ދިވެހި ޤައުމީ ދިދައާއި ދިމާލަށް ބަލައިލެވޭ ކޮންމެ ފަހަރަކު އަޅުގަނޑުގެ ހިތައް އަރައެވެ. ޖައްވުގެ ތެރޭގައި ވިހުރެމުން އެހެރަދަނީ ފެއްސާއި ރަތާއި ހުދު ގުޅާލެވިފައިވާ ފޮތިގަނޑެކެވެ. އޭގައި އެވަނީ ވަރަށް ތަފާތު ތިން ކުލައެވެ. އެކަމަކު ދިވެހި ޖައްވުގެ ތެރޭގައި ވިހުރެމުން އެދަނީ ޤައުމުގެ ކަރާމަތާއި، ޤައުމީ އެއްބައިވަންތަކަމާއި މިނިވަންކަން، އެދިދަ ދެކޭ ކޮންމެ މީހަކަށް ދައްކައިދެމުންނެވެ. އިރުވައި މޫސުމުގައި ހަޅައިގެ ބާރު ވަޔާއި، ހުޅަނގު މޫސުމުގެ ގަދަ ކޮޅިގަނޑުތަކާއި ގުޅިގެން އެ އުފެދޭ ގަދަ ވައިގެ ތެރޭގައިވެސް އެ ދިދަ އެ ހުންނަނީ ސާބިތުކަމާއެކު އޭގެ ވާޖިބު އަދާކުރުންމަތީގައެވެ. ގަދަ ކޮޅިގަނޑުގެ ތެރޭގައި އެ ދިދަ ވީދި ފުނޑުފުނޑު ވެގެންގޮސް އެންމެފަހު ފޮތިކޮޅު އެއައްސާފައިވާ ފޮތިކޮޅު ވަކިވެދާންދެންވެސް އެ ހުންނަނީ އެގޮތުގައެވެ.
އަޅުގަނޑު ހިތައް އަރައެވެ. އެއީ ކޮންމެ ޤައުމެއް ކަމުގައިވިއަސް އެޤައުމެއްގެ ޤައުމީ ދިދަ އެބުނެދެނީ ހާދަހާވާ ބޮޑު ވާހަކައެކެވެ. އެދައްކައިދެނީ ހާދަހައި ރީތި މިސާލެކެވެ. ޤައުމަށްޓަކާ އެޤައުމެއްގެ ފަރުދުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ. އަދާކުރަން ޖެހިފައިވާ ވާޖިބުތަކެއް އެބައޮތްކަމެވެ. އެކަން އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުން ދަނޭބާއެވެ.
އަޅުގަނޑުމެންގެ މާޒީ އެއޮތީ ފެންނާށެވެ. ޢިބްރަތްތެރި އެތައް ފިލާވަޅުތަކެއްގެ ތެރެއިންނެވެ. ޤައުމަށްޓަކައި ޝަހީދުވެދިޔަ އެތައް ބައެއްގެ ލޭކޯރުތައް ދިވެހި ޤައުމީ ފަސްގަނޑުގައި އަދިވެސް ފެންނަން އެބައޮތްކަމުގައި ޤަބޫލުފުޅު ކުރައްވާށެވެ. ޤައުމަށްޓަކައި ޖިހާދުކުޅަ ހިތްވަރުގަދަ ބަޠަލުންތަކެއްގެ ޝަރުފުވެރި ހަށިތައް މިޤައުމުގެ ފަސްގަނޑުގައި ވަނީ ވަޅުލެވިފައެވެ. އެ ޒިކުރާތައް ހަނދާންކުރަން ބޭނުންބަޔަކު މިއަދާއި ޖެހެންދެންވެސް އެކަން ކުރަމުން އެބަދެއެވެ.
ދެން އޮތީ މުސްތަޤުބަލެވެ. މިޤައުމުގެ މުސްތަޤުބަލާއިމެދު ޚިޔާލުކޮށް، ވިސްނާ ފިކުރުކުރާކަށް މާޒީވެދިޔަ ޒަމާންތަކުގެ ދަރީންނެއް ދެން ދުވަހަކުވެސް ނާންނާނެވެ. އަދި އަންނަނިވި ޖީލުތަކުގައި ދުނިޔެއަށް އަތުވެދާނެ ދިވެހި ދަރިންނަކާވެސް އެކަން ހަވާލެއް ނުކުރެވޭނެވެ. އެއީ އެޖީލު އަދި ދުނިޔެއަށް ނާންނާތީއެވެ. އެހެންވީމާ މިޤައުމުގެ މުސްތަޤުބަލާއިމެދު ވިސްނަން ތިބި ބަޔަކީ މިޖީލުގެ ދަރިންކަން، އަޅުގަނޑުމެންކަން، ޝައްކެއްވެސް ނެތި މިއޮތީ އެނގޭށެވެ. އެހެން ކަމަށްވާނަމަ އަޅުގަނޑުމެންގެ ވާޖިބުތަކެއްވެސް އޮންނަން ވާނެތާއެވެ. ވިސްނަންޖެހޭ ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއްވެސް ހުންނާނެތާއެވެ.
ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި ޢިލްމީ އަލިކަމުގެ ތެރެއިން ލާފައި ފަހަތަށް، އަދި ހާލަތަށް ބަލާކަށް އެންމެ ސިކުންތަކަށްވެސް މަޑުޖެހިލުމެއްނެތި މިދަނީ ކުރިއަށެވެ. އިންސާނުން މިތިބީ ތަރައްޤީއާއި ތަހުޒީބުގެ އަޅުންނަށް ވެފައެވެ. ބޭނުންވަނީ މިނިވަންކަމެވެ. ތިމާގެ އަމިއްލަ ޙައްޤެވެ. އެހެންމީހެއްގެ މިނިވަންކަމެއް، އެހެންމީހެއްގެ ޙައްޤެއް އެއީ އަހުރެމެން ފިކުރު ކުރަންވީ ކަމެއް ނޫނޭ ބުނަމުންމިދަނީ ކުރިއަށެވެ. އެދާ ދިއުމުގައި ހޯދަންޖެހޭ ފައިސާގެ ތަނަވަސްކަން ލިބިގަންނަމުންނެވެ. އަތުޖެހުނުގޮތަކަށް އެތަނަވަސްކަން ހޯދަމުންނެވެ. ދީނަކަށް ޤައުމަކަށް މުޖުތަމަޢުއަކަށް މީހަކަށްވެސް ބަލާލުމެއް ނެތިއެވެ. އަދި އޭގެ ސަބަބުން އަހަރެމެންގެ ދިވެހި ވަންތަ ރީތި އަޚުލާޤީ، އިޖްތިމާޢީ ފޭރާމުގައި ޖެހެމުންދަނީ ކޮން ކުލަތަކެއްތޯ ބަލާވެސް ނުލައެވެ. ނުވަތަ އެރީތި ސާފު ހުދު ފޭރާމުގައި ކިހައްޑިޔަ ޖެހެމުން އެބަދާކަންވެސް އެނގިތިބެއެވެ.
ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ދެ ސައިކަލު ކުޑަކޮށް މަޑުކޮށްލަ ބަލާށެވެ. ދެން ހިޔާބޮޑު ގަހެއްގެ ދޮށަށް ހުއްޓި ބަލާށެވެ. އެއަށްފަހު ސައިކަލުން ފައިބާ ސައިކަލުގެ ކުރިއާއި ފަހަތުގެ ޓަޔަރަށް ނަޒަރު ހިންގާލަ ބަލާށެވެ. ގޭނިފައި އެބަހުރި ހެއްޔެވެ. ޓަޔަރު ފުރަތަމަ ގަނެގެން ގެނައިރު ހުރި ރާޅުކަން ނުވަތަ ފިތްތައް އެބަހުރި ހެއްޔެވެ. ނޫނެކެވެ. ނެތެވެ. ހުރީ އޮމާން ވެފައެވެ. ވިސްނާލަ ބަލާށެވެ. އެއީ އެއްދުވަހަކުން ކުއްލިއަކަށްވީ ކަމެއް ނޫނެވެ. އެފުރޮޅަށް، ރަބަރަށް، ގަލަށް އެވީގޮތެއް ބަލާކަށް ބޭނުމެއްވެސް ނުވޭ ނޫންހެއްޔެވެ. ޓަޔަރު ބައުވީމާ ޓަޔަރު ބަދަލުކޮށްލީމާ ނިމުނީއެވެ.
ލޮބުވެތި ދަރިންނަށް ދަންނަވަންއޮތީ މިވާހަކައެވެ. ތަހުޒީބުވަމުން ކުރިއަރަމުން ދާ ދުނިޔޭގައި ކިތަންމެ ބާރަށް އަޅުގަނޑުމެން ކުރިއަށްދާން ބޭނުންވިއަސް އަދި އެހެންމީހުންނާމެދު ޚިޔާލު ނުކުރިއަސް ޤައުމުގެ މުސްތަޤުބަލާމެދު ވިސްނަން ޖެހޭނެއެވެ. މިޤައުމަށް ވަމުންދާގޮތް އަބަދުވެސް ބަލާ އިސްލާހު ކުރަންޖެހޭ ކަމެއް އޮތްނަމަ އެކަމެއް އިސްލާޙު ކުރަން ޖެހޭނެއެވެ. އެއީ ސައިކަލުގެ ޓަޔަރަށް އެވީގޮތް ޤައުމަށް ވެއްޖެނަމަ ދެން އަހަރެމެންނަށް އެހެން ޤައުމެއް ނުލިބޭނެތީއެވެ. އަހަރެމެންގެ ޤައުމުދެކެ އަހުރެމެން މިވާ ލޯބި އެހެންޤައުމެއްދެކެއެއް ނުވެވޭނެތީއެވެ. އެހެން ނޫންނަމަ ތިމާގެ މައިމީހާދެކެ އެވާލޯބި އެހެން ކޮންމެ މީހަކު ދެކެވެސް ވާންވީ ނޫންހެއްޔެވެ. އެކަމަކު ކިތަންމެ ވަރުން އުޅުނަސް އެލޯތްބެއް ނުވެވޭނެއެވެ. އެކުލުނެއް ނުއުފެދެއެވެ.
މިއަދު އަޅުގަނޑުމެން އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤުބަލާއިމެދު ވަރަށްބޮޑަށް ޚިޔާލު ކުރަން ވެއްޖެއެވެ. މަޒީގެ ތެރެއިން އަޅުގަނޑުމެންނާއި ހަމައަށް ލިބިފައިހުރި ހުރިހާ ރަނގަޅު، ރީތި ސިފަތަކެއް މުސްތަޤުބަލުގެ ދަރީންނާއި ހަމައަށް ފޯރުކޮށްދިނުމަށް ވަރުގަދަ ޢަޒުމެއް ކަނޑައަޅަން ވެއްޖެއެވެ. ބޭރުގެ ނުފޫޒުތައް މިއޮތްދަނީ ވަށައިގެން އޮހެމުންނެވެ. ޤައުމުތަކަށް ބޭނުންގޮތެއް ހަދަމުންނެވެ. އެހެންކަމުން އަޅުގަނޑުމެންވެސް ތިބެން ޖެހޭނީ ފިސާރި ރަނގަޅަށް ތައްޔާރުވެގެންނެވެ. ޤައުމު ދިފާޢު ކުރުމަށް ކަމަރު ބަނދެގެންނެވެ.
މުސްތަޤުބަލުގައި ޤައުމަށް ކުރިމަތިވެދާނެ ކަންކަމަށް ތައްޔާރުވާއިރު އަޅުގަނޑުމެން ކުރަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެކަންކަމަށް އިސްކަމެއް ނުދީ، އަޅާނުލާ ތިބެފައި ހަމަކުއްލިއަކަށް ނުކުމެ ކަންތައްތަކެއް ކުރެވިދާނެކަމަށް އެއްގޮތަކަށްވެސް ހީފުޅު ނުކުރައްވާށެވެ. އެއީ އެއްވެސް ބަޔަކަށް ކުރެވިފައި އޮތް ކަމެއް ނޫނެވެ. އެކަމަކީ ދަރިންގެ ހިތްތަކުގައި ޤައުމީ ލޯބި އުފެއްދުމެވެ. ޤައުމީ ރޫޙުގައި ކަންކަން ކުރާން ދަސްކޮށް ދިނުމެވެ. ޤައުމީ އެއްބައިވަންތަކަން އުފެއްދުމެވެ. މިކަން ކުރެވޭނީ އެތައް ބައެއްގެ މަސައްކަތުންނެވެ. އަމިއްލަ އެތައް ކަމެއް ޤުރުބާން ކޮށްގެނެވެ.
އަޅުގަނޑުމެން ދިވެހީންނަކީ ޒަމާނުއްސުރެ ޤައުމީ ކަންކަމުގައި ވަރަށް ވަރުގަދަ ޢަޒުމަކާއިއެކު މަސައްކަތް ކުރަމުން އައިބަޔަކީމުވެ. އާދަކާދައާއި ސަގާފަތް ދަމަހައްޓަމުންވެސް އައި ބަޔަކީމުއެވެ. ދިވެހިވަންތަކަމަށް ލޯބި ކުރީމުއެވެ. ބޮޑެތި މީހުންނަށާއި މައިންބަފައިންނަށް ޤަދަރުކޮށް އިޙްތިތާމްކުރީމުއެވެ. ދީނީ ކަންކަމަށް އިސްކަންދީ އާއިލީ އެއްބައިވަންތަކަން ދެމެހެއްޓީމުއެވެ. އިޖްތިމާޢީ ގުޅުން ބަދަހި ކުރީމުއެވެ. ސުލްޙަ މަސަލަސްކަމަށް ލޯބި ކުރީމުއެވެ. މިއީ ހަމަ ޤައިމުވެސް ސާބިތު ކުރެވެންހުރި ޙަޤީޤަތްތަކެވެ. ބޭރުގެ މުވައްރިޚުންގެ ލިޔުއްވުންތަކުންނެވެ.
މުސްތަޤުބަލާއިމެދު ވިސްނާއިރު ފުރަތަމަ ބަލަންވީ އަޅުގަނޑުމެންގައި އަށަގެންފައިހުރި މިދެންނެވި ސިފައިތައް އުނިވެގެން ނެތިގެން ދަނީ ކީއްވެގެންތޯއެވެ. ކޮންބައެއްގެ އިޙުމާލުންތޯއެވެ. އެކަމެއް ބަލާފައި އެކަންކަމަށް ފަރުވާ ކުރަންވީއެވެ. ނުވަތަ ރަނގަޅު ކުރެވޭނެ ގޮތްތަކެއް ހޯދަންވީއެވެ. މިއަދު އަޅުގަނޑުމެނަށް ލިބިފައި މިއޮތް ވަގުތުގެ ބޭނުން ނުހިފައި ދޫކޮށްލައިފިނަމަ ފަހުން ކުރެވޭނެ ކަމެއް ނޯންނާނެއެވެ.
ލޯބިވާ ވަޠަނަކީ ހާދަ އަގުބޮޑު އެއްޗެކެވެ. އޮޑިޖެހި ނޫޓަކުން، އަދި ބުދުޖެހި ނޫޓަކުންވިއަސް ވީދި ފުނޑުފުނޑުވެފައިވާ އިޖްތިމާޢީ ފޭރާމެއް ނުގަނެވޭނެއެވެ. ދެން އެގަނެވޭނީ އަނެއްކާވެސް ޤައުމީ ލޯބިންނެވެ. އެހެންވީމާ އަޅުގަނޑުމެންގެ ޤައުމަށް ލިބިފައިވާ ރީތިނަން ދިފާޢު ކުރުމަށް އަތުކުރި އޮޅާލަން ވެއްޖެއެވެ. ވަކި މީހަކު ނޫނެވެ. ފައި އިންދޭ ފުރައިންނެވެ. މިތަންވަޅު އަޅުގަނޑުގެ ހަނދާނަށް އަންނަނީ ދިވެހި ޅެންވެރިކަމުގެ ”ޓިޔުލިޕްމާ“ ހައްދަވާފައިވާ އަސަރުގަދަ ޅެމެއްގެ ދެތިން ބައިތެކެވެ. ވިދާޅުވެ ލައްވާށެވެ.
”ނިފާގީ ބަލިތަކުން އުންމަތް ދިފާޢުކުރަން އަލުން ފަށަމާ،
މިފާގަތި ޢަމަލުގައި އެންމެން ހިފައިގެން ޚިދުމަތް ކުރަމާ،
އެތައް ޖީލެއްގެ އަޖުދާދުން އެތައް ޤަރުނެއްގެ އަބުޠާލުން،
އެތައްހާސް ދިވެހި އަފްރާދުން މިތަންވަޅު އަދި ހަނދާން ކުރަމާ،
މުޅިންހެން ރޫޅިފައި ޚިދުމަތް މޮޅިން އޮތް މުޅި ދިވެހި އުންމަތް،
ރުޅިން އުވި ގެއްލިދިޔަ ހިންމަތް މުޅިން އަދު އާކުރަން ފަށަމާ،
ނަސީބުގެ ބައްތި ނިއްވާލަން އުޅޭ ޤައުމުގެ އަދުއްވުންނަށް،
މުސީބާތުގެ ދުވަސް ލެއްވުން އަދައިގެން ތިބެ ދުޢާ ކުރަމާ ”
އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ﷲ ހެޔޮ ވިސްނުން ދެއްވައި އަޅުގަނޑުމެންގެ ތެރޭގައި އަށަގަންނަމުންދާ ވިޔާނުދާ ކަންތައްތައް މިންޖު ކުރައްވާ ސަލާމަތް ކުރެއްވުމެވެ. ސުލްޙަވެރިކަމާއި އަމާންކަން މިޤައުމުގައި ލެއްވުމެވެ. އާމީން.
