މީގެ އަހަރުތަކެއް ކުރިން، 1892 ގައި އުފެދުނު ”ސިފައިން“  ތަފާތު ތަރީޚްތަކުގައި ތަފާތު ނަންނަމަށް ބަދަލުވެ، އެއްދުވަހުން އަނެއްދުވަހަށް ދަނީ ތަފާތު އޮޅިގަނޑުތައް ގިރާކޮށް ތަފާތު ކުރިއެރުންތައް ހޯދަމުންނެވެ. އެހެން ނަމަވެސް ވީއެންމެއަވަހަކަށް އަމިއްލަ ފައިމައްޗަށް ކޮޅަށްތެދުވެ ހިންދެމިލުމަކީ ކޮންމެ ބަޔަކުވެސް އެންމެބޮޑަށް ބޭނުންވާނެ އެއްކަމެކެވެ. އެހެންކަމުން ޒަމާނަށް އަންނަ ހެޔޮބަދަލުތަކާއެކު ސިފައިން ހޯދަމުންދާ ކުރިއެރުންތަކުގެ ތެރެއިން އެންމެފާހަގަކޮށްލެވޭ އެއްކަމަކީ އެމް.އެން.ޑީ.އެފްގައި އޮފިސަރ ޓްރޭނިންގ ވިންގެއް ޤާއިމުވެގެންދިއުމެވެ. މިޓްރޭނިންގ ވިންގު ޤާއިމުކުރުމުގެ ކުރިން އެމް.އެން.ޑީ.އެފް އަށް ބޭނުންވާ އޮފިސަރުން ތައްޔާރުކުރެވެމުން ދިޔައީ ކޮންމެވެސް ބޭރު ޤައުމެއްގެ އެހީތެރިކަމާއެކު އެޤައުމަކުންނެވެ. ނަމަވެސް މިއަދު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ އެބާރަށް ބޭނުންވާ އޮފިސަރުން ބިނާކޮށް އުފެއްދުމުގެ ޤާބިލްކަން ލިބިފައިވާ ބަޔަކަށް މިވަނީ ވެފައެވެ.

އޮފިސަރ ޓްރޭނިންގ ވިންގުގެ ބިންގާއެޅުން

އޮފިސަރ ޓްރޭނިންގ ވިންގެއް ޤާއިމްކުރުމަށްޓަކައި ގިރިފުށި ޓްރޭނިންގ ސްކޫލްގައި އޮފިސަރ ޓްރޭނިންގ ވިންގުގެ ނަމުގައި އިމާރާތެއްގެ ބިންގާ އަޅުއްވާދެއްވާފައިވަނީ 2010 ޖުލައި 27 ގައި ސިފައިންގެ އެންމެމަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާާ މުޙައްމަދު ނަޝީދު އެވެ. ހަމަ އެތާރީޚްގައި އޮފިސަރ ޓްރޭނިންގ ވިންގު ވަނީ ގިރިފުށި ޓްރޭނިންގ ސްކޫލުގައި ސިފައިންގެ އެންމެމަތީވެރިޔާ އިފްތިތާޙް ކޮށްދެއްވާފައެވެ. އޮފިސަރ ޓްރޭނިންގ ވިންގު އިފްތިތާޙު ކޮށްދެއްވުމުގެގޮތުން އެވިންގުގެ ނަންބޯޑު ކަޝްފުކޮށްދެއްވާ ދިދަ ނަންގަވާދެއްވުމަށްފަހު އެރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ”އަޅުގަނޑު އެދެނީ ގިރިފުށީގައި މިއިފްތިތާޙްކުރެވުނު އޮފިސަރ ޓްރޭނިންގ ވިންގަކީ ހަމައެކަނި ދިވެހި ސިފައިން ތަމްރީނުކުރެވޭ ތަނެއްގެގޮތުގައި އޮތުމުގެ ބަދަލުގައި މުޅިމިސަރަޙައްދުން ސިފައިން ތަމްރީނު ހޯދަން އަންނަތަނަކަށް ވެގެންދިއުން“ ކަމުގައެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލު ވިދާޅުވީ ”މިހުޅުވޭ އޮފިސަރ ޓްރޭނިންގ ވިންގުގައި އެންމެފުރިހަމައަށް މިކަންތައް ކުރެވޭނެ ވަޞީލަތްތައް އަދި ނެއްކަމުގައިވިއަސް އަޅުގަނޑުމެންގެ އުންމީދަކީ މުސްތަޤްބަލުގައި ދުނިޔޭގެ އެހެން އަސްކަރިއްޔާތަކުގައިވެސް ދެވޭފަދަ މަތީ ފަންތީގައި މިއެކަޑަމީންވެސް ތަމްރީން ދިނުން“ ކަމުގައެވެ. ސިފައިންގެ އެކިރޭންކްތަކުގެ އޮފިސަރުންނާއި އެން.ސީ.އޯ އެކެޑަމީގައި ހަރަކާތްތެރިވަމުންދިޔަ ސިފައިން ބައިވެރިވި މިރަސްމިއްޔާތު ވެގެންދިޔައީ ސިފައިންގެ ތާރީޚްގައި އައު ޞަފުހާއެއް ރަތް އަކުރުން ލިޔެވިގެންދިޔަ ދުވަހަކަށެވެ.

އޮފިސަރ ކެޑިޑޭޓް ކޯސް އިފްތިތާޙްކުރުން

އޮފިސަރ ޓްރޭނިންގ ވިންގެއް ފުރިހަމަގޮތުގައި އުފެއްދުމަކީ އެވިންގުން ފަރުމާކޮށް ތަފާތު ކޯސްތައް ހިންގަންފެއްޓުމެވެ. އެހެންކަމުން އެއުންމީދީ ދުވަސް ސިފައިންގެ ހަޔާތުގައި ފެނިގެންދިއުމަކީ ސިފައިންގެ ކޮންމެމީހަކުވެސް ނުލާހިކު އިންތިޒާރުކުރާ ދުވަހަކަށް ވެފައިވަނިކޮށް އެވިންގުގެ ފުރަތަމަ ކޯސް ”އޮފިސަރ ކެޑިޑޭޓް ކޯސް“ އޭރުގެ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އަމީން ފައިޞަލް އިފްތިތާޙްކޮށްދެއްވީ 2010 އޮކްޓޯބަރު 3 ގައެވެ. އެދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވި ”ދިވެހި ސިފައިން ތަރައްޤީގެ ދުވެލީގައި، އަދު މިދަނީ ފަހި ދުވެއްޔެއްގައި ވަރަށް ހަލުވިކަމާއިއެކު ދަތުރު ކުރަމުންކަމަށާއި މިކަމުގެ ސިއްރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަމްރީނުވެފައިވާ ސިފައިން، އަދުގެ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތައް ކެނޑިނޭޅި ކުރަމުންދާ މަސައްކަތްކަމަށެވެ.“ އަދި ހަމަ އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ފަރުޙަތު ޝަހީރު ވިދާޅުވީ “ ކުރިމަގުގައި އޮފިސަރ ޓްރޭނިންގ ވިންގުގައި އޮފިސަރުން ޕްރޮފެޝަނަލް ޑިވޮލެޕްމަންޓަށް އަމާޒްކުރެވިގެން އެހެންކޯސްތަކާ، ސެމިނަރ، ވޯކްޝޮޕްތައް ތަރައްޤީކޮށް ހިންގޭނެކަމަށާ، އަސްކަރިއްޔާއަށް ޚާއްޞަކުރެވިގެން އުފައްދާ ތަޢުލީމާއި ތަމްރީނުގެ މަރުކަޒުގައި ދިވެހި ސިވިލްސާރވިސް އަދި ކޯޕަރޭޓް ސެކްޓަަރއަށްވެސް ބޭނުންހިފޭނެފަދަ ފުރުޞަތުތައް ކުރިމަގުގައި ހުޅުވާލުމަކީ ސިފައިންގެ ތަޞައްވުރެއް“ ކަމުގައެވެ. ކުލަގަދަ ގޮތެއްގައި ބޭއްވުނު މިފަޚުރުވެރި ރަސްމިއްޔާތަކީ މިނޫންވެސް ތަފާތު އައު ކަންތައްތަކެއް ސިފައިންގެ ހަޔާތުގައި ވުޖޫދަށްއައި ދުވަހެކެވެ. މިގޮތުން ޑިފެންސް އިންސްޓިޓިއުޓް ފޮރ ޓްރޭނިންގ އެންޑް އެޑިއުކޭޝަންގެ އޮންލައިން މެނޭޖްމަންޓް ސިސްޓަމް (ސިލްކް) އިފްތިތާޙް ކޮށްދެއްވުމުގެ އިތުރުން ސިފައިންގެ ތާރީޚްގައި އަލަށް ތައްޔާރުކުރި އޮފިސަރ ކެޑިޑޭޓުންގެ ރޭންކް ސްޓްރަކްޗަރ އިފްތިތާޙް ކޮށްދެއްވި ފަޚުރުވެރި ދުވަހަކީވެސް އެދުވަހެވެ.

ކޯހަށް ކެޑިޑޭޓުން ހޮވުން

މިކޯހަކީ ރާއްޖޭގައި ހިންގި ފުރަތަމަ އޮފިސަރ ކެނޑިޑޭޓް ކޯހަށްވުމުން މިކޯހަށް ކެޑިޑޭޓުން ހޮވުމުގައި ބަލާފައިވަނީ އެކެޑަމިކަލީ އަދި ޓެކްނިކަލީ ވަކިފެންވަރެއްގެ ކޯސްތައް ހަދާފައިތިބި ސިފައިންނާއި އޮފިސަރ ކެޓަގަރީން ޔަންގުއޮފިސަރ ފަދަ ކޯސްތައް ހަދާފައިތިބި ސިފައިންނެވެ. ތަޢުލީމީ އަދި ފަންނީ ޒުވާނުންނަށް އަމާޒުކޮށް ހުޅުވާލި ފުރުޞަތުގައި 42 ސިފައިން ބައިވެރިވިއެވެ. އެހެންނަމަވެސް އެބައިވެރިންގެތެރޭން ކޯހަށް ބޭނުންވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކަކީ ކޮބައިތޯބެލުމަށް 2010 ސެޕްޓެމްބަރ 9 ވަނަ ދުވަހުންފެށިގެން ސިލެކްސަން ޓެސްޓްތަކެއް ބޭއްވިއެވެ. އެޓެސްޓުތަކުން ފާސްވިފަރާތްތަކަށް އޮފިސަރ ޓްރޭނިންގ ވިންގުން ފުރުޞަތު ދިނެވެ. މިގޮތުން އެމީހުންނަށް ދެވިފައިވަނީ އިނގިރޭސި ފެންވަރު ދެނެގަނެވޭނެ ތަފާތު ޓެސްޓްތަކާ، ތޫނުފިލިކަން ބެލުމުގެ ޓެސްޓްތަކާ، ލީޑަރޝިޕް އިވެލުއޭޝަން ޓެސްޓެއްގެއިތުރުން ފިޒިކަލް ފިޓްނަސް ޓެސްޓްތަކެކެވެ. ސިލެކްޝަން ޓެސްޓްތަކަށްފަހު ކޯހަށްހޮވުނު 39 ކެޑިޑޭޓުންނާއެކު ފުރަތަމަކޯސް ރަސްމީކޮށް ފައްޓާފައިވަނީ 2010 އޮކްޓޯބަރ 3 ގައެވެ.

ޕާސް އައުޓް ވުން  

އޮފިސަރ ކެޑިޑޭޓް ކޯސް ނިންމުމުގެ ރަސްމިއްޔާތަކީ ނުވަތަ ޕާސިންގ އައުޓަކީ އެހެނިހެން ޤައުމުތަކުގެ އަސްކަރިއްޔާގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ރަސްމިއްޔާތެކެވެ. ސަބަބަކީ އެރަސްމިއްޔާތުގައި ޕާސް އައުޓްވާ ކެޑިޑޭޓުންނަކީ މުޅިންއައު ހަޔާތެއް ފަށާ ބަޔަކަށްވާތީއެވެ. ހަމައެގޮތައް ދިވެހި ސިފައިންގެ އޮފިސަރ ޓްރޭނިންގ ވިންގުން ހިންގި ފުރަތަމަ ކެޑިޑޭޓް ކޯހުން ފާސްވެ ޕާސް އައުޓްވި ކެޑިޑޭޓުންނަކީ އެވަގުތުން ފެށިގެން ސިފައިންގެ ޤާނޫނުގެ 25 ވަނަ މާދާގެ (ހ) ގެ ދަށުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ހިންގުމާއި ހަވާލުވެހުރިފަރާތުން ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ އޮފިސަރަކަށް ކަމިޝަންޑްކޮށްފައިވާ ބައެކެވެ. މައިގަޑު ތިން ހަރަކާތެއްގެމައްޗަށް ބިނާވެފައިވާ ކުލަގަދަ މިރަސްމިއްޔަތުގެ އެންމެ ފަޚުރުވެރި ހަރަކާތަކީ އޮފިސަރެއްގެގޮތުގައި ކަމިޝަންޑް ކުރެވުނުކަމުގެ ރަމްޒެއްގެގޮތުން ހަވާލުކުރައްވާ ކަނޑި ފާސްވި ކެޑިޑޭޓުންނަށް ރަޢީސުލް ޖުމްހޫރިއްޔާގެ އަތްޕުޅުން ހަވާލުކުރެއްވުމާއި ޕާސިންގ އައުޓް ޕެރޭޑްކުރުމެވެ. ދެވަނަ ހަރަކާތަކީ ކޯހުންފާސްވި ކެޑިޑޭޓުންނަށް ކަމިޝަންޑް ރޭންކް ނުވަތަ އޮފިސަރ މަޤާމް، ކެޑިޑޭޓް ޔުނީފޯމް ގަލަސްގައި އެކެޑިޑޭޓެއްގެ ޢާއިލާގެ މެމްބަރަކު އަޅުވާލަދިނުމެވެ. ތިންވަނަ ހަރަކާތަކީ ފާސްވި ކެޑިޑޭޓުންގެ އުފަލާއި ޝަރަފުގައި ޢާއިލާއާއި  އެއްކޮށްބޭއްވި ޑިނަރ ނައިޓެވެ. މިއިން ކޮންމެ ކަމަކީވެސް ދިވެހިތާރީޚްގައި ވަކިން ޚާއްޞަކޮށް ދިވެހި ސިފައިންގެ ތާރީޚްގައި ރަތް އަކުރުން ފަވާލެވިފައިވާ ކަމެކެވެ. އެހެންކަމުން ދެންނެވޭނީ މިހާރު ދިވެހި ސިފައިންވެސް މިދަނީ ފުރިހަމަ އަސްކަރިއްޔާއަކަށްވުމަށް ކޮށަންޖެހޭ ހުރިހާ މަގެއް ކޮށަމުން އެމަގުތަކުން ހިނގަމުންނެވެ. އަބަދުވެސް ދިވެހި ސިފައިންނަކީ ނަމޫނާ މިސާލުތަކުން މަގުދައްކާ އެމަގުން ހިނގުމުގެ ތައުފީޤު މާތްﷲ މިންވަރުކުރައްވާ ބައެއްކަމުގައި ލައްވާށިއެވެ.

ޝެއަރކުރެއްވުމަށް