ދުވަސްވަރަކީ އިސްލާމީ ރަންޒަމާނުގެ އެންމެ އަލިގަދަ ދުވަސްވަރެވެ. ޚާތިމުލް އަންބިޔާޢު މުޙައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ރޯޝަންކުރެއްވި އިސްލާމީ ދަންމަރުން މުޅި އިސްލާމީ އުއްމަތް ހުޅުދާންވެގެން ދިޔައެވެ. އަރަބިކަރައިގެ ވާދީތަކުން ދިއްލާލި އިލާހީ ނޫރުން ދުނިޔޭގެ އުތުރާއި ދެކުނުގައި އިސްލާމީ ހުވަނދުން މުޅި ފަޒާ އެއްވަސްކުރުވިއެވެ. މައްކާގައި ރަސޫލާގެ ”ދާރުލްއަރުގަމުން“ ޢިލްމް އުނގެނިވަޑައިގެންނެވި ޚުލަފާއުއްރާޝިދޫންގެ ކިބައިން ދާރިސްވެވަޑައިގެންނެވި ދައުލަތްތަކުގެ ވެރިން ވަނީ ”ބައިތުލް ހިކްމާ“ ބިނާކޮށްފައިއެވެ. އަދުޔާނުގެ ޢިލްމާއި، އަބްދާނުގެ ޢިލްމުން ކުރެ ވަކި ފަރާތަކަށް ބުރެވުމެއް ނެތް ތަހުޒީބާއި ތަމައްދުންގެ އައު ބާބެއް މުސްލިމުން ލިޔަން ފެށީ މުޅި އިންސާނީ ދަރިފަސްކޮޅަށް ފައިދާކުރަނިވި ޢުލޫމުތައް ހިމެނޭ ފަންނީ ދެއްޔަކުންނެވެ. ޝިރުކާއި ކުފުރުގެ ފިތުނައިން ހިކި ހޫނުވެފައިވާ ބިންތަކުގައި ސުލްހަވެރި ކަމުގެ މާތައް ފަރިކުރުވިއެވެ. ނަސްލެއް، އަސްލެއް، ޖިންސެއް، ވަންހައެއް އަދި ޤަބީލާއެއް ތަފާތުކުރުމެއް ނެތި ޢަދުލުވެރިކަމުގެ ބަހާރުމޫސުމަކަށް މުސްލިމުން މަރުހަބާކިއެވެ.

އިސްވެ ބަޔާން ކުރެވުނު ރަންޒަމާނުގެ ފަތްފުށްތަކަށް ނަޒަރު ހިންގާލަމާތޯއެވެ. ”ޢައްމޫރިއްޔާ“ގެ ބާޒާރެއްގައި މުސްލިމު އަންހެނަކު ރޫމީންގެ މީހެއްގެ އަތުން އެއްޗެއް ގަތުމަށް ޓަކައި އޭނައާ ވާހަކަދައްކަމުން ދިޔައެވެ. ނަމަވެސް ރޫމީކަލޭގެ، އެ އަންހެންމީހާގެ ވާހަކައަށް އެހާބޮޑު ސަމާލުކަމެއް ނުދީ އެއްޗިހި ގޮވަން ފެށިއެވެ. އެ އަންހެންމީހާ ވެސް އޭނާ ގޮވަމުންދިޔަ އެއްޗިއްސަށް ޖަވާބު ދެމުން ދިޔައެވެ. ދެން އެ ރޫމީކަލޭގެ، އެ އަންހެންމީހާގެ ކޯތާފަތްމަތީ، ދަތްތައް ވެސް ބިންދައިގެންދާ ފަދަ އެތިފަހަރެއް ޖެހިއެވެ. އެހިނދު އެ އަންހެންމީހާ ބާރުއަޑުން ”އޭ މުޢުތަޞިމެވެ!“ ކިޔާ ގޮވިއެވެ.

އެ ވަގުތު ރޫމީކަލޭގެ އެ ނިކަމެތި އަންހެންމީހާއަށް މަލާމާތްކުރަމުން ބުންޏެވެ. މުޢުތަޞިމަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އޭނާއަށް އަހަންނާ ހަމައަށް އާދެވޭނީ ކިހިނެއް ހެއްޔެވެ؟ އެ ހިނދު މުސްލިމު އަންހެނާ އަޑު ބާރުކޮށް ބުންޏެވެ. ”އޭ މިހިރަ މޮޔަމީހާއެވެ. މުޢުތަޞިމް، ކަޅާއި ހުދުގެ އަހެއްގައި އައިސް ކަލެއަށް ނަޞްރުދީ އެހީތެރިވަންދެން އޭނާގެ އިންތިޒާރުގައި ހުންނާށެވެ“. މި ހިނގައިދިޔަ ހާދިސާ ބަލަން އެއްވެތިބި މީސްތަކުން ކުރެ މީހަކު ޚަލީފާ މުޢުތަޞިމްގެ އަރިހުގައި މިކަން ނަންގަތެވެ. އެއީ ޚަލީފާ މުޢުތަޞިމް އާދައިގެ މަތިން އޭނާގެ މަޖިލީހުގައި، މުސްތަޝާރުންނާ ވާހަކަ ދައްކަވަން ހުންނެވި ވަގުތެކެވެ. އެ މީހާ މި ވާހަކަތައް ކިޔައިދީ ނިމުމުން، މުސްލިމުންގެ ޚަލީފާ މުޢުތަޞިމް އޭނާއާ ސުވާލުކުރިއެވެ. އެވަގުތު ކަލޭ ކަންތައްކުރީ ކިހިނެއް ހެއްޔެވެ؟ ޖަވާބުގައި އޭނާ ބުންޏެވެ. އެ ނުލަފާ މީހާގެ ބޯ އޭނާގެ ކަނދުރާއިން ވަކިކުރުމަށް ޓަކާ އަހަރެން ކަނޑި އުރައިން ދެމީމެވެ. ނަމަވެސް ރޫމީންތައް އައިސް އަހަރެން ވަށާލިއެވެ. ދެން އެ އަންހެންމީހާ ކައިރިއަށް ގޮސް، އޭނާގެ އަޑު މުއުމިނުންގެ އަމީރަށް ފޯރުކޮށްދިނުމަށް ވަޢުދުކުރީމެވެ. އެ ވަގުތު ރޫމީންތައް އަހަރުމެންނަށް މަލާމާތް ކުރަމުން ދިޔައެވެ. އެމީހުން ހީކުރަމުންދަނީ އެމީހުންގެ ކިއްލާތަކުގެ އެހީގައި، އަމީރުލް މުޢުމިނީންގެ ހަމަލާތަކުން އެމީހުންނަށް ސަލާމަތްވެވޭނެ ކަމަށެވެ.

މި ވާހަކަތައް އަޑުއައްސަވަން ހުންނެވި ޚަލީފާގެ މޫނު ޢައްމޫރިއަޔާއާ ވީ ދިމާލަށް ބެލުމަށްފަހު ބުންޏެވެ. ”އާދޭހެވެ. އޭ މިނިވަން މުސްލިމު އުޚްތާއެވެ. އިޖާބައަކަށްފަހު އިޖާބައެއް ދެމެވެ. ތިބާގެ ހަޅޭކުގެ އަޑު މުޢުތަޞިމަށް އިވިއްޖެއެވެ. އަދި ތިބާއަށް އިޖާބަދީފިއެވެ. މިކަން ރޫމީންނަށް އެނގިގެންދާނެއެވެ“.

ޚަލީފާ އިސްވެ ހުންނަވައި 12000 ކަޅާއި ހުދުގެ އަސްތަކުގައިވާ 12000 މީހުންގެ ލަޝްކަރެއްގައި ޢައްމޫރިއަޔާ ދިޔުމުގެ ނަތީޖާއަކަށްވީ އެ މުސްލިމު އުޙްތާގެ ޙައްޤު ރައްކާތެރިވެ މުޅި ޢައްމޫރިއަޔާ ފަތަޙަވުމެވެ. އިސްލާމީ ދަންމަރު އެ ސަރަހައްދުގައި ފެރުތުމެވެ. މުސްލިމުންގެ ޢިއްޒަތާއި ޤަދަރު އުފުލުމެވެ. އިސްލާމީ އުއްމަތުގެ ހައިބަތާއި ޤުއްވަތު އިތުރުވުމެވެ.

މި ހާދިސާއަށް ޒަމާންތަކެއް ފާއިތުވެ މާޒީގެ ސަފުޙާތަކާ އެކުވެއްޖެއެވެ. ނަމަވެސް އަދުގެ އިސްލާމީ އުއްމަތުގެ ފަތްފުއްތަކުން މިފަދަ ސަފުހާއެއް ފެނިގެން ނުދޭނޫންތޯއެވެ؟ ދުނިޔޭގެ އޮއިވަރަށް ނަޒަރު ހިންގާލައްވާށެވެ. މެދުއިރުމަތީގެ ސީރިޔާ، ލުބުނާނު، އަދި އީރާނުގައި މުސްލިމު އުޚްތުންތައް މިދަނީ ހުވަފަތް ވަމުންނެވެ. ފަލަސްތީނުގައި އެއްވެސް ރަހުމެއް، ކުލުނެއް އަދި އޯގާތެރިކަމެއްނެތި ދެވޭ ޙަމަލާގައި ކުޑަކުދީންތައް މިދަނީ ޔަތީމުވަމުންނެވެ. ރޮހިންޔާގައި ދިރިތިއްބާ އަންދާލެވެނީ ކިތައް މުސްލިމު އާޢިލާތޯއެވެ.

އިންސާނީ ވަސީލަތުގެ ގޮތުންނާއި ޢުމްރާނީ ކުރިއެރުންތަކުން ދުނިޔޭގެ އެހެން އެއްވެސް ބާރަކަށް ފައިހަމަކޮށް ނުލެވުނު މި ބިޔަ އިސްލާމީ ލަޝްކަރުން ވަނީ މުސްލިމުންގެ ޙައްޤު ރައްކާތެރިކުރުމަށް ނުކުޅެދިފައެވެ. ޔަތީމުވެ، ގެތަކުގެ ދަށުގައި ތާށިވެފައިވާ ތުއްތުކުދިންގެ ކަރުނައިން ފުރިފައިވާ ހިތްދަތި މަންޒަރު ފެންނަ ލޮލެއް ނެތެވެ. ދަރިންގެ ފުރާނަ ނެތް މަސްގަނޑުގައި ތުރުތުރު އަޅާ ހާލު ހުންނަ މައިންގެ ވޭނީ ގިސްލުމާއި ކެކުޅުމުގެ އަޑު އިވޭ ކަންފަތެއް ނެތެވެ. ބޯހިޔާވަހިކޮށްލާނެ ގޮތެއްނެތި އެއް ތަނުން އަނެއް ތަނަށް މަންޒިލެއްނެތި ދުވަމުންދާ މުސްލިމު އާޢިލާތަކުގެ މަދަދުގައި ތީރެއް، ބަނޑިއެއް، ކަނޑިއެއް އުފުލަން ކެރޭ އަތެއް ނެތެވެ. ނުވިތާކަށް އެ މުސްލިމު އާޢިލާތަކުން ރޮވިފައި ހުރެ އެދެމުންދާ އާދޭސްތަކުގެ ވާހަކަ ދައްކާލަން ކެރޭ ދުލެއް ވެސް ނެތެވެ.

މިއީ އިސްއުފުލައިންގެ ފައިޖެއްސި ކޮންމެ ބިމެއްގައި ހުދުދިދަ ޖަހައި ބަންގީގެ އަޑުން އެތަނެއް ފަތަހަކުރި ލަޝްކަރުގެ އަދުގެ ޙާލަތެވެ. އިމާމުލް މުއްތަޤީން މުޙައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ކުރެއްސެވި ތަސްވީރުން ފަތަހައިގެ ފޮނިމީރުކަން ލިބުނު މުސްލިމުންގެ ހައިބަތާއި ޤުއްވަތު އަލުން ޢިޔާދަކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ އިސްލާމީ ފަރުދެއްގެ ޒިންމާއެކެވެ. މުސްލިމުންގެ ޙައްޤުގައި ކަނޑި އުފުއްލެއްވި ޙާލިދު ބުން ވަލީދެއް ނެތަސް އަދި ޢަދުލުވެރިކަމާއި ސުލްޙައިގައި ވިދާލި ފަދަ ޢުމަރު ބުން ޢަބްދުލްޢަޒީޒެއް ނެތަސް ކީރިތި ޤުރުޢާނުގެ މި ބަސްފުޅުގެ އަލީގައި އިހުއޮތް މުސްލިމުންގެ ހައިބަތު އަދުގެ އިސްލާމީ އުއްމަތަށް ވެސް ހޯދިދާނެއެވެ.

وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا

ތިޔަބައިމީހުން އެންމެން ﷲގެ ދީނުގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! (އާލް އިމްރާން:103)

ޝެއަރކުރެއްވުމަށް