ބ. އަތޮޅު ކުޑަރިކިލުގައި ”ބޮން ގޮވި ހާދިސާ“ ގެ ނަމުން މަޝްހޫރުވެފައިވާ ހާދިސާ ހިނގީ މީލާދުން 2 އެޕްރީލު 1915 (ހިޖުރައިން 17 ޖުމާދިލްއައްވަލް 1333) ވީ ހުކުރު ދުވަހު މެންދުރުފަހުގެ ވަގުތެއްގައެވެ. ކުޑަރިކިލުގައި ގޮވީ ބޮމެއް ކަމުގައި ކިޔަމުން އައިކަމުގައި ވިޔަސް އޭގެ ސިފަތައްކަމަށް ދޫދޫމަތިން ކިޔަމުންދާ ސިފަތަކަށް ބަލާއިރު އެއީ ކަނޑުގެ މައިނެއްކަން އެނގެއެވެ. އެ މައިނަކީ އޭރު ހިނގަމުން ދިޔަ ދުނިޔޭގެ ފުރަތަމަ ބޮޑުހަނގުރާމައިގެ ތެރޭގައި ކަނޑު އުޅަނދުފަހަރަށް ހަމަލާ ދިނުމަށް އަޅާފައިވާ އެތައް ލައްކަ މައިނެއްގެ ތެރެއިން މައިނެއްކަމުގައި ގަބޫލުކުރެވެއެވެ. ކަނޑު މައިނަކީ އާންމު ގޮތެއްގައި ކަނޑުގެ އުޅަނދުފަހަރު އޭގައި ޖެހުމުން ގޮވާގޮތަށް ހަދާފައި އޮތް އެއްޗެކެވެ. ކުޑަރިކިލުގައި މައިން ގޮވި މި ހިތާމަވެރި ހާދިސާގައި 9 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމުވިއެވެ.

ކުޑަރިކިލުގައި ”ބޮން ގޮވި ހާދިސާ“ގެ ވާހަކައަކީ ތުންތުންމަތިން ދެކެވެމުން އަންނަ ވާހަކައަކަށް ވާތީ އެކި ރިވާޔަތްތަކުގައި ކުދިކުދި ތަފާތުތައް ހުއްޓަސް މައިގަނޑު ވާހަކަ އެއްގޮތެވެ. ކުޑަރިކިލުގައި ގޮވި މައިނަކީ އެ މައިން ގޮވި ދުވަހުގެ ކުރީ ދުވަހު (1 އެޕްރީލު 1915 ވީ ބުރާސްފަތި ދުވަހު) އެ ރަށަށް ކަނޑުމަތިން ހޮވައިގެން ގެނައި އެއްޗެކެވެ. އެއީ އިރުވައި މޫސުމުގައި ރ.އަތޮޅާއި ބ.އަތޮޅު ވަކިކުރާ ހަނިކަނޑުން މަހަށް ގޮސް އުޅުނު ފުނަދޫ ދޯންޏަކަށް ފެނިގެން ކުޑަރިކިއްޔަށް ގެނައި ބޮޔެކެވެ. އޭރު އޮންނަ އުސޫލަކީ ކަނޑުން ހޮވާތަކެތި އަތޮޅުވެރިކަން ކުރާ ރަށަށް ގެންދިއުމެވެ. އެ ”ބޮއި“ ކުޑަރިކިއްޔަށް ގެންދިޔައީ އިރުވައި މޫސުމުގައި ދަރަވަންދޫއަށް ގެންދަން ފަސޭހަވާނީ އެ ރަށަށް ގެންދިޔައީމާ ކަމަށް ފެނިގެންނެވެ. އޭރު ބ.އަތޮޅުގައި އަތޮޅުވެރިކަން ކުރަނީ ދަރަވަންދޫގައެވެ.

ޗޭނުގަނޑާ އެކުގައި އޮތް ކަނޑުމައިން ގެންގޮސް އަރުވާފައި އޮތީ ކުޑަރިކިލުގެ ނެރާދިމާއިން އެއްގަމުގައި އޭރު ކޮނެފައިހުރި އޮޑިވަޅުތައް ހުރި ސަރަޙައްދަށެވެ. މައިން އޮތީ ރަށުގެ ދެފަސްބެދޭ ހިސާބަށް އަރުވާފައެވެ. ދުވަހަކު ވެސް ނުދެކޭ ފާޑުގެ އެއްޗެއް ފެނިގެން މީހުން އެއްވެ އޭތި ބަލައި އެއާ ކުޅެ ހެދިކަމަށް ވެއެވެ. ތުންމަތިން ކިޔަމުން އަންނަ ބައެއް ވާހަކަތަކުގައި ބުނާގޮތުން މައިން ގޮވީ އޭތި ބަލަން އުޅުނު މީހުންގެ ތެރެއިން މީހަކު އޭގެ ޓައިމަރާ ކުޅުމުގެ ސަބަބުންނެވެ. އެކަމަކު އެންމެ އިތުބާރު ކުރެވޭ ގޮތަކީ މައިންގޮވީ މީހަކު އޭގައި މުޑިއަކުން ޖެހުމުގެ ސަބަބުންނެވެ.

ކުޑަރިކިލުގައި ގޮވީ ކަނޑުމައިނެއްކަން މިހާރު އެނގުނަސް އޭރު އެއީ ކޮންއެއްޗެއްކަމެއް ނޭނގެއެވެ. އެންމެ ފުރަތަމަ ހޮވައިގެން ގެނައި އިރު ބެލެވިފައި އޮތީ އެއީ ބޮއެއް ކަމަށެވެ. އެކަމާ އަދި އެ ”ބޮއި“ ގޮވީ މުޑިއަކުން ޖެހީމާކަން އެ ހާދިސާއާ ގުޅިގެން ހަދާފައިވާ އެ ރަށުގެ ދުވަސްވީ ރައިވަރަކުން އެނގެއެވެ. އެ ރައިވަރަކީ ”މުޑިއަކުން ޖެހީމައި، ކުޑިކުޑިވެއްޖެ އެ ބޮއެތާ، އުޑިއެޅި ބިންބިޔަށް މިސާ، ގުޑިގެން ރިކިލު ކުޑަދިޔާ، ފުނޑިހަޑުލުހެން ފުށަށްވެފައި، ގޮނޑުދޮށުގައި މަރުވެފައި“ މިއެވެ.

ހުކުރުން ފައިބައިގެން މީހުން އެކިއެކި މަސައްކަތްތަކުގައި ހަރަކާތްތެރިވި ވަގުތު ރަށުގެ ބައެއް މީހުން އުޅުނީ އަތިރިމަތީގައި އެހެލާފައި ހުރި އޮޑިދޯނިފަހަރުގެ އެކިއެކި މަސައްކަތްތަކުގައެވެ. އެހެން ތިބި މީހުންގެ ތެރެއިން މައިނުގައި މުޑިއަކުން ޖެހީ މަޑުއްވަރީގޯތި ޢަލީ ކިޔާ މީހެއްކަމަށް ބުނެވެއެވެ. މައިނުގައި މުޑިގަނޑުން ޖެހުމާ އެކު އޭތި އެނބުރެން ފެށިއެވެ. ގޮވީ އޭގެފަހުންނެވެ. މައިން ގޮވުމާ އެކު އެ ތަނުގައި ބޮޑު ވަޅުގަނޑެއް ހެދި، އެ ސަރަޙައްދުގައި ބޮޑު ފަސްބާޑިއެއް ހެދުނެވެ. އެ ފަސްގަނޑަށް އެ ރަށު މީހުން އޭރު ކީ ”ބޮން ގޮވި ފަސްފަނޑު“ އެވެ.

މި ރައިވަރުގައި ބުނެފައިވާ އެންމެ މުހިންމު އެއް ވާހަކައަކީ ބޮއި (ކަނޑު މައިން) ގޮވީ މުޑިއަކުން ޖެހީމާ ކަމަށް ބުނާ ވާހަކައެވެ. ދެން އޮތީ އެ މައިން ގޮވައިގެން ކުޑިކުޑިވީ ވާހަކައާއި ދެން ކަންތައްތައް ވީގޮތުގެ ވާހަކައެވެ. މައިން ގޮވުމާ އެކު ކުޑަރިކިލު ގުޑިގެން ދިޔަ ވާހަކައާއި އުޑިއަށް އަޅާ ބިންބީގެ މިސާލުގައި އަދި ފުނޑާފައި ހުންނަ ހަނޑޫހެން ފުށަށްވެ ގޮނޑުދޮށުގައި އެތައް ބަޔަކު މަރުވި ވާހަކައެވެ.

މަޢުލޫމާތު:

ޝެއަރކުރެއްވުމަށް