އަވަހަށް އެ ކަނބުލޭގެއާއި ސުވާލު ކުރެއްވިއެވެ. މީނާ ޞާލިޙު އަޅަކަށްވީ ކީއްވެގެން ހެއްޔެވެ؟ މި އަވަށުގެ ތެރެއިން އަހަރެންނަށް އިވުނު އަޑުތަކާއި ތިޔަ ވާހަކަތަކާއި ދިމައެއް ނުވެއެވެ. މީނާގެ ކަންތައްތައް ހުރި ގޮތުން މަރުވެގެން މަގުމައްޗަށް ވެއްޓިފައި އޮތް އިރުވެސް އަޅާލާނެ މީހަކުވެސް ނުވިއެވެ. އެ ކަނބުލޭގެ ބުންޏެވެ. މިކަންމިވީ ގޮތުން އަޅުގަނޑު ހައިރާނެއް ނުވެއެވެ. އެއީ އަޅުގަނޑުގެ ފިރިމީހާއާއި ބެހޭގޮތުން އަވަށު ތެރޭގައި ފެތުރިފައިވާ ވާހަކަތައް އަޅުގަނޑަށް އެނގޭތީއެވެ. އަޅުގަނޑުގެ ފިރިމީހާ ކޮންމެ ރެއަކުވެސް މި ޝަހަރުގެ ތެރެއަށް ނުކުމެ ސިއްރުން ރަލުގެ ވިޔަފާރި ކުރާ މީހުންގެ ކައިރިއަށްގޮސް ގަނެވެންހުރިއްޔާ ހުރި، ހުރިހާ ރާފުޅިއެއް ގަނެގެން ސިއްރިޔާތުގައި ގެއަށް ގެނެއެވެ. އަދި އެ ރާފުޅިތައް ހުސްކޮށް އުކާލަމުން ގެންދިޔައެވެ. މިކަން ކުރުމަށްފަހު އޭނާ ބުނެއެވެ. މިއަދު އަހަރެންނަށް މުސްލިމް އުންމަތް ސަލާމަތް ކުރުމަށް ކުޑަ ނަމަވެސް ކަމެއް ކުރެވިއްޖެއެވެ. އަޅުގަނޑުގެ ފިރިމީހާއަކީ ސިއްރުން ހަށިވިއްކުމުގެ ވިޔަފާރިކުރާ މީހުންގެ ކައިރިއަށް ވެސް ދާ މީހެކެވެ. އެ މީހުންގެ ކައިރިއަށްދާ ރޭރޭ، އެ މީހުން އެކަމަށް ރެއަކަށް ނަގާ އަދަދަކަށް ފައިސާ ދީފައި އެރޭ އެ ގެތަކުގެ ދޮރު ލައްޕުވައެވެ. އެރޭރޭ ގެއަށް އައިސް ބުނެއެވެ. މިރޭ އަހަރެންނަށް ޒުވާން އަންހެން ކުއްޖަކާއި، މި އުންމަތުގެ ބައެއް ޒުވާން ފިރިހެން ކުދިން ބޮޑުވެގެންވާ ފިތުނަ ފަސާދައަކުން ސަލާމަތް ކުރެވިއްޖެއެވެ. އެހެންވީމާ، މި އަވަށުގެ މީހުންނަށް އަޅުގަނޑުގެ ފިރިމީހާ ފެންނާނީ ރާބޮއި ޒިނޭކުރާ މީހެއްގެ ގޮތުގައި ނޫންތޯއެވެ. އެހެންވީމާ އަޅުގަނޑު، ފިރިމީހާގެ ގާތުގައި ދިޔައީ ބުނަމުންނެވެ. ތިބާ މަރުވުމުން ހިނަވާނެ މީހަކު، ތިބާގެ މައްޗަށް ކަށު ނަމާދުކުރާނެ މީހަކު އަދި ވަޅުލާނެ މީހަކު މި އަވަށަކުން ނުވާނެއެވެ. މިހެން އަޅުގަނޑު ބުނާ ކޮންމެ ފަހަރަކު ފިރިމީހާ ހިނިތުންވެފައި ބުނެއެވެ. ކަންބޮޑު ނުވާށެވެ. އަހަރެންގެ ހިތް ނިޔަތް ﷲ ދެނެވޮޑިގަންނަވާނެއެވެ. އަހަރެމެންގެ ޚަލީފާއާއި މިއުންމަތުގެ ޞާލިޙު އަޅުން އަހަރެންނަށްޓަކައި ނަމާދު ކުރާނެއެވެ.

މިވާހަކަތައް އަޑު އައްސަވާފައި ސުލްޠާން މުރާދަށް ކީރިތި ކުރެއްވުނެވެ. އަދި ވިދާޅުވިއެވެ. ތިބާގެ ޞާލިޙު ފިރިމީހާ އެ ބުނީ ތެދެކެވެ. އޭނާ ﷲގެ ޙަޟްރަތުން އުންމީދުކުރި ގޮތަށް އެކަން މެދުވެރި ކޮށްދެއްވައިފިއެވެ. އަހަރެންނަކީ ސުލްޠާން މުރާދެވެ. މާދަމާ އަހަރެމެން މި ޞާލިޙް އަޅާ ހިނަވައި، ކަފުންކޮށް، މީނާގެ މައްޗަށް ކަށުނަމާދުކޮށް ވަޅުލާނަމެވެ. އާޚިރުގައި ކަންދިމާކުރިގޮތުން މުސްލިމުންގެ ޚަލީފާއާއި، އެތައް ބައިވަރު ޢިލްމުވެރިންނަކާއި، އެތައް ބައިވަރު  ޞާލިޙު މުސްލިމްތަކުންގެ ބައިވެރިވުމާއިއެކު އޭނާގެ ކަށުކަމާކެމީގެ ކަންތައްތައް ނިންމަވައި، ސުލްޠާން މުރާދުގެ ސީދާ ބެއްލެވުމުގެ ދަށުން އޭނާ ވަޅުލައިފިއެވެ.

ޝެއަރކުރެއްވުމަށް