އަލިފާން ނިއްވުމުގެ ޚިދުމަތް ރާއްޖޭގައި ދެމުންދަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސް އިންނެވެ. 1990 ވަނަ އަހަރު މި ޔުނިޓް އުފެއްދެވި އިރުވެސް މާލެސިޓީގައި ސިފައިން އަލިފާން ނިއްވުމުގެ ޚިދުމަތް ދެމުން ގެންދިޔައެވެ. އެ ދުވަސްވަރު އަލިފާން ރޯވުމުން ފަޔަރ ޕަމްޕުތައް ވެހިކަލަކަށް އަރުވައިގެން އަލިފާން ރޯވެފައިވާ ސަރަޙައްދަކަށް ދެއެވެ. އެއަށްފަހު މޫދުންނާއި ގޭގޭގެ ވަޅުންފެންނަގައިގެން އަލިފާންނިއްވުމުގެ މަސައްކަތްކުރެއެވެ. މާލެސިޓީ އަކީ ރާއްޖޭގެ ވެރިރަށަށް ވެފައި، ބިނާވެށިއޮތް ގޮތުންނާއި، ދިރިއުޅޭ މީހުންގެ ގިނަކަމާއި، މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ހޭލުންތެރިކަން ހުރިގޮތުން ނިސްބަތުން އެންމެ ގިނަ އަދި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގަމުންދަނީ މާލޭގައި ކަމަށް ރިކޯޑް ތަކުން ދައްކައެވެ. މިފަދަ ހާދިސާތަކުން މަދުން ނަމަވެސް މީހުންގެ ފުރާނަގެއްލި، މުދަލަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބެމުން ދެއެވެ. އާންމުފަރުދުންގެ ދިރިއުޅުމާއި، މާލެސިޓީގެ ބިނާވެށްޓަށް އަންނަމުންދާ ތަރައްޤީގެ އަވަސް ބަދަލުތަކާ އެއް ހަމައެއްގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެހެންނަމަވެސް އެކަމަށް ޙައްލެއް ގެނެސްދެއްވުމުގެ މަސައްކަތް މިހާރު ސަރުކާރުން މިވަނީ ފަށްޓަވާފައެވެ.
މިހާރުން މިހާރަށް، ރޯވާ އަލިފާން ނިއްވާލުމަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ފަސޭހައިން އަލިފާން ނިއްވުމަށް ބޭނުންވާ ފެންލިބެން ނެތުމޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެހެންކަމުން ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުގައި އަލިފާންނިއްވުމުގެ ޚިދުމަތް ފޯރުކޮށްދޭގޮތާއި، ވަސީލަތްތަކާއި އަދި ޚިދުމަތް ދިނުމަށް މިހާރުން މިހާރަށް ކޮންމެހެން ބޭނުންވާ ކަންތައްތައް ޤާއިމު ކުރުމަކީ މިފަދަ ނުރައްކަލަކުން ސަލާމަތް ވުމަށް އޮތް އަވަސް ހައްލަކަށް ވެގެން ދެއެވެ. އަދި ކުރިމަގުގައި އިތުރަށް މި ޚިދުމަތް ފުޅާކުރުމަށް މިހާރުން މިހާރަށް ސަރުކާރުން މިކަމުގެ އަވަސް ހައްލެއް ހޯދުމަށް މާލެސިޓީގެ މަޖީދީމަގުގައި އަލިފާންނިއްވުމަށް ޚާއްޞަ ފަޔަރ ހައިޑްރަންޓް ސިސްޓަމެއް ޤާއިމު ކުރުމަށް ނިންމެވުމަކީ މިކަމަށް ދެއްވި ވަރަށް ބޮޑު އިސްކަމެކެވެ.
މިހާރުގެ ޙާލަތު
މާލެސިޓީއަކީ އާބާދީގެ ގޮތުން މީހުން ގިނަ، ކާރޫބާރޫ ބޮޑު، އުސް ޢިމާރާތްތަކާއި، ތަފާތު މަސައްކަތްކުރާ ވޯރކްޝޮޕްތަކާއި، ތެލާއި، ގޭސް ރައްކާކުރާ ތަންތަނާއި، ލަކުޑި ގުދަންތަކާއި، ގިނައަދަދެއްގެ މީހުންއެއްވެއުޅޭ ތަންތަނާއި، ތަފާތު ބާވަތްތަކުގެ މުދާ ރައްކާކުރާ ގުދަންތައް ގިނަ، ދުވަސްވެ ބައުވެފައިވާ އިމާރާތްތައްހުރި ނުރައްކާތެރިކަން ބޮޑު ކޮންގުރީޓް ޖަންގައްޔެއްގެ ގޮތުގައި ފާހަގަކުރެވިފައި ތަނެކެވެ. އަދި މިތަންތާނގައި ރައްކާތެރިކަމުގެ ގޮތުން އެކަށީގެންވާ ފިޔަވަޅުތައް އަޅާފައިނުވާތީ، މާލެސިޓީއަކީ ތަފާތު އެތައްވައްތަރެއްގެ ނުރައްކާ އެކުލެވިގެންވާ، ތަނެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ. ދުއްވާ އެއްޗެހިން ތޮއްޖެހި، މަގުގެ ދެފަރާތުގައި އެއްވެސް އުސޫލެއް ނެތި ޕާކުކުރުން މިއަދު ވަނީ އާންމުވެފައެވެ. މިސަބަބުތަކާހުރެ މިހާރު ބޭނުންކުރަމުންދާ އަލިފާން ނިއްވުމުގެ ޚިދުމަތްދޭ ބައެއް މުހިއްމު އުޅަނދުތަކަށް ފަސޭހައިން ހާދިސާ ހިނގައިގެން އުޅޭތަނަށް ދިއުމަށް ހުރަސްތައް އަންނަނީ ދިމާވަމުންނެވެ. އަލިފާންރޯވުމުން ހަރަކާތްތެރިވާ އުޅަނދުތައް ސައިޓަށް ދިޔުމަށް ލަސްވާ ކޮންމެ ސިކުންތަކީ އެ އަލިފާނުން އަރާ ދުމުންނާއި ގިނީގެ ސަބަބުން އިތުރަށް އަލިފާން ފެތުރި ނުރައްކާތެރި ކާރިސާއަކަށް ބަދަލުވުމުގެ ފުރުސަތު އޮތްކަމެކެވެ.

މާލޭގެ ވަށައިގެންވާ މޫދުން، ފަޔަރ ޕަންޕު ބޭނުންކޮށްގެން، ބައެއް ސަރަޙައްދުތަކުން ފަސޭހަކަމާއެކު ފެން ނެގެންއޮތަސް، އަލިފާން ނިއްވުމަށްޓަކައި ބޭނުންކުރާ ބޮޑެތި ޕަންޕުތައް ވެހިކަލުތަކުގައި ޓޯކޮށްގެން، މިހާރު މާލޭގެ މަގުތަކުން ފެން ނެގެންހުރި ސަރަޙައްދުތަކަށް ގެންދިއުމަށް، ވަރަށް ގިނަ ވަގުތު ހޭދަވެއެވެ. މާލެ ވަށައިގެން ރީތިކޮށް ތޮށިގަނޑުލައިގެން ހަދައިފައިވާއިރު ފަސޭހައިން މޫދުން ފެންނެގެން ހުރީ މަދު ސަރަޙައްދަކުން ކަން ފާހަގަ ކުރެވެއެވެ.
މާލެސިޓީގައި އަލިފާން ނިއްވުމަށް ފަސޭހައިން ފެން ލިބޭނެ މަގު ތަނަވަސްކޮށް ދިނުމަށް މިހާރުވެސް 29 ސަރަޙައްދެއްގައި ހައިޑްރަންޓް ޤާއިމު ކޮށްފައިވެއެވެ. މި ހައިޑްރަންޓް ތަކަކީ އެމްޑަބްލިޔުއެސްސީ މިހާރު އާންމުކޮށް ގެތަކަށް ދޫކޮށްފައިވާ ފެން ހޮޅިތަކާ ގުޅައިގެން ހަދާއިފައިވާ ހައިޑްރަންޓް ސިސްޓަމެކެވެ. އެހެންކަމުން ސީދާ އަލިފާންނިއްވުމަށް ފެންޖެހުމަށް ބޭނުންވާ ޕްރެޝަރ އެ ހައިޑްރަންޓް ތަކަކުން ނުލިބެއެވެ. އެހެން ކަމުން އަލިފާން ނިއްވުމަށް ބޭނުންވާ ޕްރެޝަރުގައި ބޭނުންވާ ވަރަށް ފެން ލިބޭނެ ހަރުދަނާ ނިޒާމަކަށް ވަނީ ބޭނުންވެފައެވެ.
ފަޔަރ ހައިޑްރަންޓް ގާއިމްކުރަން ނިންމުން
މާލޭގައި ފަހަކަށް އައިސް ހިނގައިފައިވާ ބޮޑެތި އަލިފާނުގެ ހާދިސާތަކުން އާންމުހާލަތަށް އައުމަށް ސަރުކާރުންވަނީ ބޮޑެތި ހޭދަތަކެއް ކުރައްވާފައެވެ. އަދި އެފަދަ ހާދިސާތަކުން އަރައިގަތުމަށް 2015 ވަނަ އަހަރު އެކަނިވެސް 24 މިލިއަން ރުފިޔާ ޚަރަދު ކުރެއްވިއެވެ. އެހެންކަމުން އަލިފާނުގެ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އަވަހަށް ފެން ލިބޭނެ ފަސޭހަ ޒަމާނީ ޙައްލެއް ގެންނެވުމަށް، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީވެރިޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ނިންމަވާފައެވެ. އިއްޒަތްތެރި ދިފާޢީ ވަޒީރުގެ ލަފާ ފުޅާއެކު ޗީފް އޮފް ޑިފެންސް ފޯސް ވަނީ، މަޖީދީ މަގުގައި، ޕްރެޝަރައިޒްޑް ފަޔަރ ހައިޑްރަންޓް ސިސްޓަމެއް ޤާއިމްކުރުމާއި ބެހޭގޮތުން، އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ، ސީނިއަރ ލީޑަރޝިޕާއެކު، މަޝްވަރާ ކުރައްވާ، ޢިރުޝާދު ދެއްވާފައެވެ. އަދި އެއަށްފަހު މަޖީދީ މަގުގައި، ފަޔަރ ހައިޑްރަންޓް ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް ކުރާނެ ގޮތުގެ ޑީޓެއިލް ޑިޒައިން އެކުލަވާލެވުނެވެ. މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި، އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ ބޭފުޅުން ހިމެނޭ، ޓެކްނިކަލް ކޮމިޓީއެއް އެކުލަވާލުމަށްފަހު މި ކޮމިޓީއިން ތައްޔާރުކުރި ޑިޒައިނާއި އެއްގޮތަށް، ފަޔަރ ހައިޑްރަންޓް ސިސްޓަމްގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާއި، އެމް.އެން.ޑީ.އެފްގެ 8 ބޭފުޅުންގެ މައްޗަށް އެކުލެވޭ ޓާސްކްފޯސް އެއް، ވަނީ އެކުލަވާލައްވާފައެވެ. އަދި ޢަމަލީ ގޮތުން މިމަސައްކަތް ކުރުމަށް، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި، މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއެކު 2016 އޮކްޓޯބަރު 13 ވަނަ ދުވަހުވަނީ އެއްބަސްވުުމެއްގައި ސޮއިކުރެވި މަސައްކަތް ހަވާލުކުރެވިފައެވެ. އަދި މާލެސިޓީގެ ފަޔަރ ހައިޑްރަންޓް ސިސްޓަމް ޤާއިމްކުރެއްވުމުގެ މަޝްރޫޢު 2016 އޮކްޓޯބަރު 16 ވަނަ ދުވަހު ޢަމަލީގޮތުން ފަށްޓަވައި ދެއްވީ ދިފާޢީ ވަޒީރެވެ.

މަސައްކަތް ރޭވިފައިވާ ގޮތް
މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް، އަލުން ހަދާ ތަރައްޤީކުރުމަށް، ސަރުކާރުން ކުރިއަށް ގެންދަވާ، މަޝްރޫޢުގެ ތެރެއިން، ފަޔަރ ހައިޑްރަންޓް ޤާއިމްކުރުމުގެ މަސައްކަތް ކުރެވޭނެ ގޮތް ވަނީ، ފަހިކޮށްދެއްވާފައެވެ. މި މަޝްރޫޢު ކުރިއަށް ގެންދެވޭނީ، 02 ފިޔަވައްސަކަށް، ބަހާލެވިގެންނެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގައި ކުރިއަށް ދާނީ، ފަޔަރ ހައިޑްރަންޓް ސިސްޓަމްގެ މެއިންލައިން އަދި ކްރޮސް ލައިން ވަޅުލައި، ފަޔަރ ހައިޑްރަންޓް ތައް ހަރުކުރުމުގެ މަސައްކަތެވެ. މި ގޮތުން މަޖީދީމަގުގެ އެއްކޮޅުން އަނެއް ކޮޅަށް، ދެ ކިލޯމީޓަރުގެ ދިގު ސަރަހައްދެއްގައި ހޮޅި ވަޅުލައި، މިހޮޅިލައިން ދެބަޔަކަށް ބައިކޮށް، ކޮންމެ ބައެއްގައި، 150 މީޓަރުން 6 ފަޔަރ ހައިޑްރަންޓް ހަރުކޮށް، ޖުމްލަ 12 ފަޔަރ ހައިޑްރަންޓް، ފަސޭހަކަމާއެކު ފެން ނެގޭނެ ގޮތަށް މަޖީދީމަގުގައި ބެހެއްޓޭނެއެވެ. އަދި މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި، މިހައިޑްރަންޓް ތަކަށް ބޭނުންވާ ފެން ފޯރުކޮށް ދިނުމަށްޓަކައި، ދެ ޕަމްޕް ސިސްޓަމް ޤާއިމްކޮށް، ފަޔަރ ހައިޑްރަންޓްތަކަށް ބޭނުންވާ ފެން، ޕްރެޝަރގައި ލިބޭނެ ގޮތް ހަމަޖެއްސޭނެއެވެ. 2016 އޮކްޓޯބަރު 01 އިން 2017 ފެބްރުއަރީ 04 އަށް، މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާނީ، ހައުސިންގ މިނިސްޓްރީ އިން 09 ސެގްމަންޓަކަށް ބަހާލައިގެން، ކުރިއަށް ގެންދަވާ ”މަޖީދީމަގު ރީ-ޑިވަލޮޕްމަންޓް ޕްރޮޖެކްޓް“ގެ މަސައްކަތުގެ ތެރެއިންނެވެ. މި ގޮތުން ފުރަތަމަ ސެގްމަންޓްގައި ކުރިއަށްގެންދާ، ފަޔަރ ހައިޑްރަންޓްގެ މެއިންލައިން ވަޅުލުމުގެ މަސައްކަތް، 2016 އޮކްޓޯބަރު 05 ވަނަ ދުވަހު ވަނީ ފެށިފައެވެ.

ނިންމުން
މި މަޝްރޫޢު ނިމުމުން، މާލޭގައި ހިނގާ އަލިފާނުގެ ހާދިސާތައް، ބޮޑުވަރުވެ ފެތުރުމުގެކުރިން ކޮންޓްރޯލް ކުރުމަށް ބޭނުންވާ ފެން ހޯދުމުގައި، ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް، އެދެވޭ ޙައްލެއް ލިބިގެންދާނެއެވެ.
މާލެސިޓީގައި އަލިފާން ނިއްވުމަށްޓަކައި ބޭނުން ކުރަމުން އަންނަ ބައެއް ވެހިކަލްތަކަކީ މާލެސިޓީގައި ބޭނުންކުރުމަށް އެންމެ އެކަށޭނަ ވެހިކަލްތަކެއް ނޫންކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން އިތުރު ވެހިކަލް ހޯދުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރެވެމުންނެވެ. މާލެސިޓީއަށް އެކަށީގެންވާ ފަޔަރ ވެހިކަލް ފްލީޓެއް ވީއެންމެ އަވަހަކަށް ހޯދައި، މާލެސިޓީގެ ވަށައިގެން ލެވިފައިވާ ތޮށިގަޑާއި ފަސޭހައިން ކައިރިކުރެވޭނެ ގޮތަކަށް ފަޔަރ ފައިޓިންގ ޕަންޕު ސްޓޭޝަންތަކެއް ހަދައި، އުސް އިމާރާތްތަކުގެ ކައިރީގައި ފެންލިބޭނެފަދަ ފަޔަރ ހައިޑްރަންޓެއް ބެހެއްޓުމާއި ފަސޭހައިން ފެން ސަޕްލައިކުރުމަށް ވޯޓަރ ބައުޒަރު ހޯދުމަށްފަހު ވޯޓަރ ރިލޭ ކުރެވޭނެ ނިޒާމެއް ހަމަޖެއްސުމާއި އަދި މާލެސިޓީގެ ޕާރކްތަކާއި ހުސްޖާގައިގެ ގޮތުގައި ފާހަގަ ކުރެވޭ ސަރަޙައްދު ތަކުގައި ފެންލިބޭގޮތަށް ވަޅުތަކެއް ބެހެއްޓުމަކީވެސް އަލިފާނުގެ ކާރިސާއަކުން ރައްޔިތުންގެ ފުރާނަ އާއި މުދާ ރައްކާތެރިކޮށް ސަލާމަތްކުރުމަށް، ކުރެވިދާނެ އިތުރުކަންތަކެކެވެ. އަދި މިކަމުގެ ސަބަބުން، މާލޭގައި ހިނގާ އަލިފާނުގެ ހާދިސާތަކުން، ލިބޭ ގެއްލުން ކުޑަކޮށް، މިހާރަށްވުރެ އަވަހަށް، އަލިފާން ކޮންޓްރޯލްކޮށް ނިއްވާލުމަށް ފަސޭހަވެގެންދާނެއެވެ.
އަލިފާން ނިއްވުމުގެ ޚިދުމަތް މާލެސިޓީއާއި އަދި އަތޮޅު ތެރޭގައި ދިނުމަށްޓަކައި، ކާރިސާތަކުން ގެއްލުން ކުޑަކުރަން ޤައުމީ ފެންވަރުގައި ވިސްނަންޖެހޭކަން 2015 ވަނަ އަހަރުގެ ޑިޒާސްޓަރ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ދިފާއީ ވަޒީރުވަނީ ވިދާޅުވެފައެވެ. އެހެންކަމުން ޤައުމީ ފެންވަރުގައި މަސައްކަތް ކުރެވިއްޖެނަމަ، މިޚިދުމަތް ވަރަށް އެދެވޭ ގޮތުގައި ފޯރުކޮށް ދެވޭނެ ކަމަށް ޤަބޫލު ކުރެވެއެވެ.
