ދުނިޔޭގެ މަސްރަޙު އަދުމިވަނީ އެންމެންވެސް ފޯކާސްޓްކުރިފަދައިން ނޭގުމުގެ މާހައުލެއްގެ ތެރޭގައިއޮވެ، ތަސައްވުރު ކުރެވިފައިނުވާ ތަފާތުގިނަ ހާދިސާތަކާއި ކާރިސާތަކުން ފުރިފައެވެ. މިކަންކަމުގެ ތެރޭގައި ސިޔާސީ، އިޖްތިމާޢީ، އިޤުތިޞާދީ، އިންސާނީ އަދި ތިމާވެއްޓާއި ގުޅުންހުރި ގިނަކަންކަން ފާހަގަކުރެވެއެވެ. މިލިޔުންލިޔަމުންދާއިރު ބައިނަލްއަޤުވާމީ ސިޔާސީ މަސްރަޙުން އެންމެ ހައިރާން ކުރަނިވިގޮތަކަށް ބަދަލުވަމުންދަނީ މެދުއިރުމައްޗެވެ. ކުއްލިއަކަށް ގިނަޤައުމުތަކެއްގެ ހާލަތު ބަދަލުކުރުމަށް، ރައްޔިތުންގެބާރު ބޭނުންކުރަމުންދާ މަންޒަރެވެ. އަދިއެކަމަށް އެކިޤައުމުތަކުގައި ދެކޮޅަށާއި އެއްކޮޅަށް ރައްޔިތުންތެދުވެ އޭގެސަބަބުން އިޖްތިމާޢީ އިޤްތިޞާދީ އަދި އިންސާނީ މުޞީބާތްތައްވެސް ނުކުންނަމުންދާ މަންޒަރެވެ.

މިމަންޒަރުތައް ބަލަންތިބޭއިރު، ޤައުމުތަކުގެ އަޝްކަރިއްޔާތައް މިހާލަތްތަކުގައި ޢަމަލު ކުރަމުންދާގޮތާއި ބައެއް ޤައުމުތަކުގައި ބޭނުންކުރަމުންދާ ގޮތްތަކަކީ މިއަދު އެއިން ވަރަށްގިނަ ޢިބްރަތްތަކެއް އަޅުގަނޑުމެން ހާސިލުކުރަންޖެހޭ ކަންކަމެވެ. ދިމިޤްރާތީ ވެރިކަމުގެނިޒާމްތަކަށް ޤައުމުތައް ވަދެގެންދާއިރު، މިނިޒާމްއަކީ މިއަށްވުރެ ވަކި ރަނގަޅު ނިޒާމެއް އަދި ހޯދިފައިނުވާ ނިޒާމަކަށްވާތީ، މިނިޒާމް ހިމާޔަތްތެރިކޮށް ރައްކާތެރިކޮށްދީ އަދި އާލާވުމަށް ފުރުޞަތު ހޯދައިދޭން ޖެހެއެވެ. މިކަމުގައި ޤައުމުތަކުގެ އަޝްކަރިއްޔާގެ ދައުރު ވަރަށްބޮޑެވެ. ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް އަދި ޤައުމީ ޝަޙުޞު ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމުގެ އެންމެ އާޚިރު އައްޑަނައަކަށް ވެފައިމިވަނީ އެޤައުމެއްގެ ކިތަންމެ ކުޑަނަމަވެސް ދިފާޢީބާރެވެ. “ ހޮނަސްޓް ބްރޯކަރުން“ ގެ ދައުރު އާދެ! ޤައުމުގެ ހާލަތު ބަދަލުތަކުގެތެރެއިން ވުޖޫދުވެ، އައު ކަންކަމާއި، ފިކުރުތަކާއި، އިހުސާސްތަކާއި، ނިޒާމްތައް ނުކުމެގެން އަންނައިރު މީޒާނުން ކައްސާލިޔަނުދީ ހައްލުކޮށްދިނުމުގައި އެހީތެރިވާންޖެހޭ ބަޔަކަށް ވާންޖެހެއެވެ. މިހެންނުވާ ޤައުމުތަކުގައި އިންސާފާއި ހަމަގެއްލި، ޤާނޫނާއި ގަވާއިދުތައް މުގުރި، ”އެނަކީ“ ތެރެއަށް ޣަރަޤުވެގެންދާ ހިތާމަވެރި މަންޒަރު ބައިނަލްއަޤުވާމީ މަޝްރަހުން ފެނެއެވެ.

ޤައުމެއްގެ ރައްޔިތުން، އެބައެއްގެ އުޅުން ޚިޔާރުކޮށްފައިވާ ގޮތާއި (ރާއްޖޭގައި ނަމަ އިސްލާމްދީން)، ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލް ހިމާޔަތްކޮށް، ރައްކާތެރި ކޮށްދިނުމުގެ މަސައްކަތުގައި ޖާނާއި ފުރާނައިން ޤުރުބާންކޮށްދިނުމަށް ﷲ ގަންދީ ހުވާކުރުވައިފައިވާ ބަޔަކަށް، ރައްޔިތުންގެ ބައިތުލްމާލުން ޚަރަދުކުރުމަށްފެށީ، އިސްވެދެންނެވި މަތިވެރި މަޤުޞަދު ހާސިލްކޮށްދިނުމަށެވެ. ދިވެހިން ޚިޔާރުކުރިގޮތަށް ދިވެހިންގެ މިކުޑަޤައުމު މިއަދުމިވަނީ ދިމިޤްރާތީ ބަދަލުތަކެއްގެނެސް، އެކަން ދަސްކޮށް ހަރުދަނާ ކުރުމުގެ މަސައްކަތްތަކެއް ފަށައިފައެވެ. މިކަމުގެ ތެރޭގައި ދިވެހިސިފައިންވެސްވަނީ ވަރަށް މަޢުނަވީ އަދި ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅައި، މިފަދަ ނިޒާމްއަކަށް ފެތުމަށްޓަކައި މަސައްކަތްފަށައިފައެވެ. ބަދަލަކީ އޭގެޒާތުގައި އިންސާނުންނަށް ބަލައިގަތުމަށާއި އެއަށް އަޙުލުވެރިވުމަށް ވަގުތުނަގާކަމެކެވެ. އެހެނީ ކޮންމެ ބަދަލެއްވެސް ވިސްނުމާ ފިކުރުގެ ބަދަލާއިވެސް ގުޅިފައިވެއެވެ. އަދިހަމައެހެންމެ އެއިންލިބިދޭ މަންފާއާއި ފައިދާއާއިވެސް ގުޅިފައިވެއެވެ. ތިބިހާލަތުން ހިތްހަމަޖެހުން ހޯދައިގެންތިބެ އެއިންބޭރުން ލޮލަށްފެނި އަތުން ނުހިފާ ހާލަތަކަށް ވާސިލްވުމަށް ފަސްޖެހުމަކީ ތަބީޢީކަމެކެވެ.  ނަމަވެސް، އަދުގެ މަޢުލޫމާތުގެ ދުނިޔޭގައި، ބަދަލުތަކާއި އެބަދަލުތަކުގެ ފައިދާތަކުގެ މަޢުލޫމާތު ބަދަލުކުރެވި ހިއްސާކުރުމަކީ ދަތިކަމަކަށް ނުވާހިނދު، މިމީޑިއަމް ބޭނުންކޮށްގެން ހެޔޮބަދަލުތައް ގެނައުމަކީ ކުރެވޭނެ ކަންކަމެވެ.

ދިވެހިސިފައިންނަކީ މިއަދުގެ ހާލަތަށް އެކަނި ފިކުރުހިންގައިލައިގެން ތިބެވޭނެ ބަޔަކަށް ވެވޭކަށްނެތެވެ. މިހާރު މިތިބަހިސާބުން، ޤައުމުގެ ”ޓްރެންޑް“ ތައް ހުރިގޮތަށްވިސްނާ ދިރާސާކޮށް، ކުރިމަތިލާންޖެހޭނެ ގޮންޖެހުންތައްހޯދައި ދެނެގަތުމަކީ ކޮންމެހެން ކުރަންޖެހޭނެކަމެކެވެ. ހަމައެކަނި އެދުވަހެއްގައި ޖެހޭކަމެއް ހައްލުކޮށްލުމުގެ ވިސްނުމުންނުކުމެ ދުރުރާސްތާއަށް ވިސްނައިގެން މުއައްސަސާ ބިނާކުރަން އެބަޖެހެއެވެ. ”ނޭނގުމުގެ“ މާހައުލު އަދިވެސް އޮތީ ހަމައެގޮތުގައެވެ. އެހެންކަމުން އިންޑިއާ ކަނޑުން މުހިންމު އިސްތިރާޖީ ޖަގަހަޔަކަށް ރާއްޖޭގެ ޖިއޮގްރަފީ ވެގެންދާއިރު، ބައިނަލްއަޤުވާމީ މަސްރަޙުގައި ބޮޑެތި ޤައުމުތަކުގެ ޢަމަލްތަކާއި ހަރަކާތްތައް، މިސަރަހައްދަށް ދެމުންގެންދާ ސަމާލްކަންމިވަނީ ވަރަށްބޮޑަށް އުފުލިފައެވެ. ތާރީޚުގެތެރެއަށް ބަލާއިރުވެސް މިފަދަ ހާލަތްތައް ފެނިގެން ގޮސްފައިވެއެވެ. އިނގިރޭސީންގެ އިސްތިޢުމާރީ ޒަމާނާއި، ޕޯޗުގީޒުން، ހޮޅީން އަދި މަލަބާރީންގެ ނުފޫޒުގެ ޒަމާންތައް ޚިޔާލަށް ގެނެވެއެވެ. ކަންމިހެންއޮތްނަމަވެސް، ހިތްވަރުލިބެނީ އެޒަމާނަކާއި ގުޅޭގޮތުން ދިވެހި ދައުލަތަށް އެފަދަބާރުތަކުގެ ނުފޫޒާއި އަތްގަދަކުރުމުގެ ޢަމަލުތަކާއި މުޤާބިލާ ކުރުމަށް ބޭނުންކޮށްފައިވާ މޮޅު ޙިކުމަތުޢަމަލީ އެވެ. އަސްކަރިއްޔާއެއްނެތް، އިޤްތިޞާދީ ބާރެއްނެތް، މީސްކޮޅުމަދު 1190 ޖަޒީރާގެ މައްޗަށް އެކުލެވޭ މިކުޑަ ޤައުމު މިފަދަ ބާރުތަކާއި މޮޅަށް މުޤާބިލާކޮށްގެން މިއަދާއި ހަމައަށް މިޤައުމު ވާސިލްކޮށްދީފައިވާ ގޮތަކީ އަދު ކޮންމެ ދިވެއްސަކުވެސް ފުންކޮށްވިސްނައި ޢިބްރަތްތަކެއް ހާސިލު ކުރަންޖެހޭ ކަމެކެވެ.

އެހެންކަމުން، ޒަމާނީ ހަތިޔާރާއި މީހުންގެ އަދަދަށްވުރެ ކުރިމަގުގެ ގޮންޖެހުންތަކާއި މުޤާބިލާކުރުމަށް ދިވެހި ދައުލަތަށް އެހީވުމަށް އަސްކަރިއްޔާއަށް ބޭނުންވަނީ ތަޢުލީމާއި ތަމްރީނުގެ އެންމެމަތީ ފަންތީގައި ހާސިލުކޮށްފައިވާ ޒުވާން ތޫނުފިލި ސިކުނޑިތަކެއްގެ އަޙުލުވެރީންނެވެ. ތަޢުލީމީ އޮފިސަރުންނެވެ. އަދި މިއޮފިސަރުންގެ ތަޢުލީމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް މަގުފަހިވާނޭ ވަސީލަތްތަކެކެވެ. ޢިލްމާއި ޙިލްމުގެ ހަތިޔާރަށް ބޮޑު އިންވެސްޓްމެންޓެއް ކުރުމަކީ ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލް ހިމާޔަތްކުރުމަށް އެޅޭނެ އެންމެމުހިންމު އެއްފިޔަވަޅެވެ. އެހެންކަމުން ދިވެހި އަސްކަރިއްޔާ މިއަދު މިޖެހެނީ ”ލަރނިންގ އޮގަނައިޒޭޝަން“ އަކަށް ނުވަތަ ”އުނގެނުމުގެ ރޫޙުގައި ދެމިއޮންނަ މުއައްސަސާ“ އަކަށްވާށެވެ. ޢިލްމީގޮތުންނާއި ފިކުރީގޮތުން ދިވެހި ދައުލަތް ހިމާޔަތްކުރުމުގެ ބުރަމަސައްކަތް ހިއްސާކުރުމުގައި އެންމެ ކުރީސަފުގައި ޢިލްމީގޮތުން ފުންނާބު އުސް އޮފިސަރ ކޯރ އެއް ބިނާކުރުމަކީ ކުރިމަގަށް ތައްޔާރުވުމަށްއޮތް އެންމެބޮޑު މަސައްކަތްކަމުގައި އަޅުގަނޑު ދެކެމެވެ.

ދިވެހި ޤައުމުގެ ދިމިޤްރާތީ ނިޒާމް ހަރުދަނާވެ، ސާފުސީދާ ޢަދުލުވެރި މާހައުލަކަށް ވާސިލްވުމަށް ކުރެވެމުންދާ މަސައްކަތްތައް ހިމާޔަތްކުރެވި، ދިމިޤްރާތީ ވެރިކަމުގެ ނިޒާމްއެއް ދިރިދެމެހެއްޓޭނީ މިދިވެހިޤައުމުގެ ކުޑަ ދިފާޢީބާރާކީ ”އެޕޮލިޓިކަލް“ (ސިޔާސީ ނުފޫޒުތަކުން އެއްކިބައިވެފައިވާ) ”ޕްރޮފެޝަނަލް“ ބައެއްގެގޮތުގައި ޤާއިމްވެ ތިބެގެންނެވެ. މިމަގުން ހިނގުމަށް ހުރިހާފަރާތްތަކުންވެސް ދިވެހި ސިފައިންނަށް ހިތްވަރުދީ އެހީތެރިވުމަކީ، ދިވެހިސިފައިން އުފައްދާ ދެމެހެއްޓުމަށް ރައްޔިތުން އެކަށައަޅައިފައިވާ މަޤުޞަދު ހާސިލުވާނޭ ހަމައެކަނި ގޮތެވެ.                       

ޝެއަރކުރެއްވުމަށް