ދުނިޔެއަށް ދަނީ އަވަސް ބަދަލުތަކެއް އަންނަމުންނެވެ. ޚާއްޞަކޮށް ދުނިޔޭގެ އިސްތިރާޖީ މަސްރަޙުން ނަގާ، ހިރަފުހުގެ ތެރެއިން އަންނަމުންދާ ބަދަލުތަކުގެ ކަންތައްތައް ފެންނަލެއް އެހާ ސާފެއް ނޫނެވެ. ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމުގެ ވެށި ކިލަނބުވެފައިވާލެއް ބޮޑުކަމުން އެއްވެސް ޤައުމަކީ ރައްކާތެރިކަން ކަށަވަރުވެފައިވާ ޤައުމެއް ނޫނެވެ. ދުނިޔޭގެ އެންމެ ބޮޑެތި އަސްކަރީ ބާރުތަކާއި ދިވެހިރާއްޖެފަދަ ކުދި ޤައުމުތަކަށް ވެސް މި ގޮންޖެހުން އެބައޮތެވެ.
ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިޔާއާއަށް ނަޒަރެއްދޭއިރު މި ސަރައްހައްދު ޤައުމުތަކުގެ ދީނީ، ސަޤާފީ، އިޤްތިޞާދީ، އިޖްތިމާޢީ އަދި ސިޔާސީ މަސްރަޙަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއި އަރާ ލޮޅުންތައް ގިނައެވެ. ސަރަޙައްދުގެ ހާލަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވުންތަކެއް ހުރިއިރު، ދުނިޔެއަށް އަންނަމުންދާ ބަދަލުތަކުގެ އޮއިވަރުތައް ރާއްޖޭގެ ކަނޑުތަކުގައިވެސް ދަނީ އަޅަމުންނެވެ. މިއަދުގެ ދިވެހިން ދީނީ ކަންކަމުގަޔާއި ޤައުމީ ކަންކަމުގައި ގެންގުޅޭ ވިސްނުމާއި ފިކުރު އިއްޔެއާ ތަފާތެވެ. ކަންތައްތައް ހާސިލުކުރުމަށް ހިނގަން ބޭނުންވާ މަގުތައް ތަފާތެވެ. ރާއްޖޭގައި ހިނގާފާނެ ކަމަށް ކުރި ހީވެސް ނުކުރާފަދަ އެތައްކަމެއް މިއަދު ހިނގަމުން އެބަދެއެވެ. ކުދިކުދި ކަންތައްތަކުގެ ގޮތުގައި އުފެދިގެން އައި އެތައްކަމެއް ބޮޑެތި ޤައުމީ މައްސަލަތަކަށް ބަދަލުވަމުން ދަނީއެވެ. ޤައުމީ ކޮންމެ މައްސަލައެއް އާޚިރުގައި އައިސް ލައިގަންނާނެ އިމަކީ ޤައުމީ ސަލާމަތެވެ.
ރާއްޖެއޮތް ސަރަޙައްދު
ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިޔާއަކީ ދީނީގޮތުން ހައްދު ފަހަނައަޅާ ދިއުމާއި، ދޭދޭ އަވަށްޓެރި ޤައުމުތަކުގެ ދެމެދުގައި ފަރުވާއެއް ނުލިބިފައި އޮންނަ ޒަމާންވީ ނުތަނަވަސްކަމާއި، ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންގެ މައްސަލަތައް ގިނަ ސަރަޙައްދެކެވެ. އަދި މި ކަންތައްތަކުގެ ތެރެއިން ޓެރަރިޒަމްގެ ނުރައްކާތެރި ގިނަ ހާދިސާތަކެއް މި ސަރަޙައްދުގައި ތަރުކާރުވަމުން އެބަދެއެވެ. ދޭތެރެ ދޭތެރެއިން ބައެއް ދޭދޭ ޤައުމުތަކުގެ މެދުގައި ރޯވެފައިވާ އަލިފާންގަނޑުން ހުޅުފަޅައިގެން ދެއެވެ. ވަގު ހަތިޔާރުގެ ވިޔަފާރިއާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި މި ސަރަޙައްދުގައި ހިނގައެވެ. މިކަންކަމަކީ ދިވެހިރާއްޖެއާއި މިސަރަޙައްދުގައި ހިމެނޭ އެހެން ޤައުމުތަކުގެ ޤައުމީ ސަލާމަތާ ވެސް ގުޅުންހުރި ކަންތައްތަކެކެވެ. ޚާއްޞަކޮށް މީގެތެރެއިން ބައެއް ކަންތައްތަކަކީ ދިވެހިރާއްޖެ ފަދަ ކުޑަ އަދި ވަސީލަތްތައް މަދު ޤައުމަކަށް މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު ހިމާޔަތްކޮށް ދިފާޢުކުރުމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ.

ޤައުމީ ސަލާމަތަށް ހުރި ނުރައްކާ
ޤައުމީ ސަލާމަތަށް ނުރައްކާވަނީ، ޤައުމުގެ ސިޔާދަތަށް ނުވަތަ އިސްތިޤްލާލަށް ނުވަތަ މީހުންގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތައް ކުރިމަތިވާ ކަންކަމުންނެވެ. މީގެ ތެރޭގައި ޓެރަރިސްޓް ހަމަލާތަކާއި ހަތިޔާރު ބޭނުންކޮށްގެން ހިންގާ ޢުދުވާނީ ޙަރަކާތްތައް ހިމެނެއެވެ. މިކަންކަމުން ދުނިޔޭގެ އެންމެ ބާރު ގަދަ ޤައުމުތައްވެސް ސަލާމަތްވެފައި ނުވުމަކީ މިކަމުގެ ނުރައްކާތެރިކަން ތަސައްވުރު ކޮށްދޭ ކަމެކެވެ.
ދިވެހިރާއްޖޭގެ 99 އިންސަތައަކީ ކަނޑުގެ ސަރަޙައްދެވެ. ރާއްޖެއަށް މިހާތަނަށް އައި ބޭރުގެ ކޮންމެ ޢުދުވާނެއް އައީ ކަނޑުމަގުންނެވެ. ފަހުގެ ތާރީޚަށް ބަލާއިރު، 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއެވެ. 2007 ވަނަ އަހަރުގެ މެއިމަހު ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ޤަވާޢިދާ ޚިލާފަށް ވަދެގެން އުޅުނު ހައިޖެކް ކޮށްފައިއޮތް ހަތިޔާރު ބޯޓުގެ މައްސަލައެވެ. ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ފެނިފައިވާ ”ހާލުގައި ޖެހިފައިވާ“ ކަނޑުފޭރޭ މީހުންނެވެ. މިއިން ކޮންމެ ކަމަކުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް ކުރަންޖެހޭ ހޭދައާއި އެކަމުގެ މުހިންމުކަމާއި، ކުރަންޖެހޭ މަސައްކަތްތަކުގެ ބޮޑުކަމާއި ބުރަކަން ބުނެދެއެވެ. އެހެންނަމަވެސް ބޭރުގެ ނުރައްކާތައް އަންނަ ހަމައެކަނި ގޮތަކީ ކަނޑުމަގެއް ނޫނެވެ.

ދިވެހިރާއްޖޭގައި އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޤާނޫނުތައް ތަންފީޒުކުރުމަށް މުސްލިމް ދިވެހިރައްޔިތުން ބޭނުންވެއެވެ. ޤާނޫނުގެ ވެރިކަން ހިންގައި، ޤާނޫނު ނަގަހައްޓައި ދަމަހައްޓަން ބޭނުންވެއެވެ. ވަކި މީހަކު އިސްތިސްނާ ނުކޮށް، ޤާނޫނުގެ ކުރިމަތީގައި އެންމެންނަކީވެސް ހަމަހަމަ ބައެއްކަމުގައި ވާން އެދެއެވެ. ދިވެހިރާއްޖެއަކީ މިނިވަންކަމުގެ ބައިގަރުނަށްވުރެ ދިގު ތާރީޚެއް ލިބިފައިވާ ޤައުމެކެވެ. އެހެންނަމަވެސް ދިވެހިންނަށް ދިވެހިންގެ ކަންތައްތައް ދިވެހިން ބޭނުންވާ ގޮތްގޮތަށް ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ނިންމުމަށް ދުނިޔޭގެ ނުފޫޒުގަދަ ބައެއް ފަރާތްތަކުން ތިބީ ރުހިގެންނެއްނޫނެވެ. ޚާއްޞަކޮށް ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް ގެންނަން ބޭނުންވާ ބޭރުގެ ފަރާތްތަކުން މި ރާއްޖެއަށް ބަލަނީ ސާފު ލޮލަކުން ނޫނެވެ.
ބައިނަލްއަޤްވާމީ އިދާރާ ތަކާއި ޖަމާޢަތްތައް މެދުވެރިކޮށް ރާއްޖެއާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް އެދޭ ބޭރުގެ ޖަމާޢަތްތައް ތިބި ފަދައިން އެކަމަށް އެދިއެދި ތިބި ދިވެހިންވެސް މިއަދު އެބަ އުޅެއެވެ. ހަމަހަމަ ކަމާއި އިންސާފުން ބޭރުން ބައިނަލް އަޤްވަމީ ޖަމާޢަތްތައް މެދުވެރިކޮށް ރާއްޖެއާމެދު ފިޔަވަޅު އަޅައި ރާއްޖޭގެ ދާޚިލީ ސިޔާސަތަށް ބާރު ފޯރުވުމަށް ބޭނުންވާ ބޭރުގެ ފަރާތްތަކެއް އުޅެމުންދާކަމީ ޙަޤީޤަތެކެވެ. އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ދިވެހިން ލައްވައި ކަންތައްތައް ކުރުވަން އެފަދަ ފަރާތްތަކުން ބާރުއަޅައެވެ. ޙައްދެއްނެތް މިނިވަންކަމަށާއި ދީނީ މިނިވަންކަމަށް ގޮވާލާ ގޮވުންތަކަށް ހިތްވަރު ދެއެވެ. އަދި އެފަދަ ބައެއް އެއްވުންތަކުން ބޭރުގެ މިފަދަ ބައެއް ފަރާތްތައް ފެނިގެން ގޮސްފައިވެސް ވެއެވެ. މިއިން ކޮންމެ ކަމަކީ ވެސް ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެވެ.
އެތެރޭގެ ޙާލަތު
ދިވެހިރާއްޖޭގެ ދާޚިލީ ވެށިން ފެންނަ މަންޒަރުތަކަކީ ވެސް ޤައުމީ ސަލާމަތަށް ރައްކާތެރި މަންޒަރުތަކެއް ނޫނެވެ. ރާއްޖޭގެ ޤާނޫނީ ވެރިކަން ބަދަލުކުރުމަށް ސިޔާސީ ބައެއް ފަރާތްތަކުން ޤާނޫނީ އިމުން ބޭރުން ކުރަމުންދާ ކަންތައްތަކުގެ ނޭދެވޭ އަސަރުތައް ރާއްޖެއަށާއި ދިވެހިރައްޔިތުންނަށް ސީދާކޮށާއި ނުސީދާކޮށް ދަނީ ކުރަމުންނެވެ. ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ދަތުރުކުރެއްވި ”ފިނިފެންމާ“ ލޯންޗްކޮޅު ގޮއްވާލައިގެން އެމަނިކުފާނު އަވަހާރަކޮށްލުމަށް 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހު ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ސިޔާސީ ލަނޑުދަނޑިއެއް ހާސިލުކުރުމަށް ދީފައިވާ ޢުދުވާނީ ހަމަލާއެކެވެ. އެ ހަމަލާއާއި އެ ހަމަލާއާ ގުޅުންހުރި އިތުރު ޓެރަރިސްޓް ޙަރަކާތްތައް ރާވައި ހިންގާފައިވާ ގޮތުން ޤައުމީ ސަލާމަތަށް އޮތް ނުރައްކާ ސިފަ ކުރެވެއެވެ.

ދޭތެރެ ދޭތެރެއިން މާލެއާއި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ތޫނު އެއްޗެހިން ހަމަލާދީ މީހުން މެރުމާއި މީހުންގެ އަގުބޮޑެތި މުދަލަށް ގެއްލުންދިނުމާއި އަލިފާން ޖެހުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ. ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔާ ގާތަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދު މަތިވެފައިވާއިރު އެމީހުންނާ ގުޅުންހުރި ނުރައްކާތެރި މައްސަލަތައްވެސް ދަނީ އިތުރުވަމުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނަސްލީ އަދި ދީނީ ތަފާތު ފިކުރުތަކުގެ މެދުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ގޮސްފައިވާ ދިވެހިންގެ އަދަދު ފަސްސާހާ ވަނީ ގާތްކޮށްފައެވެ. 2007 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ 29 ވަނަ ދުވަހު ސަލްޓަން ޕާކުގައި ފަތުރުވެރިންތަކަކަށް އަމާޒުކޮށް އަމިއްލައަށް ތައްޔާރުކުރި ބޮމަކުން ހަމަލާ ދީފައިވެއެވެ. ހަމަ އެއަހަރުގެ ޑިސެންބަރުމަހުގެ 27 ވަނަ ދުވަހު އއ. ހިމަންދޫގައި ރާއްޖޭގެ ސަލާމަތީ ބާރުތަކާއި އެރަށުގައި ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކޮށް އުޅުނު ބަޔަކާ ދެމެދު ވަރުގަދަ ކުރިމަތިލުމެއް ހިނގިއެވެ. ކުށެއްނެތް 19 ދިވެހިން ޝަހީދުކޮށްލާފައިވާ 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާ ރާވައި ހިންގި އިސް ލީޑަރު ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އުޅެނީ ދިވެހި ދައުލަތަށް ފިލައިގެންނެވެ. އޭނާ ހޯދުމަށް އިންޓަރޕޯލް މެދުވެރިކޮށް ރެޑްނޯޓިސް ނެރެފައިވާއިރު، އެ ހަމަލާގައި ބައިވެރިވި އެހެން ހުރިހާ ދިވެހިންވަނީ ޤާނޫނީ ހަމަތަކުގެ ތެރެއިން މިނިވަން ވެފައެވެ. ރާއްޖޭގެ ސިޔާސީ މަސްރަހަށް ދޭތެރެ ދޭތެރެއިން ހިމޭންކަމެއް އަޔަސް ސިޔާސީ މަސްރަހު އަބަދުވެސް ކެކިކެކި އޮންނަން ބޭނުންވާ ބަޔަކުވެސް އެބަތިއްބެވެ. އެފަދަ ފަރާތްތަކުން ހީކުރަނީ އެބައެއްގެ މަޤްޞަދަށް އެންމެ ފަސޭހައިން ވާސިލު ވެވޭނީ އެ މަގުން ކަމަށެވެ.
ސަލާމަތީ ޚިދުމަތްތައް
ޤައުމީ ސަލާމަތީ ބާރުތަކަށް ޤާނޫނު އަސާސީއާއި ޤާނޫނުތަކުން ވަނީ ވަރުގަދަ ޒިންމާއަކާއި މަސްއޫލިއްޔަތަކާއި ވާޖިބެއް މަތިކޮށްފައެވެ. ރައްޔިތުން އިންތިޚާބު ކޮށްފައިވާ ޤާނޫނީ ސަރުކާރާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި މުޅި ދިވެހި ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން އޭގެ ތެރޭގައި ހިމެނެއެވެ. ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކެއް ދިވެހިރާއްޖޭގައި ޤާއިމުކޮށްފައި އޮންނަނީ ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުންނަށް ޞުލްޙަވެރިކަމާއި އަމާންކަމާއި މިނިވަންކަމައެކު އުޅެވޭނޭ މަގުތައް ތަނަވަސްކޮށް ފަހިކޮށްދިނުމަށްޓަކައެވެ. ސަލާމަތީ ޚިދުމަތްތަކުން، ދިވެހިރާއްޖޭގެ އަމިއްލަ ވެރިކަން ރައްކާތެރިކޮށްދޭން ޖެހެއެވެ. ސަރަޙައްދުގެ ރައްކާތެރިކަން ދަމަހައްޓަން ޖެހެއެވެ. ޤާނޫނު އަސާސީ އާއި ޑިމޮކްރެޓިކް މުއައްސަސާތައް ޙިމާޔަތް ކުރަންޖެހެއެވެ. ޤާނޫނު ދަމަހައްޓައި ތަންފީޒު ކުރަން ޖެހެއެވެ. އަމަންއަމާންކަން ދަމަހައްޓަން ޖެހެއެވެ. އަދި ކުއްލި ޙާލަތުގައި ސަލާމަތީ ޚިދުމަތްތަކުން އެހީތެރިކަން ދޭން ޖެހެއެވެ. މި ޒިންމާތަކާއި މި މަސްއޫލިއްޔަތު ސަލާމަތީ ޚިދުމަތްތަކުން އަދާކުރަންޖެހެނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ޖަވާބުދާރީވަނިވި ގޮތެއްގައެވެ.
ދިވެހި ސިފައިން
ސަލާމަތީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ދިވެހި ސިފައިންގެ ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއާއި، ދިވެހިރާއްޖޭގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި ރައްޔިތުން ރައްކާތެރިކޮށް ޙިމާޔަތް ކުރުމެވެ. އަދި ޤައުމުގެ ދިފާޢުގައި ހަނގުރާމަ ކުރުމަށް ނުވަތަ ބައިނަލް އަޤްވާމީ ލަޝްކަރެއްގައި ސިފައިން ޙަރަކާތްތެރިވުމަށް ސިފައިންގެ އެންމެމަތީވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ހުއްދަ ދެއްވައިފިނަމަ ނުވަތަ ޢަމުރެއް ކުރައްވައިފިނަމަ (ރައްޔިތުންގެ މަޖިލިހުން ނިންމަވާ ގޮތެއްގެމަތިން) އެ ހުއްދައެއް ނުވަތަ އެ ޢަމުރެއް ލަސްނުކޮށް ތަންފީޒު ކުރުމެވެ. މިއިން ކޮންމެ ކަމަކަށްވެސް އެކަށީގެންވާ ވަސީލަތްތައް ހޯދައި، އަސްކަރީ ޤާބިލުކަމާއި އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް ދަމަހައްޓަން ޖެހެއެވެ.

ސިފައިންނާ ޤާނޫނީ ގޮތުން ޙަވާލުކޮށްފައިވާ މަތިވެތި ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރުމަށް އަބަދުވެސް ސިފައިން ތިބެނީ ތައްޔާރަށެވެ. ސިފައިންގެ ކުރިމަގު ބައްޓަންކޮށް ތަރައްޤީ ކުރަމުންދަނީ ޤައުމީ ސަލާމަތް އެއީ އެންމެ އިސް ކަންތައް ކަމުގައި ބަލައިގެންނެވެ. މިގޮތުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކަނޑުގެ ބާރު ކަމުގައިވާ ކޯސްޓްގާޑަށް ޒަމާނީ އުޅަނދު ފަހަރު ހޯދައި ކޯސްޓްގާޑުގެ ފްލީޓް ވަރުގަދަ ކުރަމުންދާ ދިއުން ފާހަގަ ކުރެވެއެވެ. ވައިގެ ޚިދުމަތް ފުޅާކޮށް، އެއްގަމު ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައްވެސް ކުރިއަށްވުރެ އެތައް ތަނެއްވަނީ ފުޅާކޮށްފައެވެ. މިއަދު ސިފައިންގޭގައި އޮޕަރޭޝަންތައް ހިންގަނީ ޖޮއިންޓް ކޮންސެޕްޓަށެވެ. މިހާރު އޮޕަރޭޝަންތައް ސިފައިން ހިންގަނީ ކޯސްޓްގާޑުގެ އިތުރުން މެރިންކޯ އާއި ސްޕެޝަލް ފޯސަސް އާއި ސަޕޯޓް ސާރވިސް ( ލޮޖިސްޓިކް ކޮމްޕޯނަންޓް) އޮވެގެންނެވެ. ހަތަރު އޭރިއާ ކޮމާންޑް އޮތްއިރު ފެންނަނީ ކޮމާންޑްތަކަށް ސިފައިން ޑިޕްލޮއި ކޮށްގެން ޖޮއިންޓް ނިޒާމުގެ ތެރެއިން ޔުނިފައިޑް އެކްޝަން ފަލްސަފާއެއްގައި މަސައްކަތް ކުރަމުންދާތަނެވެ. މިއަދުގެ ސިފައިންނަކީ އެއްގަމާއި ކަނޑާއި ވައިގައި ޚިދުމަތް ދިނުމުގެ ޤާބިލުކަން ލިބިފައިވާ ޤާބިލު ޒުވާން ލަޝްކަރެކެވެ. ރާއްޖޭގެ ދިފާޢީ ސިޔާސަތާ އެއްގޮތަށް ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް މިއަދު ނުހަނު ގިނައެވެ. ތަޢުލީމާއި ތަމްރީނުގެ ތެރެއިންނާއި ވަސީލަތްތަކާއި އާލާތްތަކުގެ ގޮތުންނެވެ. ދިވެހި ސިފައިންނަކީ ދީނަށް ލޯބިކުރާ، ޤައުމާމެދު ފަޚުރުވެރިވާ އަސްކަރީ ހުނަރުވެރިކަމުގެ ގޮތުން ޤާބިލު ޕްރޮފެޝަނަލް ބައެއްގެ ގޮތުގައި ދެމި ތިބުމަށް ކުރަމުންދާ އިޚްލާޞްތެރި މަސައްކަތަކީ ޤައުމީ ސަލާމަތަށް މިއަދު އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.
