އެއްފަސް ކުރުމުގެ މަޝްރޫޢުގެ ދަށުން ހދ. މާވައިދޫ އާއި ހދ. ކުނބުރުދޫ އަދި ހދ. ފަރިދޫ މީހުން އެއަތޮޅު ނޮޅިވަރަންފަރަށް ބަދަލު ކުރުމަށް އެރަށުގައި ވަނީ މި ތިން ރަށުގެ މީހުންނަށް 180 ގެ އަޅައިދީފައެވެ. އެރަށް ރަށުގެ ރައްޔިތުން އިންތިޒާރު ކުރަމުން ދިޔައީ ނޮޅިވަރަންފަރަށް ބަދަލުވެވޭނެ ދުވަހަކަށެވެ. މި ތިން ރަށަކީވެސް ގާމަތީ ތިންރަށެވެ. ލަފާފުރުންދަތި، ދިރިއުޅެން އުނދަގޫ، އަދި ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތިވުމުގެ ސަބަބުން ރައްޔިތުން ބޭނުންވެފައިވަނީ ވީހާވެސް އަވަހަކަށް އެބައި މީހުންގެ އާ ދިރިއުޅުމަށް ބަދަލުވާށެވެ. ހދ. މާވައިދޫ އާއި ހދ. ކުނބުރުދޫ އަދި ހދ. ފަރިދޫގެ ރައްޔިތުންނާއި، އެމީހުންގެ މުދަލާއި، އެރަށްރަށުގައި ހުރި ދައުލަތުގެ އެންމެހާ ތަކެތި ސަލާމަތްތެރިކަމާއި ރައްކާތެރިކަމާއެކު ހދ. ނޮޅިވަރަންފަރަށް ބަދަލުކުރުމަށް އެމް.އެން.ޑީ.އެފް ނޮދަން އޭރިއާއިން 2011 ޖެނުއަރީ 22 އިން 31 އަށް ހިންގި އޮޕަރޭޝަނަށް ދީފައިވާ ނަމަކީ “ އޮޕަރޭޝަން އެއްފަސް ހދ- 2011″ އެވެ.
ޕްލޭނިންގ
އެމް.އެން.ޑީ.އެފް ހެޑްކްއޯޓަރޒް އިން ހދ. އަތޮޅުގެ މި ތިންރަށުގެ މީހުން ބަދަލުކުރުމުގެ މަސައްކަތް އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ އާ ޓާސްކް ކުރުމުން ނޮދަން އޭރިއާއިން އެ އޮޕަރޭޝަން ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް ހެދުމަށްޓަކައި ސާވޭ ކުރިއެވެ. އެރަށްރަށަށް ގޮސް އެރަށްރަށުގެ ލަފާފުރުމުގެ ކަންތައްތަކާއި، ގޮނޑުދޮށުގެ ވެލިގަނޑާއި، މަގުތައް އަދި ގެތަކުގައި ހުރި ތަކެތީގެ މިންވަރާއި ބަދަލު ކުރަންޖެހޭ މީހުންގެ އަދަދާއި ބަލިމީހުންނާއި ކުޑަކުދިންނާއި އަންހެނުންގެ އަދަދުތައް ދެނެގަތެވެ. ރަށްރަށުގެ އޮފީސްތަކާއި މީހުން ބަދަލުވުމުގެ މަސައްކަތް ކުރުމަށް އުފައްދާފައިވާ ރަށު ކޮމެޓީތަކުގެ އެހީތެރިކަމާއެކު ރަށްރަށުގެ އޮޕަރޭޝަނަށް ބޭނުންވާ ގިނަ މަޢުލޫމާތުތަކެއް އެއްކުރިއެވެ. ރަށްރަށުގެ ޗާޓްތައް ކުރަހާ ރައްޔިތުންނާ ބައްދަލުކޮށް އޮޕަރޭޝަން ކުރިއަށް ގެންދާނެ ގޮތުގެ މަޢުލޫމާތުދިނެވެ. އެއަށްފަހު އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ބޭނުންވާ އާލާތްތައް ދެނެގަނެ، އޮޕަރޭޝަން ކުރިއަށް ގެންދާނެގޮތުގެ ޕްލޭން އެކުލަވާލިއެވެ.
އެޕްލޭންގައި މީހުން އުފުލާނެ ގޮތާއި ކެއުން ބުއިމުގެ އިންތިޒާމުތައް ހަމަޖައްސާނެގޮތާއި، ދަތުރުފަތުރުގެ ކަންތައްތައް ކުރާނެގޮތުގެ އިތުރުން ސިފައިން ތިބޭނެ ތަންތަން އަދި މަސައްކަތް ކުރާނެ ގޮތުގެ ޕްލޭންވެސް ހިމަނާފައިވެއެވެ.
އޮޕަރޭޝަންގެ ބައިވެރިން
މި އޮޕަރޭޝަންގައި އެމް.އެން.ޑީ.އެފް ނޮދަން އޭރިއާއިން މަޑިވަރު ، ހަނިމާދޫ، އުލިގަމު، ކުޅުދުއްފުށި ޕޯސްޓުގެ ސިފައިންނާއި މެރީންސް ޑިޕްލޮއިމަންޓް ޔުނިޓް6- އަދި ކޯސްޓްގާޑް ސްކޮޑްރަން ބައިވެރިވިއެވެ. މީގެ އިތުރުން އެޓޭޗްމަންޓްގެ ގޮތުގައި މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް މާލޭ އޭރިއާގެ މެރީންސް ޑިޕްލޮއިމަންޓް ޔުނިޓް5- ގެ ސިފައިންގެ އިތުރުން ކޯސްޓްގާޑް ވިންގ، މީޑިއާ އެންޑް ޕަބްލިޝިންގ ސާރވިސް، ކޮމިއުނިކޭޝަން އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ސާރވިސް، މެޑިކަލް ސާރވިސް، ކުއާޓަރމާސްޓަރ ސާރވިސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް އަދި ޓްރާންސްޕޯޓް ސާރވިސްގެ ފަރާތުން ސިފައިން ބައިވެރިވިއެވެ.
އޮޕަރޭޝަން ފެއްޓުން
މި އޮޕަރޭޝަން ފެށުނީ 2011 ޖެނުއަރީ 22 ވަނަ ދުވަހުއެވެ. އޭރިއާ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު މުޙައްމަދުގެ ދަށުން އޮޕަރޭޝަންގެ ކޮމާންޑަރެއްގެ ގޮތުން މަސައްކަތްކުރެއްވީ ނޮދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރ މޭޖަރ އަޙްމަދު ޖިހާދެވެ. ޖެނުއަރީ 22 ވަނަ ދުވަހުގެ ފަތިހު 5:30 ގައި އޮޕަރޭޝަންގެ ޢަމަލީ މަސައްކަތް ފެށިއެވެ. ފުރަތަމަ މަސައްކަތް ފެށީ މާވައިދޫގައެވެ. މާވައިދޫގެ މަސައްކަތް ނުނިމެނީސް ކުނބުރުދޫގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ކުނބުރުދޫގެ މަސައްކަތް ނުނިމެނީސް ފަރިދޫގެ މަސައްކަތްވަނީ ފަށާފައެވެ. އޮޕަރޭޝަން ކުރިއަށް ގެންދެވުނީ ލޮރީ އަދި ލޭންޑިންގ ކްރާފްޓް ބޭނުންކޮށްގެން ރޯރޯ ( ރޯލް އޮން ރޯލް އޮފް ) ސިސްޓަމަށެވެ. މުޅި އޮޕަރޭޝަން ބަހާލެވުނީ މައިގަނޑު 4 ބަޔަކަށެވެ. އެއީ ލޯޑިންގ ޓީމާއި އޯފްލޯޑިންގ ޓީމުގެ އިތުރުން ލޮޖިސްޓިކް ޓީމަކާއި ހެޑްކްއޯޓާރޒް ޓީމެވެ.
މާވައިދޫ
ހދ. މާވައިދޫއަކީ 554 މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. 101 ގެ އެރަށުގައި ހުއްޓެވެ. މިރަށާއި ނޮޅިވަރަންފަރާ ދެމެދު 11.7 ނޯޓިކަލް މޭލް ހުރެއެވެ. ލޭންޑިންގ ކްރާފްޓްގައި ކޮޅަކަށް ދެގަޑިއިރު ނަގައެވެ. ނޮޅިވަރަންފަރުން 78 ގެ މިރަށު މީހުންނަށް ލިބިފައިވާއިރު މިރަށުގައި ފަޅުގޭގެ ގޮތުގައި 23 ގެ ހުއްޓެވެ. ވިޔަފާރިކުރާ ހުރީ ދެ ފިހާރައެވެ. މީހުންނާއި މުދާ އެރުވުމަށް ބެޑްހެދީ މިރަށުގެ އިރުއުތުރު ފަރާތުގައި އޮންނަ އޮޅުގައެވެ. މިރަށުގައި ޖެނުއަރީ 22 އިން 27 އަށް މަސައްކަތް ކުރަންޖެހުނެވެ. ޖުމުލަ މަސައްކަތް ކުރެވުނީ ފަސް ދުވަހުއެވެ. އެއް ދުވަސް ގެއްލުނީ މޫސުން ގޯސްވުމުގެ ސަބަބުން އެއްގޮތަކަށްވެސް މަސައްކަތް ނުކުރެވިގެންނެވެ.
ކުނބުރުދޫ
ހދ. ކުނބުރުދޫއަކީ 354 މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. ޖުމުލަ 87 ގެ ހުރިއިރު ފަޅުގޭގެ ގޮތުގައި 20 ގެ ހުއްޓެވެ. ނޮޅިވަރަންފަރުން ފުރަތަމަ ފިޔަވަހީގައި ގެ ލިބިފައިވަނީ 67 ގެއަކަށެވެ. ވިޔަފާރި ކުރާ ހުރީ އެއް ފިހާރައެވެ. ކުނބުރުދޫއާއި ނޮޅިވަރަންފަރާ ދެމެދުގެ ދުރުމިނަކީ 5.8 ނޯޓިކަލް މޭލެވެ. އެލް.ސީ.ވީ ގައި މިދެރަށް ދެމެދުގައި ކޮޅަކަށް ގަޑިއެއްހާއިރު ނަގައެވެ. މީހުންނާއި މުދާ އެރުވުމަށް ބެޑް ހެދީ ރަށުގެ ހުޅަނގު ފަރާތުގައި އޮތް އޮޅާދިމާލުގައެވެ. މިރަށުގެ މަސައްކަތް މާވައިދޫގެ މަސައްކަތް ނުނިމެނީސްވަނީ ފަށާފައެވެ. އެގޮތުން މިރަށުގެ މަސައްކަތް ކުރިއަށް ގެންދިޔައީ 26 އިން 29 އަށް ޖުމުލަ ހަތަރު ދުވަހުއެވެ.
ފަރިދޫ
ހދ. ފަރިދޫއަކީ 237 މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. ޖުމުލަ ހުރީ 45 ގެއެވެ. 11 ފަޅުގެ ހުރިއިރު ނޮޅިވަރަންފަރުން ފުރަތަމަ ފިޔަވަހީގައި ގެ ލިބިފައިވަނީ 35 ގެއަކަށެވެ. މިރަށުގައި ވިޔަފާރިކުރާ ހުރީ އެންމެ ފިހާރައެކެވެ. މިރަށާއި ނޮޅިވަރަންފަރާ ދެމެދުގައި 6.4 ނޯޓިކަލް މޭލް ހުރެއެވެ. ލޭންޑިންގ ކްރާފްޓްގައި މިދެރަށް ދެމެދުގައި އެއް ގަޑިއިރާއި ފަސްމިނެޓްވަރު ހޭދަވެއެވެ. މިރަށުގައި މީހުންނާ މުދާ އެރުވުމަށް ބެޑް ހެދީ ރަށުގެ އިރުއުތުރު ފަރާތުގައި އޮންނަ އޮޅާދިމާލުގައެވެ. މިރަށުގެ މަސައްކަތް ކުނބުރުދޫގެ މަސައްކަތް ނުނިމެނީސްވަނީ ފަށާފައެވެ. އެގޮތުން 28 ވަނަ ދުވަހު ފެށި މަސައްކަތް ނިންމާލީ 30 ވަނަ ދުވަހުއެވެ. މަސައްކަތަށް ހޭދަވީ ތިން ދުވަހެވެ.
ތިންރަށުން އުފުލުނު ތަކެއްޗާއި ލޯޑާއި މީހުން
މާވައިދޫ އާއި ކުނބުރުދޫ އަދި ފަރިދޫގެ އާބާދީގައި ހިމެނޭ 1145 މީހުންގެ ތެރެއިން އޮޕަރޭޝަން ފެށިއިރު ރަށުގައި ތިބި ހުރިހާ އެންމެން މި އޮޕަރޭޝަންގައި ސިފައިންވަނީ ނޮޅިވަރަންފަރަށް ގެންގޮސްދީފައެވެ. މީގެ އިތުރުން އޮޕަރޭޝަން ހިނގަމުންދިޔައިރު، އެކިއެކި ބޭނުންތަކުގައި ނޮޅިވަރަންފަރުން އެރަށްރަށަށް ދާންބޭނުންވާ މީހުންވެސް އެރަށްރަށަށްވަނީ ގެންގޮސްދީފައެވެ. ތިންރަށުގެ 234 ގެއެއްގެ މުދަލާއި އެރަށްރަށުގައި ހުރި ރަށު އޮފީސްތަކާއި މެޖިސްޓްރޭޓް ކޯޓްތަކާއި ސްކޫލްތަކާއި ޞިއްޙީ މަރުކަޒުތަކާއި މިސްކިތްތަކާއި އިންޖީނުގެތަކުގައި ހުރި ހުރިހާ ތަކެއްޗެއްވެސް އެމް.އެން.ޑީ.އެފް އިންވަނީ ނޮޅިވަރަންފަރަށް ގެންގޮސް އެތަކެތި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަންތަނުގައި ބަހައްޓައިދީފައެވެ. ތިންރަށުން ޖުމުލަ 26 ބޮއްކުރާ، 14 ޖަނަރޭޓަރ (ހަލާކުވެފައިވާ ޖަނަރޭޓަރުތަކާއެކު ) ، 160 ފެންއަޅާ ކަޅުހަން، ގެންދެވުނުއިރު ޖުމުލަ 234 ލޮރީގެ މުދާވަނީ އުފުލިފައެވެ. އަދި ލޮރީއަށް ނާރުވާ ސީދާ ލޭންޑިންގ ކްރާފްޓަށް އަރުވައިގެންވެސް ބައެއް ކަހަލަ މުދާވަނީ އުފުލިފައެވެ. ކަޅުހަންތަކާއި ބޮއްކުރާތަކާއި ދަގަނޑު ހޮޅިއާއި ލޮރީއަށްވުރެ ދިގު ލަކުޑީގެ ބާވަތްތައް މީގެތެރޭގައި ހިމެނެއެވެ. މީހުން އުފުލުމަށް ބޭނުންކުރީ ކޯސްޓްގާޑުގެ ފާސްޓްލޭންޑިންގ ކްރާފްޓެވެ. މުދާ ލޯޑްކުރުމަށް ކޮންޓްރެކްޓް އުސޫލުން 18 ލޮރީއާއި ދެ ލޭންޑިންގ ކްރާފްޓް ބޭނުން ކުރެވުނެވެ. އަދި ބެޑްހެދުމަށް އެކްސްކަވޭޓަރެއްވެސްވަނީ ބޭނުންކުރެވިފައެވެ.
އޮޕަރޭޝަން ނިންމާލުން
އެބައެއްގެ އުފަންރަށުން އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރުމަކީ ފަސޭހަކަމެއްނޫނެވެ. ދިރިއުޅުމަށް ބޭނުންކުރާ ހުރިހާ އެއްޗެއް ހިފައިގެން އުފަންރަށް ފަޅުކޮށް އެހެން ރަށަކަށް ބަދަލުވާއިރު ރައްޔިތަކަށް އެއީ އުފުލަން ވަރަށް ބޮޑު ބުރައެކެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެހީތެރިކަމާއެކު ހދ. މާވައިދޫ އާއި ހދ. ކުނބުރުދޫ އަދި ހދ. ފަރިދޫގެ ރައްޔިތުން އެއަތޮޅު ނޮޅިވަރަންފަރަށް ބަދަލުކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުން ވީއެންމެ ރަނގަޅަކަށް ފުރިހަމަ ކުރުމުގެ ގޮތުން އެރަށްރަށުގެ ރައްޔިތުން ގެންދަން ބޭނުންވާ ކޮންމެ އެއްޗެއްވެސް ސިފައިންވަނީ މި އޮޕަރޭޝަންގައި ނޮޅިވަރަންފަރަށް ގެންގޮސްދީފައެވެ. އެގޮތުން ހިފާގެންގުޅޭ ތަކެތީގެ އިތުރުން ގެތަކުގެ ޓިނުތަކާއި ގެވަޑާމުގެ ލަކުޑިތަކާއި ދޮރުފަދަ ތަކެތިވެސް ހިމެނެއެވެ. ރަށްރަށުގެ ސަރުކާރުގެ އޮފީސްތަކުގެ ދިދަތައް ރަސްމިއްޔާތެއް ބާއްވާ ބޭލުމަށްފަހު ސިފައިން އެރަށްރަށުން ފޭބިއިރު އެރަށްރަށުގެ ގިނަ ގެތަކުގައި ހުރީ ހަމައެކަނި ރާނާފައިހުރި ފާރުގަނޑު އެކަންޏެވެ. ރައްޔިތުންނާއި މަޝްވަރާކޮށް މި އޮޕަރޭޝަން ސިފައިން ކުރިއަށް ގެންދިއަގޮތުން ރައްޔިތުންގެ ފަރާތުން ސިފައިންނަށްވަނީ ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ.
މި އޮޕަރޭޝަން ކުރިއަށްދިޔައިރު އޮޕަރޭޝަން ބައްލަވާ ލެއްވުމަށް ނާއިބު ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންމަނިކާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި މަތި އުތުރު ޕްރޮވިންސް އޮފީހުގެ ބޭފުޅުން ވަޑައިގެންފައިވެއެވެ. އޮޕަރޭޝަން ނިންމުމުގެ ގޮތުން މާލޭގައި ބޭއްވި ރަސްމިއްޔާތުގައި 2011 ފެބްރުއަރީ 19 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ މުޙައްމަދު ނަޝީދު ވިދާޅުވީ 11 ދުވަހުގެ ތެރޭގައި އެމް.އެން.ޑީ.އެފުން އެމަސައްކަތް ނިންމަވާފައިވަނީ ވަރަށް ފަރުވާތެރިކަމާއި އަދި ޕްރޮފެޝަނަލް ކަމާއިއެކީގައިކަމަށެވެ. ”އެކަން އެހެން ނުކުރެވުނުނަމަ ދިމާވެދާނެ ކިތަންމެ ކަމަކުން އަޅުގަނޑުމެންނަށް މިއަދު މިވަނީ އެއްކިބާ ވެވިފައި“ ސިފައިންގެ އެންމެމަތީވެރިޔާ ވިދާޅުވިއެވެ.
