ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ނުވަވަނަ ބާބުގެ 243 ވަނަ މާއްދާގެ ހ އަދި ށ ގައި ސިފައިންގެ ޚިދުމަތުގެ މަޤްޞަދުތައް ވަރަށްވެސް ފުޅާވެފައި ބޮޑެވެ. އަދި މިޤާނޫނު އަސާސީން ބާރު ލިބިގެން ހަދާފައިވާ ސިފައިންގެ ޤާނޫނުގެ ހަތްވަނަ މާއްދާގައި ސިފައިންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ނުހިމެނޭ ކަމެކޭ ދެންނެވިދާނެއެވެ. އެހާވެސް ދިވެހި ސިފައިންނާއި ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތުތައް ގިނައެވެ. މިހުރިހާ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކެއް ހަވާލުވެފައިވާ މުއައްސަސާއަކަށް ކުރިމަތިވާނެ ގޮންޖެހުންތައްވެސް ގިނަވާނެކަން ޔަގީނެވެ. ޤުދުރަތީގޮތުން ދިވެހިރާއްޖެ އުފެދިފައިވާ ގޮތާއި ރާއްޖެ އޮތް ލޮކޭޝަނުގެ ގޮތުންވެސް އިތުރު ގޮންޖެހުންތަކާއި ކުރިމަތިލާންޖެހެއެވެ.
އިންޑިޔާ ކަނޑުގައި އޮތް މިކުޑަކުޑަ ޤައުމުގެ ބޮޑުމިނުގެ ނުވަދިހަ ނުވަ ޕަސަންޓަކީ ކަނޑުގެ ސަރަޙައްދުކަމުން ދިވެހިރާއްޖެއަށް އަދި އެމް.އެންޑީ.އެފް އަށްވެސް ކުރިމަތިވެފައިވާ އަދި މުސްތަޤުބަލުގައިވެސް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ކަނޑުގެ ސަރަޙައްދު ރައްކާތެރިކަމާއެކު ހިމާޔަތްކޮށް ބެލެހެއްޓުމެވެ. ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމޭ އަޅުގަނޑުމެން ބުނާއިރު އެކަމުގައި ވަރަށްގިނަ ގޮތްގޮތުން އެކަންކުރަންޖެހެއެވެ. ހަމައެކަނި އަސްކަރީގޮތުން ކުރިމަތިވެދާނެ ނުރައްކަލަކުން ޤައުމު ދިފާޢުކުރުމުގެ މަސްއޫލިއްޔަތު އުފުލުމުގެ އިތުރަށް ވަރަށް ގިނަ އަދި އެހާމެ މުހިންމު އެހެން މަސްއޫލިއްޔަތު ތަކެއްވެސް އަޅުގަނޑުމެން އަދާކުރަން އެބަޖެހެއެވެ.
ކަނޑުމަގުން ރާއްޖެއަށް ކުރިމަތިވެދާނެ އެއްވެސް އަސްކަރީ ނުރައްކަލަކުން ޤައުމު ސަލާމަތްކުރުމުގެ އިތުރުން ރާއްޖޭގެ މަސްކަނޑުތައް ހިމާޔަތްކޮށް ދިވެހި މަސްވެރިންނަށް މަސްވެރިކަމުގެ ސިނާއަތުން ލިބޭ ފައިދާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިއްބައިދިނުމަކީވެސް އެމް.އެންޑީ.އެފް ކޯސްޓުގާޑުން އުފުއްލަވަމުން ގެންދަވާ ވަރަށް މުހިންމު ޤައުމީ މަސައްކަތެކެވެ. ކަނޑުގަދަވެ މަސްވެރިން މަސްވެރިކަމަށް ނުފުރި ރަށުގައި ތިބެންޖެހުނަސް ކަނޑުމަތީގައި ހަރަކާތްތެރިވާ ދިވެހި ސިފައިން ޢާއިލާ އާއި ދުރުގައި މަސްކަނޑުތައް ހިމާޔަތް ކުރުމަށްޓަކައި ވަރުބަލިކަމެއްނެތި ދަނީ މަސައްކަތް ކުރަމުންނެވެ.
ކަނޑުމަތީގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން، މަސްކަނޑުތައް ހިމާޔަތްކުރުމުގެ މުހިންމު މަސްއޫލިއްޔަތުވެސް އުފުލަމުން ކަނޑުމަތީގައި ދިވެހި ސިފައިން އަދާކުރާ މުހިންމު އަނެއް މަސްއޫލިއްޔަތަކީ ކަނޑުމަތީގައި ހާލުގައިޖެހޭ މީހުންނާއި މުދާ ސަލާމަތްކޮށްދިނުމުގެ މަސައްކަތާއި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން ބަލިވެގެން އެމަޖެންސީގައި މާލެއަށް ނުވަތަ ހޮސްޕިޓަލްތައް ނުހުންނަ ރަށްރަށުން އެފަދަ ރަށްރަށަށް ބަލިމީހުން ގެންގޮސްދިނުމުގެ މަސައްކަތެވެ. އަމިއްލަ ފުރާނައަށްވުރެ ބޮޑަށްް ބަލިވެ އޮތް މީހާ އާއި އެމީހާގެ ޢާއިލާގެ މެމްބަރުންނަށް ހިނިތުންވުމެއް ގެނެސްދެވިއްޖެނަމަ ލިބޭ ހިތްހަމަޖެހުން ލިބިގަންނަމުން ކޮންމެ ސިފައިންގެ މީހަކުވެސް މަސައްކަތް ކުރަމުންދަނީ ޤައުމީ މަތިވެރި ވާޖިބު އަދާކުރުމުގެ މަތިވެރި ރޫޙުގައެވެ.
ކަނޑުމަތީގައި ދިވެހި ސިފައިން އަދާކުރަމުންދާ ދައުރުގެ އިތުރަށް އެއްްގަމުގައިވެސް ސިފައިން ދަނީ ޤައުމީ ސަލާމަތާއި ގުޅުންހުރި ތަފާތު ކަންކަން ކުރުމުގެ އިތުރަށް ޤައުމު އާރާސްތު ކުރމުގައްޔާއި ދިވެހި ރައްޔިތުންނަށް ކުރިމަތިވާ ތަފާތު ކަންކަމުގައި އިސްދައުރެއް އަދާކުރަމުންނެވެ. މޫސުމް ގޯސްވުމުގެ ސަބަބުންނާއި ޤުދުރަތީ އެކިއެކި ކާރިސާތަކުން ރާއްޖޭގެ ރަށްތަކަށް ލިބޭ އެކިއެކި ގެއްލުންތަކުގައި ދިވެހި ރައްޔިތުންގެ އެންމެ އެކުވެރި ފަރާތަކީ ދިވެހި ސިފައިންކަން ރާއްޖޭގެ ރަށްރަށަށް މިހާތަނަށް ކުރިމަތިވި ގިނަ ހާދިސާތަކުގައި ދިވެހި ސިފައިންވަނީ ސާބިތުކޮށްދީފައެވެ. ވާރޭވެހި ފެންބޮޑުވެއްޖެނަމަވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ދިވެހި ސިފައިންގެ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ. އެހިތްހަމަޖެހުންދަނީ އެމް.އެން.ޑީ.އެފް ގެ ހުރިހާ ފަންތިއެއްގެ ސިފައިންވެސް ހިއްސާކުރަމުންނެވެ.
ދިވެހި ސިފައިން ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ކުރަމުންމިދާ އަގުހުރި ޚިދުމަތްތަކުގެ ހިތްހަަމަޖެހުން އިހުސާސް ކުރަމުންދާއިރު އެމް.އެން.ޑީ.އެފްގެ މިދެންނެވި ޚިދުމަތްތައް ދިވެހި ޤައުމަށް ފޯރުކޮށްދިނުމުގައި ދެމިތިބުމަށްހުރި ހުރަސްތައްވެސް މަދެއްނޫނެވެ. ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރިމަތިވާނެ ގޮންޖެހުންތައްވެސް އެހާމެ ގިނައެވެ. މިހުރަސްތަކާއި ގޮންޖެހުންތައް ހުރަސްކޮށް ސަލާމަތުގެ އައްސޭރިއަކަށް ދިވެހި ޤައުމު ވާސިލްކޮށް ދިނުމަށް ކުރަންހުރި މަސައްކަތްތައް ކުރުމަށްހުރި ދަތިތަކެއް މަދެއްނޫނެވެ.
ދިވެހި ސިފައިންގެ މަސައްކަތާއި މަސްއޫލިއްޔަތުތައް ފުޅާވެ އިތުރުވަމުންދިޔަނަމަވެސް އެނިސްބަތުން ދިވެހި ލަޝްކަރަށް ސިފައިން އިތުރު ކުރުމަށް އަޅުގަނޑުމެނެެް ޤައުމުގެ އިޤުތިޞާދު ތަނެއްނުދެއެވެ. ދިވެހި ރައްޔިތުން ދިވެހި ސިފައިންގެ ފަރާތުން ލިބިގަތުމަށްއެދޭ ޚިދުމަތްތައް އެގޮތުގައި އަދި އެވަގުތުތަކުގައި ފޯރުކޮށް ދިނުމަށް އެމް.އެން.ޑީ.އެފްގައި ހުރި ވަސީލަތްތައް ”ލިމިޓެޑް“ ވުމުގެ ސަބަބުން އެގޮތުގައި ފޯރުކޮށް ދިނުމަށްހުރި ހުރަސްތައް ގިނައެވެ.
ކަނޑުމަގުން ދިވެހިރާއްޖެ މިދަނީ ނުރައްކާތެރި ހާދިސާތަކާއި މިހާރުވެސް ކުރިމަތިލަމުންނެވެ. މިވަގުތު މުޅި ދުނިޔެއަށްވެސް ބިރަކަށްވެފައިވާ ޕައިރަސީގެ ނުރައްކަލަށް އަޅުގަނޑުމެން މިކުޑަކުޑަ ޤައުމު މިވަނީ ހުށަހެޅިފައެވެ. ލަންކާގެ މަސްބޯޓުތައް ފަހާ ދުއްވާ އެބޯޓުފަހަރު އަތުލާ ދިވެހި ސިފައިންނާއި ހަވާލު ކުރަމުންދިޔަ ހިތްވަރުގަދަ މަސްވެރިންނަށް މިއަދު މިވަނީ އޭރު އެކުރެވުނީ ރަނގަޅުކަމެއްނޫންކަން ޤަބޫލުކޮށް، މިކުރިމަތިލަނީ ނުރައްކާތެރި ކަމަކާކަމުގައި ދެކި ރާއްޖޭގެ ކަނޑުތަކުގައި ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކާއިމެދު ހޭލުންތެރިވާންޖެހިފައެވެ. ޕައިރެޓުންގެ ނުރައްކަލުން ރައްކާތެރިވެ ތިބެ މަސްކަނޑުތަކުގައި މަސްވެރިކަން ކުރުމުގައި ޝާމިލްވެގެން އުޅުމަށް މަސްވެރިން ސަމާލުކަންދޭންޖެހެއެވެ. ނޫންނަމަ މިއަހަރުގެ ފެބުރުއަރީ 16ވަނަ ދުވަހު ހއ. އުލިގަމުން ފުރައިގެން ދަތުރުކުރަމުން ދިޔަ ޔޮޓަށް ދިމާވިފަދަ ހިތާމަވެރި ހާދިސާ އަކާއި ކުރިމަތިލާންޖެހުމަކީ ކައިރި ކަމެކެވެ. މަސްވެރިންނަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ބާއްވައި ދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެކަމަށް ބޭނުންވާނެ އެންމެ އެކަށީގެންވާ ވަސީލަތްތައް އަޅުގަނޑުމެންގެ އަތުގައި ނެތެވެ. މިއީ ދިވެހި މަސްވެރިންނާއި ކަނޑުދަތަރު ފަތުރުކުރާ ފަރާތްތަކުގެ އާދޭސްތައް އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް ހުރި ވަރަށްބޮޑު ގޮންޖެހުމެކެވެ. އެހެންކަމާއެކު އަޅުގަނޑުމެންނަށް ޖެހިފައިވަނީ އަޅުގަނޑުމެންގެ އެކުވެރި ނޭވީތަކުގެ އެހީތެރިކަމާއެކު މިގޮންޖެހުންތަކާއި ކުރިމަތިލާށެވެ. ޕައިރަސީ އާއިބެހޭ ޤާނޫނެއްނެތި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން އަތުލެވޭ ސޯމާލިޔާގެ ރައްޔިތުންނާއިމެދު ޢަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމަކީ ސިފައިންގެ މަސްއޫލިއްޔަތެއްކަމުގައި ނުވިނަމަވެސް ޤައުމުގެ ސަލާމަތަށް ދިމާވެދާނެ އިތުރު ނުރައްކަލެކެވެ.
މުޅި ޤައުމު ސިޔާސީ ވެފައިވާ ދުވަސްވަރެއްގައި ސިޔާސީ އޮއިވަރުން ދިވެހި ސިފައިންް އެކަހެރިކޮށް ދުރުގައި ބޭތިއްބުމަކީވެސް ކުރިމަތިވެފައިވާ ވަރަށްބޮޑު ޗެލެންޖެކެވެ. އެންމެ ސިފައިންގެ މީހެއްގެ ފަރާތުން ފެންނަ އެފަދަ ޢަމަލެއްގެ ސަބަބުންވެސް ރައްޔިތުން ސިފައިންނާއިމެދު ދެކޭ ދެކުން ބަދަލުވެދާނެ ކަމެކެވެ. މިހާތަނަށްވެސް ސިޔާސީ ބަދަލުތަކާއި އެންމެ ޕްރޮފެޝަަނަލްކޮށް ކުރިމަތިލާ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ޤައުމުގެ އަޝްކަރީ އުދަރެހަށް އެއްވެސް ނުސާފުކަމެއް އަޔަނުދީ ރައްޔިތުންގެ ލޯތްބާއި އިތުބާރު ލިބިފައިވާ މުއައްސަސާއެއްގެ ގޮތުގައި އެމް.އެން.ޑީ.އެފް ބޭއްވުމަކީ އަޅުގަނޑުމެން ދިވެހި ސިފައިންގެ ޢަޒުމެވެ.
