ހިޖުރައިން 2 ވަނަ އަހަރު ކުރެވުނު ބަދުރު ހަނގުރާމައަކީ މުޝްރިކުންނާއި މުސްލިމުންނާ ދެމެދު ކުރެވުނު ފުރަތަމަ ހަނގުރާމައެވެ. ވަރުގަދަ އީމާންކަމެއް ހިތުގައި ބިންވަޅު ނެގިފައިވާ 313 ޞަޙާބީންގެ ކުޑަކުޑަ ލަޝްކަރާއި މުޝްރިކުންގެ 1000 ހަނގުރާމަވެރީންނާ ކުރެވުނު މި ހަނގުރާމައަކީ އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ ޢިބުރަތުން ފުރިގެންވާ ހަނގުރާމަ އެކެވެ. މި ހަނގުރާމައިގައި މުޝްރިކުންގެ 70 މީހުން ޤަތުލުވެގެން ދިޔައިރު މުސްލިމުންގެ ލަޝްކަރުން ޝަހީދުވީ 14 ބޭކަލުނެވެ. ޚާލިދު ބިން ވަލީދުގެ ތިމާގެ ބޭކަލުންގެ ތެރެއިން 17 ބޭކަލުން ވަނީ ބަދުރު ހަނގުރާމާގައި ޤަތުލުވެގެން ގޮސްފައެވެ.

މި ހަނގުރާމައިގައި އެންމެ ފާހަގަކޮށްލެވިގެން ދިޔަ މުސްލިމް ދެ ފަހުލަވާނުންނަކީ ޢަލީގެފާނާއި ޙަމްޒަތުގެފާނެވެ. ޢަލީގެފާނު ވަނީ ބަދުރުހަނގުރާމައިގައި 18 މުޝްރިކުން ޤަތުލުކޮށް އިތުރު 4 މުޝްރިކުން ޤަތުލުކޮށްލުމުގައި ބައިވެރިވެފައެވެ. އަދި ޙަމްޒަތުގެފާނު ވަނީ މުޝްރިކުންގެ 4 މީހުން ޤަތުލުކޮށްލާ އިތުރު 4 މީހުން ޤަތުލުކުރުމުގައި ޢަލީގެފާނާއިއެކު ބައިވެރިވެފައެވެ.

       މި މަޝްހޫރު ހަނގުރާމަ ހިނގިތާ ދެ ދުވަސް ފަހުން އޭރު މުޝްރިކެއްގެ ގޮތުގައި ހުރި އަބޫސުފްޔާން ޤުރައިޝުންގެ އިސް ލީޑަރުންނާއެކު ބޮޑު ބައްދަލުވުމެއް ބޭއްވިއެވެ. މި ލީޑަރުންގެ ތެރޭގައި އެމީހުންގެ ގާތް އަޚެއް މަރުނުވާ ހަމަ އެކަކުވެސް ނެތެވެ. ބައެއްމީހުންގެ ބައްޕަ ނުވަތަ ދަރިފުޅު ހަނގުރާމައިގައި ޤަތުލުވިއިރު އަނެއްބައިމީހުންގެ ބޭބެ ނުވަތަ ބޮޑުބޭބެ ވަނީ ޤަތުލުވެގެން ގޮސްފައެވެ. ޤުރައިޝުންގެ ލީޑަރުންގެ މިބައްދަލުވުމުގައި އެންމެ ނަގާ ކިޔާ ބޭކަލުންގެ ތެރޭގައި އަބޫޖަހުލުގެ ދަރިކަލުން އިކްރިމާ އާއި ޞަފްވާން ބިން އުމައްޔާ ހިމެނެއެވެ. އިކްރިމާގެ ބަފާކަލުންވެސް ބަދުރު ހަނގުރާމައިގައި ވަނީ ޤަތުލުވެފައެވެ. އަދި އަބޫސުފްޔާންގެ ދަރިކަލުންވެސް މި ހަނގުރާމާގައި ޤަތުލުކުރެވުނެވެ. އެހެންކަމުން މުސްލިމުންގެ ކިބައިން ބަދަލުހިފުމުގެ ރޫޙު ޤުރައިޝުންގެ ތެރޭގައި އޮތީ އިންތިހާ ދަރަޖައަކަށެވެ. އަދި މުސްލިމުންގެ ކިބައިން ބަދަލުހިފުމަށް މި ބައްދަލުވުމުގައި ބައިޢަތު ހިފިއެވެ. މިކަމަށްޓަކައި މީގެކުރިން ދުވަހަކުވެސް އެކުލަވައިލައިފައި ނުވާވަރުގެ ވަރުގަދަ ލަޝްކަރެއް އެކުލަވައިލުމަށްޓަކައި އެހެނިހެން ޤަބީލާތަކަށްވެސް ހަނގުރާމައިގައި ބައިވެރިވުމަށް ދަޢުވަތުދޭން ފާސްކުރިއެވެ. އަދި އަބޫސުފްޔާނަކީ ޤުރައިޝުންގެ ލަޝްކަރުގެ ކޮމާންޑަރ ކަމުގައި ހަމަޖެއްސިއެވެ. ހަނގުރާމައަށް ދިއުމުގެ ކުރިން އަބޫސުފްޔާން ދެ ޚިޔާލެއް ހުށަހެޅުއްވިއެެވެ. ފުރަތަމަ ޚިޔާލަކީ، އެއްވެސް މީހަކު ބަދުރުގެ މައިދާނުގައި ޤަތުލުވީ އެމީހުންގެ އަޚުންނަށްޓަކައި ހިތާމަކޮށް ރޮއެހަދައިގެން ނުވާނެއެވެ. އަބޫސުފްޔާނުގެ މި ޚިޔާލުގެ ފަހަތުގައިވާ ފަލްސަފާއަކީ، ހިތާމަކޮށް ރޮއެ ހެދުމުން އެމީހުންގެ ހިތްތަކުގައިވާ ނަފްރަތާއި ރުޅިވެރިކަމާއި ހިތްދަތިކަން ފަނޑުވެގެންގޮސް ނަފްސު ބަލިކަށިވެގެން ހިނގައިދާނެއެވެ. އަބޫސުފްޔާންގެ ވިސްނުމަކީ، ހިތާމަޔާއި ހިތްދަތިކަމުގެ ހިތިރަހައާއި ހިތް ތަކުގައިވާ ނަފްރަތު ހަނގުރާމައަށް ދާއިރު ވެސް ފިލައިނުދިއުމާއި، ބަދަލުހިފުމުގެ ރޫޙު އޭގެ އެންމެ އުހުގައި ހުރުމެވެ. މި ޚިޔާލަށް ގިނަބަޔަކު ތާޢީދުކުރިއެވެ. އަބޫސުފްޔާނުގެ ދެވަނަ ޚިޔާލަކީ، ބަދުރު ހަނގުރާމައިގައި ރަހީނުވި އެ މީހުންގެ ގާތް މީހުން ފިދްޔަ ދިނުމަށްފަހު ސަލާމަތްކުރަން މަސައްކަތް ނުކުރުމެވެ. ސަބަބަކީ، އެހާ އަވަހަށް އެކަމާއުޅެފިނަމަ މުސްލިމުން ފިދްޔައިގެ އަގު މަތިކޮށްފާނެތީއެވެ. ނަމަވެސް މި ނިންމުމަށް ގިނަބަޔަކު ތިބީ ޢަމަލުކުރާ ގޮތަކަށްނޫނެވެ. އެހެންކަމުން، މުޝްރިކުން އެމީހުންގެ ގާތް އަޚުން ފިދްޔަ ދިނުމަށްފަހު ސަލާމަތްކުރިއެވެ. އޭރު ފިދްޔައިގެ ގޮތުގައި ހުށަހެޅީ 4000 ދިރުހަމް އާއި 1000 ދިރުހަމާ ދެމެދުގެ އެގެކެވެ. ފިދްޔާގެ ދަށްމިންވަރު ވެސް ދެވެންނެތްވަރުގެ ނިކަމެތީންނަށް މިނިވަންވުމަށްޓަކައި އޮތް ފިދްޔައަކީ މުސްލިމުންގެ ކުޑަކުދީންގެ ތެރެއިން ކަނޑައެޅޭ ޢަދަދެއްގެ ބަޔަކަށް ލިޔަންކިޔަން ދަސްކޮށްދިނުމެވެ. ބައެއް އަސީރުން، އެއްވެސް ފިދްޔައެއް ދިނުމަކާއިނުލައި، ނަމަވެސް ދުވަހަކުވެސް މުސްލިމުންނާ ދެކޮޅަށް ހަތިޔާރު ނުއުފުލުމަށް ޝަރުތު ކުރުމަށްފަހު ދޫކޮށްލިއެވެ. ހަނގުރާމައިގެ އަސީރުން މިނިވަންކުރުމަށް މަޝްވަރާކުރުމަށް ދިޔައީ އިކްރިމާ ބިން އަބޫޖަހުލު، ޚާލިދު ބިން ވަލީދު އަދި ޚާލިދުގެފާނުގެ ބޭބޭފުޅު ހިޝާމްއެވެ. ޚާލިދުގެފާނުގެ ބޭބޭފުޅު ވަލީދު މިނިވަން ކުރެއްވުމަށްޓަކައި ޚާލިދުގެފާނާއި ހިޝާމް އެދުމުން ފިދްޔައެއްގެ ގޮތުގައި 4000 ދިރުހަމް ހުށަހެޅުމުން ހިޝާމް އެ ޢަދަދު ކުޑަކޮށްދިނުމަށް އެދުމުން ޚާލިދުގެފާނު އެކަމާއި ދެކޮޅުހައްދަވައި 4000 ދިރުހަމް ހަމައަށް ދެއްވައި ވަލީދު މިނިވަން ކުރެއްވިއެވެ. އެއަށްފަހު ވަލީދު މައްކާއަށް ދިއުމުގެދަތުރުގެ ތެރެއިން ފިއްލަވައިގެން ވަޑައިގެން މުޙައްމަދު صلى الله عليه وسلم އާ ބައްދަލުކުރައްވައި އިސްލާމްދީނަށް ވެންނެވިއެވެ. އިސްލާމްދީނަށް ވެންނެވިނަމަވެސް ޚާލިދުގެފާނާ ދެމެދު އޮންނަ ލޯތްބާއި ގުޅުމަކަށް ބަދަލެއްނާދެއެވެ.

       ޤުރައިޝުންގެ ބޮޑުންގެ ބައްދަލުވުމުގައި އުޙުދު ހަނގުރާމަ ކުރުމުގެ އެންމެ މުހިންމު ސަބަބެއްކަމުގައި ބަދަލުހިފުން ވީނަމަވެސް، އިޤްތިޞާދީ ސަބަބުތަކެއް ވެސް މިކަމުގައި އެކުލެވިގެންވެއެވެ. ސީރިޔާއާއި ފަލަސްޠީނަށް ދާން އޮންނަ ވިޔަފާރި ދަތުރުތަކުގެ މައި މަގު ބަދުރު ހަނގުރާމައަށްފަހު އޮތީ މުސްލިމުންގެ ބާރުގެ ދަށުގައިކަމުން އެމަގު ޤުރައިޝުންނަށް ހުޅުވާލުމަކީ ވެސް ހަނގުރާމައިގެ މަޤުޞަދެކެވެ. މިމަގު މުސްލިމުންގެ ބާރުގެ ދަށުގައި އޮތުމުން، އިޤްތިޞާދީގޮތުން ވަރަށްބޮޑު ދަތިތަކާއި މުޝްރިކުން ކުރިމަތިލާންޖެހުނެވެ. މިގޮތުން ސޮފްވާން ބިން އުމައްޔާގެ ވިޔަފާރި ޤާފިލާވެސް މުސްލިމުން އަތުލައިގަތެވެ. އެހެންކަމުން، ޤުރައިޝުންގެ އިޤްތިޞާދީ ފާގަތިކަން ބިނާވެގެންވަނީ ސީރިއާއާއިއެކު ބާއްވާ ވިޔަފާރީގެ ގުޅުމަށްކަމުން، އަސްތަކާއި ހަތިޔާރުތައް ތައްޔާރުކޮށް ވަރަށް ފުރިހަމައަށް މިހަނގުރާމައަށް މުޝްރިކުން ތައްޔާރުވިއެވެ.

       މީލާދީން 625 ވަނައަހަރުގެ މާޗު މަހުގެ ކުރީކޮޅު، މުޝްރިކުންގެ ލަޝްކަރު މައްކާއަށް ޖަމާވާންފެށިއެވެ. މި ޚަބަރު އިބްނި އައްބާސް، ރަސޫލާ صلى الله عليه وسلم އަށް ދެއްވިއެވެ. މާޗު މަހުގެ ދެވަނަ ހަފުތާގައި 3000 މީހުންގެ ލަޝްކަރަކާއެކު މުޝްރިކުން މައްކާއިން ދަތުރުފެށިއެވެ. މި ލަޝްކަރާއެކު، ހަނގުރާމަވެރީންގެ ޖޯޝް އިތުރުކޮށް ނަފްރަތުގެ ޝުޢޫރުތަކާއި ބަދަލުހިފުމުގެ ރޫޙު އާލާކުރުމުގެ ގޮތުން ލަވައާއި ޅެން ކިޔާނެ 15 އަންހެންކަނބަލުން ވެސް ދިޔައެވެ. މި ގުރޫޕްގެ ލީޑަރަކަށް ހުރީ ހިންދެވެ. މީގެ އިތުރުން އިކްރިމާގެ އަނބިކަނބަލުންނާއި، އަމްރު ބުނުލް ޢާސް ގެ އަނބިކަނބަލުންނާއި، ޚާލިދުގެފާނުގެ ކޮއްކޯފުޅުވެސް ހުންނެވިއެވެ. 

       މަދީނާއާއި ދިމާލަށް ދަތުރުކުރަމުން ޖުބައިރު ބިން މުތުޢިމް އޭނާގެ އަޅަކާއި ދިމާލަށް ބުންޏެވެ. ”ބަދުރުގެ މައިދާނުގައި ޤަތުލުކުރެވުނު އަހަރެންގެ ބޮޑުބޭބެގެ މަރުގެ ބަދަލުގެ ގޮތުގައި ޙަމްޒަތުގެފާނު މަރާލައިފިނަމަ އަހަރެން ކަލޭ މިނިވަންކުރާހުށީމެވެ.“ ހަބުޝްކަރައިގެ މި އަޅު މީހާއަކީ ހަށިގަނޑުން ބިޔަ ކުޅަދާނަ ހަނގުރާމަވެރިއެކެވެ. އަދި ހިންދުވެސް މި އަޅުމީހާ އެކަމަނާގެ ބައްޕަގެ މަރުގެ ބަދަލެއްގެ ގޮތުގައި ޙަމްޒަތުގެފާނު މަރާލައިފިނަމަ އެކަމަނާ އަޅައިގެންހުރި ހުރިހާ ގަހަނާތަކެއް އޭނާއަށް ހަދިޔާ ކުރާނެ ކަމުގައި ބުންޏެވެ. ވުމާއެކު، މިއަޅުމީހާ އެ ތަކެއްޗަށް ނުހަނު ދަހިވެތިވެހުއްޓެވެ.

       ޤުރައިޝުން ހަނގުރާމައަށް ދަތުރަށް ފުރުމުގެ ކުރީއްސުރެ އޭރު މައްކާގައި ހުންނެވި ޢައްބާސްގެފާނުންގެ ފަރާތްޕުޅުން މުޝްރިކުންގެ ލަޝްކަރުގެ މަޢުލޫމާތު ރަސޫލާ صلى الله عليه وسلم އަށް ދިޔައީ ލިބިވަޑައިގަންނަވަމުންނެވެ. އަދި އެކުވެރި ޤަބީލާތަކުންވެސް މަޢުލޫމާތު ލިބިވަޑައިގަންނަވަމުން ދިޔައެވެ. މާޗު 20 ވަނަދުވަހު މުޝްރިކުންގެ ލަޝްކަރު މަދީނާގެ ރަށްބޭރުގައި އުޙުދު ފަރުބަދައިގެ ހުޅަނގުގައި ފޭލިގެޖެހިއެވެ. މުސްލިމުން 1000 މީހުންގެ ލަޝްކަރަކައިގެން މާޗު 21 ވަނަދުވަހު މަދީނާއިން ނުކުތެވެ. އަނެއްދުވަހު ހެނދުނު ޢަބްދުﷲ ބުނު އުބައްޔުގެ ލީޑަރޝިޕްގެ ދަށުން 300 މުނާފިޤުން ފާޅުވެ މަދީނާގެ ބޭރުގައި ހަނގުރާމަކޮށް ކާމިޔާބުވުމުގެ އެއްވެސް ފުރުޞަތެއް ނެތޭ ބުނެ އެނބުރި މަދީނާއަށް ދިޔައެވެ. އެހެންކަމުން މުސްލިމުންގެ ލަޝްކަރުގެ ޢަދަދު 700 އަށް ތިރިވިއެވެ. ރަސޫލާ صلى الله عليه وسلم ގެ ވެސް ވިސްނުންފުޅު ހުރީ މަދީނާގައި ތިއްބަވައިގެން މުޝްރިކުންނާ ކުރިމަތިލެއްވުމަވެ. ނަމަވެސް، ގިނަ މުސްލިމުންގެ ޚިޔާލަށް ތަބަޢަވުމުގެ ގޮތުން އެގޮތަށް ނިންމެވީއެވެ.

       އެކަލޭގެފާނު ލަޝްކަރާއިގެން އުޙުދު ފަރުބަދައިގެ ކައިރިއަށް ވަޑައިގެން ލަޝްކަރު ތަރުތީބުކުރައްވައި ރުކުރުވާލެއްވިއެވެ. އުޙުދު ފަރުބަދައަކީ މަދީނާގެ ރަށްބޭރުން 4 މޭލު އުތުރުގައި އޮންނަ 1000 ފޫޓް އުސް، 5 މޭލު ފުޅާ ފަރުބަދައެކެވެ. މުސްލިމުންގެ ލަޝްކަރު 3000 ޔާޑުގެ ފުޅާމިނުގައި ރުކުރުވައިލީ މަތިންތިރިޔަށް އޮތް ކަތި ބިމުގައެވެ. ކަތިބިމުގެ ނިމޭހިސާބަށް ލަޝްކަރު ރުކުރުވާލުމަށްފަހު ލަޝްކަރުގެ ވާތުފިޔަ 500 ފޫޓް ދިގުމިނުގައި ފަރުބަދައިގެ އައިނައިންއޭ ކިޔުނު ތިރި ބިމުގައި ރުކުރުވާލިއެވެ (އަކްރަމް، 2009).

ބަދުރު ހަނގުރާމައިންނާއި އުޙުދު ހަނގުރާމައިގެ ތައްޔާރީތަކުން ލިބިދޭ ފިލާވަޅުތައް

•      ހިތާމަކޮށް ރޮއެ ހެދުމުގެ ސަބަބުން ނަފްސާނީގޮތުން މީހާ ބަލިކަށިވެގެން ހިނގައިދާނެކަމަށްޓަކައި، އުޙުދު ހަނގުރާމައިގެ މުޝްރިކުންގެ ކޮމާންޑަރ އަބޫސުފްޔާން އޭނާގެ ލަޝްކަރަށް ބާރުއެޅުއްވީ ބަދުރު ހަނގުރާމައިން ލިބުނު ނާކާމިޔާބީގެ ހިތިރަހަ ކަރުތެރޭގައި ނުފިލާ ބެހެއްޓުމަށްޓަކައި އެއްވެސް މީހަކު ބަދުރުގެ މައިދާނުގައި ޤަތުލުވެދިޔަ އެމީހުންގެ ގާތްތިމާގެ މީހުންނާއި އަޚުންނަށްޓަކައި ރޮއި ނުހެދުމަށެވެ. މިކަމުގެ ބޭނުމަކީ، އެމީހުންގެ އަޚުންގެ ވަކިވެދިއުމުގެ ބަދަލު ހިފުމަށްޓަކައި ހަނގުރާމައާއި ކުރިމަތިލާއިރު ލަޝްކަރު ޖޯޝާއި ރޫޙު އެންމެ މަތީ ދަރަޖައިގައި ދެމެހެއްޓުމެވެ.

ފިދްޔަ ދިނުމުގައި ނަބިއްޔާ މުޙައްމަދު صلى الله عليه وسلم މުޝްރިކުންނަށް ވަރަށްބޮޑެތި ލުއިފަސޭހަތައް ދެއްވިއެވެ. އަސީރުންގެ ފިދްޔައެއްގެ ގޮތުގައި މުސްލިމް ކުޑަކުދީންނަށް ލިޔަންކިޔަން ދަސްކޮށްދިނުން ޝަރުތުކުރެއްވުމުން އެނގިގެންދަނީ އިސްލާމީ ދައުލަތުގެ ބިންގާ އެޅިގެންދިޔަ ދުވަސްވަރު، އުނގެނުމަށް ނުހަނު ބޮޑު އަހަންމިއްޔަތެއް ދެއްވާފައިވާކަމެވެ. އަދި، ދައުލަތެއް ވިޔަސް، ޖަމާޢަތެއް ވިޔަސް ބިންގާ އެޅިގެންދާންޖެހޭނީ ޢިލްމުގެ މަތީގައިކަން މިކަމުން ދޭހަކޮށްދެއެވެ. އަދި މަޢާފު ދިނުމުގެ ރިވެތި އުޞޫލު މާތް ނަބިއްޔާ ގެންގުޅުއްވިއެވެ. އެހެންކަމުން، މަޢާފު ދިނުމަކީ އިސްލާމީ ރިވެތި އުޞޫލުތަކުގެ ތެރެއިން ވަރަށް ބޮޑު އިސްކަމެއްދެވިފައިވާ ކަމެއްކަން ހާމަވެއެވެ. 

ބަދުރު ހަނގުރާމައިން ލިއްބައިދޭ އަނެއް ފިލާވަޅަކީ، ވަރުގަދަ އީމާނަކާއި ސާބިތުކަމަކާއިއެކުގައި ތިބޭނަމަ މާތް ﷲ ގެ ނަޞްރު ލިބުން ޔަޤީންވެގެންދާނެކަމެވެ. މާތް ﷲ މަލާއިކަތްބޭކަލުންގެ ލަޝްކަރެއް ފޮނުއްވައި މުސްލިމުންގެ ބައިމަދު ލަޝްކަރަށް މަދަދު ދެއްވިނަމަވެސް ނަޞްރު ލިބިގެންދިޔައީ މުސްލިމުން ޢަމަލީގޮތުން ހަނގުރާމަކޮށްގެންނެވެ. މިކަމުން ދޭހަވަނީ، މާތް ﷲ މުސްލިމުން ހަނގުރާމައިގައި ބައިވެރިނުވެ ނަޞްރު ދެއްވުމަށް ކުޅަދުންވަންތަވެ ވޮޑިގެންވީ ހިނދުވެސް، ސަބަބު ތަކުގައި ހިފުމުންނޫނީ ނަޞްރު ނުލިބޭނެކަމެވެ. އަދި މާތް ﷲ އަށް ވަކީލުކުރުމުގެ މުހިންމުކަންވެސް މި ހަނގުރާމައިން އެނގިގެންދެއެވެ.

ޚާލިދުގެފާނުން ކަންކަން ނިންމުމަށް ފިޔަވަޅުއެޅުއްވުމުގައި ގެންގުޅުއްވި އަވަސް ސިޔާސަތު ހާމަވެގެންދާ ކަމަކީ އެކަލޭގެފާނުގެ ބޭބެ ވަލީދު މިނިވަންކުރެއްވުމުގެ ހާދިސާއެވެ. އެކަމުގައި، ފިދްޔަ ކުޑަކުރެއްވުމަށް ދެންނެވުމަށް ދެކޮޅުހައްދަވައި ހަމައަގުދެއްވައި ވަގުތުން އެކަން ނިންމެވީއެވެ. އަދި ދުޝްމަނުން ސިއްސުވާލުމުގައި ހުނަރުވެރި މި ހަނގުރާމާގެ ކޮމާންޑަރ އޭރުވެސް ހުންނެވި ސާބިތުކަން މި ޙާދިސާއިން ހާމަވެގެންދެއެވެ.

ހަނގުރާމައަކީ، ނަފުސާނީގޮތުންނާއި ޖިސްމާނީގޮތުންވެސް އިންސާނާ ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ ކަމެކެވެ. އެހެންކަމުން އަބޫސުފްޔާންގެ ލަޝްކަރުގެ މޮރާލް އަދި މޯޓިވޭޝަން އިތުރުކޮށް ޖޯޝް އުފެއްދުމަށްޓަކައި އަންހެން ކަނބަލުން ލައްވައި ހިތްވަރުދިނުމަށާއި ބަދަލުހިފުމުގެ ރޫޙު އާލާކޮށް ދިރުވަން ޅެންތަކާއި ލަވަތައް ކިޔާގޮތަށް ހަމަޖެއްސިއެވެ. މީގެ ބޭނުމަކީ، ހަނގުރާމަވެރީންގެ އެތެރެހަށި ރުޅިއާއި ނަފްރަތުގެ ޖޯޝުން ކައްކުވައިލުމެވެ. އަދި އެކަމުން ހިތްވަރުލިބި، ހަނގުރާމަ ކާމިޔާބުކުރުމަށް މަގުފަހިކުރުމެވެ. މިއީ، އޭރުވެސް ހަނގުރާމާގައި ގެންގުޅުނު ވަރަށް މުހިންމު އުކުޅެއްކަން ހާމަވެއެވެ.

އުޙުދު ހަނގުރާމަ ފެށުމުގެ ކުރިން، ޖުބައިރު ބުނު މުތުޢިމްގެ އަޅުމީހާއަށް ޙަމްޒަތުގެފާނުންގެ ބޮލަށް ދެ ހުށަހެޅުމެއް ހުށަހެޅުނެވެ. އެއީ، އެކަލޭގެފާނު ޝަހީދުކޮށްލައިފިނަމަ އޭނާ މިނިވަން ކުރުމާއި، ހިންދު ހުށަހެޅުއްވި ގަހަނާތަކެވެ. މިއީވެސް ހަނގުރާމައިގެ ޝައުޤާއި ޖޯޝް އުފެއްދުމުގެ ގޮތުން ބޭނުންކޮށްފައިވާ އުކުޅެއްކަން ހާމަވެއެވެ. އުޙުދު ހަނގުރާމައިގައި ޙަމްޒަތުގެފާނުން ޝަހީދުކޮށްލުމުގައި އޭނާއަށް ހިތްވަރުލިބިގެންދިޔަ މައިގަނޑު ސަބަބުތަކަކީ މިއެވެ.

ރަސޫލާ صلى الله عليه وسلم ހަނގުރާމައިގެ ހުރިހާ ހާލަތެއްގައިވެސް ދުޝްމަނުންގެ މަޢުލޫމާތު އެއްކުރެއްވިއެވެ. ލިބެންހުރި ހުރިހާ ވަޞީލަތެއް މިކަމުގައި ބޭނުންކުރެއްވިކަން ހާމަވެއެވެ. އަދި އެ އިންޓެލިޖެންސް މަޢުލޫމާތާއި އެއްގޮތަށް ލަޝަކަރު ތައްޔާރުކުރައްވަމުން ގެންދެވިކަން އެނގިގެންދެއެވެ.

ހަނގުރާމައަށް ދިއުމުގެ ކުރިން ރަސޫލާ صلى الله عليه وسلم މުސްލިމުންގެ ފަރާތުން މަޝްވަރާ އެއްސެވިއެވެ. ހަނގުރާމަ ކުރާނީ މަދީނާގައި ތިބެގެންތޯ ނުވަތަ މަދީނާއިން ބޭރަށް ނިކުމެތޯއެވެ. މިކަމުގައި، އެކަލޭގެފާނު ޚިޔާރުކުރެއްވީ ގިނަބަޔަކަށް ފެނިލެއްވި ގޮތެވެ. އެކަލޭގެފާނު ބޮޑަށް ބޭނުންފުޅުވީ، މަދީނާގައި ތިބެގެން ހަނގުރާމަކުރައްވާށެވެ. މިކަމުންވެސް ހާމަވެގެންދަނީ، އެކަލޭގެފާނު ގެންގުޅުއްވި އިސްލާމީ ރިވެތި ޝޫރާގެ އުޞޫލެވެ. މަޝްވަރާކުރެއްވުމާއި، އެ މަޝްވަރާއިން ނުކުންނަ ނަތީޖާއަށް ޢަމަލުކުރެއްވުމުގައި ފަސްޖެހިވަޑައިނުގަންނަވާކަމެވެ.

ހަނގުރާމައިގެ ކުރިން މުނާފިގުންގެ 300 މީހުން ފާޅުވެގެންދިޔައެވެ. މިކަމުން ދޭހަވަނީ، ކޮންމެ ތަނެއްގައި ވެސް އަޣުލަބިއްޔަތަށް ތަބާނުވާ، ދެކޮޅުވެރިވާނެ މީހުން އުޅުމުގެ ފުރުޞަތު އޮންނާނެކަމެވެ. މިކަންކަމާއިމެދު މާޔޫސްނުވެ، ކެތްތެރިކަމާއެކު ކަންކަމާއި ކުރިމަތިލުމުގެ ފިލާވަޅު މިޙާދިސާއިން ލިއްބައިދެއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ކޮމާންޑަރ ކަމުގެ ދަށުން އުޙުދު ހަނގުރާމައަށް ލަޝްކަރު ރުކުރުވާލުމުގައި ވަރަށް ވިސްނުންތެރިކަމާއެކު ޢަމަލުކުރެއްވިއެވެ. މިކަމުންދޭހަވަނީ، ކާމިޔާބު ހޯދުމަށްޓަކައި ހަނގުރާމައިގެ ފެށޭ މަރުޙަލާގެ ތައްޔާރީތައް ވަރަށް ރަނގަޅު ވާންޖެހޭނެކަމެވެ. ލަޝްކަރު ރުކުރުވާލުމުގައި އެންމެ ފައިދާހުރި ގޮތަކަށް އެކަން ކުރަންޖެހޭނެކަމެވެ.

އުޙުދުގެ މައިދާނުގައި 3000 މީހުންގެ މުޝްރިކުންގެ ލަޝްކަރާއި ކުރިމަތިލީ އެންމެ 700 މުސްލިމުންނެވެ. މިކަމުން ލިއްބައިދޭ ފިލާވަޅަކީ، ވަރުގަދަ އީމާނަކާއި ސާބިތުކަމާއެކު މާތް ﷲ އަށް ވަކީލުކޮށް ސަބަބުތަކުގައި ހިފައިގެން ކުރިއަށްދާނަމަ ﷲ ނަޞްރުދެއްވާނެކަމެވެ. ބަދުރު ހަނގުރާމައިން ވެސް ލިއްބައިދިން ފިލާވަޅަކީ މިއެވެ.

ހަވާލާ: 

އަކްރަމް، އެލް.ޖީ.އޭ. (2009). ސްވޯޑް އޮފް ﷲ:

ޚާލިދް ބިން ވަލީދް ހިޒް ލައިފް އެންޑް ކެމްޕެއިންސް. އެޑަމް ޕަބްލިޝާސް.

ޝެއަރކުރެއްވުމަށް