ތިނެއް ނޮވެންބަރުގެ ހަމަލާއަކީ ފަހުގެ ތާރީޚުގައި ދިވެހި ޤައުމަށް ކުރިމަތިވި އެންމެ ބިރުވެރި، އެންމެ ނާމާން އަދި ދިވެހިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޝަހީދުވެގެން ދިޔަ ޢުދުވާނީ ހަމަލާއެވެ. އެދުވަސް ދެކި ތަޖުރިބާ ކުރި ފަރާތްތަކަށް އެއީ ހަނދާން ނައްތާލަން ފަސޭހަ ދުވަހެއް ނޫނެވެ. ނަމަވެސް އޭގެފަހުން އުފަންވެ އެ ދުވަހުގެ އެތަޖުރިބާ ކުރެވިފައިނުވާ މިއަދުގެ ޒުވާން ޖީލަށް އެ ހާދިސާ ކިޔައިދޭން ޖެހެއެވެ. ދީނާއި ޤައުމަށްޓަކައި ފުރާނައިން ޤުރުބާންވި ދިވެހި ސިފައިންގެ މަތިވެރި ޤުރުބާނީ ބުނެދޭން ޖެހެވެ. ޖަހަމުންދިޔަ ވަޒަންތަކާ އެމީހުން ކުރިމަތިލީ ކީއްވެގެންކަން އޮޅުންފިލުވައި ދޭން ޖެހެވެ. ރަޙުމެއްނެތް ލާއިންސާނީ ޓެރަރިސްޓް އުދުވާނެއްގެ ޝިކާރައަކަށްވެ ދިވެހިންގެ ތެރެއިން އެތައް ބަޔަކު ޝަހީދުވެ ދިޔައީ ކީއްވެގެންކަން ކިޔައިދޭން ޖެހެވެ. މި ވާހަކަތައް އަދުގެ ޖީލަށް ކިޔައިދެވޭނެ، ވިސްނައިދެވޭނެ އަދި މިއަދުގެ ޖީލުން ބަލައިގަންނާނެ އެންމެ ރަނގަޅު އެއް ވަސީލަތެއްކަމުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ޤަބޫލުފުޅު ކުރެއްވި ވަސީލަތަކީ ދިވެހި ފިލްމެއްގެ ގޮތުގައި އަދުގެ ޖީލަށް މި މެސެޖްތައް ފޯރުކޮށް ދެއްވުމެވެ. ދިވެހި ފިލްމު ހާދަރަކީ، 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާ އަސްލަކަށް ބަލައިގެން، އެ ޢުދުވާނީ ހަމަލާގައި އެކުލެވިގެންވާ އަސަރާއި ބިރުވެރިކަން އަދި ދިވެހި ސިފައިން އެދުވަހު ދެއްކި ޖެހިލުން ކުޑަކަމާއި ޤައުމީ ވާޖިބު އަދާކުރުމުގައި ދިވެހި ސިފައިން ދައްކުވައިދިން ތެދުވެރި ޤުރުބާނީގެ މައްޗަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން އުފެއްދި ފިލްމެކެވެ.
އެމްއެންޑީއެފްގެ ލީޑަރޝިޕުން ”ހާދަރު“ އުފެއްދުމަށް ނިންމެވުމާއެކު މި ފިލްމަކީ ބޭނުންވާ މަޤްޞަދު ހާސިލުކުރެވޭނެ ފެންވަރު ރަނގަޅު ފިލްމަކަށް ހެދުމަށް ސިފައިންވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. ރަސްމީ ޑިއުޓީތައް އަދާކުރަމުން ކޮންމެ ސިފައިންގެ މީހަކުވެސް އެމީހަކާ ހަވާލުކުރި މި ފިލްމުގެ ކޮންމެ މަސައްކަތެއް ވެސް ކޮށްފައިވަނީ ޤައުމަށް ކޮށްދެވޭ ޚިދުމަތެއް ކަމަށް ބަލައިގެންނެވެ. މި ފިލްމަކީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމުގެ ޚިޔާލުފުޅަކަށް މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަޙީދު ސިފައިންނަށް ލިޔެ ދެއްވި ވާހަކައެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. ފިލްމު ޑައިރެކްޓް ކޮށްދެއްވާފައިވަނީ ޓެލެޑްރާމާ މުބާރާތްތަކުން ސިފައިންނަށް ރަން ވަނަތަކެއް ހޯއްދަވައިދެއްވި ޑައިރެކްޓަރ އަޝްހަރު ވަޙީދެވެ. އެސިސްޓެންޑް ޑައިރެކްޓަރަކީ ސްޓާފް ސާރޖަންޓް ނަޞްރުﷲ ނަޢީމެވެ. މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިންނެވެ. ސިފައިންގެ ބަޖެޓުން އެއްވެސް ހޭދައެއް ނުކޮށް، ސިފްކޯ އިން މި ފިލްމު އުފެއްދީ ފިލްމުގެ ސްޕޮންސަރުން ކަމުގައިވާ އެސްޓީއޯ އާއި އެލައިޑް އިންޝުއަރެންސް އަދި އުރީދޫއާއި ހެޔޮއެދޭ ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިގެންނެވެ. ހާދަރު ގެ މާނަ އަކީ ”އަހަރެން“ އެވެ. މި ފިލްމަށް މި ނަން ދީފައި ވަނީ ޤައުމުގެ ސަލާމަތާއި ރައްކާތެރި ކަމަކީ ހަމަ ކޮންމެ ދިވެހި ފަރުދެއްގެ ޒިންމާ އަކަށް ވާތީއެވެ. އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތުގެ ކުރިއަށް މި ލޮބުވެތި ޤައުމު އިސްކުރަން ޖެހޭތީއެވެ. މިއީ ސައްތައިން ސައްތަ ދިވެހި ސިފައިންގެ، ދިވެހި އުފެއްދުމެކެވެ.
ހާދަރު ފިލްމު ލޯންޗް ކުރީ 122 ވަނަ ސިފައިންގެ ދުވަހާ ގުޅިގެން 2014 ސެޕްޓެމްބަރު 06 ދުވަހުގެ ރޭ ބޭއްވި “ސިފަ އުފާ” ޝޯ ގައެވެ. މި ފިލްމުގެ ޝޫޓިންގ ފަށާފައި ވަނީ 2015 ސެޕްޓެމްބަރު 16 ވަނަ ދުވަހު އެވެ. ދިވެހި ސިފައިން އުފެއްދި ފުރަތަމަ ފީޗާ ފިލުމް ޕްރިމިއާ ކޮށްދެއްވީ 2016 ޖުލައި 16 ވަނަ ދުވަހުގެރޭ އޮލިމްޕަސް ސިނަމާގައި އެކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީވެރިޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ.
”ހާދަރު“ ފެށިގެން ދަނީ ހދ. ކުޅުދުއްފުށީގެ ވަރަށް އާދައިގެ ދެމަފިރިއަކަށް ލިބިފައިވާ ދެ ފިރިހެން ކުދިންގެ ކުޑައިރުގެ ދުވަސްތައް ދައްކައިދެމުންނެވެ. އެއީ އެއްބަޑު އެއްބަފާ ދެކުދިންކަމަށް ވިޔަސް އެ ދެކުދިންނަކީ ކަންތައްތަކާމެދު ވިސްނާ ގޮތާއި އުންމީދުތައް ވަރަށް ތަފާތު ދެކުދިންނެވެ. އެ ދެކުދިންގެ މައިންބަފައިންގެ ރޯލް ކުޅެފައިވަނީ ކުރިން ސިފައިން ކުޅެފައިވާ ޓެލެޑްރާމާތަކާއި ރޭޑިއޯ ޑްރާމާތަކުން ސިފައިންގެއަށް ރަން ވަނަތަކެއް ހޯދައިދީފައިވާ ސްޓާފް ސާރޖަންޓް މުޙައްމަދު ސަޢީދު (ސނ:2132) އާއި ސާރޖަންޓް އީނާސް ޙުސައިން (ސނ: 1721) އެވެ.
ފިލްމުގައި ޙުސައިން އަކީ ތެދުވެރި، ދީނީ ކަންތައްތަކަށް ސަމާލުކަންދޭ، އޭނާގެ ކާފަ ފަދައިން ސިފައިންގެ މީހަކަށްވުމުގެ ހުވަފެން ދެކެމުންދިޔަ ކުއްޖެކެވެ. ނަމަވެސް އޭނާގެ ދޮންބެ، ރަޝީދަކީ އަބަދުވެސް ބޮޑު މުއްސަންޖަކަށް ވުމުގެ ހުވަފެން ދެކެމުންދިޔަ ކުއްޖެކެވެ. ފިލްމުގައި ޙުސައިން ބޭނުންވިގޮތަށް އޭނާ ސިފައިންގެ މީހަކަށްވެއެވެ. އޭގެފަހުން ޒަވާޖީ ޙަޔާތެއް ފަށައި އޭނާއަށް ކުއްޖަކު ލިބެއެވެ. ހާދަރުގެ ބަޠަލް، ޙުސައިންގެ ބައި ކުޅެފައިވަނީ ކޯޕްރަލް މުޙައްމަދު ޝަހުމެވެ. އޭނާގެ ޙަޔާތުގެ ބައިވެރިޔާގެ ގޮތުގައި ފިލުމުން ފެނިގެންދަނީ ޕްރައިވެޓް ޝާއިޤާ ޙުސައިނެވެ. ރަޝީދުގެ ބައި ކުޅެފައިވަނީ ލާންސް ކޯޕްރަލް ފަސީޙް މުޙައްމަދެވެ. ޙުސައިންގެ ކުޑައިރުގެ މަންޒަރުތައް ކުޅެފައިވަނީ އަނޫފް އަޙްމަދު ސަލީމެވެ. ރަޝީދުގެ ކުޑައިރުގެ މަންޒަރުތައް ކުޅެފައިވަނީ މާތިޙް މުޙައްމަދު ޝަކީބެވެ.
މަސާޖްޕާލާތަކާއި ޑްރަގުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގަމުންދާ ވިޔަފާރިވެރިއެއް ކަމަށްވާ ނިޔާޒު (ނިޔައްޓޭ) އާއި އޭނާގެ ގްރޫޕުން ބޭނުންވާ މަޤްޞަދުތަކެއް ހާސިލުކުރުމަށް ފައިސާގެ ދަޅަ ދައްކައި އޮޅުވާލައިގެން އެމީހުންގެ މީހަކަށް ރަޝީދު ހަދައެވެ. އަދި އޭނާގެ ކޮއްކޮ ޙުސައިން ހައްލާލުމަށް ރަޝީދު މެދުވެރިކޮށް، ދުރާލައި ރާވައިގެން މަސައްކަތްތަކެއް ކުރެއެވެ. އެކަމަކު އެމީހުންނަށް އެކަމެއް ކާމިޔާބެއް ނުކުރެވެއެވެ. ފިލްމުގެ ވިލަންއެއްގެ ރޯލް ކުޅެފައިވަނީ ސާރޖަންޓް ފަސްޓް ކްލާސް މުޙައްމަދު ސަޢީދެވެ. އޭނާގެ އެންމެގާތް އަދި ވިޔަފާރީގެ ބައިވެރިއެއްގެ ބައި ކުޅެފައިވަނީ ލާންސް ކޯޕްރަލް ޢަބްދުލް ޙަމީދެވެ.
ޑިއުޓީ ޓާމެއްގައި ކޯޕްރަލް ޙުސައިން ތުލުސްދޫ ޕޯސްޓަށް ދެއެވެ. އެރަށަށް ދާތަނުން އެރަށު ހޮސްޕިޓަލުގެ ނަރުހެއްކަމަށްވާ ސަދާއާ ޙުސައިންނާ ދެމެދު ގާތް ގުޅުމެއް އުފެދެއެވެ. ފިލްމުގައި ސަދާގެ ރޯލް ކުޅެފައިވަނީ ކޯޕްރަލް ޝަބާނާ މުޙައްމަދެވެ. އެހެންނަމަވެސް ޙުސައިން ފެންނަނީ އޭނާގެ ޙަޔާތުގެ ބައިވެރިޔާއަށް ވަފާތެރި ފިރިއެއްގެ ގޮތުގައެވެ.
ދިވެހިރާއްޖޭގެ ޤާނޫނީ ސަރުކާރު ވައްޓާލައި، ރާއްޖޭގެ ވެރިކަން ހޯދުމަށް ނިޔައްޓޭގެ ގްރޫޕުން ބޭރުގެ ހަތިޔާރުއެޅި ޖަމާޢަތާ ގުޅިގެން ރާއްޖެއަށްދޭ ޓެރަރިސްޓް ހަމަލާގައި ފުރަތަމަ ހަމަލާދޭތަން ފެންނަނީ އެމްއެންޑީއެފް ތުލުސްދޫ ޕޯސްޓަށެވެ. ބޭރުން ގެންނަ ޓެރަރިސްޓުންގެ އިސް މީހެއްގެ ރޯލް ކުޅެފައިވަނީ ލާންސް ކޯޕްރަލް އަނަސް ޒަކީއެވެ. ދުޝްމަނުންނާއި ސިފައިންނާ ދެމެދު ހިނގާ ކުރިމަތިލުންތަކުގައި ޤާނޫނީ ވާޖިބު އިސްކޮށް، އޭނާ ނުހަނު ލޯބިވާ ދޮންބެގެ ގަޔަށް ޙުސައިން ފިސްތޯލަ ޖަހާ މަރާލާތީ ފެނެއެވެ. އަދި ޤައުމުގެ ދިފާޢުގައި އާދަޔާ ޚިލާފު ހިތްވަރަކާއި ޢަޒުމެއް އޭނާ ސާބިތުކޮށްދެއެވެ. ޙުސައިންގެ ހިތްވަރުގަދަ އަދި ޖެހިލުންކުޑަ ޤައުމީ ޚިދުމަތާއި ޤުރުބާނީގެ ސަބަބުން ސިފައިންގެ އިތުރު ބާރުތަކަށް ތުލުސްދޫ ހެޑްކްއޯޓާރޒް ދިފާޢު ކުރުމަށް އަންނާނެ ފުރުސަތު ހޯދައިދެއެވެ. ދުޝްމަނުންގެ ހަމަލާތަކުން ވަޒަން އަރައި ކޯޕްރަލް ޙުސައިން، ޝަހީދުވެގެންދާ މަންޒަރު ބަލަންއިންއިރު، ސިފަވަމުންދަނީ ތިނެއް ނޮވެންބަރުގެ ޢުދުވާނީ ހަމަލާގައި ޝަހީދު ޙުސައިން އާދަމް ޝަހީދުވެގެން ދިޔަ ގޮތެވެ. ފިލްމުގައި ޙުސައިން ޝަހީދުވިޔަސް، ނަޞްރާއި ފަތަޙަ ލިބެނީ ސިފައިންނަށެވެ. ފިލްމުގައި ޒަމާނީ ޓެކްނޮލޮޖީއާއެކު ޕްރޮފެޝަނަލް ކަމާއެކު ސިފައިން އަސްކަރީ އޮޕަރޭޝަން ހިންގާ މަންޒަރު ވަރަށް ރަނގަޅަށް ދައްކައިދީފައިވެއެވެ.
ޝަހީދު ކޯޕްރަލް ޙުސައިން ރަސްމީ ޢިއްޒަތުގައި ފަސްދާނުލާތަން ފެންނަނީ އޭނާގެ އުފަންރަށް ކުޅުދުއްފުށީގައެވެ. އަދި ޝަހީދު ކޯޕްރަލް ޙުސައިން އާއި އެ ޢުދުވާނުގައި ޝަހީދުވި ޝަހީދުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ޚިދުމަތުގެ ޝަރަފާއި ޝަރަފުގެ ނިޝާންތަކާ ޙަވާލުވާތަން ފެންނަނީ، ޖަނާޒާގައި ޙުސައިންގެ ސަންދޯކުގެ މަތީގައި އަޅާފައި އޮތް ޤައުމީ ދިދަ އާ ވެސް ޙަވާލުވި އޭނާގެ ތުއްތު ދަރިފުޅެވެ. ބައްޕައަށް ލިބުނު ޝަރަފުގެ ނިޝާންތަކުގެ ތެރެއިން ޖިހާދުގެ ރަން މެޑެލް އެ ތުއްތު ދަރިފުޅު މުށަށްލައި ލައްޕާ އަސަރުގަދަ މަންޒަރާއެކު ފިލްމު ނިމިގެންދެއެވެ.
މި ފިލްމު ދިވެހި ސިފައިން އުފެއްދީ، ޤައުމީ ސަލާމަތާއި ޤައުމުގެ އިސްތިޤުލާލާއި ސިޔާދަތު ހިމާޔަތްކޮށް މިނިވަންކަން ދިފާޢުކުރުމުގައި ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ފަރުދީ ޒިންމާއެއް އޮތްކަން ހަދާންކޮށްދީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދު ގައެވެ. ޤައުމަށް ދެރައެއް ނުވަތަ ގެއްލުމެއް ވާނެ އެއްވެސް ކަމެއް އެއްވެސް ދިވެހި ދަރިއަކު ނުކުރުމަށާއި އެފަދަ ކަންތައްތަކުން ހުރިހާ ނިކަމެތިކަމެއް ލިބިގެންދަނީ ޚުދު އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ކަން ހަނދާންކޮށްދީ ވިސްނައި ދިނުމަށެވެ. ޤައުމުގެ ދިފާޢުގައި ދިވެހި ސިފައިން އަބަދުވެސް ކެރިގެން ނިކުންނާނެ ކަމާއި، ދިވެހި ސިފައިންނަކީ އެ ހިތްވަރާއި އެ ޢަޒުމް ހުރި ބައެއްކަން ބަޔާންކޮށްދިނުމަށެވެ.
ތިން ގަޑިއިރެއްހާއިރުގެ މި ފިލްމު ނިމުމުން މި ފިލްމުން ސިފައިން މިއަދުގެ މުޖުތަމަޢަށް ދޭން ބޭނުންވި މެސެޖް ވަރަށް ރަނގަޅަށް ޑައިރެކްޓަރ އަޝްހަރު ވަޙީދާއި ޕްރޮޑަކްޝަން ޓީމުން މިވަނީ ދެއްވާފައޭ އަޅުގަނޑުގެ ހިތަށް އެރިއެވެ.
