އިސްލާމްދީނާއި، ޤައުމު ދިފާޢު ކުރުމުގައި، ހަށިގަނޑާއި ފުރާނައިން ޤުރުބާންވާން ޖެހިއްޖެ ހިނދެއްގައި ޤުރުބާންވާން ތައްޔާރަށްތިބި ހަމައެކަނި ބަޔަކީ އެޤައުމެއްގެ އަސްކަރިއްޔާއެވެ. އާދެ، ސިފައިންނެވެ. 1988 ގެއުދުވާނީ ހަމަލާގައި ޤައުމައްޓަކައި ޤުރުބާންވާންޖެހުމުން ދިވެހިސިފައިންވަނީ އެކަން ކިތަންމެ ރަނގަޅަކަށްވެސް ދީނާއި، ޤައުމަށްޓަކައި ކޮށްފައެވެ. ސިފައިންނަކީ މިފަދަ ބޮޑު ޒިންމާއެއް ބޮލުގައި ހެޔޮހިތުން އަޅައިގެން އުޅެންޖެހޭ، އަދި އުޅޭވެސް ބައެކެވެ. މިފަދަ ބޮޑު ޒިންމާއެއް އުފުލުމުގައި ސޯލްޖަރެއްގައި ހުންނަންޖެހޭ އެތަކެއް ސިފަތަކެއްހުރެއެވެ.

ތަޢުލީމާއި ތަމްރީނު ލިބިފައިވާ ޢިލްމީ އަދި ހުނަރުވެރި ސިފައިން ވާންޖެހޭނެވެ.

ސިފައިންގެ އަޚްލާޤާއި ސުލޫކު ރަނގަޅުވާން ޖެހޭނެވެ.

ސިފައިންނަކީ ކަންކަމަށް ޤާބިލް އަދި ކެރޭ ބަޔަކަށް ވާންޖެހެއެވެ.

މިގޮތަށް ކޮޅުން ނުލާހާވެސް ރަނގަޅު ސިފަތަށް އަށަގަނެފައިތިބި ދިވެހި ދަރިންނަށް ވާން އެބަޖެހެއެވެ.

އިސްވެ ދެންނެވުނު ކަންކަމަށް ޤާބިލު ވުމަކުންވެސް އަދި މުޅިއަކުން ނުފުދެއެވެ. އާދެ، ކިތަންމެ މަތީފެންވަރުގެ ތަމްރީނެއްހަދާފައި ތިއްބަސް، އަދި ކިޔަވާފައި ތިއްބަސް، ހަށިހެޔޮ މީހަކަށް ނުވާނަމަ ސިފައިންގެ ވާޖިބު އޭގެ އެންމެ ރަނގަޅަކަށް ނުއުފުލޭނެއެވެ. އިނގިރޭސިބަހުން ހަށިހެޔޮކަމަކީ ފިޒިކަލް ފިޓްނަސްއެވެ. އާދެ، ދުނިޔޭގެ ކޮންމެ ޑޮކްޓަރެއްވެސް ދުޅަހެޔޮ ޞިއްޙަތެއްގައި، ދުނިޔޭގައި އުޅުމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ގަވާއިދުން ކަސްރަތުކޮށް ހަށިހެޔޮކޮށް ތިބުމަށް ތަކުރާރުކޮށް އިޝާރާތް ކުރެއެވެ. މިއީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ކަސްރަތުން ލިބޭފައިދާ ލިޔެ ހުސްނުވާހާވެސް ގިނައެވެ. ކަސްރަތުން ލިބޭފައިދާތައް ހަތަރު ބަޔަކަށް ބަހާލެވިދާނެއެވެ. ފުރަތަމަ ކަމަކަށް، ކަސްރަތުން ހަށިހެޔޮކަން އިތުރު ކޮށްދެއެވެ. މީގެތެރޭގައި ހިމެނޭކަންކަމަކީ، ބުންވަރު ރަނގަޅުވުން، ހަށިގަނޑުގެ ހަކަތަ އިތުރުވުން، ހަށިގަނޑުގެ ބާރުއިތުރުވުން، ފްލެކްސިބިލިޓީ ރަނގަޅުވުން މިގޮތަށް އެތައްކަމެކެވެ. ދެވަނަ ކަމަކަށް ކަސްރަތުން ދުޅަހެޔޮކަން (ޖިސްމާނީ) އިތުރު ކޮށްދެއެވެ. މީގެތެރޭގައި، ޑައިބެޓީސް، ހައިޕަރޓެންޝަން، ކެންސަރ ފަދަ ހުރިހާ ބައްޔަކުން ދުރުހެލިކޮށްދެއެވެ. ތިންވަނަ ކަމަކަށް ހަށިހެޔޮކަމުން ނަފްސާނީ ހަކަތަ އިތުރުކޮށްދެއެވެ. މިގޮތުން، ހިތްވަރުގަދަވުން، އުފާވެރިކަން ލިބުން، މާޔޫސްކަމުން ދުރުހެލި ކޮށްދިނުންފަދަ ކަންކަން ހިމެނެއެވެ. ހަތަރުވަނަ ކަމަކަށް، ހަށިހެޔޮކަމުން ރޫހާނީ ކަންވެސް އިތުރުވުމަށް މަގުފަހިކޮށްދެއެވެ. ހަށިހެޔޮވެފައި ދުޅަހެޔޮނަމަ އަޅުކަން ކުރުމުގެ ހިތްވަރާއި، ގިނައިރު އަޅުކަމެއްގައި ދެމިހުރެވެއެވެ.

އިސްވެ ދެންނެވުނު ކަންކަމާއި ސޯލްޖަރަކާއި ވަރަށް ގާތް ގުޅުމެއް ވެއެވެ. އާދެ އަޅުގަނޑުމެން މިވަޒީފާ އަދާކުރެވޭނީ އިސްވެ ދެންނެވުނު ހުރިހާ ކަމަކުން އެންމެ ކުރީސަފުގައި ތިބެގެނެވެ. ސިފައިންގެ މީހަކަށް ވެވޭނީ އިސްވެ ދެންނެވުނު ކަންކަން ފުރިހަމަވެގެނެވެ. ދުނިޔެއަށް މިއަންނަ ތަރައްޤީއާއި ހެޔޮ ބަދަލުތަކެކޭ އެއްފަދައިން އަޅުގަނޑުމެންގެ މިދިވެހިރާއްޖެއަށްވެސް މިއަންނަނީ އެތަކެއް ބަދަލުތަކެއް އަންނަމުންނެވެ. ހަމަ އެހެންމެ ސިފައިންގެއަށް އަންނަމުންދާ ބަދަލުތަކާއެކު ތަޢުލީމާއި ތަމްރީނު ލިބިފައިވާ އިޚްލާޞްތެރި ސޯލްޖަރުން ބޭނުންވެއެވެ. އަދި ސިފައިންނަކީ ފިޒިކަލް އެތަކެއް މަސައްކަތެއްވެސް ކުރަންޖެހޭ ބައެކެވެ. އެހެންކަމުން ހަށިހެޔޮވާންވެސް ޖެހެއެވެ. މިފަދަ މާހައުލެއްގައި ސިފައިންގޭގައި ކުރިމަގު އޮންނާނީ ރަނގަޅަށް، ތަޢުލީމާއި ތަމްރީނު ލިބިފައިވާ މީހުންނާއި ހަށިހެޔޮކަން ރަނގަޅު މީހުންނަށެވެ. ކަން މިހެން އޮތްއިރު އަޅުގަނޑުމެންގެ ކޮންމެ ސޯލްޖަރެއްވެސް ހަށިހެޔޮކޮށް ތިބެން އެބަލާޒިމް ކުރެއެވެ. އެހެންކަމުން ސިފައިންގެ މީހެއްގެ މުސްތަޤުބަލު ރަނގަޅު ކުރުމަށްޓަކައި ހަށިހެޔޮވެ ތިބެމާތޯއެވެ. މިނޫން އެހެންގޮތެއް ނެތެވެ.

ޝެއަރކުރެއްވުމަށް