މާލޭގައި ހުރި މޯލްޑިވްސް ބްލަޑް ސަރވިސަސް (އެމްބީއެސް) ގެ އިމާރާތް ބައުވެ ހަލާކުވުމާ ގުޅިގެން ތެލެސީމިއާ ކުދިންނަށް ކުރިމަތިވި ދަތިތައް ޙައްލުކުރުމަށް ހުޅުމާލޭގެ އޮރެންޖް ހިޔާގައި އެ މަރުކަޒު ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ބަޔަކާ ހަވާލުކޮށްގެން ފަށައި، އެކަށީގެންވާ ހަލުވި ދުވެއްޔެއްގައި އެ މަސައްކަތް ކުރިއަށް ނުދާތީ، އެ މަސައްކަތް ގައުމީ މަސައްކަތެއްގެ ގޮތުގައި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ސިފައިންނާ އެ މަސައްކަތް ހަވާލުކުރެއްވީ މާރިޗު މަހުގެ 23 ވަނަ ދުވަހުއެވެ. އަދި އެ މަސައްކަތް ނިންމައި މި އަހަރުގެ ތެލެސީމިއާ ދުވަހު، އެ މަރުކަޒު، ޚިދުމަތަށް ގެންނަވާނެކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މި ޕްރޮޖެކްޓް ދިވެހި ސިފައިންނާ ހަވާލުކުރެއްވި ދުވަހުން ފެށިގެން، ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫނުގެ ލަފާފުޅާ އެކު، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ ޚާއްޞަ ބެއްލެވުމުގެ ދަށުން ކުރާ މަސައްކަތެއްގެ ގޮތުގައި އެ މަސައްކަތް ހެއްދެވިއެވެ. އެގޮތުން، ސިފައިންނަށް ހަވާލުކުރެއްވި މަސައްކަތްތައް ފުރިހަމަކޮށް، ދުނިޔޭގެ ތެލެސީމިއާ ދުވަހަކީ، މި މަރުކަޒު އޮޕަރޭޝަނަށް ގެންނަން ޖެހޭނެ ދުވަހުގެ ގޮތުގައި އަޒުމު ކަނޑައެޅުއްވިއެވެ. އަދި މި ޕްރޮޖެކްޓް، އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް ކާނަލް އިސްމާޢީލް ނަޞީރުއާ ހަވާލުކުރެއްވުމުން، ލީޑިންގ ޓީމުގެ ގޮތުގައި އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރސްގެ ބެލުމުގެ ދަށުން ޢަމަލީ މަސައްކަތް 28 މާރިޗު 2025ގައި ވަނީ ފެއްޓެވިއެވެ.

އެ ހިސާބުން، އެމްއެންޑީއެފް މިލިޓަރީ އިންޖިނިއަރުންގެ ޓީމުން ސައިޓަށް ޒިޔާރަތްކޮށް، އެތަނުގެ ސަރވޭ ހަދައި، އެ މަސައްކަތުގެ ސްކޯޕް ވަޒަންކުރިއެވެ. އެގޮތުން، އެ އިމާރާތުގައި ކުރަން ހުރި މަސައްކަތްތަކުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން އިންޖިނިއަރުންގެ ޓީމުން ކުރި ސަރވޭއިން ފާހަގަކުރެވުނެވެ. ޕްރޮޖެކްޓް ސިފައިންނާ ހަވާލުކުރެއްވި އިރު، މި ޕްރޮޖެކްޓަކީ އެހެން ފަރާތަކާއި ޙަވާލުކުރެވިގެން ކުރިއަށް ގެންދަމުންދާ ޕްރޮޖެކްޓެއް ކަމުގައި ވީނަމަވެސް. މި ޕްރޮޖެކްޓްގައި އޭރު ނިމިފައި ހުރީ ވަރަށް ކުޑަ މިންވަރެއްކަމާއި، ޕްރޮޖެކްޓް ނިންމުމަށް ސިފައިންނަށް ލިބުނު މަދު ދުވަސްކޮޅުގެ ތެރޭގައި ކުރަން ޖެހިފައި ހުރީ ބިޔަބޮޑެތި މަސައްކަތްތަކެއްކަން ދެނެގަނެވުނެވެ. އެ ހިސާބުން، ފެންނަންހުރި ހުރަސްތަކާ ގޮންޖެހުންތަކާ ކުރިމަތިލައި، އެ ޕްރޮޖެކްޓް ކާމިޔާބުކަމާ އެކު ނިންމުމަށް އިސްތިރާޖީ ޕްލޭންތަކެއް ހަދައި، ހަލުވި ދުވެއްޔެއްގައި މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދައި، ޕްރޮޖެކްޓްގެ މަސައްކަތް ފަށައިގަތެވެ. ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައި، އެ ދާއިރާއިން މަތީތަޢުލީމާއި، ދުވަސްވީ ތަޖުރިބާތައް ހާސިލުކުރައްވައިގެން ހުންނެވި މިލިޓަރީ އިންޖިނިއަރސްގެ ވޮރަންޓް އޮފިސަރ 4 ޢަލީ ވިއާމް ކަނޑައަޅުއްވައި، އޭނާގެ ވިލަރެސްކަމުގެ ދަށުން ފެށި ޕްރޮޖެކްޓަކީ ގައުމީ ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ދެކިގެން، ސިފައިން އެކަމާ ކުރިމަތިލީ، މަސްއޫލިއްޔަތު އުފުލުމުގައި ފަސްނުޖެހި، ސިފައިންގެ ޤާބިލުކަމާއި ޕްރޮފެޝަނަލިޒަމް އިސްކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތެލެސީމިއާ ކުދިންނާ މެދު ގެންގުޅުއްވާ ޚިދުމަތުގެ ތަޞައްވުރު ހާސިލުކުރުމަށް ޓަކައި، އިންތިހާ އަވަސް ގޮތެއްގައި ނިންމަން އަމާޒު ހިފައިގެން އެމްއެންޑީއެފުން ފެށި މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔައީ ވަރުބަލިކަމެއް، ފޫހިވުމެއް ނެތިއެވެ. ސައުވީސް ގަޑިއިރު ހުއްޓުމެއްނެތި އެ މަސައްކަތްތައް ސިފައިން ކުރަމުން ދިޔައިރު، އެ މަސައްކަތުގައި ހަރަކާތްތެރިވި ކޮންމެ ސިފައިންގެ މީހެއްގެ ފަރާތުން ފެނިގެންދިޔައީ ޖޯޝާއި ފޯރިއާއި، ގައުމީ ރޫހުގައި އަތުކުރި އޮޅާލައިގެން އެ މަސައްކަތްތަކުގައި ޝާމިލުވަމުން ދިޔަ ތަނެވެ. އެމްއެންޑީއެފް ސަރވިސް ކޯރގެ ތަޖުރިބާކާރު ފަންނީ ސިފައިންނާއި، އެމްއެންޑީއެފްގެ އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ސިފައިންގެ އެހީތެރިކަން ހޯދައިގެން ފެށި މަސައްކަތުގައި، ތެލެސީމިއާ ކުދިންނަށް ޓަކައި ބިނާކުރެވޭ އައު މަރުކަޒުގެ މުހިންމު ތަސައްވުރު ލަސްތަކެއް ނުވެ ޙަޤީޤަތަކަށް ބަދަލުވެގެން ހިނގައިދާނެ ކަމުގެ އުންމީދުތަކާއި ޔަޤީންކަން ގެނެސްދިނެވެ.

މޯލްޑިވްސް ބްލަޑް ސަރވިސަސްގެ ޚިދުމަތްތައް ފުޅާކޮށް، ތެލެސީމިއާ ކުދިންނަށް ރަނގަޅު ފެންވަރެއްގައި ފަރުވާ ދެވޭނޭ ޒަމާނީ މަރުކަޒެއްގެ ޚިދުމަތް ވީހާވެސް އަވަސް މުއްދަތެއްގައި ފެށިގެން ދިޔުމަކީ ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވި ތަޞައްވުރެކެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ، އެމްއެންޑީއެފްއާ މި ޕްރޮޖެކްޓް ހަވާލުކުރެއްވީ އެމަނިކުފާނުގެ ތަޞައްވުރުގެ އަމާޒުތަކާ އެއްގޮތަށް، އަވަސްކަމާއި، އަދި ޔަޤީންކަމާ އެކު، އެ މަސައްކަތް ކޮށް ނިންމާލެވޭނެ ބަޔަކީ ދިވެހި ސިފައިން ކަމަށް ޤަބޫލުފުޅު ކުރެއްވޭތީއެވެ.

އެހެންކަމުން، މި ޕްރޮޖެކްޓާ އެމްއެންޑީއެފުން ހަވާލުވީ ދުވަހުން ފެށިގެން ކުރިމަތިވި ހުރިހާ ގޮންޖެހުމަކާ ދިވެހި ސިފައިން ކުރިމަތިލީ އެ މަސައްކަތަކީ ގައުމީ މުހިންމު މިޝަނެއްގެ ގޮތުގައި ދެކިގެންނެވެ. އެގޮތުން، ކަނޑައެޅުނު އަމާޒު ހާސިލުކުރުމަށް ޓަކައި ދިވެހި ސިފައިން ވަނީ މި މަސައްކަތުގައި އާދަޔާޚިލާފު ޖޯޝާއި ހިތްވަރެއް ދައްކައިފައެވެ. ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ މަސައްކަތް އަވަސްކުރުމަށް ޓަކައި، ސައުވީސް ގަޑިއިރު ހުއްޓާ ނުލައި ކުރިއަށް ގެންދެވޭނެ ގޮތްތަކަށް، ހިކުމަތްތެރިކަމާ އެކު ކަންކަން އިންތިޒާމްކުރިއެވެ. މަސައްކަތު ސައިޓުގައި ސިފައިން ހަރަކާތްތެރިވީ އެ މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދެވޭނެ ގޮތަށް ޓީމުތަކެއްގެ ގޮތުގައި ޝިފްޓަށް މަސައްކަތް ކުރާ އުސޫލުންނެވެ.

އެގޮތުން، މުޅި ޕްރޮޖެކްޓް ކާމިޔާބުކަމާ އެކު އިންތިޒާމްކުރެވިގެން ކުރިއަށް ގެންދިޔުމުގައި އެމްއެންޑީއެފް ސަރވިސް ކޯރގެ ދަށުން މަސައްކަތްކުރާ ޔުނިޓްތަކުގެ ފަންނީ ސިފައިން އަދާކުރި ދައުރު ވަރަށް ބޮޑެވެ. އެގޮތުން، އެމްއެންޑީއެފް މިލިޓަރީ އިންޖިނިއަރސްއިން މުޅި ޕްރޮޖެކްޓް ލީޑުކޮށްގެން ކުރިއަށް ގެންދިޔަ އިރު، އެތަނުގެ ހުރިހާ ޑިޒައިންތަކެއް ތައްޔާރުކުރުމާއި، ވަޑާމުގެ މަސައްކަތްތަކާއި، ވެލްޑިންގ މަސައްކަތްތަކާއި، ސިމެންތީގެ މަސައްކަތްތައް އަދި މަރާމާތުގެ މަސައްކަތްތައް ކޮށްފައިވަނީ އެމްއެންޑީއެފް މިލިޓަރީ އިންޖިނިއަރސްގެ ފަންނީ ސިފައިންނެވެ. މުޅި އިމާރާތުގެ ކަރަންޓް ވަޔަރިންގއާއި، އެއަރ ކަންޑިޝަންތައް ހަރުކުރުން ފަދަ މަސައްކަތްތައް އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގެ ފަންނީ ސިފައިން ކުރަމުން ގެންދިޔައިރު، އިމާރާތުގެ އައި.ސީ.ޓީއާއި ގުޅުންހުރި ހުރިހާ މަސައްކަތްތަކެއް ކޮށްފައިވަނީ އެމްއެންޑީއެފް ސިގްނަލްސްގެ ފަންނީ ސިފައިންނެވެ. އިމާރާތަށް ބޭނުންވާ މެޓީރިއަލް ސައިޓަށް ފޯރުކޮށް ދިނުމަށް މިލިޓަރީ އިންޖިނިއަރސް ކުރެވުނު ގިނަގުނަ މަސައްކަތްތަކުގައި އެމްއެންޑީއެފް ސަޕްލައި އެންޑް ޓްރާންސްޕޯޓް ސަރވިސްގެ އެހީތެރިކަން ވަނީ ލިބިފައެވެ. އަދި އެމްއެންޑީއެފް ކުއާޓަރ މާސްޓަރ ސަރވިސްގެ ސިފައިން ދިޔައީ ސިފައިންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ. މިނޫނަސް، މި ޕްރޮޖެކްޓްގައި، އެމްއެންޑީއެފްގެ ގިނަ އަދަދެއްގެ ސިފައިން ވަނީ ޢަމަލީ ގޮތުން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ޕްރޮޖެކްޓަށް އެމްއެންޑީއެފްގެ އެންމެ މަތީ ލެވެލުން ފެށިގެން ގެންދެވީ ޚާއްޞަ އިސްކަމެއް ދެއްވަމުންނެވެ. ޕްރޮޖެކްޓްގެ ގުރައުންޑް ބްރޭކިންގ ދުވަހު ވެސް، އެ ޕްރޮޖެކްޓްގައި ޢަމަލީ ގޮތުން ހަރަކާތްތެރިވި ސިފައިންނާ އެކު، އެމްއެންޑީއެފްގެ ލީޑަރޝިޕުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ކުރަމުންދިޔަ ދުވަސްތަކުގައި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްގެ އިތުރުން ޖެނެރަލް އޮފިސަރުން ގަވާއިދުން ސައިޓަށް ޒިޔާރަތްކުރައްވައި، މަސައްކަތުގެ ޕްރޮގްރެސް ބައްލަވައި، އެ ޕްރޮޖެކްޓްގައި ހަރަކާތްތެރިވި ސިފައިންނަށް ހިތްވަރު ދެއްވަމުން ގެންދެވިއެވެ. ޚާއްޞަކޮށް، އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް، ކާނަލް އިސްމާޢީލް ނަޞީރު ގެންދެވީ މެންދަމުގެ ވަގުތުތައް ވެސް ހިމެނޭ ގޮތަށް ވަރަށް ގިނަ ވަގުތުތަކެއްގައި އެ ސައިޓްގައި ހޭދަކުރައްވައި، މަސައްކަތްތައް ވަރަށް ގާތުން ބައްލަވަމުންނެވެ. ލީޑަރޝިޕުން މި މަސައްކަތަށް ދެއްވި އަހައްމިއްޔަތާއި، އެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންނަށް ދެއްވި ހިތްވަރުގެ ބަސްތައް ވެގެންދިޔައީ، އެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ މޮރާލްއާއި މޯޓިވޭޝަން ވަރަށްބޮޑަށް ވަރުގަދަކޮށްދިން ކަމަކަށެވެ.

ހުއްޓުމެއް ނެތި ކުރަމުންދިޔަ މަސައްކަތުގައި ދިވެހި ސިފައިންގެ ވަސީލަތްތަކާއި ހުރިހާ ތަޖުރިބާއެއްގެ ބޭނުން ހިފައި، ތެލެސީމިއާ ދުވަހަށް، ތެލެސީމިއާ ކުދިންގެ މަރުކަޒުގައި ޚިދުމަތް ފެށި އޮޕަރޭޝަނަށް ގެނެވޭނެ ކަމުގެ ޔަޤީންކަމާއި އިތުބާރު ދިވެހި ސިފައިންގެ މަސައްކަތުން ހޯދައިދިނެވެ. އެ ޕްރޮޖެކްޓްގެ އެންމެ އާދައިގެ މަސައްކަތުން ފެށިގެން އެންމެ ބޮޑެތި މަސައްކަތްތަކާ ހަމައަށް ސިފައިން ވަނީ ފަންނީ ޤާބިލުކަން ދައްކަމުން، ތެލެސީމިއާ ކުދިންނަށް އެންމެ ޒަމާނީ މަރުކަޒަކަށް ބޭނުންވާ މަތީ މިންގަނޑުތަކަށް އެ މަރުކަޒު ހެދޭތޯ މަސައްކަތް ކޮށްފައެވެ.

އަވަސް މުއްދަތެއްގެ ތެރޭގައި ފުރިހަމަކަމާ އެކު ޕްރޮޖެކްޓް ނިންމާލައި، 2025 މޭ 8 ވަނަ ދުވަހު، އާދެ، ދުނިޔޭގެ ތެލަސީމިއާ ދުވަހު، މިނިސްޓްރީ އޮފް ހެލްތާ، މި ޤާއިމްކުރެވުނު ”މޯލްޑިވިއަން ބްލަޑް ސަރވިސަސް“ ގެ ޢިމާރާތް އެމްއެންޑީއެފުން ހަވާލުކޮށްފައިވާ އިރު، މަރުކަޒު އެވަނީ ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވި ތަޞައްވުރާ އެއްފަދަ، ހިތްގައިމު، ޒަމާނީ ފެސިލިޓީއެއްގެ ގޮތުގައި ބިނާކުރެވިފައެވެ. އަދި ކުޑަކުދިން ގަޔާވާ ގޮތަށް އިމާރާތުގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް މިހާރު ވަނީ ގެނެވި، ފެމެލީ-ފްރެންޑްލީ ވަސީލަތްތަކާ އެކު، ކުޑަކުދިންނަށް ޚާއްޞަ ކުރެވިފައިވާ ޕްލޭ އޭރިއާއެއް މަރުކަޒުގައި ގާއިމްކުރެވިފައިވެއެވެ.

ޒަމާނީ، ފަންކްޝަނަލް، އަދި ރީތި ހިތްގައިމު ފެސިލިޓީއަކަށް ”މޯލްޑިވިއަން ބްލަޑް ސަރވިސަސް“ ބަދަލުކުރުމަށް ދިވެހި ސިފައިން ހަލުވިކަމާ އެކު ކުރި މަސައްކަތްތަކުގެ ތެރޭގައި، އިމާރާތުގެ ފްލޯރިންގ، މެޑިކަލް ފްލޯރިންގއަކަށް ބަދަލުކޮށް، ލެބޯޓަރީގެ އިންޓީރިއާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ. މިގޮތުން ފާހާނާތައް އިތުރުކޮށް، ހުރިހާ އެންމެންނަށް ވެސް ފަސޭހަކަމާ އެކު ބޭނުންކުރެވޭނެ ގޮތަށް، އަދި ޚާއްޞަކޮށް ވީލްޗެއަރގައި ވެސް ޕޭޝަންޓުންނަށް ފާހާނާއަށް އެކްސެސްވެވޭ ގޮތަށް ފާހާނާތަކުގެ ޑިޒައިން ވަނީ ބަދަލުކުރެވިފައެވެ.

ލޭހަދިޔާ ކުރާ ފަރާތްތަކުން މަޑުކޮށްލާނެ ތަނަވަސް ވެއިޓިންގ އޭރިއާއެއް ގާއިމްކުރެވިފައިވާއިރު،7 މީހުންނަށް އެއްފަހަރާ ލޭ ދެވޭނެ އިންތިޒާމް ވަނީ ޤާއިމުކުރެވިފައެވެ. ވޯޑް ތަކުގައި ބެހެއްޓިފައިވާ ބެޑްތަކާއި ސޯފާތަކުން  30 ޕޭޝަންޓުންނަށް ޚިދުމަތް ދެވޭ ފެންވަރަށް އެ ތަނުގެ ޚިދުމަތްތައް ގާއިމްކުރެވިފއިވާއިރު، ޚާއްޞަކޮށް، ކޮންމެ ބެޑެއްގައި ސުވިޗް ސޮކެޓާއި، ލައިޓް ފޭން ފަދަ ވަސީލަތްތައް ވަނީ ހަރުކޮށްފައެވެ. މުޅި އިމާރާތުގައި ވަނީ ތާޒާވައި ދައުރުވާ ގޮތަށް އެއަރ ކޮންޑިޝަން ސިސްޓަމް ޑިޒައިންކޮށް، ގާއިމުކޮށްފައެވެ.

މި ޕްރޮޖެކްޓުން ކަށަވަރުކޮށްދިން ކަމަކީ، ޤައުމީ ސަފުގައި ދިވެހި ސިފައިންނަށް ކޮންމެ ފަދަ ހުރަސްތަކެއް ކުރިމަތިވީ ނަމަވެސް، މަސްޢޫލިއްޔަތު އަދާކުރުމުގައި އެމްއެންޑީއެފުން ނުކުންނާނީ ގާބިލުކަމާ އެކު ދިވެހި ރައްޔިތުންނަށް އެ އިތުބާރާއި ޔަޤީންކަން ފޯރުކޮށްދެމުން ކަމެވެ. ގައުމު ބިނާކުރުމުގައި ސިފައިންނާ މަތިކުރާ ކޮންމެ މިޝަންއެއް ވެސް އަދާކުރާނީ، ފަރުވާތެރިކަމާ އެކު ރިވެތި ނަމޫނާއިން މިސާލު ދައްކަމުން ކަމެވެ.

ޝެއަރކުރެއްވުމަށް